އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ: އޭނާ ބުނީ ވޯލްޑް ކަޕަށް ފަހު ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަމަށް ---- ފޮޓޯ: ގެޓީ އިމޭޖަސް
27 މާޗް 2022 - 10:10
ބިއުނަސް އޭރީޒް (މާޗް 27) - މި އަހަރު ބާއްވާ ވޯލްޑް ކަޕަށް ފަހު ދެން ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަމަށާއި އެއަށް ފަހު އަލުން ވިސްނާނެ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.
އަންނަ ޖޫން މަހު 35 އަހަރު ފުރޭ ފޯވާޑް ވަނީ 2005 ގައި އާޖެންޓީނާ އަށް ކުޅެން ފެށި ފަހުން މިހާތަނަށް އެ ޓީމަށް 159 މެޗު ކުޅެފަ އެވެ. މިދިޔަ އަހަރު ބޭއްވި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިން މެސީގެ ގައުމީ ޓީމުގެ ކުރިމަގާ ބެހޭ ގޮތުން މީޑިއާ އިން ސުވާލު އުފައްދަނީ ނޮވެމްބަރު/ޑިސެމްބަރުގައި ބާއްވާ ގަތަރު ވޯލްޑް ކަޕަކީ އޭނާގެ އެންމެ ފަހުގެ ވޯލްޑް ކަޕަށް ވެދާނެ ކަމަށް ބުނެ އެވެ.
"އަހަންނަކަށް ނޭނގެ ވޯލްޑް ކަޕުގެ ފަހުން އަހަރެން ކުރިއަށްދާނެ ގޮތެއް. އެއަށްފަހު އަންނާނެ ކަންތައްތަކާ މެދު އަހަރެން މިދަނީ ވިސްނަމުން،" މެސީ ބުންޏެވެ.
"ގަތަރުގެ ވޯލްޑް ކަޕަށް ފަހު އަހަރެން ޖެހޭނެ ގިނަ ކަންތައްތަކާ މެދު އަލުން ވިސްނަން ފަށަށް. މި ތަނުގައި އަހަރެން އުފަލުން ހުންނަތާ ދުވަސްތަކެއް ވެއްޖެ، ކޮޕާ އެމެރިކާ ކާމިޔާބުކުރުމުގެ ވެސް މާކުރިން. އަހަރެން ގައުމީ ޓީމަށް އަންނަ ކޮންމެ ފަހަރަކު އެ ފެންނަ ކަންކަން ފެނުނީމަ ވަރަށް އުފާވޭ."
ވޯލްޑް ކަޕަށް ފަހު ވެސް ގައުމީ ޓީމާ އެކު ކުރިއަށްދާނަންތޯ ސުވާލު ކުރުމުން މެސީ ބުނީ މި ވަގުތު އެއްވެސް ކަމެއް އޭނާ އަށް ބުނަން ނޭނގޭ ކަމަށެވެ.
"ހަގީގަތުގައި ވެސް އަހަންނަކަށް ނޭނގެ. އަހަރެން ވިސްނަނީ އަބަދުވެސް އެންމެ ކައިރީގައި އޮންނަ މެޗަށް،" އެކުއެޑޯއާ ދެކޮޅަށް އަންގާރަ ދުވަހު އާޖެންޓީނާ ޓީމު ގޮވައިގެން ނުކުންނަ މެސީ ބުންޏެވެ.
"ދެން ތައްޔާރުވާނީ ވޯލްޑް ކަޕުގެ ކުރިން، ސެޕްޓެމްބަރު/އޮކްޓޯބަރުގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް. އުންމީދު ކުރަމާ ކުރިމަތީގައި ހުރި ކަންކަން ދާނީ އެންމެ ރަނގަޅަށް ކަމަށް. އެކަމަކު ވޯލްޑް ކަޕަށް ފަހު ބައިވަރު ކަންކަން ބަދަލުވެގެންދާނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކަތީބު
27 March 2022
ބޮޑާހާކާ މެސީގެ ކުރިމަގު އިނގޭނީ އޭނަގެ އީގޯ ބަލާ ސަޕޯޓަރުންގެ ރޫހު ހުރިގޮތަކުން