ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ: އޭނާ ވިދާޅުވީ ކްލަބްގެ މުސާރައިގެ މިންގަނޑަށް ނުފެތޭ އެއްވެސް ކުޅުންތެރިޔަކު ސޮއި ނުކުރުވާނެ ކަމަށް. --- ފޮޓޯ: އީއެފްއީ
27 މާޗް 2022 - 10:55
ބާސެލޯނާ (މާޗް 27) - ބާސެލޯނާގެ މުސާރައިގެ މިންގަނޑަށް ނުފެތޭ އެއްވެސް ކުޅުންތެރިޔަކު ލައްވައި އެ ޓީމުން ސޮއިނުކުރުވާނެ ކަމަށް، ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ މާލީ ގޮތުން ކްލަބް އިތުރަށް ފުނޑުފުނޑުވެގެން ހިނގައިދާނެ އެއްވެސް ޓްރާންސްފާއެއް ބާސެލޯނާ އިން ނުހަދާނެ ކަމަށެވެ.
މިދިޔަ ހަފުތާގައި މީޑިއާގައި ފެތުރި ޚަބަރަކީ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި ބާސެލޯނާއިން ކިލިޔަން އެމްބާޕޭ އާއިި އާލިންގް ހާލަންޑް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ވާހަކަ މީޑިއާގައި ފެތުރެން ފެށީ، ޑިޖިޓަލް މިޔުޒިކް އަދި ޕޮޑްކާސްޓް ޕްލެޓްފޯމް، "ސްޕޮޓިފައި" އިން ބާސެލޯނާގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ހަމަޖެހިގެން ދިޔަ ހިސާބުންނެވެ.
މިދިޔަ އަހަރު ފެބްރުއަރީ މަހު އެ ކްލަބްގެ ރައީސްކަމާ ދެވަނަ ފަހަރަށް ލަޕޯޓާ ހަވާލުވިއރު ވެސް ބާސާ އޮތީ މާލީގޮތުން ބޮޑު އަޑިގަނޑަކަށް ވެއްޓިފަ އެވެ. އެ ޓީމުގެ ކުރީގެ ކެޕްޓަން ލިއޮނެލްސީ މެސީއާ އެކު ވެސް އާ އެއްބަސްވުމެއްގައި ސޮއިނުކުރެވުނީ އޭނާގެ މުސާރަ އެ ކްލަބްގެ ވޭޖް ބިލަށް ނުފެތޭތީ އެވެ.
ސެޕެއިންގެ "މުންޑޯ ޑިޕޯޓިވޯ" އަށް ދިން އިންޓަވިއުގައި ލަޕޯޓާ ވިދާޅުވީ، ކްލަބްގެ މަލީ ހާލަތު ގުރުބާންކޮށް އެއްވެސް ކުޅުންތެރިޔަކު އެޓީމަށް ސޮއިނުކުރުވާނެ ކަމަށެވެ.
"އަހަރެން ނެތިން ވަކިވަކި ކުޅުންތެރިންތަކެއްގެ ނަންތަކެއް ކިޔާކަށް. އެކަމަކު އަހަރެން ޔަގީންކަން ދޭން ބޭނުން މާލީ ގޮތުން ކްލަބަށް ރިސްކަކަށް ވާނެ އެއްވެސް ކުޅުންތެރިޔަކު އަހަރެމެން ސޮއި ނުކުރުވާނެކަމުގެ. ކްލަބްގެ މެންބަރުންނަށް ހަމަޖެހިލައިގެން ތިބެވޭނެ. ސަބަބަކީ މި އުނދަގޫ ހާލަތު އޮތްގޮތް އަހަރެމެންގެ ސިކުނޑިން ފިލައިގެން ނުދާނެ،" ލަޕޯޓާ ވިދާޅުވި އެވެ.
"ވަރަށް ގިނަ ކުޅުންތެރިން ބޭނުންވޭ ބާސެލޯނާ އަށް އަންނަން. އެ ކުޅުންތެރިން ޝައުގުވެރިވޭ އަހަރެމެންގެ ޓީމަށް. އަހަރެމެންގެ ފިލޯސަފީ އާއި ކްލަބްގައި މަސައްކަތް ކުރާ ގޮތަށް. އަދި އަހަރެމެން ކްލަބުން ފުޓްބޯޅަ ބައްޓަން ކޮށްފައި އޮތްގޮތާމެދު ވަރަށް ގިނަ ކުޅުންތެރިން ޝައުގުވެރިވޭ."
ލަޕޯޓާ ވިދަޅުވީ ކޮންމެ ކުޅުންތެރިޔަކު ވެސް ބާސެލޯނާ އަށް އަންނަ ނަމަ، އަންނަން ޖެހޭނީ އެ ކްލަބްގެ މުސާރައިގެ މިންގަނޑުގެ ތެރެއަށް ފެތޭވަރުގެ މުސާރައެއްގައި ކަމަށެވެ.
"އެ ކުޅުންތެރިން ޖެހޭނެ ކްލަބްގެ އިގްތިސާދީ އަދި މާލީ ހާލަތަށް ހޭނެން. އަދި އެ ޑީލްއެއް ޖެހޭނެ ކްލަބްގެ މިންގަނޑުގެ ތެރޭގައި ހިފެހެއްޓެން،" ލަޕޯޓާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy