ކުޅިވަރު / ލިއޮނަލް މެސީ

މެސީ ގެންނަން މި ވަގުތު ނުވިސްނަން: ލަޕޯޓާ

ބާސެލޯނާ (މާޗް 29) - މިދިޔަ ހޫނު މޫސުމުގައި ބާސެލޯނާ ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އަލުން އެ ޓީމަށް ގެންނަން މި ވަގުތު ނުވިސްނާ ކަމަށް ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ލަޕޯޓާ މިހެން ވިދާޅުވީ ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނަކަށްދިން ހާއްސަ އިންޓަވިއު އެއްގަ އެވެ.

ފްރާންސްގެ ޕީއެސްޖީ އަށް މެސީ ބަދަލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން، އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާކުރުމުގެ އިހުތިޔާރާ ވެސް އެކު އެވެ. ނަމަވެސް ބާސެލޯނާގައި ދެއްކި ކުޅުން މެސީ އަށް ޕީއެސްޖީގައި އަދި ނުދެއްކެ އެވެ. އޭނާ އަށް ވަނީ ޕީއެސްޖީގެ ސަޕޯޓަރުންގެ ފަރާތުން ފުރައްސާރައާ ވެސް ކުރިމަތި ލާން ޖެހިފަ އެވެ.

"ބާސާއަށް އެނބުރި އައުމުގެ ފުރުސަތު އޮތް ކަމަށް ބުނެ މެސީ އާއި އޭނާގެ އެޖެންޓުންގެ ފަރާތުން އެއްވެސް މެސެޖެއް އަދި ނުލިބޭ. ހަގީގަތަކީ އަހަރެމެން މިކަމާ ދޭތެރޭ މި ވަގުތު ނުވިސްނަން،" ލަޕޯޓާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެސީ ދޫކޮށްލީ އެ ވަގުތު ކުލަބު އޮތް ހާލަތަށް ބަލައި، ކުލަބުގެ ދަރަނިވެރިކަމުން ސަލާމަތްކުރަން ކޮންމެހެން މަޖުބޫރު ވެގެން ކަމަށެވެ. މީގެ އިތުރުން ކުލަބު ދަރަނިވެރިވެ، މެސީ ދޫކޮށްލަން ޖެހުނު ފަދަ ހާލަތެއް ކުލަބަށް މެދުވެރިވިޔަ ނުދޭން، އާލިން ބްރައުޓް ހާލަންޑާއި ކިލިއަން އެމްބާޕޭ ފަދަ ކުޅުންތެރިން ގެންނަން ވެސް ހަރަދު ކުރެވެން ނެތް ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.

އަންނަ ސީޒަނަށް ޗެލްސީގެ ޑިފެންޑަރު އަންޑްރެސް ކްރިސްޓެންސެން އާއި އޭސީ މިލާނުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ ބާސެލޯނާ އަށް ބަދަލުވާނެކަން ޔަގީންވެފައިވާއިރު، ބާސާ އިން އަންނަނީ ލީޑްސް ޔުނައިޓެޑަށް ކުޅޭ ބްރެޒިލްގެ ވިންގާ ރަފީނިއާއާ އެކު ވެސް އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރަމުންނެވެ.

މިޑްފީލްޑަރު ގަވީ އާއި ޑިފެންޑަރު ރޮނާލްޑް އަރައުހޯއާ އެކު ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް ވެސް ކުރިޔަށް ދާ ކަމަށާއި، ދެ ކުޅުންތެރިން ވެސް ކުލަބުގައި މަޑުކުރަން ބޭނުންވާ ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.

އޮސްމާން ޑެމްބެލޭގެ ކޮންޓްރެކްޓް ވެސް މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އެންމެ ފަހުން މިދިޔަ ޑިސެމްބަރު މަހު އޭނާއާ އެކު ކޮންޓްރެކްޓް އާކުރަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ނަމަވެސް ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވެ، ދިން ފުރުސަތުތަކުގައި ޑެމްބެލޭ އަންނަނީ ތަފާތު މޮޅު ކުޅުމެއް ކުޅެމުންނެވެ. ލަޕޯޓާ ވިދާޅުވީ ޑެމްބެލޭ ކުލަބުގައި މަޑުކުރަން ބޭނުން ނަމަ ކުލަބުން ހުށަހަޅާ މުސާރައާ މެދު އެއްބަސް ވާން ޖެހޭ ކަމަށެވެ.

"އަހަރެންނަށް އޮސްމާން ޑެމްބެލޭ ވަރަށް ކަމުދޭ، އޭނާ އެއީ އާދަޔާ ހިލާފް މޮޅު ކުޅުންތެރިޔެއް. އަހަރެމެން އޭނާ އަށް އެންމެ ފަހުން ޑިސެމްބަރު 20 ގައި ހުށަހެޅި ޕްރޮޕޯސަލް އޭނާއަށް ކަމަކު ނުދިޔަ. އޭނާ ކުލަބުގައި މަޑުކުރަން ބޭނުން ނަމަ އަހަރެމެންގެ މުސާރައިގެ ލިމިޓް ގަބޫލު ކުރަން ޖެހޭނެ،" ލަޕޯޓާ ވިދާޅުވި އެވެ.

ލަޕޯޓާ އިތުރަށް ވިދާޅުވީ، މިދިޔަ ސީޒަނުގައި ސްވެޕް ޑީލެއްގައި އެންޓޮއިން ގްރީޒްމަން ފޮނުވާލާފައި އެތުލެޓިކޯ މެޑްރިޑުން ޔާއޯ ފެލިކްސް ގެންނަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވީ ކަމަށެވެ. ނަމަވެސް ޖެނުއަރީ ޓްރާންސްފާގައި ލޯނު އުސޫލުން އިނގިރޭސި ކްލަބް ވުލްވްސް އިން ގެނައި އެޑަމާ ޓްރައޯރޭ އާއި ފްރެންސެސްކޯ ޓްރިންކާއޯގެ ސްވެޕް ޑީލެއް ހަދަން ވިސްނާ ކަމަށް ލަޕޯޓާ ވިދާޅުވި އެވެ. ޓްރިންކާއޯ މިސީޒަނުގައި ކުޅެމުން އަންނަނީ ލޯނު އުސޫލުން ވުލްވްސް އަށެވެ.

"އަހަރެންނަށް ހީވަނީ ވުލްވްސް އާއެކު، ފްރެންސިސްކޯ ޓްރިންކާއޯ އާއި އެޑަމާ ޓްރައޯރޭއާ ދެމެދު ސްވެޕް ޑީލެއް ހެދިދާނެހެން. އެއީ ވަރަށް ރަނގަޅު އޮޕްޝަނަކަށް ވެދާނެ. އަޑަމާ އާއި އޭނާގެ އިމްޕެކްޓް، އެޓިޓިއުޑް، ޕާފޯމަންސްއާ މެދު އަހަރެމެން އަސްލު ވަރަށް ހިތްހަމަޖެހޭ."

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454