ސަބީހް (ވ) ކިންގްސް އަށް ސޮއި ކުރުމަށް ފަހު ކްލަބްގެ ނައިބު ރައީސް އިބްރާހިމް (ކ) ޖޯޒީ ހިފަހައްޓައިލައިގެން: ސްޓިންގާސް ދޫކޮށް އޭނާ ވަނީ ކިންގްސް އަށް ސޮއި ކޮށްފަ
29 މާޗް 2022 - 10:07
ސްޓިންގާސް ބާސްކެޓްބޯޅަ ކްލަބްގެ ޕޮއިންޓްގާޑް މުހައްމަދު ސަބީހު ތައުފީގު، އެ ކްލަބް ދޫކޮށް، ގައުމީ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯޅަ ކްލަބަށް ސޮއިކޮށްފި އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގައި އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔާގެ ރެކޯޑް އޮތް ސަބީހް، 22، ލައްވައި ކިންގްސްއިން ސޮއި ކުރުވީ އެޓީމުގެ މުހިންމު ދެ ކުޅުންތެރިޔަކު ޓީމު ދޫކޮށްލުމުން އެތަން ފޫބެއްދުމަށެވެ. ޓީއެފްޖީގެ ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ސަބީހު، ސްޓިންގާސް އަށް ކުޅެން ފެށީ ދެވަނަ ޑިވިޝަނުން ފެށިގެންނެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގައި 2018 ގައި ސަބީހް މުގުރާލީ އެ އަހަރުގެ މުބާރާތުގައި އޭރު ޓީރެކްސް އަށް ކުޅުނު މިހާރު ކިންގްސްގެ ކުޅުންތެރިޔާ މުހައްމަދު ރަޝްވާން (ޗިކު) ގެ ރެކޯޑެވެ. ޗިކު އެރެކޯޑް މުގުރާލީ ކިންގްސްގެ މިހާރުގެ ކޯޗު މުހައްމަދު ޒިލާލް (ޒިލާ) ރެޑްލައިންގައި ކުޅުނު އިރު އެއް މެޗުގައި ސްކޯކުރި 67 ޕޮއިންޓްގެ ރެކޯޑެވެ. ޗިކު އެރެކޯޑް މުގުރާލީ 85 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ ފަހުން ސަބީހް ވަނީ އެއް މެޗެއްގައި 88 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.
ކިންގަސް އަށް ކުޅުނު އިބްރާހިމް އަންފާލް (އަންޓޭ) އާއި މުހައްމަދު ހުވައިލިދު (ހުވޭ) ވަނީ ވާދަވެރި ޓީރެކްސް އަށް ބަދަލުވެފަ އެވެ. ކިންގްސްއިން ބުނީ އެ ކުޅުންތެރިންގެ މަގާމު ފޫބެއްދުމަށް އަދިވެސް އިތުރު ކުޅުންތެރިން ގެންނާނެ ކަމަށެވެ.
ގައުމީ މުބާރާތާއި ގައުމީ ލީގު މިއަހަރު މިލްކުކުރި ކިންގްސް އަށް ދެން އޮތް ޗެލެންޖު ބޮޑު ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މިއަހަރު ގައުމީ ލީގާއި މުބާރާތުގައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ޓީރެކްސް ވަރުގަދަ ކުރުމުގެ މަސައްކަތް އެ ކްލަބުން ވަނީ ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭދަނާ
29 March 2022
ރަނގަޅު ނިންމުމެއް ސަބީހް ، މާލަސް ވެސް ވެއްޖެ (ސްޓިންގާސް) ދޫކޮއްލަން ، މަރްޙަބާ ސަބީޙް ، ކޯޗައް ސުކުރިއްޔާ