ފޭދޫފިނޮޅު: މި ރަށް ރިސޯޓަކަށް ހަދަން ވިއްކާލި އަގު ކުޑަ ކަމަށް ބައެއް ފަރާތްތަކުން ބުނޭ.-- ފޮޓޯ: ކިއުންތެރިއެއް
22 ޑިސެމްބަރ 2016 - 20:56
މާލެއާ އެންމެ ކައިރީގައި އޮތް ފަޅުރަށް، ފޭދޫފިނޮޅުގައި ރިސޯޓެއް ހަދަން ޗައިނާގެ ކުންފުންޏަކަށް ހަތަރު މިލިއަން ޑޮލަރަށް ވިއްކާލުމުން ބައެއް ފަރާތްތަކުން ދަނީ އެ އަގަކީ އެކަށީގެންވާ ވަރަށް ވުރެ ކުޑަ އަގެއް ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެކަމަކު، މި މައްސަލަ މާ ކުރިން ވެސް އޮތީ ޖެހިފަ އެެވެ.
މާލޭން ފުރައިގެން ފަސް ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ 4.1 ހެކްޓަރުގެ ރަށް ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރަށް ވިއްކާލަން މިދިޔަ އޮކްޓޯބަރު 31 ގައި އިއުލާން ކުރުމުން ވެސް ބައެއް ފަރާތްތަކުން ވަނީ އެއީ މާ ކުޑަ އަގެއް ކަމަށް ބުނެފަ އެވެ. އެ ރަށުގެ އަގު 10 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނުވާނެ ކަމަށް އެ ފަރާތްތަކުން އޭރު ވެސް ބުނެފައިވެ އެވެ.
ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވީ މާލެއާ އެހާ ކައިރި ރަށެއް ހަތަރު މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގުގައި ގަންނާނެ އިންވެސްޓަރުން ތިބޭނެ ކަމަށެވެ.
"ޅ. އަތޮޅާއި އަރި އަތޮޅާއި ދ. އަތޮޅުން ރަށް ވިއްކާފައި އެބަހުރި ފަސް މިލިއަން ޑޮލަރަށް ވެސް. އެހެންވީމަ އެއާޕޯޓަށް ފަސް މިނެޓުން ދެވޭ ހިސާބުގައި، އެކަށީގެންވާ ސައިޒެއްގެ ފަޅަކާ އެކު އޮތް ރަށެއް ފަސް މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގުގައި ވިއްކާލެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެ ބޭފުޅާ ވިދާޅުވީ ފޭދޫފިނޮޅު އާއްމުކޮށް ހުޅުވާލެވިފައިވާ ބިޑަކަށް ލި ނަމަ، އެ ރަށުގެ އަސްލު އަގު އެނގޭނެ ކަމަށެވެ. ނަމަވެސް، މިހާރު އެ ރަށް ވިއްކާލީ އަސްލު އަގަށް ވުރެ ކުޑަ އަގެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވެސް ވަނީ ފޭދޫފިނޮޅު ވިއްކާލި އަގަކީ މާކެޓް އަގަށް ވުރެ ކުޑަ އަގެއް ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.
"ޗެލެންޖްކޮށްފައި މި ދަންނަވަނީ މާދަމާ ފޭދޫފިނޮޅު ބިޑަކަށް ހުޅުވާލިޔަސް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި 15 މިލިއަން ޑޮލަރު ވަރު ލިބޭނެ" މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
އޭނާ ކުރެެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފޭދޫފިނޮޅު އެންމެ ހަތަރު މިލިއަން ޑޮލަރަށް ވިއްކާލުމަކީ މާލޭން 2،000 އަކަފޫޓުގެ ބިމެއް 400،000ރ. އަށް ވިއްކާލުން ކަހަލަ ކަމެއް ކަމަށެވެ.
އެކަމަކު، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އައިސް ދާދި ފަހުން ވިއްކާލި ކ. ކޮށްދިއްޕަރު ހަދަމުން ދިޔަ އަމިން ކޮންޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދު ވިދާޅުވީ ރިސޯޓް ހަދަން ރަށްރަށް ހީނުކުރާހާ ކުޑަ އަގުގައި ވެސް ވިއްކާލާފައި އެބަހުރި ކަމަށެވެ.
"އެ ރަށެއް ގަންނަން ބޭނުންވާ ފަރާތުގެ ނީޑްސް (ބޭނުން) ހުރި ގޮތަކުން ގަނެފާނެ ވަރަށް ބޮޑު އަގުގައި ވެސް. އެކަމަކު، އަޅުގަނޑުމެން ހީނުކުރާ ވަރަށް ވުރެ ކުޑަ އަގުގައި ވެސް ގަނެފައި އެބަހުރި. އަޅުގަނޑުމެންގެ ރަށް އެހާ ބޮޑު އަގުގައި ގަތީ ރަށަށް އިންވެސްޓްކޮށްފައި އޮތުމުން،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުރުމިނުގެ ގޮތުން ފޭދޫފިނޮޅާއި ކޮށްދިއްޕަރާ ދެމެދު މާ ބޮޑު ތަފާތެއް ކަމަށާއި އޭނާ މީހެއްގެ އަތުން ކޮއްދިއްޕަރު ގަތީ އެންމެ ފަސް މިލިއަން ރުފިޔާ އަށް ކަމަށެވެ. އެހެން ނަމަވެސް، އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ފެށުމަށް ފަހު ސިންގަޕޫރުގެ ޗިޕް އެން ސެން ކޯޕަރޭޝަނަށް ދާދި ފަހުން ވިއްކާލީ 65 މިލިއަން ޑޮލަރަށެވެ. ކޮށްދިއްޕަރު ވިއްކާލިއިރު އެ ރަށުގެ 45 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.
ފުލުހުންގެ ބޭނުންތަކަށް ދޫކޮށްފައި އޮތް ހިތްގައިމު ރަށް، ފޭދޫފިނޮޅު ޗައިނާ ބަޔަކަށް ވިއްކާލުމުގެ އެއްބަސްވުމުގައި ސަރުކާރުން ވަނީ ދާދި ފަހުން ސޮއިކޮށްފަ އެވެ.
ފޭދޫފިނޮޅުގެ އިތުރުން 10 ރަށަކާއި ހުވަފެންފުށި ރިސޯޓް ކައިރީގައި އޮންނަ ބޮޑު ފަޅެއް ބިޑަށް ނުލައި ވިއްކަން ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހު ވަނީ ހުޅުވާލައިފަ އެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ޓޫރިޒަމް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ޖުލައި މަހު ގެނައި އިސްލާހުގެ ދަށުން ފުރަތަމަ ފަހަރަށް ވިއްކާލަން އިއުލާނު ކުރި އެ 11 ރަށުގެ އިތުރުން، އދ. މާމިގިލީ ކައިރީގައި އޮންނަ ހުރުއެޅި 3.6 މިލިއަން ޑޮލަރު (55.4 މިލިއަން ރުފިޔާ) އަށް ވިއްކާލަން މިިދިޔަ ހަފުތާގައި ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
25 December 2016
އިންޑިޔާއަށަ ވިއްކި ޒަމާން ނިމި ޗައިނާއަށް ވިއްކާޒަމާން ހަބޭހުގައި. މީގެ ހިތިރަހަ ދެކޭނީ ދެ ޖެނެރޭޝަނެއް ފަހުން އަންނަ ދަރީން. ކުދިކުދި ގައުމުތަކުގައި ޚާއިނުން އަބަދުވެސް ތިބޭނީ ބޮޑު ބައްރަކަށް އެއްފައި އަޅައިގެން.
ވިސްނާ
24 December 2016
މި ވާގޮތަކީ ކުރިން އަގުގެ ގޮތުގައި ލިބުނުބައިވެސް ޖީބަށެވެ. މިހާރު އަގާއި ލީބަށްލާބައި ވަކިކޮށްލީއެވެ. "އަސްލު" އަގު ކުޑައެއް ނޫނެވެ. ވިއްކާލީ ހަމަ ރަގަޅު "އަސްލު" އަގަށެވެ.
ހުރިގޮތް
24 December 2016
ޖީބަށް ވަންވަރު އެނގުނީމާ އެނގޭނީ އަސްލު އަގު! ދެން އެހެން ނޫނަސް މި ސަރުކާރުގެ އެންމެހޭ ކަންކަން މިހުންނަނީ މި ކަހަލަ ގޮތަކަށެވެ. މާލޭގެ އެންމެ މުހިއްމު ޓްއަރިސްޓް އޭރިޔާގައި ހުރި ނަސަންދުރައިގެ ބިމާއި އެ ބިމާއި އިންވެގޮތް އައިއޭއެސް ހިންގި ބިން ހިމެނޭގޮތަށް ބޮޑު ބިމެއްވެސް ޅިޔަނަށް ދިނީ ސީސީއެސްއާރު ގެ ކުޑަކުޑަ ކޮމްޕޯނެންޓެއް ހިމަނާފައި އެއްވެސް ކުއްޔަކާ ނުލައެއެވެ. އެތަން ކިތަން އާންމުކޮށް ހުޅުވާލިނަމ ބޮޑު ކުލީގައި ހިފާނެ ކިތައްމީހުން ތިބޭނެތޯއެވެ.
އިކޮނޮމިސްޓް
23 December 2016
އެހެންވީމަ ބްރިޖްގެ އަގު ހޯދަން 75 ރަށް ވިއްކަން އެބަޖެހޭ!
މޑޕ
23 December 2016
2012 ވަނަ އަހަރު ވެރިކަމުން ކޮންމެވެސް ގޮތެއްވެގެން ފައިބައިގެން، މުޅި ރާއްޖޭގަ ހިންގި ކުޅި ގަނޑު، އަދި މުޅި މާލޭގަ ރަތް ހާލާއި ކަޅު ކާޅު ތައް ކޮށިތަކަށް ލައިގެން ދުން މުޖުމަރާ ހިފައިގެން އުޅުނު ގުރޫޕް މިއަދު ވީ ތަނެއްވެސް އެނގޭ މީހަކު ނެތް!!!! ޒާތަކަށް ކުއްވެރި ކޮށްލާފަ ތިބެލީމާ ނިމުނީ!!!! މިވަރުން ދަންޏާ ހުޅުމާލެވެސް ވިއްކާލަފާނެ!!! ހިއްވަރެއް ހުރިއްޔާ އަހަރުމެން ގޮވައިގެން ނުކުމެލާނެ ލީޑަރުން ތަކެއް އިސް ސަފަށް ނިކުމެފަ އަވަހަށް ގޮވާލަބަލަ!!!! އޭރުން ވައްކަން ކުރާ މީހުން ސައިޒުވާނެ!!!!!
މެތެމެޓިކަލީ
23 December 2016
ފޭދޫ ފިނޮޅު 4 މިލިއަން ޑޮލަރަށް ވިއްކާލުމުން އެކަމުގެ ޝަކުވާ ކޮށް ލިބުނު ފައިސާ މަދުކަމަށް ބުނެ ގައުމަށް ދެއްވަވާފައިވާ ގިފްޓް ކަމުގައިވާ ގައުމުގެ ރިސޯސް ގަންހިންގުން އެއީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. މިއަދު ލިބޭ 15 މިލިއަން ޑޮލަރަށް ނޫން ބަލަން ޖެހޭނީ. ބަލަން ޖެހޭނީ ދިގު ޒަމާން ތަކަކަށް ފޭދޫ ފިނޮޅުން ދިވެހި ގައުމަށް ފައިދާ ކުރާނީ މިއަދު ކުޑަ އަގަކަށް އެރަށް ދީގެން ނަމަވެސް އެތަނުގައި ރިސޯރޓެއް ތަރައްގީ ކުރެވޭތޯއެވެ. ތިވަރަށް ފައިސާ ގެ ދަހިވެތި ކަމުގައި އުޅޭ ނަމަ ފައިސާ ދާނީ އެހެން އުޅޭ ބަޔަކާއި ދުރަށެވެ. އެއީ އެކަން ހަމަޖެހިފައި އޮންނަ ގޮތަކީ. އެއަށް ވުރެން ދުރަށް ވިސްނާ ދިރާސާ ކޮށްގެން ސިޔާސީ މަންފާ ވެސް ހޯދަން މަަސައްކަތް ކުރަން ޖެހޭނީ ސިޔާސީ އިސް ބޭފުޅުން ވެސް. ހާރޑް ވާރކް = %98 ދެން ނޮލެޖް = %96 ދެން އެޓިޓިއުޑް = %100 ދެން %101 އެއީ ދިމާވަނީ ކްރިއޭޝަންގެ ލަވް އަށެވެ. ޓޭކް ދަ ކަލްކް އެން ކީޕް ޕްލޭއިން ވިދް މެތްސް ނަމްބަރސް. މެތެމެޓިކަލީ އޯލްސޯ ޕްރޫވެން..
ދޮންބެ އަބުދު
23 December 2016
ކިޔާލަ ކިޔާލަ ތިބޭ. ބޭނުން ގޮތެއް ހަދާނީ.
ހަސަންބެ.
23 December 2016
ތިނިމުނީ ތިޔަ ކަންތައް ތައްވެސް. ނޫހެއްގައި ލިޔެފައި ޓުވީޓް ކޮށްލީމާ މިހާރު ހުރިހައި ކަމެއްވެސް އޮންނާނީ ނިމިފައި. އިދިކޮޅު ޕާޓީތައް ބިރުން ފިލާ ތިބީމާ ވާނެ ހަތަރު އެތި ތިޔަ ވަނީ.
ދެކޭގޮތް މީ
23 December 2016
އަންނި ގެނެސް ހިންގާލަން އެބަޖެހެ. މިހާރު ވިސްނެ އެ ސޮރު ހުރީމަ ރަގަޅުކަން. އާންމު ހޮޓާތަކަށް އަރާ އަގަތަޅާތީ ސަކަރާތީ. ވެރިއެއްގެ ގޮތް ހުރެ މައުމޫންއާއި ޔާމީންގެ. އާންމުނާ ވަކި މިނެއް ދުރުގަ ހުރެ. އެކަމް ކަރަޕްޝަން ނައްތާލަން އެންމެ ރަގަޅީ އަންނިހެން ހީވަނީ
ދިވެހިދޫ
23 December 2016
ފަޅާ ފަޅުރަށްތަށް ވިއްކަށްވީކީނޫން! ޕުލޭން ކުރަށްވީ ލަމަރުކަޒުކޮށް މި ވަސީލަތްތަށް ބޭނުން ކޮށްގެން އުތުރާ ދެކުނުގާ އެންމެން ހަމަޖެހިލައިގެން އުޅެވޭފަދާ މާސިންގާ ރަށްތަށް ހަދަންވީ.ހުރިހާ ރަށެށް ބޭރުމީހުނަށް ނުދީ އެ އަތޮޅެށްގެ ދިރިއުޅޭމީހުންނަށް އިންވެސްޓު ކުރެވޭ ގޮތް ހަދަންވީ.ތަނެއް ކުރިއަރާނީ އެތަނެއްގެ މީހުން ކުރިއަރާއިގެން.
ހަސަން
23 December 2016
އަގު ކުޑަކަން އިނގޭނީ އަސްލު އަގު އެނގުމުން. އަސްލު އަގަކީ ޖީބަށްދިޔަވަރުވެސް ލައިގެން ކިޔަންޖެހޭނެ އެއްޗެއް. އެއީ އެބަިއވެސް ހަމަ ދައްކަންޖެހެނީ ގަންނަފަރާތުން. މިހާރު އަޑުތައް މިއިވެނީ ހަމަކުރިންވެސް މިސަކަރާތްޖެހިގޮތަށް އެޔައްވުރެމޮޅަށް އެކަންކުރާކަމުގެ ވާހަކަ. ތަފާތަކީ ބްރޯގެ ބަދަލުގަ މިހާރު އހެން މީހެއް ބޭނުންކުރާކަން،