ދުނިޔެ / ސީރިއާ

ދިރިހުރުމާއި މަރުގެ ވަގުތުތައް ސީރިއާ އިން ޓްވިޓްކުރި ކުއްޖާ ސިފަކޮށްދީފި

ހަލަބުން ޓްވީޓް ކުރާ ހަތް އަހަރުގެ އަންހެން ކުއްޖާ ލިޔުމެއް ހިފައިގެން ފޮޓޯ ނަގަން ތައްޔާރުވެފައި. --ފޮޓޯ:އޭއެފްޕީ

23 ޑިސެމްބަރ 2016 - 09:38

އަންކާރާ (ޑިސެމްބަރު 23) - ސީރިއާގެ ހަލަބުގައި އެންމެ ވަރުގަދަ އަށް ހަނގުރާމަ ކުރިއަށް ދިޔަ އިރު އެ ސިޓީގެ ހާލަތު ދުނިޔެ އަށް ބަޔާންކޮށްދިނުމަށް ޓްވީޓް ކުރަމުން ދިޔަ ހަތް އަހަރުގެ އަންހެން ކުއްޖާ އަށް ވަރަށް ބޮޑު ސަމާލު ކަމެއް މިހާރު ވަނީ ހުއްޓިފަ އެވެ.

ހަލަބަށް ބޮން އަޅަމުންދިޔަ އެންމެ ބިރުވެރި ވަގުތު ވެސް އެ ކުއްޖާ ދިޔައީ ޓްވީޓް މެދުވެރިކޮށް ހާލަތު ބަޔާން ކޮށްދެމުންނެވެ. ބަނާ އަލް އަބްދު ބުނި ގޮތުގައި މަރުވަނީއޭ ހީވި އެތައް ފަހަރެއް ވެސް ދިޔަ ކަމަށެވެ.

ޓްވިޓާ އިން ބަނާ ފޮލޯ ކުރާ މީހުން ލައްކައަކަށް ވުރެ ގިނަ.

"ހަލަބަށް ވަރުގަދަ އަށް ބޮން އެޅި އިރު އަހަރެމެން ދިރިއުޅޭ ގެއަށް ވެސް ބޮން އެޅި. އެކަަމަކު ނަސީބު ރަނގަޅުވުމުން އަހަރެމެން ސަލާމަތްވި. އަހަރެމެން ދިޔައީ ގޭގެ ބިންގަރާހަށް. މުޅި ތަނުގައި އޮތީ ގަލާއި ހިރަފުސް. އަހަރެމެން މަރުވަނީއޭ ހިތަށް އެރި. އެކަމަކު މާތް ﷲ ގެ ރަހުމަތްފުޅުން އަހަރެމެން ސަލާމަތްވި. އެކަމަށް ހަމްދު ކުރަން،" ތުރުކީގެ އަންކާރާގައި ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ބަނާ އިއްޔެ ބުންޏެވެ. "އަހަރެންގެ ސްކޫލާއި ބަގީޗާ އަށް ވެސް ބޮން އެޅި. އަހަރެންގެ ގެއެއް މިހާރު ނެތް."

ބަނާ އާއި އޭނާގެ އާއިލާ ހޯމަ ދުވަހު ވަނީ ހަލަބުން ނެރެފަ އެވެ. އަދި ތުރުކީ ސަރުކާރުން ފޮނުވި ހާއްސަ ހެލިކޮޕްޓަރެއްގައި ބަނާ އާއި އާއިލާ އަންކަރާ އަށް ގެންގޮސް އެ މީހުންނާ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ބުދަ ދުވަހު ބައްދަލު ކުރައްވައިފަ އެވެ. ބަނާ ވަނީ ހަލަބުން ނެރެ ސަލާމަތްކޮށް ދިނުމަށް ޓްވިޓާ މެދުވެރިކޮށް އުރުދުޣާން އަށް ހުށަހަޅައިފަ އެވެ.

ބަނާ ޓްވީޓް ކުރަމުން ދިޔައީ ހަލަބުގެ އިނގިރޭސި ޓީޗަރެއް ކަމަށްވާ އޭނާގެ މަންމަ ފާތިމާގެ އެހީގަ އެވެ. ބަނާގެ ޓްވިޓާ އެކައުންޓް 360،000 އަށް ވުރެ ގިނަ މީހުން ފޮލޯ ކުރެ އެވެ. ބަނާ ބުނި ގޮތުގައި އެ މީހުން ސަލާމަތްވުމުގައި އޭނާ ކުރަމުންދިޔަ ޓްވީޓްތައް ވެސް މުހިންމުވި ކަމަށެވެ.

"އަހަރެން ބައްޕަ ގާތު ބުނިން ސްކޫލް ކައިރީ ހުއްޓާ ވީޑިއޯ ކޮށްދިނުމަށް. އެ ވީޑިއޯ ޓްވީޓް ކުރީ ހަލަބުގެ ކުޑަ ކުދިންނަށް ޓަކައި. ޓްވިޓާ ބޭނުން ކުރީ ހަލަބުގެ ކުޑަ ކުދިންގެ އަޑު ދުނިޔެ އަށް އިއްވުމަށް،" މަންމަ ފާތިމާއާ އެކު ދިން އިންޓަވިއުގައި ބަނާ ބުންޏެވެ.

ބަނާ ބުނީ ބޮޑުވެގެން ވެސް އޭނާ ބޭނުން ވަނީ މަންމަ ގޮތަށް ޓީޗަރަކަށް ވާން ކަމަށެވެ. އަދި ހަލަބަށް ގޮސް އެ ތަނުގައި ހިދުމަތް ކުރަން ބޭނުންވާ ކަމަށް ބުންޏެވެ.

ސީރިއާގެ ހަލަބުގެ ހަތް އަހަރުގެ އަންހެން ކުއްޖާ ދަނީ އެ ސިޓީގެ ހާލަތު ޓްވިޓާ މެދުވެރިކޮށް ދުނިޔެ އަށް ހާމަކޮށްދެމުން.

ހިތްވަރުގަދަ ކަމަށް ދުނިޔޭގެ ސަމާލުކަން އަތުލި ކުޑަ ކުއްޖާއާ މެދު ތުހުމަތުގެ ނަޒަރަކުން ވެސް ބައެއް މީހުން ދެކެ އެވެ. ބައެއް މީހުން ގަބޫލް ކުރާ ގޮތުގައި ބަނާ އާއި އޭނާގެ މަންމަ ކުރާ ޓްވީޓްތަކަކީ ފޭކެކެވެ. އަދި އެއީ އިދިކޮޅު ހަނގުރާމަވެރިންނާއި އެކްޓިވިސްޓުންގެ ޕްރޮޕެގެންޑާ ފެތުރި ބައެއް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. ސީރިއާ ސަރުކާރުން ވެސް ދެކެނީ އެ ގޮތަށެވެ.

ބަނާގެ މަންމަ ފާތިމާ ބުނީ އެފަދަ ވާހަކަތައް އިވުމުން ވަރަށް ރުޅި އައިސް ހިތްހަމަ ނުޖެހޭ ކަމަށެވެ. އެކަމަކު އެފަދަ ވާހަކަތަކުގެ ސަބަބުން އެ މީހުންގެ މެސެޖް ދުނިޔެ އަށް އިއްވަން ކުރާ މަސައްކަތަށް ހުއްޓުމެއް ނުގެންނާނެ ކަމަށް ވެސް ފާތިމާ ބުންޏެވެ.

ހަލަބުން ޓްވީޓް ކުރާ ހަތް އަހަރުގެ އަންހެން ކުއްޖާ ބަނާ އޭނާގެ ކޮއްކޮމެންނާ އެކު. --ފޮޓޯ:އޭއެފްޕީ

ހަލަބުން ސަލާމަތްވި ނަމަވެސް ފާތިމާ ބުނީ ބިރުވެރިކަމުން އަދި ސަލާމަތް ނުވާ ކަމަށެވެ.

"ކިރިޔާ އަޑެއް އިވުނަސް ހީވަނީ ބޮން އަޅާހެން. ބާރަށް ދުއްވާފައިދާ ކާރެއްގެ އަޑު އިވުނަސް ހީވަނީ ބޮމުގެ އަޑުހެން،" ފާތިމާ ބުންޏެވެ. "އެކަމަކު އަހަރެންގެ ކުދިން ސަލާމަތްވީމާ އުފާކުރަން. އެ މީހުންގެ ކުރިމަގާ މެދު ވިސްނާލަން ލިބުމަކީ ހިތްހަމަ ޖެހުމެއް. އަދި އެ ކުދިން ސްކޫލަށް ފޮނުވޭނެ ކަމަށް އުއްމީދު ވެސް ކުރަން."

ނޮވެމްބަރު 28 ވަނަ ދުވަހު ކުރި މެސެޖުގައި ވަނީ އެ މީހުން ދިރިއުޅޭ ގެ އަށް ބޮން އަޅައިފި ކަމަށާއި ނިދަން ޖެހޭނީ މަގުމަތީގައި ކަމަށް ބުނެފަ އެވެ. އަދި މަރުވަމުންދާ މީހުން އޭނާގެ ލޮލަށް ފެންނަމުންދާ ކަމަށް ބުނެފައިވެ އެވެ. ހަމަ އެ ދުވަހު އެ ކުއްޖާ ވަނީ ބޮމުގެ ވަރުގަދަ ހަމަލާތަކުގެ ތެރޭގައި، މަރާއި ދިރިހުރުމާ ދެމެދު، އެ މީހުންގެ ރައްކާތެރި ކަމަށް ދުއާ ކޮށްދިނުމަށް އެދިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު ބަނާ އަށް ޓްވިޓާ އެކައުންޓެއް ހަދައިދިނީ އޭނާގެ މަންމަ އެވެ.

0 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 96%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454