ވެލެންސިއާގެ ކުޅުންތެރިން ދިވެގި ޕްރިމިއަ ލީގު މެޗަކަށް ނުކުންނަނީ: ފައިސާ ނެތުމުން ބަންގްލަދޭޝް އަށް ފުރުރުން ކެންސަލްކޮށް ވެލެންސިއާއިން ވަނީ އޭއެފްސީ ކަޕް މެޗު ދޫކޮށްލާފައި --- ފައިލް ފޮޓޯ: އެފްއޭއެމް
10 އެޕްރީލް 2022 - 16:39
އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން ބަންގްލަދޭޝް އަށް ދާން ހަމަޖެހިފައި އޮތް ދަތުރު ކްލަބް ވެލެންސިއާއިން ކެންސަލް ކޮށްފި އެވެ.
ވެލެންސިއާގެ އޮފިޝަލަކު ބުނީ ދަތުރު ކެންސަލްކުރީ ދަތުރުގައި ކުރަން ޖެހޭ ހަރަދުތަކަށް ފައިސާ ނުލިބުމުންނެވެ. އޭގެ ތެރޭގައި ޓީމު ތިބޭ ހޮޓަލަށް ދައްކަން ޖެހޭ ފައިސާ އާއި ބިދޭސީ ކުޅުންތެރިންގެ ވިސާ ފީ އަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހޭ ކަމަށް އޮފިޝަލް ބުންޏެވެ.
އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި އަބާހާނީއާ ދެކޮޅަށް ވެލެންސިއާ ކުޅޭ މެޗު އަންގާރަ ދުވަހު ކުޅޭ ގޮތަށް އޭއެފްސީން ވަނީ ޝެޑިއުލްކޮށްފަ އެވެ.
ބަންގްލަދޭޝް އަށް ފުރަން ހަމަޖެހިފައި އޮތީ މިއަދު ހަވީރު 4:20 ގަ އެވެ. "ޔޫއެސް ބަގަލާ އެއާލައިން" އިން މިއަދު ހަވީރު ޑާކާ އަށް ފުރަން ވެލެންސިއާ އަށް ޓިކެޓް ވެސް ހަމަޖެހުނީ ރޭ ވަރަށް ދަންވި ފަހުންނެވެ.
"އެންމެ ފަހު ވަގުތާ ހަމައަށް ވެސް އަޅުގަނޑުމެން ބެލިން ފައިސާ ހަމަޖެހޭތޯ. ކުޅުންތެރިންނާއި އޮފިޝަލުން ގާތު ވެސް ބުނެފައި އޮންނާނީ އެންމެ ފަހު ގަޑީގައި ވެސް ޗެކިން އަށް ދާން ޖެހިދާނެޔޭ ސްޓޭންޑްބައިގައި ތިބޭށޭ،" ވެލެންސިއާގެ އޮފިޝަލް ބުންޏެވެ.
"އެކަމަކު އެންމެ ފަހު ވަގުތާ ހަމައަށް ވެސް ފައިސާ ހަމަނުޖެހުނު. އަޅުގަނޑުމެން އެންމެން ތިބީ މާޔޫސްވެފައި."
އޮފިޝަލް ބުނި ގޮތުގައި މިކަމުގައި އެފްއޭއެމް ކުށްވެރި ކުރެވެން ނެތެވެ.
"ސޯޝަލް މީޑިއާގައި ވެސް އެބަ ފެނޭ ވަރަށް ބޮޑަށް އެފްއޭއެމް އަށް މިކަމުގައި ފާޑުކިޔާތަން. އެކަމަކު މިއުޅެނީ އެފްއޭއެމުން ކަމެއް ނުކޮށްދީގެނެއް ނޫން. ކްލަބްގެ މެނޭޖުމެންޓަށް ފައިސާ ހޯދައި ނުދެވިގެން މިއުޅެނީ."
ޕްރިލިމިނަރީ މަރުހަލާގެ ދެވަނަ ބުރަށް ވެލެންސިއާ ދަތުރު ކުރީ، މިދިޔަ ހަފުތާގައި މާލޭގައި ކުޅުނު މެޗުގައި، ބޫޓާންގެ ތިމްޕޫ ސިޓީ އަތުން މޮޅުވުމުންނެވެ. މިހާ ހިސާބުން މުބާރާތުން ވަކިވާނަމަ ބެލެވޭނީ މެޗު ދޫކޮށްލި ކަމަށެވެ. މެޗު ދޫކޮށްލާނަމަ ޖޫރިމަނާއެއް އަންނާނެ އެވެ.
އޮފިޝަލް ބުނީ ބިދޭސީ ކުޅުންތެރިންގެ ވިސާ ފީ އަށް ދައްކަން ޖެހޭ ފައިސާ ވެސް ދައްކަން ޖެހޭނެ ކަމަށް ދުރާލައި މެނޭޖުމެންޓްގައި ބުނެފައި ވާނެ ކަމަށެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ހަމަޖައްސައި ދިނުމުގައި މެނޭޖުމެންޓަށް ކާމިޔާބު ނުވުމަކީ ހިތާމަވެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެފް 12
12 April 2022
ރާއްޖޭގެ ފުޓްބާޯޅާ ހަލާކުކޮށްލައިގެން މޮޅުތަކެއް ވެއްޖެތާ ދޯ
އާރީ
11 April 2022
ކޮބާ މޮޅު ފުޓްބޯޅަ އެޑްމިނިސްޓްރޭޓަރ؟
މާހިރު
11 April 2022
ރާއްޖޭގެ ކްލަބްތައް ހިންގުން މިހާރަށްވުރެ ހަރުދަނާ ވާންވެއްޖެއެވެ. އެހެންބަޔަކު ފައިސާދީގެންނޫނީ ކްލަބްތައް ނުހިންގުމަކީ ވަރަށްބޮޑު މައްސަލައެކެވެ. އެފް.އޭ.އެމް އިންވެސް ވިސްނަންވީ ކްލަބްތަކަށް ފައިސާ ދިނުމުގެ ބަދަލުގައި މެޗުބަލަން މީހުން ދަނޑަށް ވަންނާނެގޮތެއް ހޯދުމާއި ކްލަބްތަކަށް ފައިސާލިބޭނެ މަގެއް ތަނަވަސްކޮށް ދިނުމަށެވެ. އަދި އެއަށްވުރެބޮޑަށް ފައިސާ ހޯދޭނެގޮތެއް ހޯދަން ކްލަބްތަކުންވެސް މަސައްކަތްކުރަންޖެހެއެވެ.
ޢަހްމަދު މޫސާ
11 April 2022
ތިވަރުވާއިރުވެސް ބައްސާމުގެ ޓީމުވީމާ ނުކުރޭ ފިޔަވަޅެއް އަޅާލަންވެސް.
ބައްސާމުކަލޭގެ
11 April 2022
އެކަލޭގެގެ އަޑެއްވެސް ނީވޭނެ ދުވަސްކޮޅެއް ވަންދެން. މީނާ ވާނެ އެކަނިމާއެކަނި ގައުމެއްގެ ގައުމީ ކުޅިވަރު ފުޑާލި ސޮރައް.
ޝޯމޭން
10 April 2022
ކްލަބުވާދަވެރިކަމާ ހަސަދަވެރިކަން އެއްފަރާތްކޮށް ދިވެހި ފުޓުބޯޅަ ސަޕޯޓަރެއްގެ ހައިސިއްޔަތުން ބުނާކަމުގަވަނީނަމަ އަޅުގަނޑަށް މިއީ އަސްލު ވަރަށް ހިތާމަވެރި ހަބަރެއް.
ވެލެންސިއާ
10 April 2022
ފުޓުބޯޅަ ކުލަބު ހިންގުމަށްވުރެ ރަނގަޅުވާނެ ދެން ދަތުރުވެރިންގެ މާރުކޭޓަށްގޮސް ގޮޅިއެއް ހިންގިއްޔާ. ތިޔަކަމަށްވުރެ މާފައިދާވާނެ. ދިވެހިންނަށް ފުޓުބޯޅަކުޅެވޭނެވަރަށް ފުޓުބޯޅަ މިހާރު ކުޅެވިއްޖެ.
އަނީ
10 April 2022
ބައްސާމަށްވެސް ނިމުން އަންނާނެ..
ޚެކެ
10 April 2022
ބައްސާމު..ކޮބާހެ ލާރި.ކްލަބް ތަކައް ދޭންޖެހޭ ފައިސާ ކާލައިގެން... އެންމެ ލާރިއެއް ނުލިބި ކުޅޭ ކިތައް މީހުން އެބަތިބި.ކޮބާ ލަދު.އެފްއޭއެމް އިން އިސްތިއުފާ ދީ.
ގޯލްޑް މެޑަލް
10 April 2022
މި ގައުމުގަ އެންމެ މޮޅައް ކުޅޭ ގޭމަކީ ޕޮލިޓިކަލް ކޮރަޕްޝަން! ފުޓްބޯޅަ ދަނީ އަޑިއަޅަމުން. ކޮރަޕްޝަނުން އޮލިމްޕިކްސް ގަ ބައިވެރިވާން ރެޑިވަމާ؟