އެކްޓަރު ޝިވް--
12 އެޕްރީލް 2022 - 07:10
ބޮލީވުުޑްގެ ސްކްރީންރައިޓާ އަދި އެކްޓަރު ޝިވް ސުބްރަމާނިއަމް މަރުވެއްޖެ އެވެ.
"ޓޫ ސްޓޭޓް" އާއި "ކަމީނޭ" އާއި "ޓީން ޕައްތީ" ކަހަލަ ފިލްމުތަކުން ފެނުނު، ޝިވް މިދިޔަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި މަރުވުމާ ގުޅިގެން ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުން ވަނީ އެ ހިތާމައިގައި ބައިވެރިވެފަ އެވެ. އަދި އޭނާ ވަކިވެގެން ދިއުމަކީ ފިލްމީ ދާއިރާ އަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި ސިފަކުރި އެވެ.
އެންމެ ފަހުން ނެޓްފްލިކްސް އިން ސްޓްރީމް ކުރި، "މީނާކްޝީ ސުންދަރެޝްވަރު" ގައި ވެސް ކުޅަދާނަ އެކްޓިންއެއް ދެއްކި ޝިވް މަރުވި ސަބަބެއް ނޭނގެ އެވެ. އޭނާގެ މަރުގެ ޚަބަރު ހިއްސާކުރީ ފިލްމު އުފެއްދުންތެރިޔާ، ހަންސަލް މެހްތާ އެވެ.
— Hansal Mehta (@mehtahansal) April 11, 2022
އެ ޚަބަރާ ގުޅިގެން ނޫސްވެރިޔާ ބީނާ ސަރްވާރު، ޝިވް އަށް ޓްރިބިއުޓެއް ދީ، ހިއްސާކުރި މައުލޫމާތުގައި އޭނާ ބުނެފައިވާ ގޮތުގައި ޝިވްގެ ދަރިފުޅު މަރުވީ މީގެ ދެ މަސްކުރިންނެވެ. އޭނާ މަރުވީ ބްރެއިން ޓިއުމަރެއްގައި ކަމަށްވެ އެވެ.
ސްކްރީންރައިޓިން މަސައްކަތުގެ ދަށުން އޭނާގެ ފިލްމު "ޕަރިންދާ" އާއި "ހަޒާރޯން ހާވައިޝޭން އޭސީ" އަކީ ފިލްމުފެއާ އެވޯޑް ވެސް ލިބުނު ފިލްމުތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy