އިސްލާމީ މަރުކަޒުގައި މިއަދު ކުރި ހުކުރު ނަމާދަށް ދިޔަ މީހަކު ގުރުއާން ކިޔަވާއިރު، އޭނާގެ ކައިރީގައި ކުޑަކުއްޖަކު އިށީނދެގެން: ރޯދަމަހުގައި އެންމެ މުހިންމު އެއް ކަމަކީ ލައިލަތުލްގަދްރި ވިލޭރޭ ލިބޭތޯ މަސައްކަތްކުރުން---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
15 އެޕްރީލް 2022 - 16:09
ރަހުމަތާއި ފުއްސެވުމާއި ނަރަކަ އިން މިންޖު ކުރުން އެކުލެވިގެން މާތް ﷲ ބަރަކާތް ލައްވަވާފައިވާ ރަމަޟާން މަހުގެ ރޭތަކުގެ ތެރޭގައި ވަރަށް މަތިވެރި ރެއެއް ވެސް އެކަލާނގެ ލައްވައިފައި ވެ އެވެ. އެ ރޭ ހޯދުމަށްޓަކައި ފަހު 10 އިގައި މަސައްކަތް ކުރުމަށް ލޮބުވެތި ރަސޫލާ ﷺ އިރުޝާދު ދެއްވައިފައި ވެ އެވެ. އެއީ ލައިލަތުލްގަދްރި ނަމަކަށް ކިޔާ ބަރަކާތްތެރި، ޝަރަފުވެރި ރެ އެވެ.
• އެއްހާސް މައްސަރުގައި އަޅުކަން ކުރުމާ އެރޭ އަޅުކަން ކުރުމާ އެއްވަރު ކުރެވިފައިވާ ހާއްސަ ރެއެއް ކަމުގައި އެރޭ ވެ އެވެ. (އަލްގަދްރު 3). އެ ރޭގައި ކުރާ އަޅުކަމުގެ ސަވާބާއި އަޖްރު އެހާ ވެސް ގިނަ އެވެ. އެއްހާސް މައްސަރަކީ 30،000 ދުވަހެވެ. އެއީ 83 އަހަރާއި ހަތަރު މަސް ދުވަހެވެ. ވީމާ ލައިލަތުލްގަދްރި ވިލޭރޭގައި އަޅުކަން ކުރެވިއްޖެ ނަމަ މުޅި އުމުރުގައި އަޅުކަން ކުރުމާ އެއްފަދަ ވެގެން އެބަދެ އެވެ.
• ﷲ އަށް އީމާންވާ ހާލު އެކަލާނގެ ހަޟްރަތުން ދަރުމަ އަށް އުންމީދު ކޮށްގެން ލައިލަތުލްގަދްރި ވިލޭރޭގައި ރޭ އަޅުކަން ކޮށްފި ނަމަ އިސްވެދިޔަ ހުރިހާ ފާފައެއް ފުހެވެ އެވެ. (ބުހާރީ އާއި މުސްލިމް).
• މީސްތަކުންނަށް ހިދާޔަތާއި ރަހުމަތެއް ކަމުގައްޔާއި ހައްގާއި ބާތިލު ވަކިކުރާ ފޮތެއްގެ ގޮތުގައި ކީރިތި ގުރްއާން އެންމެ ފުރަތަމަ ބާވައިލެއްވުން ބާވައިލެއްވުނީ ލައިލަތުލްގަދްރި ވިލޭރެއެއްގަ އެވެ. (އަލްގަދްރި 1، އަލްބަގަރާ 185).
• އެ ރެއަކީ ބަރަކާތްތެރި ރެއެކެވެ. އަދި އެ ރޭގައި ކުރިއަށް އޮންނަ އަހަރަށް މީސްތަކުންގެ އުމުރާއި ރިޒުގުތައް ބަޔާން ކުރެވިގެންދެ އެވެ. (އައްދުހާނު 3-4).
• އެ ރޭގައި މަލާއިކަތުން ޖިބްރީލުގެފާނާ އެކު މީސްތަކުން ވަށާލައި ﷲ އަށް އަޅުވެތިވާ މީހުންނަށް ހެޔޮދުއާ ކޮށްދޭނެ އެވެ. އަދި ﷲގެ ވާގިފުޅާއި އަމުރުފުޅާ އެކު ހެޔޮކަމާއި ރަހުމަތާއި ފުއްސެވުމުން މުޅި ބިން ފުރާލުމުގައި އެބޭކަލުންގެ ވާގިވެރިކަން އެ ރޭ ލިބިގެންދާނެ އެވެ. (އަލްގަދްރި 4).
• އެ ރެއަކީ ނުބައިކަން މަދުވެ، ކިޔަމަންގަތުމާއި ހެޔޮކަންތައް އިތުރުވެގެން ދިއުމާ އެކު ހުރިހާ ނުރައްކާތަކުން ސަލާމަތް ވެގެންވާ ރެއެކެވެ. މި ސަލާމަތްތަކާއި އަމާންކަން ފަތިސްވަންދެން ދެމިއޮންނާނެ އެވެ. (އަލްގަދްރި 5)
ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި މިރޭ މާތްކުރެވިގެން ވަނީ ކުރީގެ ޒަމާންތަކުގައި ހިނގާފައި ހުރި ބައެއް ކަންކަމާ ގުޅިގެން އެފަދަ ފުރުސަތެއް އެންމެހައި މުއުމިނުންނަށް ވެސް ދެއްވުމަށެވެ. މިފަދަ ބައެއް މިސާލުތަކަކީ:
1- މުޖާހިދު ވިދާޅުވާ ގޮތުގައި ބަނީއިސްރާއީލު ބާގައިގެ މީހަކު ހަތިޔާރު އަޅައިގެން ﷲ ގެ މަގުގައި 1،000 އަހަރު ޖިހާދު ކުރި ވާހަކަ ކީރިތި ރަސޫލާ ﷺ ސަހާ ބީންނަށް ބަޔާންކޮށްދެއްވުމުން އެ ފަދަ ސަވާބާއި ދަރުމަ ހޯދޭނީ ކިހިނަކުންތޯ އެބޭކަލުން ކުރެއްވި ސުވާލަށް ﷲ އިޖާބަ ދެއްވުމެވެ.
2- ކުރީގެ ޒަމާންތަކުގައި މީހަކާ ދިމާއަށް [އަޅުވެރިއެކޭ] ބުނެވެނީ އެ މީހަކަށް 1،000 މައްސަރުގައި އަޅުކަން ކުރެވުނީމަ އެވެ. މިހެން ވެގެން ﷲ ތައާލާ މުހައްމަދުގެފާނުގެ އުއްމަތުގެ މީހުންނަށް 1،000 މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެއް ދެއްވީ އެވެ.
3- އައްޔޫބުގެފާނާއި ޒަކަރިއްޔާގެފާނާއި ހަޒްގީލުގެފާނާއި ޔޫޝައު ބިން ނޫނުގެފާނު އެސްފިޔަ ޖަހައިލެވޭހާ މިންވަރަށް ވެސް މާތް ﷲ އަށް އުރެދިވަޑައިނުގެން 80 އަހަރު އަޅުކަން ކުރެއްވިކަން މާތް ނަބިއްޔާ އަށް ޚަބަރު ލިބިވަޑައިގަތުމުން އެކަމާ އަޖައިބުފުޅު ވުމުން ﷲ އެ އަށް ވުރެ ހެޔޮކަން ބޮޑު އެންމެ ރެއެއް އެކަލޭގެފާނަށްޓަކައި ދެއްވުމެވެ.
މާތް ﷲ މި ރޭ ވަންހަނާ ކުރެއްވީ އެ ކަމަށް އަޅުތަކުން ޝައުގުވެރި ކުރެއްވުމަށެވެ. ރަމަޟާން މަހުގެ ހުރިހާ ރޭތަކެއްގައި ވެސް އަޅުކަންކޮށް، އެ ރޭތައް އިހުޔާއުކޮށް ދިރުވުމަށްޓަކަ އެވެ. އެއީ ފަރުލު ފަސް ނަމާދުގައި ހިމެނޭ މެދު ނަމާދު ވަންހަނާ ކުރައްވާފައިވާ ފަދައިންނެވެ. ނުވަތަ ހުކުރު ދުވަހުގައި ލައްވައިފައިވާ ދުއާ އިޖާބަ ކުރައްވާ ވަގުތު ވަންހަނާ ކުރައްވާފައިވާ ފަދައިންނެވެ. އެކަލާނގެ ވަނީ މަރުވާނެ ވަގުތާއި ގިޔާމަތްވާނެ ވަގުތާއި އެކަލާނގެ މަތިވެރި އިސްމުފުޅު ވެސް ވަންހަނާ ކުރައްވައިފަ އެވެ.
• ފަހު 10 އިގެ ރޭތަކުގައި އަޅުކަން ކުރެއްވުމަށްޓަކައި ރަސޫލާ ﷺ އެކަލޭގެފާނުގެ ހުރިހާ ވަގުތުތަކެއް ހުސްކޮށްލެއްވި އެވެ. އެކަލޭގެފާނުގެ ރިދާކޮޅު ވެއްޓިދާނެތީ ބާރަށް ބެންނެވި އެވެ. އެ ބަހީ ގަދައަޅައި މަސައްކަތް ކުރެއްވި އެވެ. އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ފަހު 10 އިގެ ރޭތައް އިހުޔާ ކުރެއްވުމަށްޓަކައި އަވަހާރަފުޅުން ނެންގެވި އެވެ.
• [ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ މާފު ދެއްވާ މާފުދެއްވުމަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެ އެވެ. ފަހެ މި އަޅާގެ ކުށްތަކަށް މާފު ދެއްވާނދޭވެ!] މި މާނަ އެކުލެވޭ ދުއާ އެ ރޭގައި ގިނަކުރުމަށް އާއިޝާތުގެފާނަށް އިރުޝާދު ދެއްވާފައިވާތީ އެ ދުއާ ގިނަގިނައިން ކޮށްގެންނެވެ.
• ޤުރްއާން ކިޔެވުމާއި ﷲ ހަނދުމަކޮށް ޒިކްރު ކުރުމާއި ނަމާދު ކުރުމާއި އިއިުތިކާފަށް އިނުމާއި ސަދަގާތް ކުރުމާއި ހެޔޮ ފޯރުވުމާއި ގާތްތިމާގެ މީހުންނަށް ރަހިމުގެ ގުޅުން ވާސިލު ކުރުން ފަދަ އަމަލުތައް ގިނަ ކޮށްގެންނެވެ.
• އެންމެ ކުޑަ ވަރެއްގެ ގޮތުން އެ ރޭގެ އިޝާ ނަމާދާއި ފަތިސްނަމާދު ޖަމާއަތުގައި ކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy