ރައްޔިތުންގެ މަޖިލީހުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ މިއަދު ސުވާލުކުރަނީ.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
18 އެޕްރީލް 2022 - 12:56
އެކި ރަށްރަށުގައި ކުޅިވަރު ދަނޑުތައް އެޅުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ހުންނަނީ ނިންމާފައި ކަމަށާއި ލަސްވަނީ ކޮންޓްރެކްޓަރުންނާ ހެދި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ރ. މާކުރަތުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ލަސްވާ މައްސަލައިގައި އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މިއަދުގެ ޖަލްސާ އަށް މަހުލޫފް ވަޑައިގަތުމުން، އެހެން މެމްބަރުން ވެސް އެފަދަ ކަންކަމާ ގުޅޭ ގޮތުން ސުވާލުތައް ފެންމަތި ކުރެއްވި އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ޔޫތު މިނިސްޓްރީން ކުރަންޖެހޭ ކަންތައްތައް ހުންނާނީ ނިންމާފައި ކަމަށެވެ. ނަމަވެސް މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރަށް މިނިސްޓްރީން ބޭނުންވާ ސްޕީޑްގައި ނުގެންދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަރަށް ރަނގަޅު އަދި ގިނަ މަސައްކަތްތަކެއް ކުރިއަށް ދިއަސް މައްސަލައަކީ، މަހުލޫފު ވިދާޅުވި ގޮތުގައި ހަވާލުކުރާ މުއްދަތަށް އެއްވެސް މަސައްކަތެއް ނުނިންމުމެވެ.
"ރާއްޖޭގެ އެކި ސަރަހައްދުގައި ގާތްގަނޑަކަށް 40 އައުޓްޑޯ ވޮލީ ކޯޓް ގާއިމްކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލު ކޮށްގެން އަޅުގަނޑު ގެނެސް ކޮންޓްރެކްޓަރުންނާ މީޓްކުރަން ދޭތެރެއަކުން. މިސާލަކަށް މާޗު 1 ވަނަ ދުވަހު ނިންމާނަމޭ ބުނެފައި، ދެން ގެންނަ ދުވަހު ބުނާނެ އޭޕްރީލް މަހުގައޭ. އެ ކަހަލަ ގޮތަކަށް މަސައްކަތް ދަނީ،" މަހުލޫފް ވިދާޅުވި އެވެ.
"އެ ކެޕޭސިޓީ ކުންފުނިތަކުގައި އަސްލު ހަގީގަތުގައި ކުރާ މަސައްކަތާ ބަލާފައި ނެތީ ކަމަށް އަޅުގަނޑަށް ތަޖުރިބާއިން ފެނުނީ."
ފުޓްސަލް ދަނޑުތައް އަޅަން ބަޖެޓުގައި ހިމެނިއަސް އެ ތަންތަން މަރާމާތުކުރަން ދާ ހަރަދެއް ބަޖެޓުން ނުދެ އެވެ. މަހުލޫފު ވިދާޅުވީ ދަނޑުތައް މަރާމާތުކުރަން ޖެހެނީ ޔޫތު މިނިސްޓްރީގެ ބަޖެޓުން ކަމަށެވެ. އެހެންވެ، އޭނާ ވަނީ ކުޅިވަރު ދަނޑުތައް މަރާމާތުކުރުމަށް ބަޖެޓުގައި ހިމެނުމަށް އެދިވަޑައިގެންފަ އެވެ.
"ރަށްރަށުގެ ފުޓްސަލް ދަނޑުތައް މަރާމާތުނުކޮށް ބަހައްޓާ ނަމަ ޒުވާނުން ރުޅިގަދަވާނެ. މި ފަހުން ފިއްލަދޫ ފުޓްސަލް ދަނޑުގައި ކެޔޮ ގަސް އިންދާފައިވޭ،" ޒުވާނުންގެ ހިތްހަމަނުޖެހުމުގެ މިސާލެއް ދައްކަވަމުން މަހުލޫފު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ސުވާލުކުރައްވަނީ.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
"މި ކަހަލަ ކަންކަން ދިމާވަނީ ބަޖެޓުގައި އަސްލު މި ކަހަލަ ކަންތައްތައް ހިމަނާފައި ނެތީމަ. މާ ބޮޑު ފުރުސަތެއް ނޯވެ އަޅުގަނޑުމެންނަށް އެކަން ކުރަން. އެކަމަކު ކޮންމެ ވެސް ގޮތެއް ހޯދައިގެން އެކަން މަޖުބޫރުވީމަ އެކި ގޮތްގޮތަށް އެކަން ކުރަމުން ދަނީ."
ރާއްޖޭގެ އެކި ސަރަހައްދުގައި ގާތްގަނޑަކަށް 40 އައުޓްޑޯ ވޮލީ ކޯޓު ގާއިމްކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން އަޅުގަނޑު ގެނެސް ކޮންޓްރެކްޓަރުންނާ މީޓްކުރަން ދޭތެރެއަކުން. މިސާލަކަށް، މާޗު 1 ވަނަ ދުވަހު ނިންމާނަމޭ ބުނެފައި، ދެން ގެންނަ ދުވަހު ބުނާނެ އޭޕްރީލް މަހުގައޭ. އެ ކަހަލަ ގޮތަކަށް މަސައްކަތް ދަނީ. އެ ކެޕޭސިޓީ ކުންފުނިތަކުގައި އަސްލު ހަގީގަތުގައި ކުރާ މަސައްކަތާ ބަލާފައި ނެތީ ކަމަށް އަޅުގަނޑަށް ތަޖުރިބާއިން ފެނުނީ.- މަހުލޫފު ވިދާޅުވި.
މަރާމާތުކުރަން ޖެހޭ ވަރަށް ގިނަ ދަނޑުތައް ހުރިކަން ފާހަގަކުރައްވައި މަހުލޫފު ވިދާޅުވީ އެ މަސައްކަތްތައް ލަސްވަނީ ބަޖެޓު ނެތީމަ ކަމަށެވެ.
ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ސުވާލާ ގުޅިގެން މަހުލޫފު ވިދާޅުވީ މި ވެރިކަމުގައި 40 ފުޓްބޯޅަ ދަނޑު ނިންމާލާފައިވާ ކަމަށެވެ. މި ވެރިކަން އައުމުގެ ކުރިން ސަރުކާރަކުން އެއްވެސް ރަށެއްގައި ފުޓްބޯޅަ ދަނޑެއް ހަދާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ދެ އަހަރު ނުލައި 40 އަކީ ބޮޑު އަދަދެއް ކަމަށާއި މިހާރު ވެސް އެކި މަރުހަލާގައި ބޮޑު 50 ދަނޑެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
"ދުނިޔޭގެ ނިސްބަތުން ބެލިއަސް ބޮޑު އަދަދެއް އެއީ،" ބޭރުގެ ފުޓްބޯޅައިގެ އިސްވެރިންނާ ވާހަކަދައްކާއިރު ލިބޭ ޖަވާބުތަކަށް ބައްލަވައި އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ލޯނުގެ އެހީގައި ސަރުކާރުން ވަނީ ޓީޓީއާ ބާސްކެޓް ކޯޓު އަދި ހަތަރު ސިންތަޓިކް ޓްރެކު އަޅަން ވެސް ނިންމައިފަ އެވެ. އެ މަސައްކަތްތައް ނިމުމުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޅިވަރު ދަނޑުތައް އެޅުމުގެ ވައުދު ފުދޭނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަނޑުހަދާ މީހާ
19 April 2022
ކޮންޓްރެކްޓަރ އަށް ޕާފޯމް ނުކުރެވެންޏާ ކަން ކުރަނއވީ ގޮތް ލިޔެފައި އޮންނާނެ މަނިކުފާނު ސޮއި ކުރާ އެއްބަސް ވުމުގައި، އެއްގޮތަކަށް ވެސް ބޯދަމައިގަންނަން ނޫޅުއްވާ. މުއައްޒަފުން ނަށް ކޮށްޓްރެކްޓް ގައި އޮންނަ ގޮތަށް ކަން ކުރަން ގިނަ ފަހަރު ނުކެރެނީ ސިޔާސީ ނުފޫޒާއި ހެދި. ޓާމިނޭޓް ކޮށްފަ އަލުން ތިކަން ފަށަން އުޅޭ. މިއުޅޭ ކޮންޓްރެކްޓަރުން ނަށް ހީވަނީ މިހާތަނަށް އެކަން އެގޮތަށް ނުކުރާތީ ދެންވެސް ނުކުރޭނެ ކަމަށް. ވަޡީރު ގެ ގަޓް ހުރިއްޔާ އެކަން ކޮށްލަބަލަ
ޥަރާ
19 April 2022
މީއަޅެ ވަޒީރުކަމަށް ކުފޫހަމަވާ މީހެއްތަ؟ މިނިސްޓްރީގެ މަސައްކަތް ނިމޭނީ ދަނޑުތައް އަޅާ ނިމުނީމާ. ކޮންޓްރެކްޓަރު މަސައްކަތް ކުރާ ނުކުރާގޮތް މިނިސްޓްރީން މޮނިޓަރ ކުރަން ޖެހޭޏެ. ޢެގްރިމެންޓުގައި ބުނާ ތާރީހަށްވުރެ ލަސްވަންޏާ ދެން ހަދާނެގޮތްތައް އޮންނާނެ. މަސައްކަތް އެހެން ކޮންޓްރެކްޓަރަކާވެސް ހަވާލުކުރެވިދާނެ. ކޮންޓްރެކްޓަރުގެ މައްސަލައެކޭ ކިޔާފަ ޒިންމާއިން ރެކެން ތިމަސައްކަތް ކުރަނީ!؟ ޝުނިލް ޝެޓީއާއެކު ސެެލްފީ ނެގުމާއި ވަޒީރުކަން ކުރުމާ ވ ތަފާތުވާނެ
ދޮނޭ
18 April 2022
އަޅެ މަހުލޫފުވެސް ނިކަން މާލޭގަ ގޭންގުތަކަށް ހަވާލުކޮށްފަހުރި ދަނޑުތައް މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮންމެވެސް ކުޑަ ޢަދަދެއް ނަގައިގެން ނަމަވެސް ހިންގަބަލަ. މި ގޭންގުތަކަށް ފަންޑު ހުއްޓި މެއިންޓެނެންސަށް ކޮންމެސް އެއްޗެއް އެއިރަށް އޮންނާނެތާ ގައިމު!
ބޮޑުމީހާ
18 April 2022
ކޮންމެ ރަށެއްގަ މިހުރިހާ ހަރަދެއް މިކުރަނީ ޑިމާންޑާއި އެއްވަރަށް ތޯވެސް ބަލަން އެބަޖެހޭ. ދެކުނު ރަށެއްގަ ފުޓްސަލް ދަޑެއް އޮވޭ، ކުޅެން ދަނީ ހަފްތާއަކު ދެދުވަހު އެވެސް 10 މީހުން ހަމަ މިރަށުގައި އިންޓަރނޭޝަނަލް ދަޑެއްވެސް އަޅަން އިއުލާންކޮށްފި!
ކުޅަދާނަ
18 April 2022
"ކޮވިޑްގެ ބަލިމަޑުކަމުގެ ދެ އަހަރު ނުލައި 40 އަކީ ބޮޑު އަދަދެއް ކަމަށާއި މިހާރު ވެސް އެކި މަރުހަލާގައި ބޮޑު 50 ދަނޑެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް މަހުލޫފު ވިދާޅުވި އެވެ." ބަޖެޓެއް ނެތި މިވަރު ކުރާނީ ކުޅަދާނަ ވިީމަތާ؟ ހިލޭ އެޅި ދަނޑުތަކެއްތަ؟ ނޫނީ މިނިސްޓަރުގެ މުސާރަ އިން ނޫނީ މާރުކުރި ޑޮލަރުކޮޅުންތަ؟
ބިސްގަނޑު
18 April 2022
ވަޓް އިސް ދިސް. މަހޭ ނެތިދާނޭ އެލޯބިން ދިވާނާ. އެ ފަރި ފަރި މޫނި އުޖާލާ.
އައްސަދު ޝަރީފް
18 April 2022
"ފުޓްސަލް ދަނޑުތައް އަޅަން ބަޖެޓުގައި ހިމެނިއަސް އެ ތަންތަން މަރާމާތުކުރަން ދާ ހަރަދެއް ބަޖެޓުން ނުދެ އެވެ. މަހުލޫފު ވިދާޅުވީ ދަނޑުތައް މަރާމާތުކުރަން ޖެހެނީ ޔޫތު މިނިސްޓްރީގެ ބަޖެޓުން ކަމަށެވެ." ޔޫތު މިނިސްޓްރީ އަކީ ދައުލަތެއް ނޫންތަ؟ އެއީ މަހުލޫފުގެ ތަރިކަ މުދާތޯ؟ ޔޫތު މިނިސްޓްރީ ބަޖެޓުން ޚަރަދު ކުރެވެންޏާ އެ ބަޖެޓު ދީފައެއްނު އެ އޮތީ. ބޭކާރު ޚަރަދު ހުއްޓާލީމަ ޚަރަދު ކުރެވޭނެ.
އަބަދު ބޮއްސުން
18 April 2022
ހުރިހާކަމެއް ބޮއްސުންލާފައި. 40-50 ދަޑު ހަދަން އުޅުނުއިރު ނޭގުނު އެމެއިންޓެއިން ކުރަން ޖެހޭކަން. އަޅާނިމިގެން ހަލާކުވާންފެށީމަ މިބުނަނީ، އަނހާ! މިތަންތަންރާމާތުކުރަންޖެހޭތަ؟ ބޭރުގެ އިސްވެރީންވެސް އަސްލު އެެތިބެނީ ކޮސްވެފައި. އެމީހުންކާރީގަ ކަންނޭގެ މަރާމާތުކުރަން ފައިންނޭންސް ހޯދަން އާދޭސް ކުރާނީ. ނުވާވަރުންދަޑު އެޅުމަށްވުރެ މަރާމާތުކޮށް ބެލެހެއްޓޭނެ ގާބިލިއްޔަތު ހުރި އަދަދަށް ދަޑު އަޅާށޭ. ނުވަތަ އެދަޑުތައް ރަށްތަކުގެ ޓީމްތަކާ ހަވާލުކުރޭ.
ލައިފުލައިން
18 April 2022
ކޮންޓްރެކްޓަރުން މަސައްކަތް ނުނިންމަންޏާ ދެން ހަދަންޖެހޭ ގޮތްވެސް އޮންނާނެ. އެކަން ކުރިތޯ ސުވާލަކީ
މަހީހީ
18 April 2022
ގައިމު މިނިސްޓަރު ބުނި ދަނޑުތަކުގެ މަސައްކަތް ކޮންމެވެސް ބޯޅަކުޅޭމީހެއްގެ ކުންފުންޏާ ހަވާލުކުރަނީ ގާބިލުކަމުންނޭ ، އެ ކުންފުންޏާހެދީގެން ނުނިމޭވާހަކަތޯ ތިދަންނަވަނީ. ހަމަ ގާބިލުކަމުން ދެއްތޮ.