ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ
19 އެޕްރީލް 2022 - 13:29
ކޮލަމްބޯ (އެޕްރީލް 19) - ސްރީ ލަންކާ ސަރުކާރަށް ގޯސްތަކެއް ހެދިއްޖެ ކަމަށް އެއްބަސްވެވަޑައިގެން، އެކަންކަން ރަނގަޅުކޮށް، ކުރިއަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ގޯޓާބޭ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް ރައްޔިތުންގެ އިސްތިއުފާގެ ގޮވުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ގޯޓާބޭ ވިދާޅުވީ ދަނޑުވެރިންނަށް ފާޓިލައިޒާ ދޫކުރުން ހުއްޓުވުމަކީ ގޯހެއް ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. އަދި އެކަން ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ގައުމުގެ ހާލަތަށް ބަލައި، މާކުރިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ އަށް ލަންކާ އިން އެދެން ޖެހޭ ކަމަށް ގަބޫލްކުރައްވާ ކަމަށް ވެސް ގޯޓާބޭ ވިދާޅުވި އެވެ.
ކެބިނެޓަށް އަލަށް ހަމަޖެއްސި މެންބަރުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންނަށް ދަތި ހާލު ޖެހުނީ ގައުމުގެ އިގްތިސާދީ ހާލަތުގެ ސަބަބުން ކަމަށެވެ. އަދި އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ.
ކޮންމެ ފަދަ ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގެންނެވި ނަމަވެސް، މަސްއޫލިއްޔަތުތަކުން ދުރުވެވަޑައިނުގަންނަވާނެ ކަމަށާއި މިހާރު އޮތް ހާލަތު ރަނގަޅު ކުރުމުގެ ޒިންމާ އިން ފެޔަށް ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ދިރިއުޅުމުގެ ހާލަތު ދަށް މީހުންް އަސާސީ ތަކެތި ހޯދުމަށް ކިޔޫޖެހިގެން ގިނައިރު ތިބެން ޖެހުމުން އެ މީހުން ފާޅުކުރާ ރުޅި އާއި މާޔޫސްކަމަކީ ހައްގު ކަންތައްތަކެއް ކަމަށް ވިދާޅުވި އެވެ.
"މިނިސްޓަރުގެ މަގާމަކީ ޝަރަފެއް ނޫން. އެއީ ބޮޑު ޒިންމާއެއް،" ގައުމު ހަމަ މަގަށް އެޅުވުމަށް މިނިސްޓަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އިޝާރާތް ކުރައްވައި ގޯޓާބޭ ވިދާޅުވި އެވެ.
ހުރިހާ މުއައްސަސާތަކެއް ކޮރަޕްޝަނުން ސަލާމަތް ކުރައްވާނެ ކަމަށާއި އެކަމުގައި މިނިސްޓަރުން މުހިންމު ރޯލެއް އަދާކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.
ގާނޫނު ހެދުމުގެ ބާރު އޮތީ ޕާލަމެންޓަށްކަން ފާހަގަ ކުރައްވައި ގޯޓާބޭ ވިދާޅުވީ ސިޔާސީ ޕާޓީތަކުން އެދޭ ބަދަލުތައް ގާނޫނު އަސާސީ އަށް ގެނައުމަށް ޕާލަމެންޓަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. ރަނގަޅު މަގަށް ގައުމު ގެންދިއުމާއި ކުރިމަގުގެ ޖީލުތަކުގެ އުއްމީދުތައް ހާސިލްކޮށްދިނުމުގައި ސަރުކާރުގެ ޒިންމާ ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.
މިހާރު އޮތް ހާލަތުން ގައުމު ނަގައި ކޮޅަށް ޖެހުމުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ގާނޫނުތަކާ އެއްގޮތަށް އަޅުއްވާނެ ކަމަށާއި އެކަމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހހުދވދހުބގވދ
19 April 2022
ހައްލަކީ އުމަރު.