21 އެޕްރީލް 2022 - 13:32
އަލަށް އުފައްދާފައިވާ ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެފްއޭއެމްގެ އެއްވެސް ހައިސިއްޔަތެއް ނުދޭން ނިންމުމުން، ސޯޝަލް މީޑިއާގައި އާންމުންގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި އެވެ.
ރޭޑިއަންޓަކީ، ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ރަމްޒުކުރާނެ ކްލަބެއް ކަމަށް އޭއެފްސީން އަންގާފައިވާ ކަމަށް އެފްއޭއެމުން ބުނެ އެވެ. އެހެންވެ އެފްއޭއެމުން ބާއްވާ އެއްވެސް މުބާރާތެއްގައި ބައިވެރި ނުކުރުމަށާ އަދި އެސޯސިއޭޝަންގެ މެންބަރުކަން ނުދިނުމަށް ވެސް އޭއެފްސީން އަންގާފައިވާ ކަމަށް އެފްއޭއެމުން އިއްޔެ ބުނެފައިވެ އެވެ.
ރޭޑިއަންޓަށް އެފްއޭއެމްގެ މެންބަރުކަން ނުދޭން އެންގިކަން އިއުލާންކުރި ހިސާބުން މިދިޔަ ދެ ދުވަހު ސޯޝަލް މީޑީއާގައި ވަރަށް ބޮޑަށް އެ ވާހަކަތައް ވައިރަލްވި އެވެ. ކްލަބް ފުޓްބޯޅައާ ބެހޭގޮތުން ސޯޝަލް މީޑިއާ މިހާވަރަށް ކެކިގެން ނުދާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ރޭޑިއަންޓަށް އެފްއޭއެމްގެ ހައިސިއްޔަތު ނުދޭން ނިންމުމުން އެފްއޭއެމް އަށް ވެސް ބައެއް ފަރާތްތަކުން ފާޑު ކިޔާފައިވެ އެވެ.
ރޭޑިއަންޓަށް ފުރުސަތު ނުދޭން ނިންމުމުން އެކަމާ ދެކޮޅަށް ނުކުުތީ، ރޭޑިއަންޓުން ސިފަކުރާ "ނުލާއި ހުދުގެ ލަޝްކަރެ"ކެވެ. އެ ކްލަބްގެ ސޯޝަލް މީޑިއާ ޕޯސްޓްގައި ބުނެފައި ވަނީ މި ފަހަރު މިތިބީ ދޫ ދޭގޮތަކަށް ނޫން ކަމަށެވެ.
"މި ޖޯޝާ ނުކުޅޭތި. މި ލެޔާ ނުކުޅޭތި. ނުލާއި ހުދުގެ ލަޝްކަރު މިތިބީ މިފަހަރު ދޫދޭކަށް ނޫން،" ރޭޑިއަންޓްގެ ފޭސްބްކް ޕޭޖްގައި ލިޔެފައިވެ އެވެ.
އެފްއޭއެމް އިން ރޭޑިއަންޓް ކްލަބަށް އެންގި އެންގުމާ ގުޅިގެން ނިއު ރޭޑިއަންޓްގެ ފޯރިގަދަ ސަޕޯޓަރެއް ކަމަށްވާ އަހްމަދު އާސިމް (އާއްކޮ ގުރާ) ބުނެފައި ވަނީ މައްސަލައަކީ އެފްއޭއެމް އަށް ހަޖަމް ނުވުން ކަމަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ ވެލެންސިއާގެ ކުރީގެ ނައިބު ރައީސް އެވެ. އަދި އެފްއޭއެމްގެ ޑެޕިޔުޓީ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ ޝިބާއު (ޝިބާ) އަކީ ވެލެންސިއާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އެވެ. ނިއު ރޭޑިއަންޓުގެ ބައެއް ސަޕޯޓަރުން ބުނި ގޮތުގައި ވެލެންސިއާގެ ކުރީގެ ހިންގުންތެރިން އެފްއޭއެމްގައި ތިބެ މަސައްކަތް ކުރަމުން ދަނީ ނިއު ރޭޑިއަންޓުގެ ސަޕޯޓަރުން އަލުން ގަލޮޅު ދަނޑަށް ވަނަ ނުދިނުމަށެވެ.
"އެފްއޭއެމް އަކަށް ހަޖަމެއް ނުވި،" ނިއުގެ ސަޕޯޓަރު، އާސިމް ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ. "ދެން އެހެންވީމަ ވެލެންސިއާ ސެލަރީގެ ނަމުގައި ދޯ ކްލަބެއް ހަދަންވީ. ފުޓްބޯޅަ ތިއޮތީ ކުރި އަރާފައި."
ނިއު ރޭޑިއަންޓްގެ ސަޕޯޓަރުން އެޓީމުގެ މެޗެއްގައި އުފާފާޅު ކުރަނީ --- ފައިލް ފޮޓޯ
"ރަޖިސްޓްރީ ކުރި ގައިމު. ނަމާއި ލޯގޯ ވެސް ފާސްވި. ދެން (މި ހުރިހާ ކަމެއް މި ކުރިމަތި ކުރީ) ކުޅުންތެރިން ސޮއިކުރި ފަހުން،" ޖޯއީ އިމޯޖީއެއް ލުމަށް ފަހު ސޯޝަލް މީޑިއާގައި ނިއު ރޭޑިއަންޓުގެ ހާޑްކޯ ސަޕޯޓަރެއް ކަމަށްވާ އަބްދުﷲ ޝަރީފް ޕޯސްޓްކޮށްފައިވެ އެވެ.
ނިއު ރޭޑިއަންޓުގެ ސަޕޯޓަރުންނަށް ހާއްސަކޮށް ހަދާފައިވާ ސަޕޯޓަރުންގެ ގުރޫޕްތަކުގައި އެންމެ ހަރަކާތްތެރި މެންބަރަކީ ވެސް، ރ. ކިނޮޅަހަށް ނިސްބަތްވާ އަބްދުﷲ އެވެ.
ނިއު ރޭޑިއަންޓްގެ ކުރީގެ ބޯޑް މެންބަރު އަހްމަދު ޝިޔާމް މުހައްމަދު ބުނެފައި ވަނީ ނޫ އަދި ހުދުގެ ސަޕޯޓަރުން އެނބުރި އަންނާނެ ކަމަށެވެ.
ހާދަ މަތީ ތަނެކޭ އެފްއޭއެމް އަކީ. ވަރަށް ސަލާމް،" ސޯޝަލް މީޑީއާގައި އޭނާ ލިޔެފައިވެ އެވެ. "ވައިޓް އެންޑް ބްލޫ ސަޕޯޓަރުން އެނބުރި އަންނާނެ. ބަލަމާ ހިނގާ (އެފްއޭއެމް) އަށް ކިހާ ދުވަހަކު ތިހެން ތިބެވޭތޯ."
ރޭޑިއަންޓް ކްލަބަކީ، ނިއު ރޭޑިއަންޓް ރަމްޒުކުރާ ކްލަބެއް ކަމަށް އޭއެފްސީން ބުނާ އެއް ސަބަބަކީ، އެ ކްލަބުގެ ބޯޑުގައި ޗެއާމަން މުހައްމަދު ވާސިފް އާއި ޒަހީނުއްދީން ސައީދު އިންނެވުން ކަމަށް އެފްއޭއެމުން ބުނެ އެވެ. ވާސިފް އާއި ޒަހީން އަކީ ނިއު ރޭޑިއަންޓް ސަސްޕެންޑްކުރި ފަހުން އެ ކްލަބަށް އިންތިހާބުކުރި ބޯޑު މެންބަރުންނެވެ.
އެފްއޭއެމުން އެގޮތަށް އެންގުމުން، ނިއު ރޭޑިއަންޓުގެ ބައެއް ސަޕޯޓަރުން ވަނީ މުޒާހަރާކޮށްގެން ވެސް މިކަން ހުއްޓުވަން ގޮވާލައިފަ އެވެ. ނިއު ރޭޑިއަންޓުގެ ސަޕޯޓަރު، އަހްމަދު މުބީން ސޯޝަލް މީޑިއާގައި ލިޔެފައި ވަނީ މުޒާހަރާ ކުރަން ފަށަން ތައްޔާރުވާން ވެއްޖެ ކަމަށެވެ.
ސާމީ އަބްދުﷲ ކިޔާ މީހަކު ބުނެފައި ވަނީ މިކަން މި ހިސާބުން ނިންމާލާނީ ކުރިއަށް ވުރެ ގަދަކޮށްފައި ކަމަށެވެ. އަލީ ރަޝީދު އަހްމަދު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ދަނޑަށް ސަޕޯޓަރުން ވައްދަން ބޭނުންވާއިރު ނުލާއި ހުދު ޓީމެއް ހެދިޔަސް ބިރު ގަންނަ ކަމަށެވެ.
ނިއު ރޭޑިއަންޓް ސަޕޯޓަރުން އެޓީމު ކުޅުނު މެޗަކަށް ހާޒިރުވެ
"ސަޕޯޓަރުން ވައްދަން ބޭނުންވޭ. އެކަމަކު ނުލާއި ހުދު ހިމެނޭހެން ކުލަބެއް އުފެދުނަސް ކުޅިވަރުގައި ބައިވެރިއެއް ނުވެވޭ. ހަގީގަތަކީ ނުލާއި ހުދު ފިޔަވައި ބޯޅަ ދަނޑަށް ދިރުން ގެނެވޭނެ ސަޕޯޓަރުންނެއް ނެތްކަން،" އަލީ ރަޝީދު ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.
ގިނަ ބައެއްގެ ފޭސްބުކް ޕްރޮފައިލް ފޮޓޯގެ ގޮތުގައި ވަނީ ރޭޑިއަންޓުގެ ލޯގޯ ލައިފަ އެވެ. ރޭޑިއަންޓުން ބުނީ އެ ކްލަބުގެ ފޭސްބްކް ޕޭޖް އެންމެ ބޮޑަށް އެންގޭޖްވީ ވެސް މިދިޔަ ދެ ދުވަހު ކަމަށެވެ. ނިއު ރޭޑިއަންޓުގެ ސަޕޯޓަރުުންގެ އިތުރުން ކުރިން ފުޓުބޯޅައިގައި މަސައްކަތް ކުރި ފަރާތްތަކުން ވަނީ ރޭޑިއަންޓަށް ހެޔޮ އެދުންތައް ރައްދުކޮށްފަ އެވެ.
"މި ޕޭޖް ހެދިތާ އަދި މަހެއް ނުވާނެ. އެއްވެސް ބޫސްޓެއް ވެސް ނުކުރަން. އެކަމަކު މިދިޔަ ދެ ދުވަހު ވެސް ޕޭޖުގެ އެންގޭޖްމެންޓްސް އުޅެނީ 60،000 އިން މަތީގައި،" ވާސިފް ވިދާޅުވި އެވެ.
ނިއު ރޭޑިއަންޓަށް އެހީ ހޯދުމަށް ހިންގި ހަރަކކާތްތަކުގެ ތެރެއިން އެޓީމުގެ ސަޕޯޓަރުން
ނިއު ރޭޑިއަންޓްގެ ސަޕޯޓަރުން ފާހަގަކުރެވެނީ، ޒަމާނުން ސުރެ ކްލަބް ލޯބީގައި އަބަދުވެސް ފޯރިގަދަ ބައެއްގެ ގޮތުގަ އެވެ. ކުރިން ސަޕޯޓަރުންގެ އަމިއްލަ ހަރަދުގައި ބިދޭސީ ކުޅުންތެރިންނަށް މުސާރަ ދިނުމަކީ ނިއު ރޭޑިއަންޓްގެ މާޒިގައި އެ ކްލަބްގެ ސަޕޯޓަރުން އަދާކޮށްފައިވާ ހިދުމަތްތަކެވެ.
ރޭޑިއަންޓް ކްލަބްގެ ޗެއާމަން، ވާސިފް އެ ކްލަބުގެ ސަޕޯޓަރުންނަށް އިލްތިމާސް ކުރެއްވީ މާޔޫސް ނުވުމަށެވެ. އޭނާ ވިދާޅުވީ އަބަދުވެސް އެފްއޭއެމުން ނިއު ރޭޑިއަންޓުގެ ސަޕޯޓަރުންނާ މެދު ތަފާތު ކުރުން ގެންގުޅޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަޕޯޓަރުން ކައިރިން އަޅުގަނޑުމެން އެދެނީ މާޔޫސް ނުވުމަށް. ގޮންޖެހުންތަކާ އެކު ވެސް މިފަހަރު މިކަން ކާމިޔާބު ކުރެވޭތޯ އަޅުގަނޑުމެން މިތިބީ މަސައްކަތް ކުރަން. މި އަހަރުގެ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ވެސް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަން،" ވާސިފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންނަމާ
24 April 2022
ނީއު ރޭޑިއަންޓްގެ ސަޕޯޓަރުން ފަންޑެއް ހަދާފަ ފައިސާ އެއް ކުރަން ވީނު ދަރަނި އަދާކޮށްލާން. މާ ވެސް އެންމެ ކުޑަ އިރުންސުރެ ތާއީދު ކުރި ބްލޫ ޓީމް، ލީގުން މުސާރަ ޔާ ހެދި ސަސްޕެންޑް ކުރީމަ ހާދަ ދެރަވެއޭ. ސަޕޯޓަރުންނަށް މިވަރު ކަމެއް ނުކުރެވޭންޔާ ސަޕޯޓަރުންނޭ ނުކިޔާ ތިބޭ!
ކޮމެންޓޭ1
21 April 2022
ތިޔަހާ ސަޕޯޓަރުން ގިނައިއްޔާ ނިއުގެ ދަރަނި ދައްކާލާފަ ހަމަ ނިއުގެ ނަމުގަ ނިކުންނަންވީނު. ކޮބާ މައްސަލައަކީ. އެތައްބައެއްގެ ހައްގުތަް ހިފަހައަޓާފަ އެމީހުންނަށް ދޭންވާ ލާރި ނުދީ އެހެން ނަމެއްގެ ޚަރަދު ކުރަން ވީމަ ރުފިޔާ އެބަހުރޭ.
ރީނދޫ
21 April 2022
އާން ދޯ... މާގިނަ ލާރިއެއްވެސް ނޫނޭ . ދެން ދައްކާލާފަ ނިއު ނެރެންވީއެއްނު. ކޮބާ ހެންވޭރުގެ ޖާނުން ފިދާވާ މަސްވެރިން
ޑައިރީ
21 April 2022
އެންމެ ގިނަމަސްވެރިން އުޅެނީ ހެއްވޭރުގަ. ޢެއީ މަސްވެރި އަވަށެއް.
މުސާރދީ
21 April 2022
ކަލޭމެން ކުލަ ބަދަލުކޮށްލާގެން ނުކުތަކަސް ކަމަކު ނުދާނެ، އެތައް ބައެއްގެ ހައްޤަށް އަރާގަނެވިފަ ތިތިބީ!! މީސްމީހުނަށް ދޭންޖެހޭ ފައިސާދީ ހަލާސްކުރޭ، ރީތި ގޮތުގާ ކަންކަން ކުރަން ދަސްކުރަން އެބަޖެހޭ، ދިވެހިންވީމަ، ހާދަ ގޮތެއް ފޮތެއް ނެތޭދޯ. ތިހެން އެފްއޭއެމަކާ ނުކުޅެވޭނެ، މުސާރަތައް ދީ ނިންމާ. ދަރަނިތައް އަދާކުރޭ.
ރަދީފްއޮފިޝަލް
21 April 2022
ކުލަ ގްރޫޕްގެ ކްލަބްގެ ފޭނެއް ދޯ.މަހަށް ދޭބަލަ ބްރޯ.
އުނިމާސްޓާ
21 April 2022
މިއީ ހަމަ ކަޑައެޅިގެން ނިއުރޭޑިއަންޓްކަން އެގޭ. ނިއުރޭޑިއަންޓުންވެސް މިކަހަލަ ފީކަޅާކަންތައް ނުކޮށް، ދައްކަންހުރި ދަރަނިތައް ދައްކާ ޚަލާސްކޮށްފައި ކުޅެން އާދެބަލަ. ހަމަ ގަދަވިއްދާފައި، ދަރަނިވެސް ނުދައްކާން، ތިޔައީދެން ކޮން ސަކަރާތެއް؟ މިއީތަ ލެޖެންޑްރީ ކްލަބެއް އުޅެންޖެހޭގޮތަކީ؟ ކުޑަމޫސަމެން، އަންދަރޭމެން، ކަލީމުމެންފަދަ އެތައް ލެޖެންޑުންނަށްވެސް ހުރި ހުތުރަކަށް ކްލަބްވެގެން މިދިޔައީ. މިކަހަކަ ދެބޯގެރި ނުދުއްވާ.
ސުމިތު
21 April 2022
7މިލިޔަން ހޯދަށް ހުރިހާ ސަފޯޓަރުން އަތުކުރި އޮޅާލަށް ހިގާ. ކާމިޔާބުވާނެ. ބަންސާމަށް ފަޅޯ ގަންދޭށް.
ރަދީފްއޮފިޝަލް
21 April 2022
14000 ރައްޔަތުން ، ކޮންމެ މީހަކު 500 ދިނީމަ ހަމަ ކުރެވޭނެ.އަހަރެން ދޭނަން 3000 ރުފިޔާ.(ޔަޢުނީ އަހަރެން މިއީ 6 މީހުން) ހެހެހެހެ
ކޮލަ
22 April 2022
ބައްސާމަށްތަ ފަޅޯކާންދޭންވީ؟ ދޭންޖެހޭމީހުނަށް ލާރިދީބަލަ
ސަފޯޓަރ
21 April 2022
އުފެދުނި ރޭޑިޔަންޓް ކުލަބު ފުލޯކުރޭ 60 ހާހަށް ވުރެމަތިން. އެކަމް އެފްއޭއެމް ފުލޯވަރުން އުޅެނި 50ހާސް އަށް ވުރެ ދަށުގަ. މިވެސް ލައްކަ ވާހަކަ. ަ
ރަދީފްއޮފިޝަލް
21 April 2022
އެފްއޭމްގެ ތިބި މީހުންނަށް އަބަދު އެގޮނޑި ތަކުގެ ތިބެވޭނެކަމަށް ހީކުރާނަމަ އެއީ ވަރަށް ބޮޑު ކުށް ހީއެއް.
ނޮޓްދެމް
21 April 2022
އެފްއޭއެމް ކުށްވެރިނުކޮށް ނުވަތަ އެމީހުންނަށް ބިރުނުދައްކައި ތި ދަރަނިތައް ދައްކާ ހުސްކުރަންވީނު؟ ނިއުއަށް ދަރަނި ނުދެއްކުނީމަ ކުށްވެރިވާންވީ ފީފާ، އޭއެފްސީ އަދި އެފްއޭއެމްތަ؟ ދިސް ނިއުރޭޑިއަންޓް ސާގާ އިޒް އަ ޝޭމް.
ތެދެއްނު
21 April 2022
ގޮނޑީގައި ތިބި މީހުންތަ ބޭރުން މީހުން ގެނެސް ލާރި ނުދީ ފޮނުވާލީ
ރަށްއިތުމީހާ
21 April 2022
އަހަރަމެން ފަހުރުވެރިވަން ނިއުގެސަފޯޓަރުން ތި ކުރާ ހިތްވަރަށް. ސާބަސް އެއްމެ ތަންފުކެއްވެސް ފަހަތަށް ނުޖެހޭތި. މާޔޫސް ނުވެ ކުރިޔަށްދޭ ކާމިޔާބުވާނެ. އިންސާ ﷲ. ތީ ފިސާރިސަފޯޓަރުން ތަކެއް..
އާރީ
21 April 2022
ބަންސާމަށް ވެސް އަދި ވާދަވެރި ކުލަބުތަކަށް ވެސް ހަޖަމް ނުވެގެން މިފަހަރު ވެސް މިކަން ހުއްޓްވަން މި އުޅެނި. ހަގީގަތަކީ ދިވެހި ފުޓްބޯޅައިގެ ލޭނާރަކީ ނިއުގެސަފޯޓަރުންކަން. ނިއުގެ ސަފޯޓަރުންނާއި ނުލާ ގެއްލިފައިވާ ފުޓްބޯޅައިގެ ފޯރިނުނެގޭނެކަން. ދަނޑަށް މީހުން ވެސް ނުވާނެކަން.
ހިރަން
21 April 2022
ހުރިހާ ލޭނާރުތައް ގުޅިގެން ފައިސާކޮޅު ދައްކާލަން ވީއެއްނު. މީހުންގެ ހައްގަށް އަރައިގެންފަ، ކޮން އަމިއްލަ ހައްގެއްތަ އޮންނާނީ. ލަދެއްވެސް ނުގަނެއޭ.
ގޯހޯ
22 April 2022
ލޭނަރުންތަ މީހުނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީގެން މިއުޅެނީ
ވަޖަމް
02 May 2022
ފޯރިނެގުން ބަރާބަރު. ތިފޯރީގައި ދަރަނިތައް އަދާކުރަން ނިކުންނަންވީނު؟ ނޫނީ ކްލަބް ތިހާލަތައް ގެންދިޔަ މީހުން ޒިންމާކޮށް އެފައިސާ އެމީހުން އަތުން ހޯދަންވީނު؟