ފެނަކަ ކޯޕަރޭޝަނުަން ވަޒީފާ ހަމަޖެއްސި މީހުންނާ އެކު ރައީސް ޔާމީންގެ ދެކަނބަލުން ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
25 ޑިސެމްބަރ 2016 - 11:24
ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ހަމަޖައްސައިދީފި އެވެ.
އެކި ރަށްތަކުން ވަޒީފާ ހަމަޖައްސައިދިން 79 ފިރިހެނުންނާއި 21 އަންހެނުންގެ ތެރޭގައި ހިމެނެނީ އުފެދުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކި ހާދިސާތަކާ ގުޅިގެން ނުކުޅެދުންތެރިކަން ލިބިފައިވާ މީހުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުންޏެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަޒީފާގެ ލިއުން އެ މީހުންނާ ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ އެ ކުންފުނީގެ އެކި ބްރާންޗްތަކުން 100 މީހަކަށް ވަޒީފާ ހަމަޖެއްސީ ހާއްސަ އޮޑިޓެއް ހަދާފައި ކަމަށެވެ. ވަޒީފާ ހަމަޖެއްސީ އެ މީހެއްގެ ގާބިލްކަމާއި އަދާކުރެވޭނީ ކޮން ވަޒީފާއެއްތޯ ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އޮޑިޓް ސްކިލްއެއް ހަދައި އެންމެ އެކަށީގެންވާ ގޮތެއްގައި ހަރަކާތްތެރިވެވޭނެ ގޮތްތަކަކަށް ބަލާފައި ވާނެ. އެ މީހެއްގެ ހުނަރަކާ ގުޅޭ ވަޒީފާއެއް ހަމަޖައްސަން އިސްކަން ދީފައިވާނެ،" ޝަރީފް ވިދާޅުވި އެވެ
އެކި އިދާރާތައް ގުޅިގެން، ޝަރީފް ވިދާޅުވި ގޮތުގައި، އެ މީހުންނަށް ތަމްރީނުތައް ވެސް ކުރިއަށް ގެންދާނެ އެވެ.
ފެނަކަ އިން ވަޒީފާ ހަމަޖެއްސި މީހަކަށް ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ލިއުން ހަވާލުކޮށްދެއްވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އަލަށް ވަޒީފާ ހަމަޖެއްސި މުވައްޒަފުންނަށް، ފެނަކައިގެ އެހެން މުވައްޒަފުންނާ ތަފާތުކުރުމެއް ނެތި ލޯތްބާއި އޯގާތެރިކަން ކުންފުނީގެ ތެރެއިން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ޝަރީފް ދެއްވި އެވެ.
ޖެންޑަ މިނިސްޓަރު އައިޝަތު ޒެނީޝާ ޒަކީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގެ ތެރޭގައި، އެ މީހުންނަކީ ވެސް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ އަދި ސިޔާސީ ގޮތުން ވެސް މުޖުތަމައުގެ އެކި ކަންކަމުގައި ހިއްސާވެވޭނެ ބައެއް ކަމުގައި ހެދޭނެ ގޮތްތައް ހޯދަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން އެކި ދާއިރާތަކުގައި ބައިވެރިވެރިކުރުމަކީ، ޒެނީޝާ ވިދާޅުވި ގޮތުގައި، ގައުމީ ތަރައްގީ އަށް ކުރިއެރުން ލިބޭނެ ކަމެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމުގައި ފެނަކަ ނަމޫނާއަކަށް ބަލައި އެހެން އިދާރާތަކާއި ކުންފުނިތަކުން ވެސް މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުސޮރު
25 December 2016
ރައްފުށު ރައްޔިތުން އަތުން ބޮޑުރޭޓްގައި ފީނަގާފައި ރަނގަޅު ހިދުމަތެއް ނުދެވޭތާގައި ކޮން ސިޔާސީ ސްޓަންޓެއް!!!
ޝާމް
25 December 2016
މުޖުތަމައުގައިތިބި ހުރިހާ ނުކުޅެދޭ މީހުން، ބަލިމީހުން، ފަގީރުން، އެކަނިވެރިމައިން، ވަޒީފާއަކަށްނުދާ ޒުވާނުން، ތައުލީމުނެތް ކުދިން، މަސްތުވާތަކެތިބޭނުން ކުރާ މީހުން، ޖަލުތަކުގައި ތިބި މީހުންނަށް ވަޒީފާ ދިނުމަކީ ގައުމެއްގެ ގޮތުގައި ކުރުން އެންމެ ރަނގަޅުކަންތައްތޯ؟ ދުނިޔޭގެ ކޮން ގައުމެއްގައި މިގޮތައްވަޒީފާދެނީ. ސުވާލަކީ މިގައުމުގެ ރައީސްގެ ހެޔޮފުޅުކަންތޯމީ ނޫނީ އެހެން ކަމެއްތޯ؟ ވަޒީފާގެ ބާޒާރަކީ ސަރުކާރުން ބަހާ ބާޒާރަކަށް ވެއްޖެނަމަ ގައުމެއް ކުރިއެއްނާރާނެ. މުޖުތަމައުގައިއުޅޭ ނުކުޅެދުންތެރި ކުދިންނަށް އެލަވަންސާއި އެހެނިހެން އިނާޔަތްތައް ދިނުމަކީ ރަނގަޅުކަމެއް. ފަހު ސުވާލު. މަނިކުފާނުގެ ސަރުކާރުން ތިކުދިންނަށް ނައިބު ރައީސްކަން ނޫނީ މިނިސްޓަރކަން ދޭނެތޯ؟ ނުދޭނެނަމަ ސަބަބަކީ ކޮބައިތޯ؟ ކޮންމެ މަގާމެއްގައިވެސް ހުރީ އެއްކަހަލަ ސަބަބުތަކެއް ނަންތައް ތަފާތުވީ ކަމުގައިވިޔަސް.
GAN Island
25 December 2016
ފެނަކަ ކޯޕަރޭޝަނަށް ތިޔަ ވެއްދި ކުދިންނާއި މީހުންނަކީ ''ޖިސްމާނީ ބަލިކަށިބައެއް'' ކަމުގައި ވާތީ ''ނުކުޅެދުންތެރި'' ބައެއްކަމަށް ބުނާ މީހުން ވިސްނާލަބަލަ ތިމާމެން ދައުލަތުގެ މުހިންމު މުއައްސަސާ ތަކަށް އައްޔަން ކުރައްވާފައި ތިއްބެވި ''ކުޅެދޭ'' މީހުންނާއި މެދު. . . . . Ministry of Foreign އަށް ބެލި ކަމުގައި ވިޔަސް Ministry of Finance އަށާއި Ministry of Tourism އަށް އަދި ސިއްހަތާއި ބެހޭ މިނިސްޓްރީ ގައި ތިއްބެވި ''ކުޅެދޭ'' މީހުންގެ Academic ހާލަތަށް އަދި ކަމާއި ބެހޭ ތަޖުރިބާ އާއި ފަންނު އެގިވަޑައިގަންނަވާ މިންވަރަށް ބަލާފައި ''އެއީ ކުޅެދޭ ބައެއް'' ކަމަށް ޤަބޫލު ކުރަން ކެރިވަޑައިގަންނަވާނެތޯ ؟؟
މަރުހަބާ
25 December 2016
އެމްޑީ ޝަރީފް ފެނަކަ ޚޯޕަރޭޝަނާ ހަވާލުވި ފަހުން އެކުންފުނި ވެގެން މިދަނީ ނަމޫނާ ކިންފުންޏަކަށް.
ކުޑަދޫއަހްމަދު
25 December 2016
މިއީ ސިޔާސީ ސްޓަންޓެއް. ސިޔާސީ ނުކޮށް ނުކުޅެދުންތެރި ބޭފުޅުންނަށް ހުރިހާ ދާއިރާއަކުންވެސް ވަޒީފާގެ ފުރުސަތު އޮންނަ ސިޔާސަތެއް ވަރަށް މުހިއްމު. މިއީ އިންތިހާބާއި ކައިރިކޮށް ކިޔާލެވޭނެ ކަލައެއް ކުރީން ބައިން ދޮންކޮން ފައްކާކޮށްލީ. ނަމަވެސް އުފާކުރަން، އަޅުގަނޑުމެންގެ އަޙުންނާއި، އުޙުތުންނަށް ތިފަދަ ފުރުސަތެއް ލިބުނު ކަމަށްޓަކައި
ޢަބްދުﷲނާފިޒު
25 December 2016
އިންތިޚާބު އޮޅާލާ، ވަޒީފާ ދިނަސް ވޯޓު ދޭކަށް ނުޖެހޭ، ދޭނެކަމެއް ނުދޭތި ކީއްކުރަން........
އަބްދުއްލާ އަލީ
25 December 2016
ވަގުތގެ މިހަބަރު ކިޔާލުމުން ހީވަނީ ސަދަގާތް ފައުންޑޭސަނާ ފެނަކަ ޔާ މިއީ އެއްބަނޑުއެއްބަފާ ދެބެންހެން ، ފެނަކައިން މިދެވުނީ ސަދަގާތް ފައުންޑޭސަނުގެ ވަޒީފާތަކެއްހެން . ސަދަގާތް ފައުންޑޭސަނުން ކަންކަން ގެންދަވާގޮތުން ދަިވެހި ގިނަ ރައްޔިތުން ޔާމީނަށް ނަފްރަތު ކުރާގޮތް ހައްތާ ދަނީ ބޮޑުވަމުން
އޮޕްޓިމިސްޓް
25 December 2016
މިކަހަލަ ކަންތައްތަކުން އެބަ އެނގޭ މިއީ މުޅިން ގޯސް ސަރުކާރެއް ނޫންކަން. ސަރުކާރުން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް ތަރުހީބުދޭންޖެހޭނެ
ފުނޯސް
25 December 2016
މީމީހުންގެ މުސާރަ ކިހާވެރެއްތޯ؟ މ. މުލަކުގަހުރި އެމްޑަބްލިއު އެސްސީ އޮފީސް ފެނަކައަށް ބަދަލްކޮށް، ގާތްގަޑަކަށް -/9000 ރުފިޔާ ލިބެމުންދިޔަ މީހުންގެ މުސާރަ -/2500 ރުފިޔާއަށް ހެދި. ވަރަށް ރީތިވެފަ ސަޅި ވެއްޖެއެއްނު. ވަރަށް އޯގާތެރިއެއްނު. ވަރަށް އިޚުލާސްތެރިއެއްނު. ފޮޓޯ ވަރަށް ހިތަގައިމު. ކީއްވެބާ ސޮދަގާތުު ފައުންޑޭޝަނުގެ ނަން ނުގެނައީ.
އަބްދުއްލާ އަލީ
25 December 2016
ސްޓެލްކޯ އަކީ ވެސް ފެނަކަ އަކީ ވެސް ތެޔޮ އިމްޕޯޓް ކުރާ ބައެއް ނޫން ތެޔޮ ހިތަދޫއަށް ގެންގޮސްދޭ ފަރާތުން އިންޖީނުގެއާ ހަމަޔަށް ތެޔޮ ގެންދާ ހަރަދު ނަގާ މާލ ސްޓެލްކޯ އަށް ބޭނުންކުރާ ތެލުގެ ކިތައް % ތޯ ހިތަދޫގެ އިންޖީނުގެ އަށް ބޭނުންކުރަނީ އަދި ދަތުރު ހަރަދު ކޮބާ ؟ ހިތަދޫ ބަޔަކު ތެޔޮ ހިތަދޫ އިންޖީނުގެ އަށް މާލޭގެ ސްޓެލްކޯ އަށް ފޯރުކޮށްދޭ އަގުން ފޯރުކޮށް ދީފިނަމަ މާލޭ ގެ ގެތަކަށް ކަރަންޓް ދޫކުރާ އަގުތަކަށް ކަރަންޓް ދިނުމަށް ފެނަކަ ވެސް ތައްޔާރުވާނެ ކަން ޔަގީން.
އަހަރެން
25 December 2016
މީ ވަރަށް ރަގަޅު ކަމެއް. މީރާފަދަ މުއައްސަސާތަކުންވެސް ފެނަކަ ނަމޫނާއަކަށް ނެގުން ރަގަޅުވާނެ. ކުދިން ވަޒީފާއަށް ވައްދާފަ ޕްރޮބޭޝަން މުއްދަތުގެ ތެރޭގައި އެއީ ތެލެސީމިޔާ ލޭއަޅާ ކުދިންކަން އެގޭހިސާބުން މަޖުބޫރުކޮށްގެން ވަޒީފާއިން ވަކިކުރުވުމުގެ ބަދަލުގަ އެފަދަ ކުދިންނަށްވެސް އަދާކުރެވޭނެ ކޮންމެވެސްކަހަލަ ވަޒީފާއެއް ދީގެން ގެންގުޅެން މީރާގެ ވެރިންވެސް ދަސްކުރަން އެބަޖެހޭ.