ދީމާ އާއި ރަފާ، ސައުތު އޭޝިއަން ގޭމްސްގައި ކުޅުނު މެޗެއްގެ ތެރެއިން: މާދަމާ އެ ދެކުޅުންތެރިންގެ ފުރަތަމަ މެޗުގައި ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށް --- ފޮޓޯ: އެމްއޯސީ
08 މެއި 2022 - 23:58
ރާއްޖޭގައި މާދަމާ ފަށާ، ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޝެމްޕިއަންޝިޕްގައި ރާއްޖޭގެ ފުރަތަމަ ދެ މެޗު ސްރީ ލަންކާ އަދި ޕާކިސްތާނާ ދެކޮޅަށް ވާދަކުރަން ޖެހިއްޖެ އެވެ.
ކެޑޭޓްގެ ފިރިހެން ކެޓަގރީގައި މާދަމާ 10:15 ގައި ލަންކާ އާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި ޖޫނިއާ އަންހެން ކެޓަގަރީގައި މާދަމާ 11:25 ގައި ރާއްޖެއިން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެ މެޗުގައި ރާއްޖޭގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ، ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމު ކުޅޭނެ އެވެ. ހަމަ އެގަޑީގައި ރާއްޖޭގެ ޖޫނިއާ ފިރިހެން ޓީމު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނެ އެވެ. މެންދުރު ފަހު 12:40 ގައި ރާއްޖޭގެ ކެޑޭޓް އަންހެން މެޗުގައި ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.
މެންދުރު ފަހު 1:50 ގައި ޖޫނިއާ ފިރިހެން ޓީމު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ހަމައެގަޑީގައި ރާއްޖޭގެ ޖޫނިއާ އަންހެން ޓީމު ދެވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނާނެ އެވެ. ރާއްޖޭގެ ކެޑޭޓް ބޯއީސް ފިރިހެން ދެވަނަ މެޗުގައި ހަވީރު 3:05 ގައި ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ކެޑޭޓް އަންހެން މެޗުގައި ހަމަ އެގަޑީގައި ރާއްޖެއިން ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.
މާދަމާ ހެނދުނު ޓީމު މެޗުތައް ކުޅެންފަށާއިރު ރާއްޖެއަށް މުހިއްމު މެޗުތަކެއް އެބަހުރި.އަޅުގަނޑުމެންގެ ޒުވާންޓީމަށް ހިތްވަރުދިނުމަށް މާދަމާ ހެނދުނު 10:15 އަށް ވަޑައިގެންދެއްވުން އެދެން.
— Ahmed Mahloof (@AhmedMahloof) May 8, 2022
11:15 ގަ ދީމާ އަދި ރަފާގެ މެޗުތައް ފެށޭނެ.ރަތްކުލައިގެ ހެދުމެއްގަ ވަޑައިގެންދެއްވުންއެދެން.🇲🇻🏓 pic.twitter.com/tbCwkZTa0S
މުބާރާތުގެ ކުޅުން ފަށާނީ ހެނދުނު 9 ޖަހާއިރު އެވެ. ފުރަތަމަ މެޗުގައި ނުކުންނާނީ ލަންކާ އާއި ނޭޕާލްގެ ޖޫނިއާ ފިރިހެން ޓީމެވެ. ދެވަނަ މެޗުގައި ބަންގްލަދޭޝް އާއއި ޕާކިސްތާންގެ ޖޫނިއާ ފިރިހެން ޓީމެވެ. ތިންވަނަ މެޗުގައި އިންޑިއާ އާއި ބަންގްލަދޭޝްގެ އަންހެން ޖޫނިއާ މެޗެވެ. އަދި ހަތަރު ވަނަ މެޗުގައި ޕާކިސްތާނާއި ނޭޕާލްގެ އަންހެން ޖޫނިއާ މެޗެވެ. ކެޑޭޓް ކެޓަގަރީގެ މެޗުތައް ފަށާނީ 10:15 ގަ އެވެ.
ދިވެހި ޓީމަށް ސަޕޯޓް ކުރުމަށް ވީހާ ވެސް ގިނަ ބަޔަކު ރަތް ހެދުމެއްގައި، ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލަށް ވަޑައިގަތުމަށް ޓީޓީއޭއެމުން ވަނީ އެދިފަ އެވެ. ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ ރާއްޖެ ކުޅޭ މެޗުތަކަށް އާންމުން ވަނުމުގެ މުހިންކަން ފާހަގަ ކޮށްފަ އެވެ.
ޓީޓީ ޓީމުގެ ޓްރެއިނިންގެ ތެރެއިން ރަފާ ބޯޅަ ފޮނުވާލަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"މާދަމާ ހެނދުނު ޓީމު މެޗުތައް ކުޅެންފަށާއިރު ރާއްޖެއަށް މުހިއްމު މެޗުތަކެއް އެބަހުރި. އަޅުގަނޑުމެންގެ ޒުވާންޓީމަށް ހިތްވަރުދިނުމަށް މާދަމާ ހެނދުނު 10:15 އަށް ވަޑައިގެންދެއްވުން އެދެން. މެންދުރު 11:25 ގައި ދީމާ އާއި ރަފާގެ މެޗުތައް ފެށޭނެ. ރަތްކުލައިގެ ހެދުމެއްގަ ވަޑައިގެންދެއްވުންއެދެން،" ސޯޝަލް މީޑިއާގައި މިނިސްޓަރު މަހްލޫފް ލިޔުއްވާފައި ވެއެވެ.
މުބާރާތުގެ ސިންގަލްސް މެޗުތައް ކުޅެން ޖެހޭނެ ގޮތް މާދަމާ އެނގިގެންދާނެ ކަމަށް ޓީޓީއޭއެމުން ބުންޏެވެ.
މި މުބާރާތަށް ރާއްޖެ ތައްޔާރު ވެފައި ވަނީ މީގެ ކުރިން ޓީޓީން ބައިނަލްއަގްވާމީ އެއް ވެސް މުބާރާތަކަށް ތައްޔާރު ވެފައި ނެތް ގޮތަކަށެވެ. ކްރޮއޭޝިއާގެ ދެ ކުޅުންތެރިންނާއި އެގައުމުގެ ކޯޗެއް ގެނެސް ޓީޓީ ޓީމުގެ ޓްރޭނިންތައް ކުރިއަށް ގެންދިޔަ އެވެ. މީގެ ކުރިން "މިހާރު" އަށް ދީފައިވާ އިންޓަވިއުއެއްގައި ގައުމީ ޓީމުގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޯޕޮލްސް (ކޮސްޓޯ) ބުނީ ރާއްޖޭގެ ގައުމީ ޓީމާ މެދު ދިވެހިން އުންމީދުކުރަން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
"އެއް އަހަރު ކުރިން އަހަރެން އައިސް މިކުޅުންތެރިންނާއެކު މަސައްކަތް ފެށި އިރަށް ވުރެ މާބޮޑަށް ވެސް މިކުޅުންތެރިންގެ ކުރިއެރުން ހޯދައިފި،" ގްރީސްގެ ޖުނީއާ ގައުމީ ޓީމުގެ ކުރީގެ ކޯޗުކަން ވެސް ކުރި ކޮސްޓޯ ބުނެފައި ވެއެވެ. "އަހަރެން އިސްކޮށްދިނީ މިކުޅުންތެރިންގެ ޓެކްނިކަލް ހުނަރު ރަނގަޅު ކުރުމަށް. ޓެކްނިކަލީ ކުރިއެރުން ހޯދައިފި ކަމަށް އަހަންނަށް ބުނެވިދާނެ. އެއީ ވެސް މި ޓީމާ މެދު އުންމީދު ކުރަން ޖެހޭ ސަބަބެއް."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަރު69
09 May 2022
އުންމީދުގާ ހުރީމެވެ. އެއުންމީދަށް އާރޯކަމެއް ގެނެސްދޭށެވެ. މެޗްފެށޭއިރު އަހަރެން އެތާންގާ ހުންނާނަމެވެ. ދިވެހި ޓީމަށް ސަޕޯޓްކޮށް މޮޅުވުމަށް ހިތްވަރު ދޭނަމެވެ. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ އެންމެ އެދޭ ގޮތަށެވެ. މަމެންޓީމަށް މޮޅުވާ ގޮތަށެވެ. މިއީ މަމެންގެ ފަހަރެވެ.
ޅަޑާ
09 May 2022
ދީމާ ރަފާ ދެކުދިން އަނެއްކާ ވެސް ރާއްޖެއަށް ރީތި ނަމެއް ހޯދަދޭނެކަމަށް އުއްމީދު ކުރަން