އެތުލެޓިކޯގެ ކުޅުންތެރިން އުފާފާޅު ކުރަނީ: މެޗުން މޮޅުވެ ޗެމްޕިއަންސް ލީގުގެ ޖާގައަކާ ގާތަށް އެޓީމުން ވަނީ ޖެހިލާފަ --- ފޮޓޯ: ގެޓީ އިމޭޖަސް
09 މެއި 2022 - 09:39
މެޑްރިޑް (މެއި 9) - ސުވާލު އުފެދުނު ޕެނަލްޓީ އަކުން ޖެހި ލަނޑަކާއެކު، ޗެމްޕިއަން ރެއާލް މެޑްރިޑްގެ މައްޗަށް އެތުލެޓިކޯ މެޑްރިޑުން ކާމިޔާބު ހޯދައިފި އެވެ.
މިދިޔަ ހަފުތާގައި ކުޅުނު މެޗުން ލަލީގާގެ ތަށި އުފުލާލި ރެއާލް އިން، ރޭ އެޓީމުގެ އަމިއްލަ ސިޓީގެ ވާދަވެރި ކްލަބާ ދެކޮޅަށް ނުކުތީ ބަދަލުތަކާއެކު އެވެ. އެއްވަނަ ގޯލް ކީޕަރު ޓިބޯ ކޯޓްއާގެ ބަދަލުގައި ދެވަނަ ކީޕަރު އެންޑްރީ ލުނިން އަށް ކޯޗު ކާލޯ އަންޗެލޮޓީ ފުރުސަތު ދިނެވެ. އަދި ސްޓާ ފޯވާޑް ކަރީމް ބެންޒެމާގެ ބަދަލުގައި މެޗުން ފުރުސަތު ދިނީ ލުކަ ޔޯވިޗު އަށެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެޓީމުގެ ލަނޑު ޔެނިކް ކަރެސްކޯ ޖެހީ ސުވާލު އުފެދުނު ޕެނަލްޓީ އަކުންނެވެ. އެތުލެޓިކޯގެ މެތިއުސް ކުންޔާ އަށް ރެއާލްގެ ޑިފެންޑަރު ޖީސަސް ވަލޭހޯ ފައުލު ކުރިކަމަށް ބުނެ ދިން ޕެނަލްޓީ އާމެދު ސްޕެއިންގެ ކުރީގެ ރެފްރީ އަލްފަންސޯ ޕެރޭޒް ބުރުލް ވަނީ ސުވާލު އުފައްދައިފަ އެވެ.
ލަލީގާގެ ގިނަ މެޗުތަކެއްގައި ކުރިން ރެފްރީކަން ކުރި ޕެރޭޒް ބުނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
ކަރެސްކޯ ޕެނަލްޓީ ފޮނުވާލަނީ: އެޕެނަލްޓީއާ މެދު ވަނީ ސުވާލު އުފައްދާފަ --- ފޮޓޯ: ގެޓީ އިމޭޖަސް
"ޖެހިލާފައިންލެ ވަރަށް ކުޑަ، އޭނާ ވަރަށް ކުޑަކުޑަކޮށް ނޫނީ ހިފަހައްޓާފަ އެއް ނެތް. ކުޅުންތެރިޔަކު އެވަރުގެ ކަމަކުން ނުވެއްޓޭނެ،" ޕެރޭޒް ބުންޏެވެ.
""ކުންޔާ އަށް ބޯޅަ އާ ހަމައަށް ދިއުމުގެ އެއްވެސް ފުރުސަތެއް ނެތް، ވަލޭހޯ އޭނާ ހިފަހައްޓާއިރު ވެސް ކުންޔާ ދަނީ ވެއްޓެން." .މެޗުން އެތުލެޓިކޯ މޮޅުވުމުން އެޓީމު ވަނީ ޗެމްޕިއަންސް ލީގު ޖާގަ ހޯދުމާ ގާތަށް ޖެހިލާފަ އެވެ. ޗެމްޕިއަންސް ލީގަށް އެތުލެޓިކޯ ކޮލިފައި ކޮށް ނުދެވިއްޖެނަމަ އެޓީމުގެ ކޯޗު ކަމުން ޑިއޭގޯ ސިމިއޯނީ ވަކިވާނެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާނާ
10 May 2022
ކިތަންމެ ކުޑަކޮށް ޖެހުނަސް، ބޯޅައާ ނުކުޅެ މީހާއާ ކުޅެފިއްޔާ ވާނީ ޕެނެލްޓީއަކަށް. ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ ލެގުގެ މެޗުގައި ރެއާލަށް ދިނީވެސް ހަމަ އެކަހަލަ ޕެނެލްޓީއެއް. ބެންޒީމާގެ ފައިގައި ސިޓީގެ ކުޅުންތެރިޔާގެ ފައި ކިރިޔަކިރިޔާ ޖެހިލީ. ރީޕްލޭ ތަކުރާރުކޮށް ބެލިއިރު، ބައެއް ފަހަރު ހީވޭ ސިޓީގެ ކުޅުންތެރިޔާގެ ފައި ބޯޅައިގައި ޖެހުނުހެންވެސް.