10 މެއި 2022 - 07:52
ޓެސްލާގެ ސުޕަކޮމްޕިއުޓަރުން އެ ކުންފުނީގެ ސިއްރު މައުލޫމާތުތަކެއް ވަގަށް ނެގި ކަމުގެ ތުހަމަތުގައި ކުރިން އެތަނުގައި މަސައްކަތްކުރި އިންޖީނިއަރަކަށް ދައުވާ ކުރަން ނިންމައިފި އެވެ.
މި މަހު ދޭއްގައި އެ ކުންފުނިން އިސްތިއުފާދިން އިންޖީނިއަރު، އެލެކްސެންޑާ ޔަޓްސްކޯވް އަށް ތަހުމަތުކުރަނީ އެ ކުންފުނީގެ ސިއްރު މައުލޫމާތު އަމިއްލަ ޑިވައިސަކަށް ޑައުންލޯޑްކޮށް އަދި އެ އެއްޗެހި އަނބުރާ ދޭން އެދުމުން، އެކަމާ ދެކޮޅު ހެދުމެވެ.
ޔަޓްސްކޯވް ވަގަށް ނެގި ކަމަށް ބުނަނީ އެ ކުންފުނީގެ ސުޕަކޮމްޕިއުޓާ ޓެކްނޮލޮޖީ "ޕްރޮޖެކްޓް ޑޯޖޯ" ގެ މައުލޫމާތުތަކެކެވެ.
މަޝްހޫރު މަހުޖަނު އީލޮން މަސްކްގެ ކާރު ކުންފުނި، ޓެސްލާއިން ބުނި ގޮތުގައި ޔަޓްސްކޯވް ވަނީ އޭނާ އެތަނަށް ވަޒީފާ އަށް ވަތްއިރު ފޮނުވި ސީވީގައި ވެސް ދޮގު މައުލޫމާތު ދީފަ އެވެ. ތާމަލް އިންޖީނިއަރެއްގެ ގޮތުގައި އޭނާ އެ ކުންފުނީގައި މަސައްކަތް ކުރަން ފެށީ މިދިޔަ ޖެނުއަރީ މަހު އެވެ.
"ޕްރޮޖެކްޓް ޑޯޖޯ" އަކީ ޓެސްލާ ކާރުތަކުގައި ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ މައުލޫމާތުތައް ރައްކާކުރާ ސުޕަކޮމްޕިއުޓަރެވެ.
ޓެސްލާއިން ބުނީ ކުންފުނީގެ އެއްވެސް މައުލޫމާތެއް އާންމުކުރުމަކީ މުވައްޒަފުންނަށް މަނާކަމެއް ކަން ވަޒީފާއާ ހަވާލުވާއިރު ހަދާ އެއްބަސްވުމުގައި ވެސް އޮންނާނެ ކަމަށެވެ. އެ އެއްބަސްވުމާ ޔަޓްސްކޯވް ހިލާފުވެފައިވާ ކަމަށެވެ.
އޭނާގެ އަމިއްލަ ޑިވައިސްތަކަށް މައުލޫމާތު އެއްކޮށް އަދި ޕާސަނަލް އީމެއިލް އާއި ވޯކް އީމެއިލްއާ ދެމެދު ވެސް އެ މައުލޫމާތުތައް ބޭނުންކޮށްގެން މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް ޓެސްލާ އިން ތުހުމަތުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy