ހަ ކެޓަގަރީން ރާއްޖެއިން މެޑލަް ހޯދި. ހުރިހާ މެޑަލްއެއްގައި ދީމާގެ ހިއްސާ އޮތް. އަދި ރިހި މެޑަލް ހޯދީ ވެސް އޭނާ --- ފޮޓޯ: ނިޝާން އަލީ | މިހާރު
12 މެއި 2022 - 14:24
އިންޑިއާގެ ޖެނިފާ އަތުން 3-2 ގޭމުން ފާތިމަތު ދީމާ އަލީ ބަލިވެ ރާއްޖެ އަށް ރަން މެޑަލް ނުލިބުނަސް، މި މުބާރާތުގެ ތާރީހުގައި ދީމާގެ ފަރާތުން ފެނިފައި ވަނީ ކުރި އެރުމެވެ. އިއްޔެ ރިހި މެޑަލް ހޯދުމާއެކު މިއީ ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތުގައި ދީމާ ރާއްޖެ އަށް ހޯދައިދިން ދެވަނަ ރިހި މެޑަލް އެވެ.
އޭޕްރީލް 2018 ގައި ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތުގެ ހޯޕްސް ކެޓަގަރީގައި ދީމާ ވަނީ ރާއްޖެ އަށް ރިހި މެޑަލް ހޯދައިދީފަ އެވެ. އިއްޔެ ޖޫނިއާ ކެޓަގަރީގެ ސެމީ ފައިނަލުގައި ފެނުނީ އެ މެޗުގެ ހަނދާންތަކެވެ. އެކެޓަގަރީގެ ފައިނަލުގައި ދީމާއާ ވާދަކުރި އިންޑިއާގެ ސުހާނާ އަކީ 2018 ގެ މުބާރާތުގެ ހޯޕްސް ކެޓަގަރީގެ ފައިނަލުގައި ދީމާ އާ ވާދަ ކުރި ކުޅުންތެރިޔާ އެވެ. އޭރު ހޯޕްސް ކެޓަގަރީގެ ފައިނަލް ދީމާ ބަލިކޮށް ސުހާނާ ޗެމްޕިއަންކަން ހޯދީ 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ހަތަރު އަހަރު ފަހުން އަލުން ސުހާނާއާ ވާދަކުރަން ޖެހުނު އިރު ދީމާ ވަނީ ކެޑޭޓް ކެޓަގަރީގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. ކެޑޭޓް ކެޓަގަރީގެ ސެމީ ފައިނަލް ކުޅުނުތާ 15 މިނެޓް ނުވަނީސް ސުހާނާ އާ ސެމީ ފައިނަލުގައި ވާދަކުރަން ޖެހުމުން ދީމާގެ ކިބައިން ވަރުބަލިކަން ފެނުނެވެ. ސުހާނާ ކުޅުނު ހަމައެކަނި ސެމީ ފައިނަލުގައި ސީދާ ތިން ސެޓުން އޭނާ ކާމިޔާބު ހޯދި އެވެ. އެއީ އޭނާ ރާއްޖޭގައި ދީމާ ބަލިކުރި ދެވަނަ ފަހަރެވެ.
އަންހެން ޖޫނިއާ ޑަބަލްސް އިން ލޯމެޑަލް ހޯދި ރާއްޖޭގެ ރަފާ އާއި ދީމާ މެޑަލާއެކު --. ފޮޓޯ: ނިޝާން އަލީ | މިހާރު
ޖެނިފާ އާ ދެކޮޅަށް ކުޅުނު ފައިނަލު މެޗު ފަސް ސެޓަށް ކުޅެން ޖެހުމުން މެޗުގެ ވާދަވެރިކަން ވަޒަން ކޮށްލެވެ އެވެ. ޓީޓީގެ ތަޖުރިބާކާރަކު ބުނީ ދީމާ އަށް ފަހު ސެޓް ގެއްލުނީ ޖެނިފާ ވަކި ދީމާ އަށް ވުރެ ވަރުގަދަ ވެގެން ނޫން ކަމަށެވެ.
"ކުރިން ވެސް ގިނަ މެޗުތަކެއް ފެނިފަ ހުރީ. އިއްޔެގެ ފައިނަލުގައި ދީމާ އަށް ނަސީބު ނެތީ. މިހެން މިބުނީ ކިތައް ބޯޅަ ނެޓަށް އަމާޒުވީ އެގޮތަށް ދިޔަ ބޯޅަ ތަކުން ހަ ޕޮއިންޓް ގެއްލުނު. ފަހު ސެޓްގައި އިންޑިއާގެ ކުޅުންތެރިޔާ ގިނަ ޕޮއިންޓް ހޯދީ އޭނާ ފޮނުވާލި ބޯޅަތަކަކުން ނޫން،" އޭނާ ބުންޏެވެ.
މުބާރާތުގައި ރާއްޖެއިން ހޯދި ކުރި އެރުމާމެދު ޓީޓީއޭއެމުން ހިތްހަމަޖެހެ އެވެ. ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު ވިދާޅުވީ މިފަހަރު މުބާރާތުގައި ރާއްޖެ އަށް ހާސިލު ކުރެވުނު ކަންތައްތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. މީގެ ކުރިން ޓީމު އިވެންޓްގައި ރާއްޖެ އަށް ލަންކާ ބަލި ކުރެވިފައެއް ނެތެވެ. އަދި އެއް ވެސް ކެޓަގަރީއެއްގައި އިންޑިއާގެ ކުޅުންތެރިން ބަލިކޮށް ރާއްޖެ އަށް ފައިނަލައް ދެވިފައެއް ވެސް ނުވެ އެވެ.
ރާއްޖޭގައި އިއްޔެ ނިމިގެން ދިޔަ ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަ ކުރި ރާއްޖޭގެ ބައެއް ކުޅުންތެރިން: ޓީމު އިވެންޓްގައި ޓީމު ހޯދި ކުރިއެރުމާ މެދު ޓީޓީއޭއެމުން ހިތްހަމަ ޖެހޭ --- ފޮޓޯ: ނިޝާން އަލީ | މިހާރު
ޖޫނިއާ ބައިގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރު ކުރީ ލަންކާ ބަލި ކުރުމަށް ފަހު އެވެ. ކެޑޭޓް ބައިގެ ފައިނަލަށް ދީމާ ދަތުރު ކުރީ ސެމީ ފައިނަލުގައި އިންޑިއާގެ ސަންދިކާ ބަލި ކުރުމަށް ފަހު އެވެ.
"މީގެ ކުރިން ޓީމު އިވެންޓެއްގަ ލަންކާ ބަލި ކުރުމަކީ ވެފައި ނެތް ކަމެއް. އެކަމަކު މިފަހަރު އެކަން ހާސިލު ވެއްޖެ. މިހާރު އެބަ އެނގޭ ލަންކާ ވެސް ބަލި ކުރެވޭނެކަން. އަނެއްކާ އިންޑިއާ ބަލިކޮށް ދީމާ ފައިނަލަށް ދިޔައީމަ ވެސް އެބަ އެނގޭ އިންޑިއާގެ ކުޅުންތެރިން ބަލި ކުރެވޭނެކަން،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިދިވިދިގެން ގިނަ މެޗުތަކެއް ކުޅުމަށް ފަހު ފައިނަލުގައި ވެސް އިންޑިއާ ދެކޮޅަށް ވަރުގަދަ އަށް ވާދަ ކުރުމަކީ ރާއްޖެ އަށް ހޯދުނު ކުރި އެރުމެކެވެ. ކުރިއަށް ހުރި މުބާރާތްތަކުގައި އިތުރު މެޑަލް ތަކެއް ހޯދޭނެ ކަމުގެ އުންމީދު ވެސް އޭނާ ކުރައްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏަމް
13 May 2022
މި ނޫސްވެރިން ކުޅިވަރު ހަލާކު ކުރަނީ، ފުޓްބޯޅަވެސްވީ އެހެން. މޮޅަށްކުޅެބަލިވެގެން
ށަވިޔަނި
13 May 2022
ދީމާ ތިކުރާހިތްވަރަށް ސާބަސް. އިތުރު ކާމިޔާބީތަކަށް އެދެން.
ޑިޔެ
12 May 2022
މި މުބާރާތުގައި އެންމެ ގިނަ މެޗް ކުޅުނީ ދީމާ. 16 މެޗް އެއްދުވަހު ކުޅުމަކީ ފަށޭހަ ކަމެއްނޫން. ހިތްވަރަށް ސާބަސް!
ކުއީން އޭ
12 May 2022
ބަލަ ރާއްޖެ އެކަނިތަ ވިދި ވިދިގެން ރެސްޓު ނުލިބި މެޗު ކުޅުނީ؟ ދީމާ ނެޓަށް ފައިނަލުގު ބޯޅަ ތަށް ޖެހުނީ އިންޑިއާ ކުޅުންތެރިޔާ ބޯޅަ ދީމާ އަށް ނެޓު މަތިން ފޮނުވީމަ ނޫންތަ؟ ބަހަނާ ދެއްކިދާނެ!
ޚްއީން ބީ
13 May 2022
ތިކަހަލަ ހަސަދަ މީހުން ރާއްޖޭގައި އުޅޭތީ އެއްވެސް ކަމެއް ކާމިޔާބު ނުވަނީ އެއީ އަދި ކުޑަ ކުއްޖެއް އެކުއްޖާ އެކުރި މަސައްކަތަށާއި ހޯދި ކާމިޔާބީ އަށް ޟުކުރު ވެރިވެބަލަ