ލަންކާ ސިފައިން މިދިޔަ ހުކުރު ދުވަހު ކޮލަމްބޯގެ މަގެއްގައި ހަރަކާތްތެރި ވަނީ: ޑިފެންސް މިނިސްޓްރީން ބުނީ އެލްޓީޓީއީން ހަމަލާ ދޭނެ ކަމަށް ބުނާ މައްސަލަ ބަލާނެ ކަމަށް. --ފޮޓޯ:އޭއެފްޕީ
15 މެއި 2022 - 15:22
ކޮލަމްބޯ (މެއި 15) - އެލްޓީޓީއީ އިން މި މަހު 18 ވަނަ ދުވަހު ސްރީ ލަންކާ އަށް ހަމަލާ ދޭން ރާވަމުންދާ ކަމަށް ބުނެ އިންޑިއާގެ މީޑިއާއެއްގައި ލިޔެފައިވާ ރިޕޯޓާ ގުޅިގެން އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.
ސްރީ ލަންކާގެ ޑިފެންސް މިނިސްޓްރީން ބުނީ އިންޑިއާގެ އިންޓަލިޖެންސްއާ ހަވާލާދީ "ދަ ހިންދޫ" ނޫހުގައި މި މަހު 13 ވަނަ ދުވަހު ލިޔެފައިވާ ރިޕޯޓާ ގުޅޭ އިތުރު މައުލޫމާތު ހޯދަމުންދާ ކަމަށެވެ.
"މި މަހު 18 ވަނަ ދުވަހު ލަންކާ އަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ރިޕޯޓްކުރުމާ ގުޅިގެން، އިންޑިއާގެ އިންޓެލިޖެންސް އިން އެ މައުލޫމާތު ވަނީ ލަންކާގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީފައި. އަދި އެކަމާ ގުޅިގެން ފިޔަވަޅުތައް އަޅަމުން މިދަނީ،" ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ސްރީ ލަންކާގައި މަނާކޮށްފައިވާ ލިބަރޭޝަން ޓައިގާސް އޮފް ޓަމިލް އީލާމް (އެލްޓީޓީއީ) ގެ ހަމަލާއެއް ރާވަމުން ދަނީ ގައުމުގެ އިގްތިސާދު ބޮޑު މައްސަލަތަކެއްގެ ތެރޭގައި ވަނިކޮށެވެ. ސަރުކާރާ ދެކޮޅަށް އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.
ލަންކާގެ ޑިފެންސް މިނިސްޓްރީން ބުނީ ގައުމީ ސަލާމަތާ ގުޅޭ ގޮތުން ލިބޭ އިންޓެލިޖެންސް މައުލޫމާތު އިތުރަށް ތަހުގީގުކޮށް ބަލާނެ ކަމަށާއި ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަގުޑި
15 May 2022
ތި މައްސަލަވެސް ބަލާނެ ލާރިއެއް ލަންކާ ސަރުކާރަކު ނެތޭ. ދެން ކިހިނެތް ހަދަނީ؟؟ މީ ޓައިގަރުން ލަންކާގައި ހާލިހަދަން ރަނުގެ ފުރުސަތެއް
48343
15 May 2022
އެލްޓީޓީއަކީ މާޒީވެފާވާ ޖަމާޢަތެއްނޫންތަ؟
ޑިންލީ
15 May 2022
ޢެލް.ޓީ.ޓީ އަކީ ފިކުރެއް، ފިކުރަކީ އެކަން ގަބޫލް ކުރާބަޔަކު ހުރިހާ ދުވަހަކު ދެމިގެންދާ އެއްޗެއް.