އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމު ކޯޗު ހާވިއޭ މެޝަރާނޯ: އޭނާ ވަނީ އޭނާގެ ޓީމުގެ ކުޅުންތެރިންނަށް ހާއްސަ ގަވާއިދުތަކެއް އުކުލަވާލާފަ --- ފޮޓޯ: އޭއެފްޕީ
19 މެއި 2022 - 13:58
އާޖެންޓީނާގެ 20 އަހަރުންދަށުގެ ގައުމީ ޓީމުގެގެ ކުޅުންތެރިންނަށް، އެޓީމުގެ އާ ކޯޗު ހާވިއޭ މެޝަރާނޯ، ހާއްސަ ގަވާއިދުތަކެއް ހަމަޖައްސައިފި އެވެ.
"ކައި ނިމިގެން ތަށި ދޮވުން، ނުކުމެގެން ދަމުން ޑްރެސިން ރޫމް ސާފް ކުރުން، ފޮތް ކިޔުން، އިނގިރޭސި ދަސްކުރުން،"
މިއީ، މިއަހަރު ޖެނުއަރީ މަހު އާޖެންޓީނާގެ ޒުވާން ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސި ކުރީގެ މިޑްފީލްޑަރު މެޝަރާނޯ އޭނާގެ ޓީމުގެ ކުޅުންތެރިންނަށް ހަމަޖެއްސި ބައެއް ގަވާއިދުތަކެވެ.
ލިވަޕޫލް، ބާސެލޯނާ އަދި ވެސްޓްހޭމް އަށް ކުޅުނު މިޑްފީލްޑަރު ޒުވާން ގައުމީ ޓީމުގެ ކޯޗު ކަމާ ހަވާލުވެ އުސޫލުތަކެއް ކަނޑައެޅީ އާޖެންޓީނާގެ ޔޫތު ޑިވްލޮޕމެންޓްގެ ތެރެއިން އަރަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ޕްރޮފެޝަނަލް ލެވަލްއާ ހަމައަށް ވާސިލުވާ ކުޅުންތެރިންގެ އަދަދު މަދުވުމުންނެވެ.
"ކުޅުންތެރިންގެ ފުޓްބޯޅައިގެ ފެންވަރު މަތިކުރުމުގެ އިތުރަށް ހަރުދަނާ އިންސާނެއްގެ ގޮތުގައި ދިރިއުޅޭނެ ގޮތް ވެސް އޭނާ ދަނީ އޭނާގެ ކުޅުންތެރިންނަށް ދަސްކޮށް ދެމުން،" އާޖެންޓީނާގެ ނޫހެއްގައި ލިޔެފައި ވެއެވެ.
މެޝަރާނޯ (ވ) ޒުވާން ގައުމީ ޓީމުގެ ޓްރޭނިންގައި --- ފޮޓޯ: ގެޓީ އިމޭޖަސް
ކުޅުންތެރިން އަމަލުކުރާނެ ގަވާއިދެއް މެޝަރާނޯ ކަނޑައެޅީ ސީނިއާ ކެެރިއާ އަށް ދިއުމުގެ ކުރިން ކުޅުންތެރިންގެ ކިބައިގައި ޕްރޮފެޝަނަލް ސިފަތައް ހަރުލެއްވުމުގެ ގޮތުން ކަމަށް ވެސް މީޑީއާތަކުން ބުނެފައި ވެއެވެ.
- ކޮންމެ ދުވަހަކު ހޯމްވޯކް ހެދުން
- އިނގިރޭސި ބަސް ދަސްކުރޭ
- ޓްރޭނިން ކޭމްޕްގެ ތެރޭގައި ހޭދަކުރާ ހުސް ވަގުތުތަކުގައި ފޮތް ކިޔުން
- ޓްރޭނިން ކޭމްޕްގައި ކާގަޑީގައި އަމިއްލަ އަށް ކާއެއްޗި ގެނައުން
- ކެއުމަށްފަހު އަމިއްލަ އަށް ތަށި ދޮވުން
- މެޗު ނިންމާފައި ޑްރެސިން ރޫމް ސާފް ކުރުން
- މީޑިއާ އަށް އިންޓަވިއު ދޭން ދަސްކުރުމުގެ ގޮތުން ކޮމިއުނިކޭޝަން ވޯކްޝޮޕެއްގައި ބައިވެރިވުން
މެޝަރާނޯއާއެކު އާޖެންޓީނާގެ ޓީމު ކުރިމަތިލާ ފުރަތަމަ މުބާރަތް މިމަހު އޮންނާނެ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ޒުވާން ޓީމު ކުޅުނު ފުރަތަމަ މެޗުގައި އެމެރިކާ އަތުން އެއްވަރުވީ އެވެ. އޭގެ ފަހުން ޕެރޫ އާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy