ފިލްމުގެ ޑައިރެކްޓަރު ރުބެން އޮސްޓްލަންޑް، ފެސްޓިވަލުގެ ޝަރަފުވެރި އެވޯޑު "ޕާމަ ޑޯ" އެވޯޑާ ހަވާލުވަނީ ---- ފޮޓޯ : ވަރައިޓީ
31 މެއި 2022 - 06:49
ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމު ފެސްޓިވަލް، ކާންސް ފިލްމު ފެސްޓިވަލްގައި މިފަހަރު އެންމެ ބޮޑު ކާމިޔާބީއެއް، ޑްރާމާ ފިލްމު "ޓްރައިއެންގަލް އޮފް ސޭޑްނެސް" ހޯދައިފި އެވެ.
ސްވިޑިޝް ޑިރެކްޓަރެއް ކަމަށްވާ ރުބެން އޮސްޓްލަންޑް ތައްޔާރުކޮށްފައިވާ އެ ފިލްމު ފެސްޓިވަލުގައި އެޅުވުމާ އެކު އެ ފިލްމަށް ވަނީ 15 މިނެޓުގެ ސްޓޭންޑިން އޮވޭޝަނެއް ވެސް ލިބިފަ އެވެ.
ހާއްސަ ދައުވަތެއް ލިބިގެން ބައިވެރިވެވޭ ފިލްމު ފެސްޓިވަލުގެ ގިނަ މީހުންނަށް އެ ފިލްމު ވަރަށް ކަމުދިޔަ އެވެ. އެއާ އެކު އެ ފިލްމަށް ވަނީ ފެސްޓިވަލުގެ "ޕާމަ ޑޯ" އެވޯޑު ލިބިފަ އެވެ. އެ އެވޯޑަކީ މުޅި ފެސްޓިވަލުގެ ވެސް އެންމެ ޝަރަފުވެރި ފިލްމަށް ދޭ އެވޯޑެވެ.
މިއީ އޮސްޓްލަންޑް އަށް ބޮޑު ކާމިޔާބީ އެކެވެ. އޭނާ އެންމެ ފަހުން ފެސްޓިވަލުގަައި ބައިވެރިކުރި ފިލްމު ވެސް ވަނީ އެ އެވޯޑު ހޯދައިފަ އެވެ. އޭނާއަށް އެ އެވޯޑު ލިބުނީ 2017 ވަނަ އަހަރު ރިލީޒްކުރި "ދަ ސްކުއެއާ" އަށެވެ.
ޓްރައިއެންގަލް އޮފް ސޭޑްނެސް އަކީ ވަރުގަދަ ކާސްޓެއް ހިމެނޭ ފިލްމެކެވެ. އޭގެތެރޭގައި އެމެރިކާގެ މަޝްހޫރު އެކްޓަރު ވުޑީ ހެރިލްސަން އާއި ހެރިސް ޑިކިންސަން މި ފިލްމުގައި ހިމެނޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy