02 ޖޫން 2022 - 12:40
އަލް ޖަޒީރާގެ އަރަބި ޓީވީ ޗެނަލްގައި މަސައްކަތް ކުރާ، ފަލަސްތީނުގެ ނޫސްވެރިޔާ ޝީރީން އަބޫ އާގިލާގެ ގަޔަށް އިޒްރޭލު ސިފައިން ބަޑި ޖަހައި މަރައިލިތާ ތިން ވަނަ ހަފުތާގެ ތެރޭގައި، އިޒްރޭލު ސިފައިން ބަޑި ޖަހައި ފަލަސްތީނުގެ އިތުރު ނޫސްވެރިއަކު އިއްޔެ ޝަހީދުކޮށްލައިފި އެވެ.
އޭގެ އިތުރުން އިއްޔެ އިން ފެށިގެން އިޒްރޭލު ސިފައިން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަން ހިންގަމުންދާ އުދުވާނީ އަމަލުތަކުގައި، ބަޑި ޖަހައި ފަލަސްތީނުގެ އިތުރު ދެ ޒުވާނަކު ޝަހީދުކޮށްލައިފި އެވެ. ނޫސްވެރިޔާ އަށް ފަހު، އިއްޔެ ދެ ވަނަ އަށް ޝަހީދުކޮށްލީ ފަލަސްތީނުގެ ޖެނީން އަވަށުގައި ދިރިއުޅޭ ބިލާލް ކަބްހާ، 24، އެވެ.
އޭގެ ފަހުން މިއަދު ފަތިހު ބައިތު ލަހުމް ކައިރީގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލު ސިފައިން ހިންގި އުދުވާނީ އަމަލުތަކެއްގައި، ބަޑި ޖަހައި ފަލަސްތީނުގެ އިތުރު ޒުވާނަކު ޝަހީދުކޮށްލި އެވެ. އުމުރުން 21 އަހަރުގެ އައިމަން މަހްމޫދު މުހައިސިންގެ ފުރާނަ ދިޔައީ، އޭނާގެ ގަޔަށް ވަޒަން އެރުމުން ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ. ޑޮކްޓަރުން ބުނި ގޮތުގައި އޭނާގެ މެޔާއި ފައިގެ ފަލަމަސްގަނޑުގައި އިޒްރޭލު ސިފައިން ޖެހި ބަޑީގެ ދެ ވަޒަން ހަރުލާފައި ހުއްޓެވެ.
ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް އިޒްރޭލު ސިފައިން ވަދެގަނެ އިއްޔެއާއި މިއަދު ހިންގި އުދުވާނީ އަމަލުތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.
އިއްޔެ އެންމެ ފުރަތަމަ ޝަހީދު ކޮށްލި ނޫސްވެރިޔާ، ޣުފްރާން ވަރާސިނާއަކީ އިޒްރޭލުގެ ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅުމަށް ފަހު މިނިވަންކޮށްފައި ހުރި، ފަލަސްތީނުގެ ރޭޑިއޯ ޗެނަލެއްގައި މަސައްކަތް ކުރާ ނޫސްވެރިއެކެވެ. އޭނާގެ ގަޔަށް އިޒްރޭލު ސިފައިން އިއްޔެ ބަޑިޖެހީ، އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް ހުޅަނގު އައްސޭރީގެ ޚަލީލު ސަހަރުގެ އަލްއަރޫބް ފޭލިގެ އަވަށުގެ ކައިރިންނެވެ.
އަލްއަރޫބް ފޭލިގެ އަވަށުގެ މައި ދޮރޯށި ކައިރީގައި ހުއްޓައި ވަރާސިނާގެ ގަޔަށް ބަޑި ޖެހުމުން ވަގުތުން އޭނާ ބިންމައްޗަށް ވެއްޓުނެވެ. އެ ވަގުތު އޭނާގެ ގާތުގައި ތިބި މީހުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރުމުން، އިޒްރޭލު ފުލުހުން ވަނީ އޭނާއާ ކައިރިވުން މަނާކޮށްފަ އެވެ. އަލް ޖަޒީރާ ޓީވީން ބުނި ގޮތުގައި، ވަރާސިނާ ހޮސްޕިޓަލަށް ގެންދެވޭވަރުވީ، އޭނާގެ ހަށިގަނޑަށް ބަޑީގެ ވަޒަން އެރިތާ ބައި ގަޑިއިރު ފަހުންނެވެ.
ވަރާސިނާ ވެއްޓިފައި އޮތް ތަނަށް އޭނާގެ ގައިން ލޭތައް އޮހޮރެމުން ދިޔައިރު ވެސް، އިޒްރޭލު ސިފައިން އޭނާ އަށް ފަރުވާއެއް ދިނުމެއް ނެތި، އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް ވެސް ގެންދިޔައީ ހުރަސްއަޅަމުންނެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި ވަރާސިނާގެ ފުރާނަ ދިޔައީ، ޚަލީލު ސަހަރުގައި ހުރި ހޮސްޕިޓަލަށް ގެންދިޔަތާ ވަރަށް ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.
އިޒްރޭލު ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރަވާސިނާގެ ގަޔަށް ބަޑި ޖަހަން ޖެހުނީ، ވަޅިއެއް ހިފައިގެން ހުރެ އިޒްރޭލު ސިފައިންގެ ބަޔަކާ ދިމާއަށް އަންނަން ފެށުމުންނެވެ. ނަމަވެސް ފަލަސްތީނު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރަވާސިނާގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖެހީ އޭނާ ގެއިން ނުކުމެގެން އޭނާ މަސައްކަތްކުރާ ރޭޑިއޯ ސްޓޭޝަނަށް ދަނިކޮށެވެ. އޭރު އޭނާގެ އަތުގައި އެއްވެސް ބާވަތެއްގެ ހަތިޔާރެއް ނެތެވެ.
ވަރާސިނާގެ ގަޔަށް ބަޑި ޖަހައި މަރައިލުމާ ގުޅިގެން، އަލްއަރޫބް ފޭލިގެ އަވަށުގެ މައި ދޮރޯށި ކައިރީގައި އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ ޒުވާނުންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ދެ ފަރާތުގެ މެދުގައި ކުރިމަތިލުންތަކެއް ހިނގި އެވެ.
އިއްޔެގެ މި ހަމަނުޖެހުންތަކާ ގުޅިގެން ފަލަސްތީނުގެ ޚާރިޖިއްޔާ އިން ވަނީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އެ ކޯޓުގެ މަސްއޫލިއްޔަތުތައް ފުރިހަމަ އަށް އަދާކޮށް، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލު ސިފައިން ހިންގާ އުދުވާނީ އަމަލުތައް ތަހުގީގު ކުރުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
05 June 2022
އޭތް ރަދީފު ކަލޭހީކުރަނީތަ ދިވެއްސެއްވެއްޖެއާ ހުންނަންޖެހެނީ ސަހާރާގެ ހިރަފުހުން ސިކުޑި ތަގައްރުވެ ކަމައް؟ އަދި ކަލޭހީކުރަނީތަ ފަލަސްތީނުނޫން އެހެން މުސްލިމުންގެ ފުރާނަޔަކީ އެއްވެސް އަގެއް ހުރި އެއްޗެއްނޫކަމައް؟ ކަލޭ އެބަބުނޭ ނޭޓޯ ގައުތަކަން ނިއުލިއާ ހަމަލާދީ އަންދާ އަޅިއަން ހަދާލާށޭ! އެކަމަކު ފަލަސް ދީނުގަ އުޅޭމުސްލިމުނައް ވުރެގިނަ މުސްލިމުން އުޅޭނެ ނޭޓޯގެ މުސްލިމުން މަދު ގައުމެގަވެސް! ތިކަހަލަ ބޮލުރޮދި ކެޑިފަތިބި ދިވެހިން ތިބީމަ ހިތާމަ ކުރަން
ސަލީމު އިދުރީސް
03 June 2022
ބުއްދީގެގޮތުވެސް ތިމަންމެނައް ވުރެ ސަތޭކަގުނަ ކުރޭގައުޅޭ ދުނީއޭގަހުރި އެންމެ ޒަމާނީ ހަތިއާރު ހުރި މީހުންނާ ދިމާލައް އަމިއްލަ ނަފުސައް ނުބަލަ އޮއްގާއުކައިގެން މަރުވީމަ ސަހީދުންނޭ ކިއުމަކީ ސަހީދުންގެ ކަރާމަތާ އެކަމުގެ މާތްމަގުސަދައް ހުތުރޫވާ ކަމެއްކަމުގަ ދެކެން
ރަދީފްއޮފިޝަލް
03 June 2022
އެމީހުންގެ ބިން ފޭރިގެން ތިބި އިރު ތިބުނާ މޮޅު ހަތިޔާރު ހިފައިގެން ތިބި މީހުން ލަދު ގަނޭތަ؟؟؟
ރަދީފްއޮފިޝަލް
02 June 2022
ވަރަށް ގޮތްކުޑަ ބައެއް ތިޔާ ޔަހޫދީ ދައުލަތުގަ ތިބީ.މިކަމުގަ ބަދަލު ހިފަން ފަލަސްތީނުގެ ޒުވާނުން ނިކުންނާނެކަން ޔަގީން.ޝަހީދުވި ހުރިހާ މީހުންނަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން.