ކުޅިވަރު / ފްރާންސް ފުޓުބޯޅަ

ނޭޝަން ލީގު: ޑެންމާކުން ޗެމްޕިއަން ފްރާންސް ބަލިކޮށްފި

ޑެންމާކުގެ ކޯނޭލިއަސް ފްރާންސް ކޮޅަށް ޑެންމާކް މޮޅުވި ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (ޖޫން 4) - މިދިޔަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބު ކުރި، ދުނިޔޭގެ ޗެމްޕިއަން ފްރާންސް އިން މި ސީޒަނުގެ ނޭޝަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ޑެންމާކު އަތުން 2-1 އިން ބަލި ވެއްޖެ އެވެ.

މިއީ މިދިޔަ ހަފްތާ ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލަށް ފަހު ސްޓޭޑް ޑި ފްރާންސް ގައި ކުޅުނު ފުރަތަމަ މެޗެވެ. ނިމިދިޔަ ކްލަބް ފުޓުބޯޅަ ސީޒަނުގައި ޔޫރަޕުގެ އެންމެ ފޯމުގައި ތިބި ފޯވާޑުން ކަމަށްވާ ރެއާލް މެޑްރިޑުގެ ކަރީމް ބެންޒެމާ، 34، އާއި ޕީއެސްޖީގެ ކިލިއަން އެމްބާޕޭ، 23، އަދި ޖަރުމަންގެ އާރުބީ ލައިޕްޒިގަށް ކުޅޭ ކްރިސްޓޮފާ އެންކޫންކޫ ވެސް ވަނީ ރޭގެ މެޗުގައި ފްރާންސް ޓީމުގައި ހިމެނިގެން ކުޅެފަ އެވެ.

ބެންޒެމާ ރެއާލް އަށް 44 ލަނޑު ޖަހައިދިން އިރު އެމްބާޕޭ ވަނީ ޕީއެސްޖީގައި 39 ލަނޑު ޖަހައިފަ އެވެ. އަދި އުމުރުން 24 އަހަރުގެ އެންކޫންކޫ ވަނީ ލައިޕްޒިގަށް 35 ލަނޑު ޖަހައިދީފަ އެވެ. ކުރިން ޕީއެސްޖީ އަށް ވެސް ކުޅުނު އެންކޫންކޫ ގައުމީ ޓީމަށް ކުޅެން ފެށީ މިދިޔަ މާޗް މަހު އޮތް އިންޓަނޭޝަނަލް ބްރޭކުގަ އެވެ.

ފްރާންސް އަށް ލީޑު ނަގައިދިން ފޯވާޑް ބެންޒެމާ (19).-- ފޮޓޯ: އޭއެފްޕީ

މިދިޔަ އަހަރުގެ ނޭޝަންސް ލީގު ފްރާންސް އަށް ކާމިޔާބު ކޮށްދޭން ފައިނަލުގައި ލަނޑު ޖަހައިދިން އެމްބާޕޭ އާއި ބެންޒެމާ މެޗު ފެށި ނަމަވެސް ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ދެޓީމަށް ވެސް ލަނޑެއް ނުޖެހި އެވެ. ނަމަވެސް ދެވަނަ ހާފު ފްރާންސް އިން ފެށީ އެމްބާޕޭގެ ބަދަލުގައި އެންކޫންކޫ އަރުވައިގެންނެވެ. ނަތީޖާ އެއްގެ ގޮތުން އެންކޫންކޫގެ އެހީތެރި ކަމާ އެކު ބެންޒެމާ ފްރާންސް އަށް ލީޑު ވެސް ނަގައިދިނެވެ.

އެހެން ނަމަވެސް އެންމެ ފަހުގެ ޔޫރޯގައި ޑެންމާޚު ކުޅުނު މެޗުގައި ހިތް ހުއްޓިގެން ކުޅުމާ ދުރުގައި ހުރެ މިދިޔަ މާޗު މަހު އަލުން ގައުމީ ޓީމާ ގުޅުނު ކްރިސްޓިއަން އެރިކްސަން ފުލް ކޮށް ކުޅުނު މެޗުގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައި މެޗު ކާމިޔާބު ކޮށްފަ އެވެ.

ޑެންމާކުގެ ދެ ލަނޑު ވެސް ޖެހީ ބެންޒެމާ ފްރާންސް އަށް ލީޑު ނަގައިދިނުމުގެ މިނިޓެއް ކުރިން ކުޅެން އެރި ފޯވާޑް އަންޑްރެއަސް ކޯނެލިއަސް އެވެ. ފުރަތަމަ ލަނޑު 68 ވަނަ މިނިޓުގައި ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ ޕިއޭ-އެމީލް ހޮއިބިއޭ ތަނަވަސް ކޮށްދިން ފުރުސަތަކުން ޖެހި އިރު، ދެވަނަ ލަނޑު 88 ވަނަ މިނިޓުގައި އެޓަލާންޓާ އަށް ކުޅޭ ފުލްބެކް ޔަކީމް މޭލެ ތަނަވަސްކުރި ފުރުސަތެއްގަ އެވެ.

ޑެންމާކުގެ ކޯނޭލިއަސް (އޮށޯވެގެން) ފްރާންސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޓީމު ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޑެންމާކުން މޮޅުވި ލަނޑު ޖެހުމުގެ ކުރިން ފްރާންސްގެ އެންގޯލޯ ކަންޓޭ ފޮނުވާލި ހަމަލާއެއް ވަނީ ޑެންމާކު ގޯލު ދަނޑިއަށް އަމާޒު ވެފަ އެވެ. އަދި ޑެންމާކުގެ މިޑްފީލްޑަރު އެރިކްސަން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ފްރާންސުގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއު ކޮށްފަ އެވެ.

ފުރަތަމަ ހާފަށް ފަހު އެމްބާޕޭ ބަދަލުކުރީ އަނިޔާ ވެގެންނެވެ. ފަހު ހާފުގައި ބެންޒެމާގެ ލަނޑަށް ފަހު ޑިފެންޑަރު ރަފައެލް ވަރާން އަށް ވެސް އަނިޔާ ވެގެން ވަނީ ބަދަލު ކޮށްފަ އެވެ. އަދި ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސްގެ ބައްޕަ މި ހަފްތާ ނިޔާވެފައި ވާތީވެ، ޑިޝޭމްޕްސްގެ ބަދަލުގައި ރޭގެ މެޗުގައި ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު ގާއި ސްޓެފަން އެވެ.

ނެދަލެންޑްސް އިން ބެލްޖިއަމް ބަލިކުރި މެޗުގައި ލުކާކޫ އަށް އަނިޔާ ވެއްޖެ

ނޭޝަންސް ލީގު އޭ ގެ ހަތަރު ވަނަ ގުރޫޕުގައި ހިމެނޭ ބެލްޖިއަމް ވަނީ ރޭ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ނެދަލެންޑްސް އަތުން ބަލި ވެފަ އެވެ.

ލުކާކޫ އަށް އަނިޔާވެގެން ދަނޑުން ބޭލުމުގެ ކުރިން ދަނޑުމަތީގައި ފަރުވާ ދެނީ.-- ފޮޓޯ: އޭއެފްޕީ

ބެލްޖިއަމް އިން މެޗު ފެށީ އެޑެން ހަޒާޑާއި ކެވިން ޑިބްރޭނާ އަދި ރޮމެލޫ ލުކާކޫ ކުރިއަށް އަރުވައިގެންނެވެ. މިދިޔަ ސީޒަނުގައި ޗެލްސީ އިން ބޮޑު އަގުގައި އިންޓަ މިލާނުން ގަތް ފޯވާޑް ލުކާކޫގެ ފިޓްނެސްގެ މައްސަލައާ އެކު ވެސް އޭނާ ވަނީ ފުރަތަމަ 11 ގައި ކުޅެފަ އެވެ. ނަމަވެސް ލުކާކޫ އަށް ދަނޑުމަތީ ހުރެވުނީ އެންމެ 27 މިނިޓަށެވެ. އޭނާ އަށް އަނިޔާ ވެގެން ކޯޗު ރޮބާޓޯ މާޓިނޭޒް ކުޅެން އެރުވީ ބްރައިޓަން އަށް ކުޅޭ ވިންގާ ލިއަންޑްރޯ ޓްރޮސާޑް އެވެ.

ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ދުރުން ފޮނުވާލި ބާރު ހަމަލާއެއްގައި ނެދަލެންޑްސް އަށް ލީޑު ނަގައިދިނީ ޓޮޓެންހަމަށް ހުޅޭ ފޯވާޑް ސްޓީވަން ބާގްވެއިން އެވެ. އަދި ދެވަނަ ހާފުގައި އެޓީމުގެ މެމްފިސް ޑިޕާއި ދެ ލަނޑު ޖެހިއިރު، ޑެންޒެލް ޑަމްފްރީސް ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

ބެލްޖިއަމްގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ދެވަނަ ހާފުގައި އަކްސެލް ވިޓްސަލްގެ ބަދަލުގައި ކުޅެން އެރި ފޯވާޑް މިޝީ ބަޓްޝުއާއީ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ފީފާ ދުނިޔޭގެ ރޭންކިން އެއްވަނައިގައި އޮތް ބެލްޖިއަމް މިދިޔަ މާޗް މަހު އެއްވަނަ މަގާމް ގެއްލުމަށް ފަހު އެޓީމުން ކުޅުނު ފުރަތަމަ މެޗުން ތަފާތު ބޮޑުކޮށް ބަލިވި އިރު، ބެލްޖިއަމް އެންމެ ފަހުން ބަލި ވީ ވެސް މިދިޔަ އަހަރުގެ ނޭޝަންސް ލީގު ފައިނަލްސް ގައެވެ. ސެމީ ފައިނަލުގައި ފްރާންސް އަތުން ބަލި ވިއިރު، ތިންވަނަ ހޮވި މެޗުން ބަލިވީ އިޓަލީ އަތުންނެވެ.

މި ގުރޫޕުގައި ބެލްޖިއަމް ދެން ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ. އަދި ނެދަލެންޑްސް ނުކުންނާނީ ވޭލްސްއާ ދެކޮޅަށެވެ. ޕޮލެންޑުން ވަނީ ގުރޫޕުގެ ފުރަތަމަ މެޗުގައި ވޭލްސް ބަލި ކޮށްފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454