ކުޅިވަރު

ޔޫއެފާ ނޭޝަންސް ލީގު: އޮސްޓްރިއާއާ އެކު ރަންގްނިކުގެ ފުރަތަމަ ތަޖުރިބާ ކާމިޔާބު

މެޗަށް ފަހު އޮސްޓްރިއާގެ ކޯޗު ރަންގްނިކް (މ)، ޓީމު ކުޅުންތެރިންނަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: އޭއެފްޕީ

އޮސިޔެކް، އޮސްޓްރިއާ (ޖޫން 4) - މިދިޔަ ސީޒަންގެ ފަހުކޮޅު މެންޗެސްޓާ ޔުނައިޓެޑަށް ކޯޗު ކޮށްދިން ޖަރުމަންގެ ރަލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން ޔުއެފާ ނޭޝަންސް ލީގުގައި އޮސްޓްރިއާ ކުޅުނު ފުރަތަމަ މެޗު 3-0 އިން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދައިފި އެވެ.

މިދިޔަ އަހަރު ނިމުނު ޔޫއެފާ ނޭޝަންސް ލީގު ސީޒަނުގައި ޑިވިޝަން ބީގެ ގުރޫޕް އެއްވަނަ ހޯދައިގެން ޑިވިޝަން އޭ އަށް ޕްރޮމޯޓްވި އޮސްޓްރިއާ ވަނީ ރަންގްނިކް ހަވާލުވުމުގެ ކުރިން މިދިޔަ މާޗް މަހު ވޯލްޑް ކަޕް ޕްލޭއޮފް ސެމީ ފައިނަލުގައި ވޭލްސް އަތުން ބަލިވެފަ އެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރި ކްރޮއޭޝިއާގެ ދަނޑުގައި ފުރަތަމަ ހާފް ނިމެނިކޮށް ލީޑު ނަގައިދިނީ ކުރިން ޕްރިމިއާ ލީގުގައި ކުޅުނު ފޯވާޑް މާކޯ އާނައުޓޮވިޗެވެ. އަދި މެޗުގެ 54 ވަނަ މިނިޓުގައި މައިކަލް ގްރެގޮރިޓްޝް ދެވަނަ ލަނޑު ޖަހައިދިން އިރު، އޭގެ ތިން މިނިޓު ފަހުން އޮސްޓްރިއާގެ ތިންވަނަ ލަނޑު ޖަހައިދިނީ ނިމިދިޔަ ސީޒަނުގައި ބެޔާން މިއުނިކަށް ކުޅުނު ފޯވާޑް މާސެލް ސަބިޓްޒާ އެވެ.

ސަބިޓްޒާ، އޮސްޓްރިއާގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ރަންގްނިކް ފުރަތަމަ ތައްޔާރުވީ ކްލަބް ފުޓުބޯޅަ ސީޒަން ނިމުމުން މެންޗެސްޓާ ޔުނައިޓެޑްގެ ކޮންސަލްޓެންސީ މަގާމަކާ އެކު އޮސްޓްރިއާގެ ކޯޗުގެ މަގާމު އަދާކުރާށެވެ. ނަމަވެސް ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހަގް ރަސްމީކޮށް ޓީމާ ހަވާލުވުމާ އެކު އޭނާ ވަނީ ކޮންސަލްޓެންސީ މަގާމު ދޫކޮށްލައި، ހުރިހާ ސަމާލުކަމެއް އޮސްޓްރިއާގެ ގައުމީ ޓީމަށް ދޭން ބޭނުންވާކަން ހާމަކޮށްފަ އެވެ.

މިހާތަނަށް ގިނަ ކުލަބުތަކަކަށް ރަންގްނިކް ކޯޗު ކޮށްދީފައިވީ ނަމަވެސް މިއީ ގައުމީ ޓީމަކާ އޭނާ ހަވާލުވި ފުރަތަމަ ފަހަރެވެ. އަދި ރޭގެ މެޗަކީ ރަންގްނިކާ އެކު އޮސްޓްރިއާ ކުޅުނު ފުރަތަމަ މެޗެވެ.

ކްރޮއޭޝިއާ ވޯލްޑް ކަޕް ފައިނަލަށް ގެންގޮސްދިން ކޯޗު ޒްލަޓްކޯ ޑަލިޗް ރޭގެ މެޗަށް އެރުވީ ނިސްބަތުން ތަޖުރިބާ މަދު ޓީމެކެވެ. އެޓީމުގެ އެންމެ ސީނިއާ ކުޅުންތެރިންގެ ގޮތުގައި ފުރަތަމަ 11 ގައި ކުޅުނީ މަޓެއޯ ކޮވަސިޗާއި މާސެލޯ ބްރޯޒޮވިޗް އަދި ފޯވާޑް އަންޑްރޭ ކްރަމަރިކް އެވެ.

ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ކުޅެން ނެރުނީ މެޗުގެ ފަހު 30 މިނިޓަށެވެ. މޮޑްރިޗްއާ އެކު ރެއާލް މެޑްރިޑުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އޮސްޓްރިއާގެ ޑޭވިޑް އަލަބާ މި މެޗަށް ނުނަގަ އެވެ.

ދެވަނަ މެޗުގައި އޮސްޓްރިއާ ނުކުންނާނީ އަމިއްލަ ދަނޑުގައި ޑެންމާކާ ދެކޮޅަށެވެ. އަދި ރަށުން ބޭރުގައި ފްރާންސް ނުކުންނާނީ 2018 ގެ ވޯލްޑް ކަޕް ފައިނަލުގައި ވާދަކުރި ކްރޮއޭޝިއާއާ ދެކޮޅަށެވެ. ޑެންމާކުން ވަނީ ފުރަތަމަ މެޗުގައި ފްރާންސް ބަލިކޮށްފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454