ކުޅިވަރު

ޝަރަފް: ރެކޯޑްތައް އަލުން ހަދަން، ކޯޗަކަށް ނަސީރު ހަމަޖައްސައިފި

ނަސީރު އާއި އާއި ޝަރަފް: ބޮޑު ޓާގެޓަކަށް ޝަރަފް ވާސިލުވާން ނަސީރު އެހީވާނެ. --ފައިލް ފޮޓޯ

05 ޖޫން 2022 - 11:42

1 comments

މެރަތަން އަދި ހާފް މެރަތަންގެ ގައުމީ ރެކޯޑްތައް ކުރިން ހޯލްޑް ކުރި، ދުވުންތެރިޔާ އަހުމަދު ޝަރަފް އަލުން ރެކޯޑްތައް ހާސިލުކުރުމުގެ އަމާޒުގައި، އޭނާގެ ކޯޗަކަށް ކުރީގެ ދުވުންތެރިޔާ ނަސީރު އިސްމާއީލް ހަމަޖައްސައިފި އެވެ.

ދިގު ދުވުންތަކުގައި ޝަރަފްގެ އެންމެ ފުރަތަމަ ކޯޗަކީ ވެސް ނަސީރެވެ. ދިހަ އަހަރަށް ފަހު އަލުން ނަސީރުގެ ބެލުމުގެ ދަށުން ޓްރެއިނިން ފެށުމަށް ފަހު ޝަރަފް ބުނީ ނަސީރަކީ އެތުލެޓިކްސްގައި އޭނާގެ ބައްޕަ ކަމަށެވެ.

"އެތުލެޓިކްސްގައި އަޅުގަނޑުގެ ބައްޕައެއް ކަހަލަ މީހެއް ނަސީރަކީ،" ޝަރަފް ބުންޏެވެ. "އެތުލީޓެއްގެ ގޮތުގައި ނަސީރު ހޯދި ކާމިޔާބުތައް އަހަރެން ކުރިން ފެށިގެން ފޮލޯ ކުރަމުން އައީ."

ކޯޗަކަށް ނަސީރު ހަމަޖައްސަން، ޝަރަފް ނިންމީ މިދިޔަ ހުކުރު ދުވަހު ބޭއްވި ޓީއެފްޖީ 10 ކިލޯމީޓަރުގެ ރަންގެ ހަވާސާގަ އެވެ.

"ޓީއެފްޖީ ރަން ނިންމާލާފައި ޝަރަފް އަޅުގަނޑު ކައިރީ ބުނީ ތިމަންނަ ބޭނުމޭ އަލުން ކޯޗާ އެކު ޓްރޭނިން ހަދަން،" ޓީއެފްޖީ 10 ކިލޯމީޓަރުގެ ދުވުމުގައި އެއްވަނަ ހޯދި ހުސައިން ފަޒީލް ހާރޫން (ފެލޭޝް) އަށް ވެސް ކޯޗުކޮށްދޭ ނަސީރު ބުންޏެވެ.

ޝަރަފް ޓްރޭނިންގައި: 10 އަހަރަށް ފަހު އޭނާ ވަނީ އަލުން ނަސީރްގެ ބެލުމުގެ ދަށުން ޓްރެއިނިންތައް ފަށާފައި.

"ޝަރަފް އަކީ އަޅުގަނޑު މެރަތަން އަށް ނެރެދިން ކުއްޖެއް. މަރޭ (އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު މަރުޒޫގް) އަޅުގަނޑަށް ޝަރަފް ދައްކާފައި ބުނީ އެއީ އުންމީދު އޮތް ކުއްޖެކޭ އޭނާ ޓްރެއިން ކޮށްދޭށޭ. އޭރު ވެސް ވަރަށް ޖޯޝުގައި ޓްރޭނިން ހަދާނެ. މިހާރު ވެސް ޓްރޭނިންގައި އެކަން ފެނޭ. އަނެއްކާ ފަޒީލް އާއި ޝަރަފް އަކީ ވަރަށް ރަނގަޅު ކޮމްބިނޭޝަނެއް."

ނަސީރު ބުނި ގޮތުގައި ޝަރަފް އަލުން އޭނާގެ ބެލުމުގެ ދަށުން ޓްރޭނިން އަށް ނުކުންނަން ފެށުމުން ކޯޗެއްގެ ގޮތުގައި އޭނާ އަށް އޮތް ޗެލެންޖް އަނެއްކާވެސް ބޮޑުވީ އެވެ.

"ޗެލެންޖް ބޮޑު ވުމަކީ ވެސް މި މަސައްކަތުގައި އިތުރަށް މޯޓިވޭޓްވާނެ ކަމެއް. ޝަރަފްއާ އެކު ވެސް އަޅުގަނޑު އަމިއްލަ އަށް ނަގާނަން ޗެލެންޖްތަކެއް،" ފަޒީލް އަށް އިންޓަނޭޝަނަލް މުބާރާތަކުން މެޑަލްއެއް ހޯދައިދޭން ޗެލެންޖް ނަގައި އެ ޓާގެޓް ހާސިލުކުރި ނަސީރު ބުންޏެވެ.

ފަޒީލް އާއި ޝަރަފް ޓްރޭނިންގައި: ނަސީރުގެ އެންމެ ބޮޑު އަމާޒަކީ އަލުން ގައުމީ ރެކޯޑްތައް މުގުރާލުން.

"ޝަރަފް ކުރިން ހޯލްޑް ކުރި ގައުމީ ރެކޯޑްތައް އަލުން އޭނާ އަށް މުގުރާލެވޭނެ ހިސާބަށް ގެންދަން އަޅުގަނޑު ބޭނުން. ދެން އޮތީ އިންޓަނޭޝަނަލް މުބާރާތަކުން މެޑަލްއެއް ހޯދައިދިނުން. އަޅުގަނޑަކީ ކުޑަ ޓާގެޓަކަށް ވިސްނާ މީހެއް ނޫން. އިރާދަކުރެއްވިއްޔާ މިފަހަރު ޝަރަފް އަށް ވެސް މިކަން އެޗީވް ކޮށްދޭނަން."

ނަސީރު ބުނީ، ފަޒީލް ވެސް އޭނާގެ ކުރީގެ ފެންވަރަށް އަނބުރާ ލެވިއްޖެ ކަމަށެވެ.

"އެއީ ގާތްގަނޑަކަށް ދެތިން މަހުގެ ޓްރެއިނިން. އެކަމަކު އަދިވެސް ވަރަށް ގިނަ މަސައްކަތްތައް އެބަހުރި،" ޔޫއޭއީގެ ރަކް އަލް ހައިމާގައި ފެބްރުއަރީ މަހު ބޭއްވި ހާފް މެރަތަންގައި ފަސް ކިލޯމީޓަރުން އެއްވަނަ ހޯދި ފަޒީލްގެ ޓްރޭނިންތަކާ ބެހޭގޮތުން ނަސީރު ބުންޏެވެ.

ފަޒީލް، ނަސީރް އަދި ޝަރަފް: ދެ އެތުލީޓުން ޓްރޭނިން ހަދަނީ ނަސީރުގެ ބެލުމުގެ ދަށުން

"ކުރު މުއްދަތެއްގެ ތެރޭގައި އިންޓަނޭޝަނަލް ރޭހެއްގެ ރަން މެޑަލް، އަދި އޭގެ ފަހުން މަދު ޓްރޭނިން ތަކަކުން ޓީއެފްޖީގެ ރޭސް މި ކާމިޔާބު ކުރެވުނީ."

ނަސީރު ބުނީ ޝަރަފް ވެސް އަލުން ކުރީގެ ލެވަލް އަށް ގެނެސް ޓާގެޓް ހާސިލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ޝަރަފް ވަނީ 2016 ގައި މޮރޮކޯގައި ޓްރޭނިން ހަދަމުން ދިޔަ ދުވަސްވަރު އެ ގައުމުގެ ނަޑޯ މެރެތަންގައި 1:16:17 (އެއްގަޑިއިރާއި 16 މިނެޓް 17 ސިކުންތުން) ހާފް މެރަތަން ރޭސް ނިންމައިގެން އޭރު ރެކޯޑް ހަދައިފަ އެވެ. އަދި އެގައުމުގެ ރަބޓްގައި ބޭއްވި މެރަތަންގައި ވާދަކޮށް މެރަތަންގެ ގައުމީ ރެކޯޑް ވެސް ހެދި އެވެ. ފިރިހެނުންގެ ހާފް މެރަތަން އަދި މެރަތަން ރެކޯޑްތައް މި ވަގުތު އޮތީ ޝިފާޒް މުހައްމަދު އަތުގަ އެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިއްޓާ

05 June 2022

ޝަރަފް ގެ އުމުރު ކަޓައިފި. ޒުވާނުން ކުރިއަރުވަން ވީ ވަގުތު މީ. ފަޒީލު މޯޑު.. ޔޫސުފް. ޝަރަފް ،ޝިފާޒް އަކީ މާޒީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454