ކޮކޫން ރިސޯޓުގައި 151 ކޮޓަރި ހުރޭ.-- ފޮޓޯ: ކޮކޫން
28 ޑިސެމްބަރ 2016 - 16:03
އިޓަލީގެ މަޝްހޫރު ޑިޒައިން ފާމް، ލާގޯ އިން ޑިޒައިންކޮށްފައިވާ ކޮކޫން މޯލްޑިވްސް ރިސޯޓް ހުޅުވައިފި އެވެ.
ދިވެހި ކުންފުންޏެއް ކަމަށްވާ ކޮކޫން އިންވެސްޓްމަންޓުން ޅ. އޫކޮޅުފުށީގައި ތަރައްގީ ކުރި ފަސް ތަރީގެ އެ ރިސޯޓް ހުޅުވީ މިދިޔަ ހޯމަ ދުވަހު އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް (އައިއެންއައިއޭ) އިން ސީޕްލޭންގައި 30 މިނެޓުން ދެވޭ ހިސާބުގައި އޮންނަ 6.9 ހެކްޓަރުގެ ކޮކޫން ރިސޯޓުގައި 151 ކޮޓަރި ހުރެ އެވެ. އެ ކޮޓަރިތައް ތައްޔާރުކޮށްފައި ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން އަސްލަކަށް ބަލައިގެން، އިޓަލީގެ ޑިޒައިން ހިމަނައިގެންނެވެ. މީގެ އިތުރުން، މި ރިސޯޓަށް ހާއްސަކޮށް ލާގޯ އިން ފަރުމާކޮށް ދީފައިވާ ތިން ރެސްޓޯރަންޓަކާއި ބާއެއް ވެސް މި ރަށުގައި ހުރެ އެވެ.
ކޮކޫން ރިސޯޓް: ސީޕްލޭންގައި 30 މިނެޓުން ދެވޭ.-- ފޮޓޯ: ކޮކޫން
ކޮކޫން އޮންނަނީ ފަންސާހަކަށް ޑައިވް ސްޕޮޓް ހިމެނޭ ސަރަހައްދެއްގަ އެވެ. އެހެންވެ، ޑައިވީނަށާއި އެކި ވައްތަރުތަކުގެ މޫދު ކުޅިވަރުތައް ކުޅެވޭނެ ތަކެއްޗާ އެކު ވޯޓާ ސްޕޯޓްސް ސެންޓަރެއް ހަދާފައިވާ އިރު، މި ރިސޯޓުގައި ސްޕާއެއް ވެސް ހުރެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކްލަބެއް، ކަމުގެ ތަމްރީނު ލިބިފައިވާ މުވައްޒަފުންނާ އެކު ވަނީ ގާއިމްކޮށްފަ އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ހަނދާނުން ނުފިލާ ވަރުގެ ތަޖުރިބާއެއް ކުރެވޭނެ ފުރުސަތު ހޯދައިދިނުން،" ކޮކޫންގެ ޖެނެރަލް މެނޭޖަރު ރާމް ވިދާޅުވި އެވެ.
ކޮކޫން ހުޅުވި އިރު، މި އަހަރުގެ ތެރޭގައި ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓުތަކެއް ވަނީ ހުޅުވައިފަ އެވެ. އޭގެ ތެރޭގައި، މި މަހުގެ ކުރީކޮޅު ޅ. އަތޮޅުގައި ހުޅުވި، ކަނޑުއަޑީގެ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓް ގާއިމްކޮށްފައިވާ ހުރަވަޅި ރިސޯޓާއި ނ. އަތޮޅުގައި ހެދި ސޮނޭވާގެ އާ ރިސޯޓް، ސޮނޭވާ ޖާނީ އާއި ސެއިންޓް ރެޖިސް ވޮށްމުލި ރިސޯޓާއި ބ. އަތޮޅުގައި ހުޅުވި ފޯ ސީޒަންސް ވޯވަށް އަދި މިލައިދޫ ހިމެނެ އެވެ.
އަންނަ އަހަރު ވެސް އާ 20 ރިސޯޓް ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނޑޭރި
29 December 2016
ދެން މިހާރު ރިސޯޓްތައް މަދު އަތޮޅުތަކުގައި އާ ރިސޯޓްތަކެއް ތަރައްޤީ ކޮށް ހުޅުވުމަކީ އެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބޭނޭ އިތުރު ފުރުޞަތުތަކަކަށް ނުވަނެބާ !
އަސްލުވެސް
28 December 2016
ތިޔަ ރިސޯޓުން ކީއްތަވާނީ ދިވެހި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތެއް ދިނިއްޔާ...
ކަމޯން
28 December 2016
ކޮކޫން ރިސޯރޓް ހުޅުވުމުން ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް އަނެއްކާ އެންގޭޖް އެވީ އަނެއް ރިސޯރޓް އެވެ. އަންނަ އަހަރު މަހަކު 10 ރިސޯރޓް މަމެން ޕިންކީންގެ ސަރުކާރުގައި ހުޅުވާނަމެވެ. މިކަން ދަނެގެން ރަންރީނދޫ ކުދިން ވެސް މަމެން ޕިންކީން ނާއި ބައިވެރިވާންވީ މިރާއްޖެ ބެޓަރ ކަންޓްރީ އަކަށް ބަދަލު ކުރަން ދޯ.
ހޯސޭ
29 December 2016
އަހަރަކު ކީއްކުރަން ދުވާލަކުވެސް 10 ރިސޯޓް ހުޅުވިދާނެ އިކޮނޮމިސްޓުންގެ ވިސްނުން ހުރި ހިސާބުން ހައިރާން ވެއްޖެ! ރާއްޖޭގަ މިހާރުވެސް ގިނަ ރިސޯރޓް އެބަ ހިންގާ އެކަމަކު ހުޅުވާ ރިސޯޓް ތަކާ އެއްވަރަށް މާކެޓް ނުކުރެވުނީމަ މި ބޮޑު ޑިސެމްބަރު މަހުވެސް ނަންހިނގާ ގިނަ ރިސޯޓްތައް ނިންމާލަން ޖެހުނީ ލޯ އޮކިއުޕެންސީގަ ގެއްލުމުގަ ސްޓާފުން ހުސްއަތާ ރާއްޖެ އިޝްތިހާރު ކުރަން ހެދި ކުންފުނީގެ ލާރިގަނޑު ހޯދާނެ ގޮތެއް ދިރާސާ ކުރަން އޭގެ ދެ ގުނަ ހަރަދު ކޮށް އެހެން ކުންފުންޏެއް ހަދަންވެފަ މިހާރު މިއޮތީ
ދިވެހި މީހާ
28 December 2016
ވަރަށްރަގަޅު. ބޭރުގައުމުތަކުގެ މީހުންނަށް ރަނުގެ ފުރުސަރެތެއް. ދިވެއްސަކަށް ނުކުރާނެ އެއްވެސް ފައިދާއެއް.
ނުރަބޯ
29 December 2016
ބޭރު މީހުންނަށް ރިސޯޓް ހުޅުވަން ދޭންޖެހެނީ ދިވެހިންނަށް އެކަން ނުކުރެވޭތީ. އަހަރެމެން ކުޑައިރު ހަނދާންހުރޭ ޅ.އަތޮޅު ހުދުފުށި ކިޔާ ރަށެއް ރިސޯޓެއް ހަދަން މައުމޫނުގެ ދަނބިދަރިއަކުތޯ ޅިޔަނަކު މަސައްކަތް ފެށި ވާހަކަ. ބައެއް ރޫމްތައްވެސް އެޅި. އެކަމަކު މިހާރު މަގޭ އުމުރުންވެސް 30 އަހަރުވެއްޖެ. ތިބުނާ ރިސޯޓެއް ހަމަ އެތާ. އަޅާފަ ހުރި ތަންތަން މިހާރު ހުރީ ވީރާނާވެ ވެއްޓެން ކައިރިވެފަ. ދެން މާދަން ބޭންކުން ދައުވާކުރާނެ ނަގާފަ އޮތް ލޯނު ނުދައްކައިގެން ރަށް ވިއްކާލަން. މީ ދިވެހިންގެ ހާލަތު. ދެތިން މީހުން ވެގެން މަސައްކަތް ފަށާނީ. އެކަކު ދޯކާދީފަ ލާރިގަނޑު ހިފައިގެން ފިލާނީ.