ރައްޔިތުންގެ މަޖިލީހުގެ މާއްލިއްޔަތު ކޮމެޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
13 ޖޫން 2022 - 18:02
ޗައިނާ އާއި އެހެން ގައުމަކުން ވެސް ރާއްޖެއިން ނަގާފައިވާ ލޯނުތަކަކީ، އެ ލޯނުތައް ނުދެއްކިއްޖެ ނަމަ، ބަދަލުގެ ގޮތުގައި އެއްވެސް އެއްޗެއް ވިއްކާލަން ޖެހޭ ގޮތަށް އެއްބަސްވެފައިވާ ލޯނުތަކެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދަރަނި މެނޭޖުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބޭއްވި ބައްދަލުވުމުގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ލޯނެއް ހުރީ ގައުމުގެ އެއްޗެއް "މޯގޭޖުކުރަން" ޖެހޭ ގޮތަށް ނޫން ކަމަށެވެ.
ޝަރީފް އެ ސުވާލުކުރެއްވީ ޗައިނާ އިން ނަގާފައިވާ ލޯނުތަކަކީ ދަރަނީގެ "ދަންތުރައެއް" ކަމަށް ބުނެ އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރުމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ މޭރުމުން ވާހަކަފުޅު ދައްކަވާފައިވެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކުގައި، އަންޑަލައިން އެސެޓް މޯގޭޖުކޮށްގެން ލޯނުތައް ނަގައިފައި ހުއްޓަސް، ދިވެހި ސަރުކާރުން މިހާތަނަށް އެގޮތަށް އެއްވެސް ލޯނެއް ނަގައިފައެއް ނުވެ އެވެ. އެންމެ ކުރިން ފެށިގެން ވެސް ދިވެހި ސަރުކާރުން ގެންގުޅެމުން އަންނަނީ އެ އުސޫލު ކަމަށް ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނި އަދި ދަރަނި މެނޭޖްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މިނިސްޓްރީ އޮފް ފިނޭންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/bRyeVlEbqS
— People's Majlis (@mvpeoplesmajlis) June 13, 2022
"ޑިފޯލްޓު ވިޔަސް، ބަޔަކު އައިސް މި ގައުމުން ގެންދާނެ އެއްޗެއް ނެތް. އެސެޓެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި އެގޮތަށް ވެފައި އެބަހުރި ކަމަށާއި ރާއްޖެ އަށް ވެސް އެ ކަހަލަ ޕްރޮޕޯސަލްތައް ލިބޭ ކަމަށް އަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވެސް 2018 އިން ފެށިގެން މި ހިސާބަށް ފިނޭންސް މިނިސްޓަރުކަމުގައި ކުރާ މަސައްކަތުގައި ވެސް އާދޭ ޕްރޮޕޯސަލް އެއްޗިހި މޯގޭޖުކޮށްލައިގެން، 200 މިލިއަން ޑޮލަރު ދޭނަމޭ ބުނެ. އެކަމަކު އަޅުގަނޑުމެން މި ބުނަނީ ނޫނެކޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"ކޮންމެ ގައުމަކުން ވިޔަސް އަޅުގަނޑުމެން ދަރަނި ނެގުމުގައި ބަލަނީ ކޮސްޓް އޮފް ބޮރޯއިން. އެ ވަރިހަމަ ކޮންމެ ތަނަކުން ވިޔަސް، އަޅުގަނޑުމެން ނުބަލަން ވަކި ގައުމަކަށް."
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއިން އެންމެ ގިނަ ލޯނު ނަގާފައި ވަނީ ޗައިނާގެ ބޭންކްތަކުންނެވެ. އެ އަދަދު 21 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެހެންވެ، ޗައިނާއިން ރާއްޖޭގެ ބިންތައް ފޭރި، ދަރަނީގެ ދަންތުރައެއްގައި ޖައްސާނެ ކަމަށް ސިޔާސީ ބޭފުޅުން ވާހަކަދައްކަވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
14 June 2022
ބިމެއް ހިފައިގެނެއް ނުދެވޭނެ، އެކަމަކު އޭގެ ފައިދާ ނިގުޅައިގަނެވިދާނެ!
ކަލާ
14 June 2022
އަނެއްކާވެސް ސިޔާސީ ޕޮއިންޓް ހޯދަންވީމަ އެލޯނުތައް ބަދަލުވެދާނެ ކޮންމެފަދަ އެއްޗަކަށްވެސް. އަތްޖަހާ މީހުން އަތްޖަހާފަ ވޯޓްލާނެ.
ކަލެއާ ނުލައި ހޫން.
14 June 2022
އަމީރު ތިވާހަކަ ދެއްކިއިރު ބޮޑުވަޒީރު ގޮނޑިކޮޅުގަ އިންނެވިތަ؟ އޭނަ އަނގައެއް ނުބާނުއްވާތަ އެވާހަކައިގެ ތެރެއަކަށް؟؟
ކުރަނގި.
14 June 2022
ފިތުނަ އުފެއްދުމަށްޓަކައި ދަންތުރައޭ އެއެއްޗެކޭ މީއްޗެކޭ ކިޔައިގެން ބައެއް މީހުން ވާހަކަ ދެއްކީ އަމިއްލަ އެޖެންޑާއެއް ފުރިހަމަކުރަން. ރައްޔިތުންނަށް ހެވެއް އެދިގެނެއް ނޫން.
ހާމިދު ޝާހިދު
14 June 2022
ރައީސް ނަޝީދަށް ގޮންޖައްސަވަން މިހާރު އެމްޑީޕީގެ ވަޒީރުންނާއި ސަރުކާރު ފަޅީގެ ބައެއް އެކްޓިވިސްޓުންގެ ރާގު ބަދަލުވެ، މިހާރު މިކިޔަނީ ޗައިނާއަކީވެސް ވަރަށް މުހިންމު ޕާޓްނަރެކޭ. އެކަމަކު ތިޔަބައިމީހުން ޗައިނާއަށް ގޮވި އެއްޗިއްސަށްފަހު އެމީހުނެއް ނޫޅޭ އަލުން އެހީދޭކަށް.
އިބްރ
14 June 2022
އަމީރު ތިޔަހެން ވިދާޅުވިއަސް އެމްޑީޕީ އާއްމުމެމްބަރުން ގަބޫލްކުރާނީ ނަޝީދު ވިދާޅުވާ އެއްޗެއް.
ބިސް
14 June 2022
ގަމާރުން އުޅޭ ޕާޓީއެއް....ނަޝީދު ބުނެފިއްޔާ ކަނޑުގަވެސް ހުންނާނީ ލޮނެއްނޫން
ހަސަން2323ދ
14 June 2022
ބީއެމްއެލް އިން ލޯނެއް ނެގިޔަސް އެއީ ދަންތޫރަ އެއް .. ލޯނަކީ ހިލޭ ސާބަހައް ދޭ ލާރިއެއް ނޫން .. އެމެރިކާ އަދި ޗައިނާ އާއި އިދިކޮޅު މީހުން ޗައިނާގެ ލޯނަކީ ދަންތޫރައެއް ގޮތުގައި ސިފަ ކުރިޔަސް ކޮންމެ ގައުމަކުންވެސް ޗައިނާ އިން ލޯނު ނަގަނީ ފަސޭހައިން ލިބިފައި ގައުމުގެ ކަންކަން ކުރި އަރުވަން .. އެކަން ނުވެ ފައިސާ އަބުރާ ނުދެއް ކުނީމަ މިބުނަނީ ދަންތޫރަ އޭ ..
ގަރީބު
14 June 2022
އަމީރޫ ތަންކޮޅެއް ކުރިން ދަރުމަވަންތަ ހޮސްޕިޓަލޭ ކިޔުނު ހޮހަޅަ މޯގޭޖް ކުރަން އުޅުނު ވާހަކައެއް ދެއްކި ހަދާނެއްވޭ އެބަ.
ލޯނުތައް
14 June 2022
ދަންތުރައޭ ކިޔައިގެން ވާހަކަ ދައްކަނީ ބޮޑުވަޒީރު. ވެރިކަން ބަދަލުކުރީ ހަމައެކަނި ލޯނުތަކަކާއި ހެދި ނޫން. ލޯނުތަކުންވެސް ބޮޑުބައެއް އިސްރާފުކުރީ. ހިތާނީ ކޭންޕް ބާއްވައި އައިޕެޑްތައް ހޯދައި އަދި ސިޔާސީ ސަދަގާތް ބަހައި ހެދީ. އެއަށްވުރެ ބޮޑަށް ރައްޔިތުންނަށް ގޯސްވީ ޚުދުމުޚުތާރު، އަނިޔާވެރި، ބޭއިންސާފު، ކޮރަޕްޓް ވެރިން. ކުރި އެއްވެސް ކަމެއްގެ ޓްރާންސްޕޭރެންސީއެއް ނެތުން. ލޯނުތަކާއި އެގްރީމެންޓުތަކުގެ އެއްވެސް މައުލޫމާތެއް އާންމު ނުކުރުން.
ޙަސަން އަޙްމަދު
14 June 2022
މީ ސިޔާސީ ޒުވާބު ގައި ގިނަ ބަޔަކަށް އޮޅޭ ހަގީގަތެއް. މިގޮތަށް ހަގީގަތް ވިސްނޭ ބަޔަކު ވެސް އުޅޭކަން ރަނގަޅު. ފޭކު ނަމެއް ވިޔަސް ނަމެއް ޖައްސަވައިގެން މިކަހަލަ ލޯހުޅުވާލަދޭ ކޮމެންޓުތައް ކުރަން ފައްޓަވާ!
ކަލޭދޯ
14 June 2022
ތިގޮތަށް އިންޑިއާއިން ނެގިހާ ލޯނުން ކުރި އިސްރާފުތައްވެސް ލިއެލަބަލަ. ހަމައެކަނި ޗައިނާއޭ ކިޔައިގެން ނުހިނގާނެ މިހާރަކު. ބުޅާ ގޯނިން ބޭރުވެއްޖެ.
ކިނބޫ
14 June 2022
ކަލޭ ކުރިން ދޮގު ހެދީ ކީއްވެހޭ.
ބޭބީ
14 June 2022
ސިޔާސީމީހުން ދޮގެއްނުހަދާނެ. އެމީހުންދައްކާނީ ސިޔާސީވާހަކަ. ގޯނިގޯންޏަށް ރަށްތަކާއި ފަޅުތައްވިއްކައިގެން ލިބުނުލާރިގަނޑު ގޯނިގޯންޏަށް އަޅައިގެން މަޖިލީހުތަޅުމުގައިބުނި މެންބަރު އެކަމާމެދުބުނީ ކީކޭތަ؟ ބުނީ އެއީ ދެއްކި ސިޔާސީވާހަކައެކޭނު! އެމީހުން ދޮގެއްނުހަދާނެ! ތިމީސްމީހުންގެ ދޫފީންޏެއް އޮންނާނެ. އެކިދުލުން ދައްކާނީ އެކިގޮތަށް. ދައުލަތުގެ ރައީސްކަން ކުރުއްވަވާފައިވާ ރައީސް މުޙައްމަދު ނަޝީދު މިކަމާއިމެދު ވިދާޅުވާނީ ކީކޭބާއޭ ހިތަށްއަރައެވެ!