ކޮރއޭޝިއާގެ ޑިފެންޑަރު ޕަސަލިޗް އާއި މޮޑްރިޗް އުފާފާޅު ކުރަނީ: ފްރާންސްގެ މައްޗަށް ކޮރޮއޭޝިއާ ކާމިޔާބު ހޯދީ މޮޑްރިޗް ޖެހި ޕެނަލްޓީން --- ފޮޓޯ: އޭއެފްޕީ
14 ޖޫން 2022 - 11:37
ޕެރިސް (ޖޫން 14) - އެންމެ ފަހުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ކޮރޮއޭޝިއާގެ މައްޗަށް ކާމިޔާބު ހޯދައި މުބާރާތް ކާމިޔާބު ކުރި ފްރާންސް، ޔުއެފާ ނޭޝަން ލީގުގައި ކޮރޮއޭޝިއާ އަތުން ބަލިވެއްޖެ އެވެ.
ފްރާންސްގެ ޕެރިހުގައި ކުޅުނު މެޗުގައި ޖެހި ހަމައެކަނި ލަނޑު މޮޑްރިޗް ކޮރޮއޭޝިއާ އަށް ޖަހައިދިނީ ލިބުނު ޕެނަލްޓީންނެވެ. އެ ނަތީޖާ އާއެކު ޔޫއެފާ ނޭޝަން ލީގުގެ ފައިނަލް ބުރަށް ދިއުމުގެ ފުރުސަތު ފްރާންސަށް ވަނީ ބަންދު ވެފަ އެވެ.
ފްރާންސުން މިހާތަނަށް ނޭޝަންސް ލީގުގައި ހަތަރު މެޗު ކުޅެފައި ވާއިރު އެންމެ މެޗަކުން ވެސް މޮޅެއް ނުވެ އެވެ. އެންމެ ފުރަތަމަ ކުޅުނު މެޗުގައި ޑެންމާކު އަތުން އަމިއްލަ ދަނޑުގައި ބަލިވި އިރު، ރަށުން ބޭރުގައި ކްރޮއޭޝިއާ އަދި އޮސްޓްރިއާ އަތުން ވަނީ އެއްވަރު ވެފަ އެވެ.
ފްރާންސް ޓީމުގެ ފޯވާޑް ލައިން ލީޑު ކުރީ ނިމިދިޔަ ކްލަބް ފުޓުބޯޅަ ސީޒަނުގައި ޔޫރަޕުގައި އެންމެ ރަނގަޅު ފޯމުގައި ތިބި ފޯވާޑުންގެ ތެރޭގައި ހިމެނޭ ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާ އާއި ޕީއެސްޖީގެ ކިލިއަން އެމްބާޕޭ އަދި އާރުބީ ލައިޕްޒިގުގެ ކްރިސްޓޮފާ އެންކޫންކޫ އެވެ. ފަހުން ކިންގްސްލޭ ކޯމަން އާއި އެންޓޮއިން ގްރީޒަމަން އަރުވައިގެން ވެސް ފްރާންސަށް، ކްރޮއޭޝިއާގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.
މެކޮރޮއޭޝިއާ އަށް ލިބުނު ޕެނަލްޓީ އަކީ އެޓީމުގެ ފޯވާޑް އަންޓޭ ބުޑިމިއޭ އަށް ފްރާންސްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ފައުލް ކުރުމުން ދިން ޕެނަލްޓީއެކެވެ.
ކްރޮއޭޝިއާ އަށް ލީޑު ނަގައިދިނުމަށް ފަހު މޮޑްރިޗް (ކ) އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
"ނަތީޖާތަކަށް ބަލާ އިރު މި ޖޫން މަހަކީ ވަރަށް އުނދަގޫ މަހެއް. އިދިކޮޅުން ނުކުންނަ ޓީމުތަކާ ވާދަކުރާނެ ބާރަކާއި ބުންވަރެއް އަހަރެމެންގެ ޓީމުގައި ނެތް،" މެޗަށް ފަހު ފްރާޏްސްގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ބުންޏެވެ.
"އަހަރެމެންނަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވެސް ކުޑަވޭ، އެކަމަކު ކުޅުންތެރިންގެ ތާޒާކަމެއް ނެތުމުން އެންމެ ބޮޑު މައްސަލައަކީ. (އަރާމު ނުކޮށް) މިހެން ގިނަ މެޗުތަކެއް ކުޅެން ހަގީގަތުގައި ވަރަށް އުނދަގޫވޭ."
މި ނަތީޖާއާ އެކު ފްރާންސް އޮތީ ދެ ޕޮއިންޓާ އެކު ނޭޝަންސް ލީގު އޭގެ އެއްވަނަ ގުރޫޕުގެ ފުލުގަ އެވެ. މި ގުރޫޕުގައި ހިމެނޭ އޮސްޓްރިއާ 2-0 އިން ރޭ ބަލިކުރި ޑެންމާކު އޮތީ ނުވަ ޕޮއިންޓާ އެކު ގުރޫޕްގެ އެއްވަނައިގަ އެވެ. ގުރޫޕުގެ ދެވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދާފައިވާ ކްރޮއޭޝިއާ އެވެ. އަދި ހަތަރު ޕޮއިންޓާ އެކު އޮސްޓްރިއާ އޮތީ ތިންވަނައިގަ އެވެ.
ޔޫއެފާ ނޭޝަންސް ލީގު 2020/21 ސީޒަނުގައި ވެސް ފްރާންސް އާއި ކްރޮއޭޝިއާ ހިމެނުނީ އެއް ގުރޫޕެއްގަ އެވެ. ނަމަވެސް އެފަހަރު ފްރާންސް ޗެމްޕިއަންކަން ހޯދީ ކްރޮއޭޝިއާއާ ދެކޮޅަށް ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy