ކުޅިވަރު / ރަފައެލް ނަޑާލް

ނަޑާލް ތިން އަހަރު ފަހުން ފުރަތަމަ ފަހަރަށް ވިނަ ކޯޓަށް

ނަޑާލް، ސްޕެއިންގެ މަޔޯކާގެ ވިނަ ކޯޓުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

21 ޖޫން 2022 - 14:25

ލަންޑަން (ޖޫން 6) - ވިމްބެލްޑަން އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ކުރިން ސްޕެއިންގެ ރަފައެލް ނަޑާލް ތިން އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވިނަ ކޯޓުގައި ކުޅެން ނުކުންނަން ތައްޔާރު ވެއްޖެ އެވެ.

މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން އަދި ފްރެންޗް އޯޕަން ކާމިޔާބު ކޮށް 22 ގްރޭންޑް ސްލޭމް ތަށްޓާ އެކު ރެކޯޑް ހަދާފައިވާ ނަޑާލް، 36، އެންމެ ފަހުން ވިނަ ކޯޓުގައި ކުޅުނީ 2019 ވަނަ އަހަރުގެ ވިމްބެލްޑަން މުބާރާތެވެ.

ނަޑާލްގެ ފަޔަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން އޭނާ އަށް ވިމްބެލްޑަންގައި ކުޅެވޭނެކަމާ މެދު ޝައްކު އުފެދުނަސް އޭނާ ވަނީ މުބާރާތް ކުޅެވޭ ވަރަށް ފިޓު ކަމަށް ބުނެފަ އެވެ. އޭނާ ވަނީ ސްޕެއިންގެ މަޔޯކާގައި ހުންނަ ވިނަ ކޯޓުތަކުގައި ފަރިތަ ކޮށްފަ އެވެ.

މި މަހު 27 ގައި ފަށާ ވިމްބެލްޑަން އަށް ތައްޔާރުވާން ނަޑާލް ވާދަކުރާނީ ލަންޑަނުގައި އޮންނަ ރަހުމަތްތެރިކަމުގެ ޓެނިސް މުބާރާތެއް ކަމަށްވާ ހާލިންގަމް ކްލާސިކްގަ އެވެ. މިހާތަނަށް ދެ ފަހަރު ވިމްބެލްޑަން ކާމިޔާބު ކޮށްފައިވާ ނަޑާލް، ތިން އަހަރަށް ފަހު ވިނަ ކޯޓުގައި ވާދަކުރާ ފުރަތަމަ މެޗުގައި ނުކުންނަން ޖެހެނީ ވިމްބެލްޑަން ނޫން ހުރިހާ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކޮށްފައިވާ ސްވިޒަލެންޑުގެ ސްޓޭން ވަވްރިންކާ، 37، އާ ދެކޮޅަށެވެ.

ނަޑާލް އާއެކު ޓެނިހުގެ ގިނަ ތަރިންތަކެއް ވެސް މި މުބާރާތުގައި ފެންނާނެ އެވެ. ސާބިއާގެ ނޯވަކް ޖޮކޮވިޗާއި، ސްޕެއިންގެ އަރަމުން އަންނަ ތަރި ކާލޯސް އަލްކަރާޒް އަދި މިއަހަރުގެ ފްރެންޗް އޯޕަން ފައިނަލުގައި ނަޑާލް އަތުން ބަލިވި ނޯވޭގެ ޒުވާން ކުޅުންތެރިޔާ ކެސްޕާ ރޫޑް އަދި ކެނެޑާގެ ފެލިކްސް އޯގާ-އަލިއަސިމޭ ވެސް ވާދަ ކުރަން ވަނީ ހަމަޖެހިފަ އެވެ.

ހަމަ އެއާ އެކު އަންހެން ސިންގަލްސް ކެޓެގަރީ އިން އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް؛ 23 މުބާރާތް ކާމިޔާބު ކޮށްފައިވާ އެމެރިކާގެ ސެރީނާ ވިލިއަމްސް ވެސް ވަނީ އަހަރަކަށް ފަހު އޭނާގެ ފުރަތަމަ ވާދަވެރި މެޗު ކުޅެން ތައްޔާރު ވެފަ އެވެ.

ސެރީނާ އެންމެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކުރީ، 2017 ވަނަ އަހަރެވެ. އަދި އެއަށް ފަހު ވަނީ ހަތަރު ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލަށް ވެސް ދަތުރު ކޮށްފަ އެވެ. މިހާރު އުމުރުން 40 އަހަރު ވެފައިވާ ސެރީނާ ވަނީ ވިމްބެލްޑަން މުބާރާތް ހަތް ފަހަރު ކާމިޔާބު ކޮށްފަ އެވެ. ގްރޭންޑް ސްލޭމް މުބާރާތަކަށް އޭނާ އެންމެ ފަހުން ކުޅެފައި ވަނީ ވެސް މިދިޔަ އަހަރުގެ ވިމްބެލްޑަން މުބާރާތެވެ.

ވިމްބެލްޑަންގެ ކުރިން ވިނަ ކޯޓުގައި އޭނާ ކުރާނެ ހަމައެކަނި ތަޖުރިބާ އަކީ ލަންޑަނުގައި ކުރިއަށްދާ އީސްޓްބޯން އިންޓަނޭޝަނަލް ޑަބްލިއުޓީއޭ 500 ކެޓެގަރީގެ މުބާރާތެވެ. އެ މުބާރާތުގައި އޭނާ ވާދަކުރާނީ ޓިއުނީޝިއާގެ އޮންސް ޖަބެއުއާ އާއެކު ޑަބަލްސް އިވެންޓުގަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454