އެމްބާޕޭ އާއި އަލް ޚެލާފީ: އަލް ހެލާފީ ވިދާޅުވީ އެމްބާޕޭ ކޮންޓްރެކްޓް އާ ކުރީ ފައިސާ އާ ހެދި ނޫން ކަމަށް --- ފޮޓޯ: ޕީއެސްޖީ
22 ޖޫން 2022 - 09:43
ޕެރިސް (22 ޖޫން) - ކިލިޔަން އެމްބާޕޭ ޕީއެސްޖީގައި މަޑު ކުރީ ފައިސާ އާ ހެދި ނޫން ކަމަށް، އެ ކްލަބްގެ ރައީސް ނަސީރު އަލް ޚެލާފީ ވިދާޅުވެއްޖެ އެވެ.
އެމްބާޕޭ ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކުރީ، ރެއާލް މެޑްރިޑުން އޭނާ ލައްވައި ސޮއި ކުރުވުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.
ސްޕެއިންގެ ކުޅިވަރު ނޫސް "މާކާ" އަށް ދިން އިންޓަވިއުގައި އަލް ޚެލާފީ ވިދާޅުވީ، އޭނާ ގެންދަން ރެއާލުން ހުށަހެޅި ހުށަހެޅުން ޕީއެސްޖީގެ ހުށަހެޅުމަށް ވުރެ ބޮޑު ކަމަށެވެ. މިދިޔަ އަހަރު، އެމްބާޕޭ ގެންދަން ރެއާލް މެޑްރިޑުން 189 މިލިއަން ޑޮލަރު ހުށަހެޅި ކަމަށް އަލް ޚެލާފީ ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ޕީއެސްޖީން އެއްބަސް ނުވީ، އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ބޭނުންވާ ކަން އެނގުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކިލިޔަން ކޮންޓްރެކްޓް އާ ކުރަން ނިންމީ ފައިސާ އަކަށް ނޫން. އަހަރެމެންގެ ހުށަހެޅުމަށް ވުރެ މެޑްރިޑްގެ ހުށަހެޅުން މާ ރަނގަޅު. އެކަމަކު އޭނާ ނިންމީ އޭނާގެ ސިޓީ [ޕެރިހުގައި] ކުޅެން. އޭނާގެ އަމިއްލަ ގައުމުގައި ކުޅެން. އަދި އަހަރެމެންގެ ސްޕޯޓިން ޕްރޮޖެކްޓް ރަނގަޅުވީމަ އޭނާ މަޑު ކުރީ،" ގަތަރުގެ ޝާހީ އާއިލާ އާ ގާތް ގުޅުމެއް އޮންނަ އަލް ޚެލާފީ ވިދާޅުވި އެވެ.
"އޭނާ އާ ވެސް އޭނާގެ އާއިލާ އާއެކު ވެސް ފައިސާގެ ވާހަކަ އެއް އަހަރެމެން ނުދައްކަން. އެ ވާހަކަ ދައްކަން ޖެހޭ އެންމެ ފަހު ވަގުތު ފިޔަވައި. އޭނާ އާ ދިމާލަށް އެގޮތަށް ނިސްބަތް ކުރުން ރަނގަޅެއް ނޫން. ފައިސާ އަކީ އެ މީހުންނަށް އެންމެ މުހިންމު ކަންތައްތަކެއް ނޫން. އެ މީހުން ބޭނުން ވަނީ ކާމިޔާބު ހޯދަން. އެހެންވެ އެ މީހުން ބެލީ ރަނގަޅު ޕްރޮޖެކްޓެއް އޮތް ކަލްބަކަށް."
ޕީއެސްޖީގެ ކޯޗު ކަމުން މައުރީސިއޯ ޕޮޗެޓީނޯ ވަނީ ދުރުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކޯޗަކު ހަމަޖެއްސުމަށް ޕީއެސްޖީން ދަނީ މަސައްކަތް ކުރަމުންނެވެ. ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ގެންދަން ޕީއެސްޖީން މަސައްކަތް ކުރި ކަމަށް އަޑު ފެތުރުނު ނަމަވެސް، ޒިދާން އާ ވާހަކަ ނުދައްކާ ކަމަށް އަލް ޚެލާފީ ވިދާޅުވި އެވެ.
ޕީއެސްޖީގެ ކޯޗަކަށް، ނީސްގެ ކްރިސްޓޯފް ގަލްޓިއޭ ހަމަޖެއްސުމަށް ޕީއެސްޖީން ދަނީ މަސައްކަތް ކުރަމުންނެވެ.
"އަހަރެމެން މި ދަނީ އެ ކަމުގައި ނީސް އާ ވާހަކަ ދައްކަމުން،" ޕީއެސްޖީގެ ކޯޗަކަށް ގަލްޓިއޭ ގެންދަން ކުރަމުންދާ މަސައްކަތާ ބެހޭގޮތުން އަލް ޚެލާފީ ވާހަކަ ދެއްކި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީއާރުސެވެން.
22 June 2022
މެޑްރިޑް އެތިވަރުތައް ދެން ރޯލާ.