އެގްޒެކިއުޓާސް އަށް އެންގި ގޮތަށް އަނބުރާ 31 މިލިއަން ރުފިޔާ ސަރުކާރަށް ނުދެއްކި. ނޯޓިސް ދިނުމަށް ފަހު އާބިޓްރޭޝަނަށް ހުށަހަޅަން އޭޖީއަށް ފޮނުވީ މިދިޔަ އާދީއްތަދުވަހު.
އެގްޒެކިއުޓާސް ކުންފުނީގެ މައުލޫމާތާ އެކު ބޭނުންކޮށްފައިވާ އެ ކުންފުނީގެ އޮފީހެއް ކަމަށް ބެލެވޭ ފޮޓޯއެއް: ވެންޓިލޭޓަރުތަކަށް ދިން ފައިސާ އަނބުރާ ހަވާލުނުކުރި މައްސަލައިގައި އެ ކުންފުނި ގޮވައިގެން ކޯޓަށް ދާން ވަނީ ނިންމާފައި.
29 ޖޫން 2022 - 11:32
ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަަށް ދޫކުރި ފައިސާ، ދިވެހި ސަރުކާރަށް އަނބުރާ ދޭން ދެކޮޅު ހެދުމުން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިދޭން ހެލްތު މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.
ކޮވިޑުގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވިއިރު 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި އެ ކުންފުންޏަށް 34 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރިއިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯ ވެސް ނުބަލަ އެވެ. ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ.
އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތަކެއް ވެސް ނުފޮނުވަ އެވެ.
ފުރަތަމަ ޝިޕްމަންޓުގެ ގޮތުގައި ބައެއް ފޮނުވި އިރު ބޭނުމެއް ނުކުރެވުނެވެ. ތަކުރާރުކޮށް ހެލްތު މިނިސްޓްރީން އެދުމުން ބާކީ ވެންޓިލޭޓަރުތައް ހަވާލުނުކުރުމުން ހެލްތު މިނިސްޓްރީން އެންގީ 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދިނުމަށެވެ.
އެކަމަކު މިނިސްޓްރީން އެންގި ގޮތަށް އެ ފައިސާ ވެސް އަނބުރާ ނުދެއްކި އެވެ.
މި މައުލޫމާތު ހެލްތު މިނިސްޓްރީން "މިހާރު" އަށް ހިއްސާކުރީ އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ކޮޕީއަކާއި އާބިޓްރޭޝަނަށް ހުށަނާޅައި ލަސްވި މައްސަލައިގެ ތަފްސީލަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މި މަހުގެ އަށް ވަނަ ދުވަހު އެދުމުންނެވެ.
މިނިސްޓްރީން ބުނީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ މަރުހަލާތައް ފުރިހަމަކުރުމަށް ފަހު އާބިޓްރޭޝަނަށް ހުށަހަޅާނެ ކަމުގެ ނޯޓިސް އެގްޒެކިއުޓާސްއަށް ދިނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ. އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވީ މި ހަފުތާގެ އާދީއްތަ ދުވަހު ކަމަށް ހެލްތުން ބުންޏެވެ.
ވެންޓިލޭޓަރުތައް ނުލިބި ދައުލަތަށް 34 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބުނު އިރު އެ ކުންފުންޏަށް އެ ފައިސާ އިން ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އާބިޓްރޭޝަނަށް ވެސް ހުށަނޭޅި އަހަރެއްހާ ދުވަސް ލަސްވި މައްސަލައިގައި ހެލްތުން ބުނީ އެކަމުގައި އެ މުއައްސަސާގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.
ވެންޓިލޭޓަރު ހޯދުމުގެ އެއްބަސްވުމުގައި އެގްޒެކިއުޓާސް އާއި ހެލްތު މިނިސްޓްރީން ސޮއިކުރީ، ބޭންކް ގެރެންޓީއަކާ ނުލައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ފައިސާ ދޫކުރުމަށް ފަހު އޭސީސީން ބުނެފައިވެ އެވެ. މި އެއްބަސްވުމުގެ ކޮޕީއަކަށް އެދުމުން ހެލްތު މިނިސްޓްރީން ހިއްސާއެއް ނުކުރި އެވެ.
އެގްޒެކިއުޓާސް އިން ވިއްކާ ކަމަށް އެ ކުންފުނީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ބައެއް ތަކެތި.
ހެލްތުން ބުނީ އެއްބަސްވުމުގެ ކޮޕީއެއް ނުދިނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 25 ވަނަ މާއްދާގެ ނ. އަށް ރިއާޔަތްކުރުމަށް ފަހު ދޫކުރެވެން ނެތް މައުލޫމާތަކަށް ވާތީ ކަމަަށެވެ. އެއީ، ހޯދަން އެދުނު މައުލޫމާތަކީ ދައުލަތުގެ އިދާރާއަކުން ހިންގާ ރަސްމީ މަސައްކަތެއްގެ ތެރެއިން ލިބިފައިވާ ނުވަތަ ގެންގުޅެން ޖެހޭ ނުވަތަ ބަލަހައްޓަން ޖެހޭ ދޭދޭ ދެ ފަރުދުންގެ ދެމެދުގައި ނުވަތަ އަމިއްލަ ދެ ކުންފުންޏެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކަށް ނުވަތަ މުއާމަލާތަކަށް ވެފައި އެ މައުލޫމާތު ހާމަކޮށްފި ނަމަ އެ ފަރާތުން ކުރޭ ފަރާތެއްގެ ޒާތީ ނުވަތަ މާލީ ނުވަތަ ދަރަނީގެ ނުވަތަ ވިޔަފާރީގެ ސިއްރު ހާމަކުރަން ޖެހޭ މައުލޫމާތަކަށް ވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.
ވެންޓިލޭޓަރުތައް ހޯދަން 34 މިލިއަން ރުފިޔާ ދައުލަތުން ދޫކޮށްގެން މައްސަލަ ބޮޑުވެ ބެލިއިރު އެއީ، ހަމުގެ ފަރުވާއާ ގުޅޭ ކްލިނިކެކެވެ. ދުބާއީގެ އެގްޒެކިއުޓާސް އިން ކްލިނިކެއް ހިންގުން ފިޔަވައި އިތުރު ވިޔަފާރިތަކެއް ފުޅާދާއިރާއެއްގައި ހިންގާ ކަމުގެ އެއްވެސް މައުލޫމާތެއް އޭރު އާއްމުކޮށްފައެއް ނުވެ އެވެ.
އެކަމަކު މީގެ ދެ ހަފުތާ ކުރިން "މިހާރު"ން މައުލޫމާތު ހޯދިއިރު، އެ ކުންފުނިން މިހާރު ވަނީ ވިޔަފާރި ފުޅާކޮށްފަ އެވެ.
ވެބްސައިޓު އަފްގްރޭޑްކޮށް އާ ލޯގޯއާ އެކު ކުންފުންޏާ ބެހޭ ތަފްސީލް މައުލޫމާތު އާއްމުކޮށްފައިވާ އިރު ކުރިން އަޑު ނީވޭ ވިޔަފާރިތަކެއްގެ ތެރެއަށް ވަދެފައިވާ ކަމަށް ލިއެފައިވެ އެވެ. ސިއްހީ ދާއިރާގެ އިތުރުން، އެ ކުންފުނިން ކާބޯތަކެއްޗާއި ރަނާއި އެކި ބާވަތްތަކުގެ މައުދަނާއި ދަގަނޑުގެ ވިޔަފާރީގައި ވެސް ފުޅާކޮށް އުޅޭ ކަމަށް ވެބްސައިޓުގައިވެ އެވެ. އެ ވިޔަފާރިތަކުގައި، 1997 ވަނަ އަހަރު އުފެއްދި އެ ކުންފުންޏަކީ ތަޖުރިބާ ހުރި އަދި އިތުބާރު ލިބިފައިވާ ކުންފުންޏެއް ކަމަށް ވެސް ބުނެފައިވެ އެވެ. ވެންޓިލޭޓަރުތައް ނުލިބި މައްސަލަ ބޮޑުވުމުން، ތަހުގީގަށް އޮޑިޓް އޮފީހާއި އޭސީސީން އޭރު ހޯދި މައުލޫމާތުން ވެސް ކަށަވަރުވީ ވެންޓިލޭޓަރު ފަދަ ސިއްހީ ސާމާނު ވިއްކުމުގެ ގާބިލް ކަމެއް އެ ކުންފުނީގައި ނެތެވެ. މި ފަހުން ވެބްސައިޓު އަޕްޑޭޓްކުރިއިރު ވެސް ވެންޓިލޭޓަރު ފަދަ ސިއްހީ ސާމާނު ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ ކަމުގެ ރެކޯޑެއް ނެތެވެ. އޮތީ ކޮވިޑް ޓެސްޓް ކިޓުތަކާއި މާސްކް ފޯރުކޮށްދޭ ކަމަށެވެ.
ވެންޓިލޭޓަރު މައްސަލަ ތަހުގީގުކޮށް ވެންޓިލޭޓަރު މައްސަލައިގައި އޭސީސީގެ ކުރީގެ ކޮމިޝަނުން ދައުވާކުރަން ފޮނުވި އެވެ. އެއީ އޭރުގެ ހެލްތު މިނިސްޓަރު އަބްދުالله އަމީން އާއި މިނިސްޓްރީގެ 10 މުވައްޒަފެއްގެ މައްޗަށެވެ. އޭރު ޕީޖީ ނިންމެވީ ދައުވާ ނުކުރުމަށެވެ.
އާ ކޮމިޝަނުން މައްސަލަ މުރާޖައާކޮށް ޑިއުޓީ ޕްރޮސިކިއުޝަނަށް އޮތީ އަލުން ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރ
29 June 2022
ކޮމިޓީގެ ޗެއަރ އިބޫ ސާލިހު ޒިންމާ ވާންޖެހޭ ޖަރީމާއެއް މިއީ.
އެއްކަލަ މީހާ ދޯ
29 June 2022
މިކަންތައް ބެލުނަ ނުދީގެން އުޅެނީ ސީދާ އެމްޑީޕީ ގެ ނަޝީދު ފެކްޝަނުން. މިކަން އުޅެ އުޅެ ނުބެލިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އިތުބާރު ނެތްކަމަށް ނިންމަން ކިތައްމެ ފަހަރަކު މަސައްކަތް ކުރެވިއްޖެ. ކޮންމެފަހަރަކު ފަޔަށް ހިނިއަރައިގެން އެކަމާ ދެކޮޅަށް މަޖިލީހުގަ އަޑުއުފުލަނީ ކޮންބައެއްކަން ވިސްނާލީމަ މިކަމުގެ އަޑި ފެންނާނެ!
ޖަމަލު
29 June 2022
ފަޒީނާއަށް ނުލިބޭ ރިޕޯޓެއް ނޯންނާނެ، ޚާއްޞަކޮށް ޔާމީނުގެ ރިޕޯޓުތައް އޭނާ އަތުގަ ހުންނާނެ، ތަހުގީގަށް ނުލިބޭ ރިޕޯޓުތައްވެސް ހުންނާނެ. މިހާރު ކީއްވެގެންބާ ޔާމީނޭ ކިޔައިގެން އެއްޗެއް ނުލިޔަނީ. ލަދުންބާ؟
ހާސަރުު
29 June 2022
ތިކަމުގައި ޒިންމާވާނެ މީހަކު މިގައުމުގައި ނެތިއްޔާމު ދެން މާލިއްޔަތު ގަވާއިދާއި ގާނޫނުތައް އުވާލާ
ކުޗީ
29 June 2022
ސަރުކާރުގެ އަމާޒަކީ އާބިޓްރޭޝަނޭ ކިޔައިގެން 2023 ގެ އިންތިހާބުން ފަހަނައަޅާ ދުއްވާލުން. އަހަންނަން އާބިޓްރޭޝަނެއްގެ ވާހަކަ އެގްރީމަންޓް ގައި އޮތްކަމެއްހެންވެސް ހީނުވޭ. ސަރުކާރުގެ ތެރެއިން ބަޔެއްގެ އަތެއްނެތި މިކަމެއް ނުކުރެވޭނެ. އެބަޔަކު ތިބީ ސަރުކާރު ތެރޭގަ ވަރަށް ބާރުގަދަ މަގާމު ތަކެއްގަ.
ސިލްސިލާ
29 June 2022
ކޮބާހޭ އަމީނު؟
ސިޔާސީ ދައުވާ
29 June 2022
އަމީނު އެބަ އުޅޭ. ފިލަައިގެން ގައުމުން ބޭރަށް ނުދޭ. ކުރިމަތިކުރުވި ކޮންމެ ތަހުގީގަކާ ކެރިގގެން ކުރިމަތިލިތަން ފެނުނު. ދެން ކޮންކަމަކާ އޭނަ ހޯދަނީ؟ އެވަރު ކޮށްގެންވެސް އެ ސޮރުގެ ކަމެއް ނުފެނުނީމަތަ
ދިލްބަހާރު
29 June 2022
ކޮންކުންފުނީގެ ބޮޑުންތޯ ޑުބާއީގަ
ރާއްޖެ
29 June 2022
މި ސަރުކާރު ޓްރާންސްޕޭރެންޓް ކަމުން މައުލޫމާތު ފަޒީނާ ވެސް ހޯދަން މި ޖެހެނީ ގަދަކަމުން. އަހަރެން ހީކުރަނީ އެހެން މީހަކަށް މި ސަރުކާރުން މައުލޫމާތު ނުލިބުނަސް ފަޒީނާ އަށް ލިބޭނެ ކަމަށް.
ސަންޕަގޯތި އާދަނު
29 June 2022
މަ ބުނީމެއްނު މިއީ ކޮންމެ މަހަކު އޮލަކުރާ ރިހަގަނޑެކޭ. މާ ބޮޑު ކަމެއްނޫނޭ. ބޮޑުބޭބެ ނަސީމަށް މަގާމު ހޯދައިދޭން ނަޝީދު ޖެހި މަޅީގައި އޭނަ އޮޅި، މަޖިލީސް މެޖޯރިޓީ ގެއްލި، ޕާޓީ މެޖޯރިޓީ ގެއްލި، މުޅި މީހާވެސް ފުނޑި ނިމިއްޖެ. ދެން މިހާރު އިވެނީވެސް މާރީތި އަޑުތަކެއް ނޫން. މި ގައުމުން ނަޝީދު ބޭރުކުރީމަ ގައުމު ހަމަ މަގަށް އެޅޭނީ.
ޥާޚާޚާާ
29 June 2022
ހަސަދައިން ސަލާމަތްވުމަށް މަސައްކަތްކުރުމަކީ ރަގަޅުކަމެއް. ދިވެއްސަކު ގައުމުން ބޭރުކުރަން ތިގޮވަނީ؟
ޢަރުތަ
29 June 2022
މިޤައުމުން ނަޝީދު ބޭރުކުރިއަސް ޤައުމު ހަމަ މަގަކަށް ނޭޅޭނެ، ސަހަލު އެކަކުވެސް ނެތޭ، ހަމަ އެއްވަރުގެ "އިޚްލާސްތެރި" ވެރިން މުޅިންވެސް ތިތިބީ، މީހަކަށް ދޫކުރާވަރުގެ މީހަކުނެތް.
އުދުހޭ
29 June 2022
އެއްބަސްވުމުގައި އާބިޓްރޭޝަނުގެ ވާހަކަ އޮތިއްޔާ އާބިޓްރޭޝަނަށް ގޮސް އެފައިސާ އަނބުރާ ހޯދުން މިވަނީ ވަރަށް ބޮޑަށް ލަސްވެފަ. ފައިސާ ލިބުން ލަސްވުމުން ދައުލަތަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނެ ފަރާތެއް އެބަހުރިބާ؟
ޢަރުތަ
29 June 2022
ފުރަތަމަ ފެށުންވެސް ގޯސް، މިބުނީ މާލިއްޔަތު ޤާނޫނާ ޚިލާފަށް، އެއްވެސް ބޭންކް ގެރެންޓީއެއްވެސް ނެތި ބޭރު ކުންފުންޏަކަށް ތިހާ ބައިވަރު ފައިސާ ދިނީ ގޯހުން، ބަޔަކު މާލީ މަންފާއެއް ހޯދަން ކަމަށް ބެލެވޭ، އެބަޔަކު ޖަވާބުދާރީ ކުރެވެން ޖެހޭނެ.