ސްޓެލްކޯއާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޑައިބިޓީސް ސޮސައިޓީގެ ޗެއާޕާސަން ޝިރުހާނާ (ވ) އާއި ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް އެއްބަސްވުން ބަދަލުކުރައްވަނީ. ---ފޮޓޯ: ސްޓެލްކޯ
05 ޖުލައި 2022 - 11:26
ސްޓެލްކޯ އިން ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ސްޕޮންސާކޮށްފި އެވެ.
ސްޓެލްކޯގެ އިޖްތިމާއީ ޒިންމާގެ ދަށުން ޑައިބެޓީސް ސޮސައިޓީއާ އެކު އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން، އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެ ޕްރޮޖެކްޓަށް ބޭނުންވާ އެހީތެރިކަން ސްޓެލްކޯއިން ދޭނެ އެވެ.
ހަކުރުބަލީގެ ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ގެ ދަށުން ހިލޭ ކްލިނިކާއި، ބައްޔާ އެކު ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށް ގިނަ މަސައްކަތްތައް ވަނީ ކޮށްފަ އެވެ. އިންސުލިން ޖަހަން ބޭނުންވާ ޕެން އާއި ޓެސްޓުކުރުމަށް ބޭނުންވާ ސާމާނު ވެސް ވަނީ މި ޕްރޮޖެކްޓުގެ ދަށުން ދީފަ އެވެ.
މިއީ ޑައިބެޓީސް ސޮސައިޓީ އުފެދުނީއްސުރެ ހިންގަމުން އައި ގިނަ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮގަރާމެވެ.
ސްޓެލްކޯއާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޑައިބިޓީސް ސޮސައިޓީގެ ޗެއާޕާސަން ޝިރުހާނާ ވާހަކަދައްކަވަނީ ---ފޮޓޯ: ސްޓެލްކޯ
މި ޕްރޮޖެކްޓް ހިންގަން 2020 ވަނަ އަހަރު ކޮވިޑާ ހެދި ދަތިވިކަމަށް އެ ސޮސައިޓީގެ ޗެއާޕާސަން އައިޝަތު ޝިރުހާނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދުނިން ވަރަށް ގިނަ ފަރާތްތަކުގެ އެހީއަށް. އެ ކުދިން ދިރިތިބުމަށް އެހީވެދޭން އެދެމުން ދިޔައީ. އެ އަށް އިޖާބަދީ ސްޓެލްކޯއިން އެހީވާން ނިންމީތީ ވަރަށް އުފާވެއްޖެ،" ޝިރުހާނާ ވިދާޅުވި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ސްޓެލްކޯ އަކީ ރައްޔިތުންނަށް ހިދުމަތް ދޭ ކުންފުންޏަކަށް ވުމުން، އެފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.
ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް އިއްޔެގެ ހަފްލާފައި ވާހަކަދައްކަވަނީ ---ފޮޓޯ: ސްޓެލްކޯ
"ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން އެއްވެސް މީހަކު ބާކީވުމަކީ ރައީސް ބޭނުންފުޅުވެވަޑައިގެންނަވާ ކަމެއްނޫން. އެހެންކަމުން 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިކަހަލަ ކަމެއްގައި އެހީވުމަކީ މުހިއްމު ކަމެއް ކަމަށް ގަބޫލު ކުރަން،" ޝަރީފް ވިދާޅުވި އެވެ.
ކުރިމަގުގައި ސްޓެލްކޯގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖުތަމައުތެރޭ ބާކީވެފައި ތިބޭ މީހުންނަށް އެހީވާ ޖަމާއަތްތަކަށް ވެވެން އޮތް އެހީތެރިކަމެއް ވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޑައިބެޓިކް ސޮސައިޓީއަކީ 2000 ވަނަ އަހަރުން ފެށިގެން ހިލޭ ސާބަހަށް، ހަކުރުބައްޔަށް މީހުން ހޭލުންތެރިކޮށް، ހަކުރުބަލީގެ މީހުންނަށް ދުޅަހެޔޮ ދިރިއުޅެމެއް އުޅެން އެހީވަމުން އަންނަ ބައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy