ނިއު ރޭ ކުޅުނު މެޗުގެ ތެރެއިން: އެ ޓީމު މޮޅުވުމުން ސަޕޯޓަރުންގެ ހަރަކާތްތައް ވަނީ ފޯރި ގަދަ ވެފަ
17 ޖުލައި 2022 - 22:25
ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ތިން އަހަރަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި މޮޅަކާ އެކު އެނބުރި އައުމުން އެ ކަލްބްގެ ސަޕޯޓަރުންގެ ހަރަކާތްތައް ފޯރި ގަދަ ވެއްޖެ އެވެ.
ސަސްޕެންޝަނުން ސަލާމަތްވެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އެޓީމުގެ ފުރަތަމަ މެޗުގައި ވާދަކުރީ ކްލަބް ޓީނޭޖާ ދެކޮޅަށެވެ. މާފަންނު އެއް ނަމްބަރު ޓާފުގައި ކުޅުނު މެޗު ނިއު އިން ކާމިޔާބު ކުރީ 2-1 ންނެވެ.
ނިރޭ ނިއު ކުޅުނު މެޗު ބަލަން އެ ކްލަބްގެ ގިނަ ސަޕޯޓަރުން މާފަންނު ޓާފް ދަނޑަށް ދިޔަ އެވެ. އަދި ނިއު ރޭޑިއަންޓްގެ ފޭސްބްކް މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކި މެޗު 3000 އަށް ވުރެ ގިނަ މީހުން ބެލި އެވެ. އަދި މިއަދު ވެސް އެ ޓީމުގެ ސަޕޯޓަރުން ވަނީ، ދިވެހި ޕްރިމިއަ ލީގުގައި ރޭ ކުޅުނު މެޗު ވަގުތުން ބެލި މީހުންނާއި ނިއުގެ މެޗު ވަގުތުން ބެލި މީހުންނާ އަޅައި ކިޔައި ސޯޝަލް މީޑިއަގައި ޕޯސްޓްތައް ހިއްސާ ކޮށްފަ އެވެ.
"ފެން އޮތް ތާކަށް މަސް ދާނީ. ހަމަ އެގޮތަށް ފުޓްބޯޅައިގެ ފޯރި އޮތްތާކަށް ސަޕޯޓަރުން ދާނީ. ފޯރި އޮތީ މިކޮޅުގައި،" ނިއުގެ ސަޕޯޓަރަކު ސޯޝަލް މީޑިއާގައި ލިޔެފައި ވެއެވެ.
އެ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނި ގޮތުގައި މޮޅާއެކު ކުރިއަށް ހުރި މެޗުތަކުގައި ނިއުގެ ސަޕޯޓަރުންގެ ފޯރި ރޭ ގެ މެޗަށް ވުރެ ގަދަ ވާނެ އެވެ.
"އަޅުގަނޑަކީ އެހެން ކްލަބްތަކަށް ވެސް ކުޅުނު މީހެއް. އެކަމަކު އެހެން އެއް ވެސް ކްލަބަކުން ނުލިބޭ އިހްތިރާމެއް ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންގެ ފަރާތުން އަޅުގަނޑު އެ ކްލަބަށް ކުޅުނު އިރު ވެސް ލިބުނު. ކޯޗެއްގެ ގޮތުގައި ވެސް އަޅުގަނޑަށް އެންމެ ސަޕޯޓް ދޭ ބަޔަކީ ނިއު ރޭޑިއަންޓް،" އޭއެފްސީ ކަޕް 2015 ގައި އޭނާގެ ކޯޗު ކަމުގެ ދަށުން ނިއު އަށް ފަސް ޕޮއިންޓް ހޯދައިދިން ޒުވާން ކޯޗު ބުންޏެވެ.
"މި ލިބުނު މޮޅާއެކު އަޅުގަނޑަށް ގަބޫލު ކުރެވޭ ނިއުގެ އިތުރު ސަޕޯޓަރުން އެކްޓިވް ވާނެކަން. އަދި ރޭ ފެނުނު ފޯރި އަށް ވުރެ ސަޕޯޓަރުންގެ ހަރަކާތްތައް ވެސް އިތުރަށް ވަރުގަދަ ވެގެންދާނެ."
ރޭގެ މެޗުގެ 14 ވަނަ މިނިޓުގައި ނިއު އަށް ލީޑު ނަގައިދިނީ ގާނާގެ ފޯވާޑް ކޯފީ އޮވޫސޫ އެވެ. އޭނާ މި ލަނޑު ޖެހީ ގާނާގެ ކުޅުންތެރިޔާ ޓޯރިކް ޖެބްރިން ނަގައިދިން ކޯނަރެއް ބޮލުން ޖަހައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ.ނިއު އިން އެއް ލަނޑުގެ ލީޑަކާ އެކު ފުރަތަމަ ހާފު ނިންމާލިޔަސް، ދެވަނަ ހާފުގެ ހަވަނަ މިނިޓުގައި ޓީނޭޖުން ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. މި ލަނޑު ޖަހައިދިނީ އެޓީމުގެ ބިދޭސީ ފޯވާޑް އަހުމަދު އަލީ އަފީފީ އެވެ. ނިއު މޮޅުވި ލަނޑު 76 ވަނަ މިނިޓުގައި ޖަހައިދިނީ، ފުރަތަމަ ލަނޑު ވެސް ޖަހައިދިން އޮވޫސޫ އެވެ. މިއީ އަހުމަދު ސުހެއިލް (ބަންބުޗު) ދިން ޕާހަކުން ޖެހި ލަނޑެކެވެ.
މިއީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގައި ފ. ނިލަންދޫއާ ދެކޮޅަށް ހޯދި މޮޅަށް ފަހު، ރަސްމީ މެޗަކުން ނިއު މޮޅުވި ފުރަތަމަ މެޗެވެ. ނިއު އިން އެސީޒަނުގެ މާލޭ ލީގު ކާމިޔާބު ކުރި ނަމަވެސް، ފަހުން މާލީގޮތުން ދަތިތަކާ ކުރިމަތިވެ، ނަތީޖާތަކަށް ކުރި އަސަރާ އެކު ޕްރިމިއާ ލީގު ނިންމާލީ ހަތަރު ވަނައިގަ އެވެ.
ނިލަންދޫ އަތުން ހޯދި މޮޅަށް ފަހު، ގްރީން ސްޓްރީޓްސް އާއި އީގަލްސް އަތުން ބަލިވި ނަމަވެސް ފަހު މެޗުގައި ވަނީ މާޒިޔާއާ އެއްވަރު ކޮށްފަ އެވެ. ނޮވެމްބަރު 30 ވަނަ ދުވަހުގެ ހަވީރު ކުޅުނު އެ މެޗުން މާޒިޔާ ފަސޭހައިން މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް ނިއު އިން މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖެހި ލަނޑުން ނަތީޖާ 4-4 އިން އެއްވަރު ކުރުމާ އެކު، ލީގު ތަށި ޓީސީ ސްޕޯޓްސް އަށް ޔަގީން ވިއެވެ.
ހަމަ އެއާ އެކު މިއީ، 2015 ވަނަ އަހަރަށް ފަހު، ރަސްމީ މެޗެއްގައި ޓާފް ދަނޑުގައި ނިއު ކުޅުނު ފުރަތަމަ މެޗެވެ. ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ސީޒަނުގައި، ލީގު ފުރަތަމަ ބުރުގެ ފަހު ހަފްތާގެ ކުޅުން ޓާފް ދަނޑުގައި ކުޅުނު އިރު، ނިއު ވަނީ އެއަހަރު އޮކްޓޫބަރު 20 ވަނަ ދުވަހުގެ ހަވީރު މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބު ކޮށްފަ އެވެ.
ނިއު އާއެކު ސަސްޕެންޝަނުން ސަލާމަތްވި ވިކްޓަރީ ސްޕޯޓްސް ކުލަބު ވެސް ދެވަނަ ޑިވިޝަނުގައި ހިމެނެނީ އެއް ގުރޫޕެއްގަ އެވެ. ވިކްޓަރީ ވެސް ވަނީ ސަސްޕެންޝަނަށް ފަހު އެޓީމު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް ކުލަބާ ވާދަކޮށް ކާމިޔާބު ކޮށްފަ އެވެ.
ނިއު އާއި ވިކްޓަރީ އަދި ޓީނޭޖާއި ބީޖީ ސްޕޯޓްސްގެ އިތުރުން ދެން މި ގުރޫޕުގައި ހިމެނެނީ ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް ކުލަބާއި ލޮރެންޒޯ ސްޕޯޓްސް ކުލަބް އަދި މަހިބަދޫ ސްޕޯޓްސް ކުލަބެވެ. ކްލަބް 010 ވެސް މި ގުރޫޕުގައި ވާދަކުރާ ގޮތަށް އޮތް ނަމަވެސް، ކްލަބް ލައިސެންސިންގެ ކަންކަން ފުރިހަމަ ނުކުރެވޭތީވެ، އެޓީމަށް މުބާރާތުގައި ވާދަކުރެވޭ ގޮތެއް ނުވި އެވެ.
އިއްޔެ ހަވީރު ޓާފް ދަނޑުގައި އެލްޓީ ސްޕޯޓްސް ވަނީ 5-0 އިން ލޮރެންޒޯ ސްޕޯޓްސް ބަލި ކޮށްފަ އެވެ. އެލްޓީ ސްޕޯޓްސް އިން ޖެހި ފަސް ލަނޑު ވެސް ފެނުނީ މެޗުގެ ފަހު ހާފުގަ އެވެ. އާދަމް ލަރީފް (ރޮނާ) އާއި އިސްމާއިލް ވިފާގު (އިއްސޭ) މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، ދެން ލަނޑު ޖެހީ ހަފީޒް މުހައްމަދެވެ.
މިއަދު ހަވީރު ކުޅެން އޮތް ގުރޫޕް އޭގެ ޓެންޓް ސްޕޯޓްސް ކުލަބާއި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރަން އޮތް މެޗާއި، މިރޭ ކްލަބް ޕީކޭ އާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރަން އޮތް މެޗު ވެސް ކުޅެން ތާވަލް ކުރެވިފައި ވަނީ ޓާފް ދަނޑުގަ އެވެ. ނަމަވެސް މާލެއަށް މޫސުން ގޯސްވެ، ކުރަމުން ގެންދާ ގަދަ ވިއްސާރައިގެ ސަބަބުން ދަނޑުގައި މެޗު ކުރިއަށް ގެންދަން ހާލަތު ތަން ނުދޭތީވެ، ވަނީ ފަސް ކުރެވިފަ އެވެ.
ޓެންޓް ސްޕޯޓްސް އާއި ސިފައިން ބައްދަލުކުރާ މެޗު މާދަމާގެ (ހޯމަ ދުވަހުގެ) ހަވީރު ޓާފް ދަނޑުގައި ކުޅޭ ގޮތަށް ހަމަޖެހިފައި ވާއިރު، ޕީކޭ އާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރާ މެޗު ވަނީ އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައި ކުޅޭގޮތަށް ހަމަޖެހިފަ އެވެ.
ދެވަނަ ޑިވިޝަނުގައި މާދަމާ ޖުމްލަ ތިން މެޗު ކުޅެން ވަނީ ހަމަޖެހިފަ އެވެ. ޓާފް ދަނޑުގައި ޓެންޓާއި ސިފައިން ބައްދަލުކުރާ މެޗުގެ އިތުރުން، ގަލޮޅު ދަނޑުގައި ވެސް ދެ މެޗު ކުޅޭނެ އެވެ. ގަލޮޅު ދަނޑުގައި ހަވީރު ބިސްބުރު ސްޕޯޓްސް ކްލަބާއި ކެޕިޓަލް ސިޓީ ސްޕޯޓްސް ބައްދަލުކުރާ އިރު، މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކްލަބާއި އާއި ޖޭޖޭ ސްޕޯޓްސް ކްލަބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
18 July 2022
ސާބަހޭ ބްލޫސް. ކޮބާ ފެނޭތަ؟ ފެނޭ ދޯ؟؟ މާޒިޔާ މެޗް އެރޭ ލައިވްކޮށް ބެލީ 70 މީހުން.ތަފާތު ފެނޭ ދެއްތޯ!! ގުޑް ލަކް ބޯއިސް.ވ.ވެދުން
ލެއްގިކޮމިޝަނަރ
18 July 2022
ރާއްޖޭގެ ދަރަނިކިންގް ހޯދިކާމިޔާބަށް މަރުހަބާ. ތިޓީމުގެ މޮޅުކަމެއް އިގޭނީ ރާއްޖޭގެ ކުޅިވަރުގެ ރަސްގެފާނު ވިކްޓަރީއާ ކުޅެލީމަ. ރަދީފު ބެއްޔާގެ އާސެނަލް މިފަހަރު ޗެމްޕިއަންސްލީގު ކުޅެނީ ކޮންދުވަހަކުތަ؟ މަށަށް ނޭންގޭތީ އަހާލީ. ދެން ހެއްދެވި ނެހެއްދެވިއަށް ގޮވާނީކީނޫން.
ރަދީފްއޮފިޝަލް
18 July 2022
ދަރަނީގަ އޮތް ކްލަބެއްގެ ގޮތުގަ ކަލެއަށް އެނގެނީ ނިއު އެކަނި ދޯ.ފުޓްބޯޅައިގަ ދަރަނިވެރިވުން އެެއީ އާކަމެއް ނޫން.ޔޫރަޕްގެ ކްލަބްތައް ކަމަށްވާ ޕެނަތަނައިކޯސް ، ރެއާލް ޒަރަގޯޒާ އަދި އެއީކޭ އެތެންސް ފަދަ ކްލަބްތަކުގެ މާޒީ ބަލާލުމަށް ނަސޭހަތްތެރިވަން.އާސެނަލް އަދި ޔޫސީއެލްގަ ވެސް ކުޅޭނެ.ކަލޭގެ ކްލަބް ޔޫސީއެލް ފައިނަލްގަ ކުޅުނީ 1 ފަހަރު ، އާސެނަލް ވެސް އެއްފަހަރު.ކަލޭގެ ކްލަބް ފުނޑާލާނެ މިފަހަރު ކްލަބްތަކުން.ކަލޭ ބަލަން ހުންނާތި ވަލްރަސް.ވ.ވެދުން
މަރުމޯލް
18 July 2022
ލެއްގި މަރުމޯލާ ފުޓްބޯޅައިގަ ނިއު ހޯދާފައިވާ ކާމިޔާބީ ތަކުން ރަސްގެފާނަކީ ކޮންބައެއްކަން އެބަައެނގޭ، ދެނޭވާ ދޭތެރެއިން ކޮމެންޓް ނުކުރިޔަކަސް ތަށިތަކުގެ އަދަދުން އެކަން އެއޮތީ ހާމަވާން..
މުލޭ
18 July 2022
މިގައުމުގައި މިހާރު އޮތް އަސްލު ފުޓްބޯޅަ ކްލަބްތަކަކީ ނިއު ވިކްޓަރީ ވެލެންސިއާ. ދެން މާޒިޔާ ވެސް އެ ލިސްޓުގައި ހިމެނިދާނެ. ދެންތިބީ ފުޓުބޯޅައިގެ ނިވަލުގައި އެހެން ކަންތައްގަނޑެއް ހިންގާ ގްރޫޕްތަކެއް. ދެރަވެސްވޭ. ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް ހަގީގަތް ވާނީ ހަގީގަތަަށް. ޝުކުރިއްޔާ ނިއު ވިކްޓަރީ. ދެޓީމަށް ވެސް މަރުޙަބާ.
ލެއްގިކޮމިޝަނަރ
18 July 2022
މުޅޭ ތިބުނީ %100 ރަނގަޅު ވާހަކައެއް. އެކަމަކު މިއުޅޭ ރޯނުއެދުރު ރަދީފް ގަބޫލެއް ނުކުރޭ މާޒިޔާއަކީ މިލިސްޓްގަ ހިމެނެންޖެހޭ ކުލަބެއްކަމަކަށް.
ރަދީފްއޮފިޝަލް
18 July 2022
ލެއްގިބަބުރާ. މާޒީޔާ އެއީ އެލިސްޓަށް ވާދަކުރަން މަސައްކަތް ކުރާ ކްލަބެއް.(@މުލޭ ވެސް ބުނެފަ އެއޮތީ ''ދެން މާޒިޔާ ވެސް އެ ލިސްޓުގައި ހިމެނިދާނެ.'' އެ ޖުމްލައިގަ ވަރަށް މުހިންމު ދެ ލަފްޒު އެބައޮތް.އެއީ ''ދެން'' ''ހިމެނިދާނެ''. ދިވެހިބަހުގަ ޖުމްލައާއި ޖުމްލަ ބެހިގެންވާ ގޮތާއި ބާވަތާއި ވައްތަރުތައް ދަސްކުރުމަށް ލެއްގިބަބުރަށް ނަސޭހަތްތެރިވަން.)ވ.ވެދުން
ނިއު
18 July 2022
ފުޓްބޯޅަ އަކީ އިހްތިރާމްކޮށްގެން ކުޅޭ ވާދަވެރި ކުޅިވަރެއް. މިހާރު ފެންނަނީ މިމަންޒަރެއް ނޫން. ގޭންގްތަކުން މުޅި އެތީގެ ސިފަ ބަދަލުކޮށްލައިފި.
އަސްލުގަޤީޤީހާލަތް
18 July 2022
އަވަގުރާނަ ގޮވުން އޮންނަނީ.. ޅަދަރަިއަކު ގޮވައިގެން ދަނޑަށް ވަދެވޭ ވަރެއްވެސް ނޫން.. ކުރީގަ ވިކްޓަރީ ނިއު ކުޅޭ މެޗު ތަކަކީ ދިވެހި އެލް ކުލެސިކޯ.. އެއަށް ވުރެއް ދަނޑު މައްޗަށާ ދަނޑު ބޭރު ހޫނު ސަޕޯޓަރުން ކެކި އުތުރި އަރާ މެޗުތަކެއް ނުކުޅޭނެ ދަނޑަކު.. އެކަމަކު މިހާރު ތިޔަ ގޮވާ ކުނި ފުޅަ ކިފުޅި އަވަގުރާނަތަކެއް އޭރަކު ނުގޮވާ. ޅަދަރިންނާ އަންހެނުންނަށް ބަލާ އިޙްތިރާމްކުރޭ..
އާރީ
18 July 2022
ޢިބުރަތް ލިބިގަންނަން ބޭނުންވާ މީހަކަށް، މި ދުނިޔެއަކީ ޢިބުރަތުން ފުރިގެންވާ މަންޒިލެކެވެ.
އާރީ
18 July 2022
ސޮބާ ކޯޗަށް ލިބުނި ކުޑަ ދުވަސް ކޮޅަށް ބަލާއިރު ޓީމް ތަށްޔާރު ކޮށްފަ އޮތްލެއް ވަރަށް ރަގަޅު. ޓީމްގެ ރޫހު ރަގަޅު. ސަފޯޓަރުގެ ހިތްވަރު އެބަހުރި. މެނޭޖްމަންޓް އޮތީ ފަސްޓަށް އަރަށް ކެށްމަދުވެފަ. އިންސާ ﷲ ކާމިޔާބު ވާނެ.
ބުލޫ
17 July 2022
ރަސްގެފާނު އެބުރިއައުމުން ވާދަވެރި ކުލަބުތައް ހަގީގަތުގަވެސް މިހާރު ވެސް ޖެހިލުން ވެއްޖެ. ޖެހިލުންވާނި ކަމެއް ނެތް ގެއްލިފައިވާ ފުޓްބޯޅައިގެ ފޯރި ނަގާ ކޮޅަށް ޖެހޭނި ބަޔަކީ ނިއު ވިކުޓްރީކަން ކަށަވަރު.
މޯޑް
17 July 2022
ލޯކަލު މުބާރާތް ތަކުގަ އިދިކޮޅު ޓީމްތައް ކޮޅައް 10 ލަޑުން 5 ލަޑުން ގޯލުޖެހުމަކީ ކާމިޔާބެއް ނޫން. އޭގެން އިގެނީ ލީގުގެ ފެންވަރު ދަށްކަށް މާޒިޔާއާއި ވާދަ ކޮށްލެވޭނި އިތުރު ޓީމެއް ނެތް ކަން. އޭއެފްސީކަފްގަ ކީއްވެތޯ ކާމިޔާބީ ނުހޯދެނި ދައުލަތުން މިލިޔަން ރުފިޔާދޭ ޓިކެޓަށާއި އެކޮމެޑޭސަންއަށް އަމިންލަ ކުލަބުން ހަރަދު އެވަރަށް ކުރޭ. އެކަމް ކޮންމެ ފަހަރަކު ނާކާމިޔާބީ ކުރިމަތިވަނީ!
ވީއާރބުލޫސް
17 July 2022
ސޮބާ ކޯޗަކީ ނިއުއަށް ދިމާވާ ދަތިއުދަގޫ ވަގުތު ތަކުގަ ޓީމަށް އެހީތެރިވެދޭ ވަރަށް ރަގަޅު ކޯޗެއް. ވަރަށް ބޮނޑަށް ސުކުރުއްޔާ. އަބަދު ވެސް ސޮބާއަށް އިހުތިރާމާއި ލޯބިދޭނަށް.
8888
17 July 2022
ދުއާޔަކީ ނިއު ވިކުޓްރީ ފަސްޓަށް އެރުން.
މޯޑޭ
17 July 2022
ދެކެދެކެވެސް ނިއުގެ ސަފޯޓަރުން ވަރުބަޔަކު ނުދެކެށް. ދަރާވިކިފަ އޮތް ޓީމެއް ވިއްޔާ ނަގާ ކޮޅަށް އެޖެހީ.