ކޮމަންވެލްތު ގޭމްސްގައި ގައުމީ ރެކޯޑްތައް ހެދި ފެތުންތެރިން: މުބާލް، ހަމްނާ ސައުސަން، އާން އަދި ރިހާން ޝަހީމު --- ފޮޓޯ: ސްވިމުން
03 އޯގަސްޓް 2022 - 12:16
މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ދިވެހި ފެތުންތެރިން ގައުމީ ރެކޯޑްތަކެއް މުގުރާލައިފި އެވެ.
ދިވެހި އެތުލީޓުން ވަނީ ފެތުމުގެ ފަސް ރެކޯޑެއް މުގުރާލައިފަ އެވެ. ރާއްޖޭގެ ގައުމީ ޗެމްޕިއަން މުހައްމަދު އާން ހުސައިން ވަނީ ތިން ރެކޯޑެއް މުގުރާލައިފަ އެވެ.
އޭނާ މުގުރާލީ 50 މީޓަރު ފްރީ ސްޓައިލް، 100 މީޓަރު ފްރީ ސްޓައިލް އަދި 100 މީޓަރު ބަޓަފްލައި ސްޓްރޯކްގެ (ލޯންގް ކޯސް) ރެކޯޑެވެ. ބަޓަފްލައި ސްޓްރޯކްގެ (ލޯންގް ކޯސް) ރެކޯޑް އިއްޔެ މުހައްމަދު ރިހާން ޝަހީމު ވެސް މުގުރާލި އެވެ. އިއްޔެ އޭނާ ރޭސް ނިންމީ 1.05.12 (1 މިނެޓާއި 05.12 ސިކުންތު) އިންނެވެ. ރީހާން ރެކޯޑް ހެދީ އެ އިވެންޓްގެ ހީޓް 1 ގައި ވާދަކޮށްގެންނެވެ.
ހަމަ އެ އިވެންޓްގެ އެހެން ހީޓެއްގައި ވާދަކޮށް އާން ރޭސް ނިންމީ 1.03.35 (1 މިނެޓާއި 3.35 ސިކުންތުންނެވެ.)
ރިހާން އެ ރެކޯޑް ހެދުމުގެ ކުރިން، އެ ރެކޯޑް އޮންނަނީ ކުރީގެ ފެތުންތެރިޔާ ނިޝްވާން އިބްރާހިމްގެ ނަމުގަ އެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް ދޭ ކަލާސް އެވޯޑް ވެސް 2016 ގައި ވެސް ހާސިލު ކުރި ނީޝްވާން އެ ރެކޯޑް ހެދީ 2014 ގައި ސްކޮޓްލެންޑްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި 1.05.22 އިން ރޭސް ނިންމައިގެންނެވެ.
ފްރީ ސްޓައިލް 100 މީޓަރުގެ ރެކޯޑް އެންމެ ފަހު އޮތީ ވެސް އާންގެ އަތުގަ އެވެ. އޭނާގެ އަމިއްލަ ރެކޯޑް އިއްޔެ މުގުރާލީ 55.49 ސިކުންތުން ރޭސް ނިންމައިގެންނެވެ. ޖޫން މަހު އެ ރެކޯޑް އޭނާ ހެދީ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށް 55.59 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އިއްޔެ އާން މުގުރާލި 50 މީޓަރުގެ ފްރީސްޓައިލް ރެކޯޑަކީ ހަތް އަހަރުވީ ރެކޯޑެކެވެ. ކުރިން އެ ރެކޯޑް އޮންނަނީ ނިޝްވާން އަތުގަ އެވެ. އޭނާ ވަނީ 2015 ގެ ވޯލްޑް ޗެމްޕިއަންޝިޕްގައި 26.27 ސިކުންތުން ރޭސް ނިންމައިފަ އެވެ. އާން އިއްޔެ ރޭސް ނިންމީ 24.82 ސިކުންތުންނެވެ.
ރާއްޖޭގެ އެއްވަނަ އަންހެން ފެތުންތެރިޔާ ހަމްނާ އަހުމަދު އިއްޔެ ވަނީ 50 މީޓަރު ބެކްސްޓްރޯކް (ލޯންގްކޯސް) ގެ ރެކޯޑް މުގުރާލައިފަ އެވެ. ހިމްނާ އިއްޔެ މުގުރާލީ ޖޫން މަހު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި އޭނާ އަމިއްލަ އަށް ހެދި ރެކޯޑެވެ. ވޯލްޑް ޗެމްޕިއަންޝިޕްގައި އޭނާ ރެކޯޑް ހެދީ 34.53 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ބާމިންހަމްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި އިއްޔެ ހިމްނާ ރެކޯޑް މުގުރާލީ 34.51 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ސްވިމިންގެ ރިލޭ ޓީމު ވެސް ވަނީ އިއްޔެ ރެކޯޑް ހަދައިފަ އެވެ. މިކްސް ޓީމު އިވެންޓްގައި ވާދަކުރި ރިލޭ ޓީމު 4 ގުނަ 100 މީޓަރުގެ ފްރީ ސްޓައިލް ރިލޭ އިވެންޓް 4.14.91 (4 މިނެޓާއި 14.91 ސިކުންތުން) ނިންމައިގެން ރޭސް ފުރިހަމަ ކޮށްފަ އެވެ.
މިކްސް ރިލޭ ޓީމުގައި ހިމެނެނީ އައިޝަތު ސައުސަން، ހަމްނާ، އާން އަދި މުބާލް އައްޒާމެވެ. މި ފެތުންތެރިން ހިމެނޭ ރިލޭ ޓީމުން ވަނީ ކުރިން ވެސް މި ރެކޯޑް އާ ކޮށްފަ އެވެ. ވޯލްޑް ޗެމްޕިއަންޝިޕްގައި މި ޓީމުން ރޭސް ނިންމީ 4.18.44 އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނީސާ
04 August 2022
ކުޅިވަރު ކުޅޭ ފަރާތްތަކުންވެސް އެކުރަނީ ބުރަ މަސައްކަތް.އެ މަސައްކަތުގެ އަގު ވަޒަންކޮށްބަލަ.
ގެދާނޯމޮސް
03 August 2022
އިނޓަނެޓް ފަދަ ވަޞީލަތް ތަކުގެ ބޭނުން ހެޔޮގުގަ ހިފާ ޒުވާނުންނަށް ފެތުމުގެ ހުނަރު ދަސްކުރަން ފްރީ އެތަށް ސައިޓްތަކެއްގެ އެހީ އެކުދިން ހޯދާކަމީ ކޯޗަކަށް ވުރެން ކުރިއެރުން ލިބިގެން ދާކަމެއް ކަން ރެކޯޑްތަކުން އެކުދިން އެދަނީ ސާބިތު ކޮށްދެމުންނެވެ. ނަމަވެސް ފިޒިކަލް އަދި މެންޓަލީ ގޮތުން ކުދިން ފިޓްނުވަނީ އެކަށީގެންވާ ނޭޗަރ އަރާމު ނުހޯދާ ތީވެއެވެ.
އަހައްމަދޫ
03 August 2022
މީގައުމީ ރެކޯޑް އާކުރަން ދާތަނެއްތަ ބޮޑު ޚަރަދުކޮށްގެން. ރަށުގަ ތިބެގެނަވެސް ތިކަން ކުރެވޭނެދޯ
ރައްޔިތުބޭ
03 August 2022
މީ ތަޖުރިބާ ހޯދާ ގައުމެއް. މި ރީޖަންގައިވެސް ދިވެހީންވަރެއް އެކަމުގައި ނޯންނާނެ.
ރޯޒަސް
11 August 2022
ދެން އެހެންނޫނީ ކީއްކުރަން ދާންވީ؟