ދެވަނަ ޑިވިޝަންގައި އެލްޓީ ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށް ފަހު ވިފާގު އުފާފާޅުކުރަނީ: މިއަދު ނިއު ކޮޅަށް ވެސް އޭނާ ވަނީ ލަނޑު ޖަހާފަ -- ފޮޓޯ: އެފްއޭއެމް
05 އޯގަސްޓް 2022 - 19:01
ދެވަނަ ޑިވިޝަން ފުޓުބޯލަ މުބާރާތުގައި މިއަދު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް އިސްމާއިލް ވިފާގު (އިއްސޭ) ފަހު ވަގުތު ޖެހި ލަނޑުން މޮޅުވެ، ގުރޫޕު ބީ ގެ އެއްވަނައަށް ޓައުން (އެލްޓީ) ސްޕޯޓްސް ކްލަބް ޖެހިލައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. ދެވަނަ ހާފުގެ ތިންވަނަ މިނިޓުގައި ނިއު އިން ވަނީ ބިދޭސީ ފޯވާޑް ކޮފީ އޮވޫސޫގެ ލަނޑުން ލީޑު ނަގައިފަ އެވެ. ނަމަވެސް މިނިޓެއް ވަންދެން ވެސް ނިއު އަށް ލީޑު ހިފަހައްޓައެއް ނުލެވުނެވެ. އެލްޓީ ސްޕޯޓްސް އަށް އެއްވަރު ކޮށްދިނީ ހުސެއިން ޝުއައިބް އެވެ.
އެލްޓީ އަށް މެޗުގައި ފުރަތަމަ ލީޑު ލިބުނީ ނިއުގެ ޒުވާން ފުލްބެކް ޝަމްވީލް މުހައްމަދު (މީދޫ ބޮންޑާ) އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ނަމަވެސް ކޮފީ ވަނީ 82 ވަނަ މިނިޓުގައި ނިއު އަށް ނަތީޖާ އެއްވަރުކޮށް ދީފަ އެވެ. އެލްޓީ މޮޅުވި ލަނޑު ވިފާގު ޖަހައިދިނީ 84 ވަނަ މިނިޓުގަ އެވެ.
މިއީ ވިފާގު މިއަހަރު އެލްޓީ އަށް ޖަހައިދިން ހަވަނަ ލަނޑެވެ. އޭނާ ވަނީ އެޓީމު މިހާތަނަށް ކުޅުނު ފަސް މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. އެންމެ ފުރަތަމަ ލޮރެންޒޯ ސްޕޯޓްސް ކޮޅަށް ދެ ލަނޑު ޖެހިއިރު، ދެވަނަ މެޗުގައި ވިކްޓަރީ ސްޕޯޓްސްއާ އެއްވަރުކުރީ އޭނާގެ ލަނޑުންނެވެ. އަދި އެއަށް ފަހު ބީޖީ ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބު ކޮޅަށް ވެސް އޭނާ ލަނޑު ޖެހި އެވެ.
މި ނަތީޖާއާ އެކު އެލްޓީ ވަނީ ކުޅުނު ފަސް މެޗުން ވެސް ބަލި ނުވެ، 13 ޕޮއިންޓް ހޯދައިގެން ގުރޫޕްގެ އެއްވަނައަށް ޖެހިލައިފަ އެވެ. އަދި މިއީ ނިއު ރޭޑިއަންޓް އެނބުރި އައިސް ދެވަނަ ޑިވިޝަނުގައި މި އަހަރު ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ. ފުރަތަމަ ހަތަރު މެޗު ކާމިޔާބު ކޮށްގެން ނިއު ވަނީ 12 ޕޮއިންޓް ހޯދައިފަ އެވެ.
ގުރޫޕްގެ ތިންވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ ކްލަބް ޓީނޭޖެވެ. ޓީނޭޖުން އެޓީމުގެ ފަސްވަނަ މެޗުގައި މިރޭ ކުޅޭނީ ބީޖީ ސްޕޯޓްސްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ޓީނޭޖަށް ނިއު ރޭޑިއަންޓާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރެވޭނެ އެވެ.
އެލްޓީ އާއި ޓީނޭޖްގެ ފަހު މެެޗުގައި އެ ދެޓީމު ކުރިމަތި ލާއިރު، ނިއުގެ ފަހު މެޗުގައި ނުކުންނާނީ މަހިބަދޫއާ ދެކޮޅަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޑި ކަޅޭ
06 August 2022
ގޭންގުތައް ކުޅެން ފެށިފަހުން ރެފްރީންވެސް ޖެހިލުންވޭ އެމީހުންގެ މެޗުތަކުގަ ކާޑު ދެއްކުމާއި ބައެއް ކަހަލަ ޑިޝިޝަން ނެގުމުގަ.
މައްޕެ
06 August 2022
ތިޔައީ ވަރަށް ބޮޑު ތެދެއް. ނިއު އަކީ ދިވެހި ފުޓުބޯޅައިގެ ހަލާކު.
ޖެޖެ
07 August 2022
ގޭންގުތަކޭ ކިޔައިގެން އަނގަ ނުތަޅާ ބަލާބަލަ. ނިއު އާ ވިކްޓަރީ ވެސް އެއީ ކަންމަތީ ކުލަބެއް. އެޓީމުތަކުން ފަހުގެ ތާރީގުގަ ކުޅުންތެރިންނަށް ޖައްސާފަ ތިބި ހާލު އެގޭތަ ގޭންގޭ ފުޓުބޯޅަ ހަލާކޭ ތި ކިޔަނީ. ލަދު ކޮބާ؟
ރަދީފްއޮފިޝަލް
05 August 2022
މަރުހަބާ އެލްޓީ.އަދި ރަނގަޅުވާނެ.ނިއުގެ ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް.ވ.ވެދުން