ކުޅިވަރު / ބްރެޒިލް ގައުމީ ޓީމް

ހުއްޓާލަން ޖެހުނު އާޖެންޓީނާ މެޗު ކުޅެން ބްރެޒިލް ބޭނުމެއް ނުވޭ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރެޒިލްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅެނިކޮށް މެޗު ހުއްޓުވުމަށް ފަހު، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ބްރެޒިލްގެ ކެޕްޓަން ނޭމާ ޖޫނިއާ، އޮފިޝަލުންނާ މަޝްވަރާ ކުރުމުގައި.--

ކޮވިޑުގެ ގައިޑްލައިންތަކާ ހިލާފުވެގެން ހުއްޓާލަން ޖެހުނު ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އާއި ބްރެޒިލް ކުޅުނު މެޗު، ވޯލްޑް ކުޑަތަންވެފައިވާތީވެ އަލުން ކުޅެން ބޭނުންނުވާ ކަމަށް ބްރެޒިލް ފުޓްބޯޅަ އެސޯސިއޭޝަން ބުނެފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ބްރެޒިލްގެ ސައޮ ޕޯލޯ ގައި ކުޅުނު މެޗު ފަށައިގެން ހަވަނަ މިނިޓުގައި ބްރެޒިލްގެ ހެލްތު އޮތޯރިޓީން ދަނޑަށް އަރައި މެޗު ހުއްޓުވީ، އިންގްލެންޑުގައި ކުޅޭ އާޖެންޓީނާގެ ހަތަރު ކުޅުންތެރިއަކު ބްރެޒިލް އަށް އެތެރެ ވުމުގައި ކޮވިޑް-19 ގެ އުސޫލުތަކާ ހިލާފުވިކަން ފާހަގަ ކުރެވުމުންނެވެ.

މި މައްސަލައިގައި ފީފާ އިން ވަނީ އާޖެންޓީނާ އަދި ބްރެޒިލްގެ ފުޓުބޯޅަ އެސޯސިއޭޝަން ވެސް 50،000 ސްވިސް ފްރޭންކުން ޖޫރިމަނާ ކޮށްފަ އެވެ. އަދި ސިއްހީ ތައްކާތެރިކަމަށް އިހުމާލުވެފައި ވާތީވެ އިތުރު 125،000 ސްވިސް ފްރޭންކުން ޖޫރިނަމާ ކުރި އެވެ. ނަމަވެސް އެ އަދަދު ފަހުން ވަނީ 100،000 ސްވިސް ފްރޭންކަށް ކުޑަ ކޮށްދީފަ އެވެ.

ދެ ގައުމުގެ އެސޯސިއޭޝަނުން ވެސް މައްސަލަ އިސްތިއުނާފަށް އެދުނު ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ފީފާގެ އިސްތިއުނާފު ކޮމިޓީ އިން ވަނީ އެ މެޗު އަލުން ކުޅެން އަންގައި، ސެޕްޓެމްބަރު މަހަށް އެ މެޗު ތާވަލް ކޮށްފަ އެވެ.

ބްރެޒިލް ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް އެޑްނަލްޑޯ ރޮޑްރިގޭޒް ވިދާޅުވީ، އަނިޔާ އާއި ސަސްޕެންޝަނުގެ މައްސަލައެއް ދިމާވެދާނެކަމަށް ވިސްނައި، ވޯލްޑް ކަޕް ފެށެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކޮލިފައިންގެ ވާދަވެރި މެޗެއް ކުޅެން އެ ޓީމުގެ ކޯޗު ޓީޓޭ ބޭނުން ނުވާ ކަމަށެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުގައި ބްރެޒިލް އިން ބޭނުންވަނީ ވޯލްޑް ކަޕުގެ ކުރިން ސެޕްޓެމްބަރު ބްރޭކުގައި ޔޫރަޕުގައި ރަހުމަތްތެރިކަމުގެ ދެ މެޗެއް ކުޅޭށެވެ.

"އަހަރެމެން ފީފާ އަށް ހުށަހަޅާނަން މި މެޗު ނުކުޅޭން، އަދި ޓީމުގެ ކޯޗިން ސްޓާފުންގެ އެދުންތައް ފުރިހަމަ ކޮށްދޭން ފީފާ ގައި އެދިގެން އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ރޮޑްރިގޭޒްގެ ބަޔާނުގައި ވެއެވެ.

"އަހަރެމެން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެނީ ގަތަރުގައި ވޯލްޑް ކަޕް ކާމިޔާބު ކުރަން. އެ މެޗަކީ (ސަސްޕެންޑް ކުރެވުނު އާޖެންޓީނާ މެޗު) ޓީމުގެ ކޯޗިން ސްޓާފުން، ކުޅުމަށް ބާރު ނާޅާ މެޗެއް ކަމުގައި ވާނަމަ އަހަރެމެން އެ މެޗު ނުކުޅެވޭތޯ މަސައްކަތް ކުރާނަން."

ބްރެޒިލް އާއި އާޖެންޓީނާ ވެސް ވަނީ މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ވެފަ އެވެ. ދެކުނު އެމެރިކާގެ ކޮލިފައިންގެ އެއްވަނަ ބްރެޒިލް އިން ހޯދި އިރު، އާޖެންޓީނާ ނިންމާލީ ދެ ވަނައިގަ އެވެ. އަދި ސަސްޕެންޑް ކުރެވުނު މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް، ކޮލިފައިންގައި ދެ ޓީމުން ހޯދި މަގާމަކަށް ބަދަލެއް ނާންނާނެ އެވެ.

ވޯލްޑް ކަޕުގައި ބްރެޒިލް ހިމެނެނީ ސާބިއާ އާއި ސްވިޒަލެންޑް އަދި ކެމަރޫނާ އެކު ގުރޫޕް ޖީ ގައެވެ. އަދި އާޖެންޓީނާ އާއެކު ގުރޫޕް ސީ ގައި ހިމެނެނީ ސައުދީ އަރަބިއްޔާ އާއި މެކްސިކޯގެ އިތުރުން ޕޮލެންޑެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454