ކުޅިވަރު / ޗެލްސީ

ފޮފާނާ އަށް ޗެލްސީން ކުރި ތިން ވަނަ ބިޑު ވެސް ލެސްޓާ އިން ގަބޫލެއް ނުކުރި

ލެސްޓާ ސިޓީގެ ސެންޓަ ބެކް ފޮފާނާ އާއި ކޯޗު ރޮޖާސް. ފޮފާނާއަށް ލެސްޓާ އިން 80 މިލިއަން ޕައުންޑް ބޭނުންވޭ.-- ފޮޓޯ: ލެސްޓާ ސިޓީ

ލެސްޓާ (އޮގަސްޓް 24) - ފްރާންސްގެ ޑިފެންޑަރު ވެސްލީ ފޮފާނާ ހޯދަން ޗެލްސީ އިން ހުށަހެޅި 70 މިލިއަން ޕައުންޑުގެ ޓްރާންސްފާ ބިޑު ވެސް ލެސްޓާ ސިޓީ އިން ގަބޫލުނުކޮށް ދޫކޮށްލައިފި އެވެ.

މިއީ ޗެލްސީ އިން ފޮފާނާ، 21، ހޯދަން ލެސްޓާ އަށް ހުށަހެޅި ތިން ވަނަ ބިޑެވެ. ރިޕޯޓްތައް ބުނާގޮތުން ޗެލްސީ އިން ވަނީ ލެސްޓާ އަށް 60 މިލިއަން ޕައުންޑުގެ އިތުރަށް އެޑް-އޯންސް ގެ ގޮތުގައި 10 މިލިއަން ޕައުންޑު ހުށަހަޅައިފަ އެވެ. ނަމަވެސް ލެސްޓާ އިން 80 މިލިއަން ޕައުންޑަށް ވުރެން ކުޑަކޮށް ފޮފާނާ ދޫކޮށްލަން އެއްބަހެއް ނުވި އެވެ.

ލެސްޓާ ސިޓީ އެންމެ ފަހުން ލީގުގައި ސައުތެމްޓަން އަތުން ބަލިވި މެޗަށް ނެގި ޓީމުގައި ފޮފާނާ ހިމަނައިފައެއް ނުވެ އެވެ. ލެސްޓާގެ ކޯޗު ބްރެންޑެން ރޮޖާސް ބުނާ ގޮތުގައި ޓީމަށް ނުނެގީ، ޓްރާންސްފާގެ ކަންކަމާ ގުޅިގެން އޭނާ އަށް ސީދާ މެޗަށް ފޯކަސް ނުކުރެވޭނެތީ އެވެ.

"ވެސްލީ (ފޮފާނާ) އަށް ބަލައިލާ އިރު އޭނާއަކީ ޒުވާން ކުޅުންތެރިއެއް. އެކަމަކު އޭނާގެ ވިސްނުން ހުރީ ކުޅެން އެންމެ އެކަށޭނަ ގޮތަކަށް ނޫން. ފަރުދާގެ ފަހަތުގައި ވަރަށް ބައިވަރު ކަންކަން އެބަ ހިނގާކަން ގަބޫލު ކުރަން، އޭނާއަށް އެހާ ފަސޭހަ ވަގުތެއް ނޫން މިއީ،" ސައުތެމްޓަން އަތުން ބަލިވި މެޗަށް ފަހު ރޮޖާސް ބުނެފައި ވެއެވެ.

"އޭނާއަކީ ވަރަށް ރަނގަޅު ކުއްޖެއް. އަހަރެމެންނާ އެކު މަދު ދުވަސްކޮޅެއްގެތެރޭ މޮޅު ކުޅުމެއް ދެއްކި، އެކަމަކު މިއީ އޭނާއަށް އުނދަގޫ ވަގުތެއް. ގަބޫލުކުރަން ޖެހޭ ކަމަކީ، ކުޅުންތެރިޔާ މެޗަށް 100 ޕަސެންޓް ފޯކަސް ނުކުރެވޭ ކަމުގައި ވާނަމަ ޕްރިމިއާ ލީގުގައި ނުކުޅެވޭނެކަން."

ފޮފާނާ ވެސް ޗެލްސީއާ ގުޅެން ބޭނުންވާކަން ހާމަކޮށްފައި ވީ ނަމަވެސް ކޯޗު ރޮޖާސް ވަނީ، އޭނާގެ ކުރިއެރުމަށް ލެސްޓާގައި އިތުރު ސީޒަނެއް ހޭދަކުރުން މުހިއްމު ކަމަށް ދެކިފަ އެވެ. ފޮފާނާ ލެސްޓާއާ ގުޅުނީ 2020/2021 ސީޒަނުގަ އެވެ. ނަމަވެސް މިދިޔަ ސީޒަން ނުފެށެނީސް ޕްރީސީޒަންގައި ސީރިއަސް އަނިޔާއެއް ވެ، ރަނގަޅުވެގެން އަލުން ކުޅުމުގެ ތެރެއަށް އައީ މިއަހަރުގެ ކުރީކޮޅު އެވެ. އަދި މާޗު މަހު އޭނާ ވަނީ ލެސްޓާއާ އެކު އިތުރު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ވެސް ސޮއިކޮށްފަ އެވެ.

ފޮފާނާގެ އިތުރުން މިޑްފީލްޑަރު ޔޫރީ ޓީލެމަންސް ހޯދަން އާސެނަލް އިން މަސައްކަތް ކުރެ އެވެ. ނަމަވެސް މި ދެ ކުޅުންތެރިންނަކީ ވެސް ވިއްކާ ކުޅުންތެރިންނެއް ނޫން ކަމަށް ލެސްޓާ އިން އަންނަނީ ބުނަމުންނެވެ.

އެންޓޯނިއޯ ރުޑިގާ އާއި އަންޑްރެސް ކްރިސްޓެންސެން ޗެލްސީ ދޫކޮށް ދިއުމާ ގުޅިގެން އެޓީމުން ވަނީ ސެންޓަ ބެކުގެ މަގާމަށް ކަލިދޫ ކުލިބަލީ ގެނެސްފަ އެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ ރޭ ލީގުގައި ޗެލްސީ އާއި ލެސްޓާ ބައްދަލުކުރާ މެޗަށް ކުލިބަލީ ވަނީ ސަސްޕެންޑްވެފަ އެވެ.

ޗެލްސީ އިން އަންނަނީ އެވަޓަން އަށް ކުޅޭ ޒުވާން ވިންގާ އެންތަނޯ ގޯޑަން ހޯދަން ވެސް 60 މިލިއަން ޕައުންޑު ހުށަހަޅަން ތައްޔާރު ވަމުންނެވެ. ގޯޑަން އަށް ޗެލްސީ އިން މި މަހުގެ ކުރީކޮޅު ކުރި 45 މިލިއަން ޕައުންޑުގެ ހުށަހެޅުން އެވަޓަން އިން އަނބުރާ ފޮނުވާލި އިރު އެވަޓަން އިން ވަނީ އޭނާއަކީ ވިއްކާ ކުޅުންތެރިއެއް ނޫނަ ކަމަށް ބުނެފަ އެވެ.

ހަމަ އެއާ އެކު ޗެލްސީ އިން އަންނަނީ ބާސެލޯނާ އަށް ކުޅެމުން އަންނަ އާސެނަލްގެ ކުރީގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމެޔަން ހޯދުމުގެ މަސައްކަތުގައި ކުރި ހޯދަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ޗެލްސީ އިން ވަނީ އޮބާމެޔަން އެނބުރި ޕްރިމިއާ ލީގަށް ގެންނަން ބާސެލޯނާއާ އެކު 25 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއެއް ހުށަހަޅަން ތައްޔާރު ވަމުންނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454