ވިޔަފާރި

ފަޔާޒްގެ ހުވަފެން ހަގީގަތަކަށް: ހޯރަފުށީގައި އަމިއްލަ ފަޔާ ސިމިއުލޭޓަރެއް!

ރޭ ހޯރަފުށީގައި އޮތް ރަސްމިއްޔާތުގައި ފަޔާ ފައިޓަރުން ތަމްރީނުތައް ދައްކަނީ -- ފޮޓޯ: އާރުއޭސީއެލް

ހޯރަފުށިން އަހުމަދު އަރުޝަމް

23 އޯގަސްޓް 2022 - 11:49

2 comments

ރާއްޖޭގެ އެންމެ ކުޅަދާނަ ފަޔާ ފައިޓަރު އަހުމަދު ފަޔާޒު (ފަޔަރު ފަޔާ) ނިޔާވީ، މި ފެންނަ ފަޔާ ސިމިއުލޭޓަރުގެ މަސައްކަތުގައި މި ރަށުގައި ހުންނަވަނިކޮށެވެ. އޭނާގެ އުންމީދަކަށްވީ ރާއްޖޭގައި ފުރަތަމަ އޮޓަމެޓިކް ފަޔަ ސިމިއުލޭޓަރާ އެކު އެކަޑަމީއެއް ހުޅުވުމެވެ.

ރޭ ހއ. ހޯރަފުށީގައި އިފްތިތާހު ކުރީ އޭނާގެ ހުވަފެންތަކުގެ ނިމުމެވެ. އެތަނަކީ އޭނާގެ ވަރަށް ބޮޑު އުންމީދެކެވެ. އެހެންވެ، އެތަނަށް ނަން ވެސް ދީފައި ވަނީ، އެތަން ހެދުމުގެ މަސައްކަތުގެ މޭސްތިރިއަކަށް ހުންނަވައި، މިދިޔަ ސެޕްޓެމްބަރު 8 ގައި ނިޔާވި ފަޔާޒްގެ ނަމުންނެވެ. އެއީ "އަހްމަދު ފަޔާޒް ފަޔަ ސިމިއުލޭޓާ" އެވެ.

"މީތި ފެށީ ފަޔާ، އަމިއްލަ އަށް މިންޖަހައިގެން، ނޯޓު ފޮތެއްގައި ކުރަހައިގެން އައިސް ސްޓާޓް ކުރީ. އެމިނުގައި މިހާރު ހަމަ އެގޮތަށް ސިމިއުލޭޓަރު އެ ހުރީ. ފަޔާ ކުއްލި ގޮތަކަށް ނިޔާވުމުން މަސައްކަތް މަޑު ވެސް ޖެހުނު،" އެތަން ހުޅުވުމަށް ރޭ މި ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނެޖިން ޑިރެކްޓަރު މުހަންމަދު ރިޒްވީ ވިދާޅުވި އެވެ.

ފަޔާޒް: އޭނާ ނިޔާވީ މި ޕްރޮޖެކްޓްގެ މަސައްކަތުގައި އެ ރަށުގައި ހުންނަވަނިކޮށް

އޭނާ ވިދާޅުވި ގޮތުގައި ދިވެހިންގެ އުފެއްދުންތެރިކަން ރަމްޒުކޮށްދޭ މި ސިމިއުލޭޓަރުގެ ހަގީގީ މޭސްތިރިއަކީ ފަޔާޒެވެ. ނިޔާވި އިރު އޭނާ ހުންނެވީ ވެސް އެ ކުންފުނީގެ ފަޔާ ފައިޓިންގެ ހެޑްގެ ގޮތުގަ އެވެ. ފަޔާޒަކީ، އޭގެ ކުރިން އެމްއޭސީއެލްގެ އެ ޑިޕާޓްމެންޓްގައި އިސްކޮށް މަސައްކަތް ކުރެއްވި، އެ މަސައްކަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ތަޖުރިބާކާރެކެވެ. ރިޒްވީ ވިދާޅުވި ގޮތުގައި، ސްޓިމިއުލޭޓަރު އަޅާފައި އެ ވަނީ، އުމުރުން 49 އަހަރުގެ ފަޔާޒްގެ އަމިއްލަ ކުރެހުމެއްގައިވާ ގޮތަށެވެ. އެ މަސައްކަތުގެ ފުރަތަމަ މަރުހަލާ ކުރިއަށް ދިޔައީ ވެސް ފަޔާޒްގެ ބެއްލެވުމުގެ ދަށުންނެވެ.

މި އެކަޑަމީ ހަދާނެ ރަށެއް ވެސް ކަނޑައެޅުއްވީ ފަޔާޒް ކަމަށް ރިޒްވީ ވިދާޅުވި އެވެ.

މިއީ ކޮންތަނެއް؟

ރާއްޖޭގައި އަލިފާން ނިއްވުމުގެ ތަމްރީނުތައް މީގެ ކުރިން ހަދަމުން އަންނަނީ ކޮންޓެއިނަރު ފަދަ ތަކެތީގެ ތެރޭގައި ރޯކޮށްގެންނެވެ. ނަމަވެސް، ހޯރަފުށީގައި އަލަށް އެޅި ސިމިއުލޭޓަރަކީ މަތިންދާ ބޯޓެއްގެ އަސްލު ތައްގަނޑަށް ހަދާފައިވާ، ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ތަމްރީނު ހޯދާ ދަރިވަރުންނަށް ހަގީގަތާ އެންމެ ގާތްކުރާ ގޮތަށް ތަޖުރިބާ ކުރެވޭނެ ސިމިއުލޭޓަރެކެވެ.

ރްއޭސީއެލް ފަޔަ ސިމިއުލޭޓަރު އާރްސީއެލް އޭވިއޭޝަން އެކަޑެމީގެ ތަމްރީނުތަކުގައި ބޭނުން ކުރާ ގޮތް ދައްކާލަ ދެނީ ---ފޮޓޯ: އާރްއޭސީއެލް

"ފަޔަ ސިމިއުލޭޓަރުން ފަޔަ ފައިޓަރުންނަށް ނުވަތަ ދަރިވަރުންނަށް އެހީތެރިވެދޭނީ އަލިފާން ފެތުރޭ ސްކޭލް، ތާމަލް ސްޓްރެސް، ފެންނަ ފެނުމާއި، ބާރުމިން، އަނދަމުންދާ ޖާގައިގެ ހާލަތަށް އަސަރުކުރާ ފިނިހޫނުމިން ފަދަ އަލިފާނުގެ ސުލޫކު ވަޒަންކުރުމަށް،" އާރްއޭސީއެލުން ބުންޏެވެ.

މި އެކަޑަމީ ހަދާފައި ވަނީ ހޯރަފުށީ އެއާޕޯޓްގެ އެއް ފަޅީގަ އެވެ.

ރޭގެ ރަސްމިއްޔާތުގައި އާރްސީއެލް އޭވިއޭޝަން އެކަޑެމީގެ ފުރަތަމަ ބެޗުގެ ދަރިވަރުން ވަނީ އެ ސިމިއުލޭޓަރު ތަމްރީނުތަކުގައި ބޭނުންކުރާނެ ގޮތް އާންމުންނަށް ދައްކާލައިފަ އެވެ. އަލިފާން ރޯވެފައިވާ މަތިންދާ ބޯޓެއްގެ ތެރެއަށް ވަދެ، މީހުން ސަލާމަތް ކުރާ މަންޒަރާއި، ފަޔަ ލޮރީ އާއެކު ފަޔަ ފައިޓަރުން އެކަހަލަ ހާލަތެއްގައި ކަންތައްތައް ކުރާނެ ގޮތް ދައްކާލި އެވެ.

"މިފަދަ އޭވިއޭޝަން ތަމްރީނުތަކަށް އާންމުކޮށް ގިނަ ކުންފުނިތަކުން ބޮޑު ހަރަދެއްކޮށްގެން މުވައްޒަފުން ފޮނުވަނީ ބޭރަށް. އެހެންވެ، އަޅުގަނޑުމެން ބެލީ ހެޔޮ އަގެއްގައި ރާއްޖެއިން އެ ފުރުސަތު ތަނަވަސް ކޮށްދޭނެ ގޮތަކަށް،" ރިޒްވީ ވިދާޅުވި އެވެ.

ދޮޅު މިލިއަނެއްހާ ރުފިޔާ ހޭދަކޮށްގެން ހެދި އެކަޑެމީ ހުޅުވުމާއެކު ސިވިލް އޭވިއޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރަށް، ރާއްޖޭގައި ތިބެގެން ހެޔޮ އަގެއްގައި ގިނަ ތަމްރީނުތައް ފުރިހަމަކުރެވޭނެ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އާރްއޭސީއެލް އެކަޑެމީގެ ތަމްރީނުތައް ކުރިއަށް ގެންދާނީ އެ ކުންފުނީގެ، ތަމްރީނު ލިބިފައިވާ 20 ޓްރެއިނަރުންނެވެ. އޭވިއޭޝަން ދާއިރާ ނޫނަސް، ރިސޯޓުތަކުންނާއި އެހެނިހެން ކުންފުނިތަކަށް ވެސް އެ އެކަޑެމީ މެދުވެރިކޮށް ފަޔަ ބޭސިކް ތަމްރީނު ފުރިހަމަކުރެވޭނެ ކަން ރިޒްވީ ފާހަގަކުރެއްވި އެވެ.

އާރްއޭސީއެލްގެ ޗެއާމަން އަދި ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމް ފަޔަ ސިމިއުލޭޓަރު ރަސްމީކޮށް ހުޅުއްވައިދެއްވަނީ ---ފޮޓޯ: އާރްސީއެލް

އެ އެކަޑެމީއަކީ އޭވިއޭޝަން ރެގިއުލޭޓަރީ އޮތޯރިޓީން ލާޒިމްކުރާ އޭވިއޭޝަނާ ގުޅޭ ހުރިހާ ޕްރޮގްރާމްތަކެއް ހިންގުމުގެ ގާބިލުކަން ހުރި އެކަޑެމީއެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެތަނުގެ މަގްސަދަކީ އެ ކުންފުނީގެ މުވައްޒަފުންނާއި، ދާއިރާ އަށް ޝައުގުވެރިވާ ހަރުދަނާ ގާބިލު މީހުން ބިނާ ކުރުމެވެ.

ކުރިމަގުގައި އެކުންފުނިން އަލަށް އިފްތިތާހު ކުރި ފަޔަ ސިމިއުލޭޓަރަކީ އޭޝިއާ ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ސިމިއުލޭޓަރަށް ވާން އުންމީދުކުރާ ކަމަށް އާރްސީއެލުން ބުނެ އެވެ.

އެކަޑަމީ ރޭ ރަސްމީކޮށް ހުޅުވި ނަމަވެސް، ޖުލައި 26 ވަނަ ދުވަހުން ފެށިގެން އެތަނުގައި އަންނަނީ އާރްއޭސީއެލްގެ 23 ދަރިވަރުންނާ އެކު ބޭސިކް ފަޔަމެން ކޯހުގެ ތަމްރީނެއް ހިންގަމުންނެވެ.

ހޯރަފުއްޓަށް ވެސް ވަރަށް ބޮޑު ޝަރަފެއް

ރިޒްވީ ވިދާޅުވި ގޮތުގައި ފަޔަ ސިމިއުލޭޓަރާ އެކު އެންމެ ބޮޑު ފައިދާއެއް ކުރާނެ އެއް ބަޔަކީ ހޯރަފުށީ ރައްޔިތުންނެވެ. އާރްއޭސީއެލުން ގަބޫލުކުރާ ގޮތުގައި، ފަޔަ ސްމިއުލޭޓަރާ އެކު އޭވިއޭޝަން އެކަޑެމީއެއް އެޅުމަށް އެންމެ ގާބިލު ރަށަކީ ވެސް މި ރަށެވެ.

ހޯރަފުށި އެއާޕޯޓު ސަރަހައްދުގައި އާރްސީއެލުން ހަދާފައިވާ ފަޔަ ސިމިއުލޭޓަރު: މައިގަނޑު މަސައްކަތެއް ކުރީ އާރްސީއެލްގެ މުވައްޒަފުން، ހޯރަފުށި ރައްޔިތުންނާއި ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު ---ފޮޓޯ: އާރްސީއެލް

ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވި ގޮތުގައި ހޯރަފުށި ރައްޔިތުންނަކީ ރަށު ތަރައްގީ އަށް އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރާ ބައެއް ކަން ތާރީހު ހެކިދޭ ކަމަށެވެ. ހޯރަފުށީ އެއާޕޯޓާ އެކު މިފަދަ ތަނެއް އެޅިގެން ދިއުމަކީ އޭގެ މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯރަފުއްޓަކީ މިފަދަ މަސައްކަތްތައް ކުރުމުގައި މަޝްހޫރު ރަށެއް. އަޅުގަނޑުމެން ފަންކާ ހެދީ. އަޅުގަނޑުމެން ގަޑި ވެސް ހެދީ. މިފަހަރު އަޅުގަނޑުމެން މި ހެދީ މަތިންދާ ބޯޓެއް -- ސަލީމް

"ހޯރަފުއްޓަކީ މިފަދަ މަސައްކަތްތައް ކުރުމުގައި މަޝްހޫރު ރަށެއް. އަޅުގަނޑުމެން ފަންކާ ހެދީ. އަޅުގަނޑުމެން ގަޑި ވެސް ހެދީ. މިފަހަރު އަޅުގަނޑުމެން މިހެދީ މަތިންދާ ބޯޓެއް،" ސަލީމް ވިދާޅުވި އެވެ.

އެކަޑަމީގައި މިހާރު ތަމްރީނު ހޯދަމުން އަންނަ ބައެއް ދަރިވަރުން ބުނި ގޮތުގައި އެ އެކަޑަމީގެ ޕްރޮގްރާމްތަކާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހެ އެވެ. އަދި އެއީ ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމެއް ކަމަށް، ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދެއްކި ބައެއް ދަރިވަރުން ބުންޏެވެ.

ހޯރަފުށީ ފަޔާ އެކަޑަމީ: އާރްއޭސީއެލްގެ ފަޔަ ފައިޓަރުން ފަޔަ ޓްރަކް ކައިރީގައި މަޑުކޮށްލައި---ފޮޓޯ: އާރްއޭސީއެލް

"ތަފާތު ތަޖުރިބާއެއް. ވަރަށް ވެސް ހިތްހަމަޖެހޭ ޓްރެއިނަރުން ތަމްރީނުތައް ކުރިއަށް ގެންދާ ގޮތާ ދޭތެރޭ. ރާއްޖޭގައި މިފަދަ ފުރުސަތެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ލުޔެއް،" ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، ކޯހުގެ ދަރިވަރަކު ބުންޏެވެ.

އާރްސީއެލުން ބުނިގޮތުގައި، ކުރިއަށް އޮތްތާނގައި މި ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށާއި މުވައްޒަފުންނަށް އެއާކްރާފްޓް ރެސްކިއު އެންޑް ފަޔަރފައިޓިން (އޭއާރުއެފްއެފް) އާއި އިމަޖެންސީ މެޑިކަލް ޓްރެއިނިން (އީއެމްޓީ) ޓްރެއިނިންތައް ފެށޭނެ އެވެ.

2 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިދުޙަތު

23 August 2022

ފަޔާޒް ސަރ އަކީ އަޅުގަނޑު އެއަރޕޯރޓްގައި މަސައްކަތް ކުރިއިރު ވެރިންގެ ތެރެއިން ފާހަގަ ކުރެވުން، އާންމުންނާ އޮންނަ ގުޅުން އެންމެ ރަނގަޅު އެއް ވެރިޔެއް. ދުރުން ފެނިލިޔަސް ލޮލުން ނަމަވެސް އިޝާރާތެއް ކޮށްނުލާ ނުދާނެ. ވަރަށް ގިނަ ބައެއްގެ ލޯބި ލިބިފައިވާ ފަރާތެއް. ފަޔާޒް ސަރގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކޮށްދެއްވާށި!

The name is already taken The name is available. Register?

ހޯރަފުށީ ޗާލުނަޔާ

23 August 2022

ފަޔާއަށް ހެޔޮރަހުމަތްލަށްވާ ސުވަރުގޭގެ މަތިވެރި ނިއުމަތް ދެށްވާށި. އާމީން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454