25 އޯގަސްޓް 2022 - 11:35
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް މަޖީދީ މަގާއި އަމީނީ މަގުގައި ވެސް ޕާކުކުރުން މަނާކުރަން ސަރުކާރުން ނިންމާފައިވާތީ، އެ ދެ މަގުގައި އިތުރު ޕާކިން ޒޯނުތަކެއް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމަށް މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަޖީދީ މަގުގައި އެއްކޮށް ޕާކުކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި މާލޭގެ އެންމެ ބޮޑެތި މަގުތަކުގެ ތެރޭގައި ހިމެނޭ ފަރީދީ މަގާއި އޯކިޑް މަގާއި އަމީނީ މަގުގައި ވެސް އެއްކޮށް ޕާކުކުރުން މަނާކުރަން ވަނީ ނިންމައިފަ އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް "މިހާރު" އަށް ވިދާޅުވީ އަމީނީ މަގުން މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ އެއް ބައިގައި ހަދަމުން އަންނަ ޕާކިން ޒޯނު ހާއްސަ ކުރާނީ މިހާރު އެ ސަރަހައްދުގައި ޕާކު ކުރަމުން އަންނަ ވެހިކަލްތަކަށް ކަމަށެވެ.
ސްޓޭޑިއަމްގައި ކުޅިވަރު ކުޅެމުން އައި ސަރަހައްދުން އެއް ބައި ނަގައި އެ ތަނުގައި މިހާރު ވަނީ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިންމާލައިފަ އެވެ. އެކަމަކު އަދި ޕާކުކުރަން އެ ތަނުގައި ޕާކުކުރަން ފަށާނެ ދުވަހެއް އަދި ނޭނގެ އެވެ.
މާފަންނު ސްޓޭޑިއަމްގެ އެއް ބައި ނަގައި ސިޓީ ކައުންސިލުން ހަދަމުންދާ ޕާކިން ޒޯނު.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ނަރީޝް ވިދާޅުވިގޮތުގައި، އެހެން ސަރަހައްދުތަކުގައި ވެސް ޕާކިން ޒޯނު ހެދުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން މަޖީދީ މަގުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖީދީ މަގުގައި މުނި އުފާ ހުންނަ ސަރަހައްދާއި އަދިވެސް އިތުރު ބައެއް ތަންތަނުގައި ޕާކިން ޒޯނު ހެދުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
މަޖީދީ މަގުގައި ކުރިއްސުރެ ވަނީ ބޮޑު ތިން ޕާކިން ސަރަހައްދެއް ހަދައިފަ އެވެ. އެއީ މާފަންނު ސަރަހާ ކައިރި އާއި ބިއްލޫރިޖެހިގެ ހިންގި އިމާރާތާ ޖެހިގެން އޮންނަ ހުސް ބިން އަދި ހީނާމާގެ ޕާކިން އެވެ. އަމީނީ މަގުން އެ ގޮތަށް ހަދާފައި ވަނީ ފުޑް ކޯޓް ސަރަހައްދާއި ފިނޭންސް މިނިސްޓްރީ ކައިރި އާއި ބިލަބޮންގް ސްކޫލު ކުރިމަތިން ކަހަލަ ގޮތަކަށް އޮންނަ ހުސް ބިމުގައި ހަދާފައިވާ ޕާކިން ޒޯނާއި ކޭއެފްސީ ކައިރީގައި އޮންނަ ޕާކިން ޒޯނެވެ.
މީގެ ދެ ހަފުތާ ވަރު ކުރިން މުޅި މަޖީދީ މަގުގައި ޕާކުކުރުން މަނާކޮށް، އެ ތަންތަނުގައި ޕާކު ނުކުރެވޭނެކަން އެންގުމަށް "ނޯ ޕާކިން" ކޯން ވަނީ ބަހައްޓައިފަ އެވެ. ހަމަ އެ ގޮތަށް އަމީނީ މަގުގައި ވެސް ޕާކްކުރުން މަނާކަން އަންގައި ފުލުހުން އަންނަނީ ކޯންތައް ބަހައްޓަމުންނެވެ.
މާލޭގައި އެންމެ ގިނަ އަދަދަކަށް ފިހާރަތައް ހުންނަ މަޖީދީ މަގުގައި ޕާކުކުރުން މަނާކުރުމުން މިހާރު ފެންނަނީ ކުދިކުދި ގޯޅިތަކުގެ ކަންކަން މަތީގައި ވެސް ސައިކަލުތައް ޕާކުކޮށްފައި ހުންނަ މަންޒަރެވެ. އަދި އެ މަގުގައި ވެހިކަލް ޕާކުކުރާނެ ތަނެއް ނެތުމުން ގިނަ ބަޔަކު ވިޔަފާރިކުރުމަށް ވަންނަނީ ފިހާރަތައް ކައިރީގައި ޕާކުކޮށްފަ އެވެ.
ވެހިކަލްތަކުން ތޮއްޖެހިފައިވާ މާލޭގެ ބޮޑެތި މަގުތަކުގައި ޕާކިން ޒޯނުތައް ނަހަދައި، އެ ތަންތަނުގައި ޕާކުކުރުން ސަރުކާރުން މަނާކުރުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
26 August 2022
ހައްލުހޯދަން މާލޭގައި ދުއްވަން ރެޖިސްޓްރީކޮށްދޭނީ ހަމައެކަނި ބްރޭންޑް ނިއު ސައިކަލަށް ހަދާ 150 CC އަށްވުރެން މަތީ އެއްވެސް ސައިކަލެއް (ޕޮލިސް، ޑިފެންސްގެ ރެޖިސްޓްރީގައިވާ ސައިކަލް ފިޔަވާ) މާލޭގައި ދުއްވަން ރެޖިސްޓްރީ ނުކުރެވޭގޮތް ހަދާ މިފަދަ ސައިކަލްތައްވެސް ރެޖިސްޓްރީ ކޮށްދޭނީ މީލާދީ 10 އަހަރު ދުވަހަށް ކަމަށާއި ރެޖިސްޓްރީގެ މުއްދަތުހަމަވުމުން މާލޭގައިނުދުއްވޭނެ ކަމަށް ހަދާ އެމީހާބޭނުންނަމަ ސައިކަލް އެހެން ރަށަކަށް ބަދަލުކުރަން ފުރުސަތު ދެވިދާނެ.
ޙަބީބު
26 August 2022
މާލެތެރެގަ ސައިކަލު ދުއްވުން މަނާކުރަންޖެހޭ ހުޅުމާލެއިން އައިސް ސައިކަލު ޕާކުކުރާނެ ބޮޑު ދެޖާގަ ހަދަން ޖެހޭ އެގޮތުން ގަލޮޅުދަނޑު އުވާލާފަ އެތާ 40 ބުރީގެ ބިޔަވަރުގަދަ ސައިކަލު ޕާކިން ޒޯނެއް ހަދަންޖެހޭ 20 ލިފްޓްލާފަ ހެންވޭރު ދަނޑު ވެސް މާފަންނު ސްޓޭޑިޔަމް ވެސް ހަމައެގޮތައް ވިލިނގިލި ގުޅީފަޅު ތިލަފުށިން އައިސް ޕާކު ކުރަން އެޖާގަތައް ހުސްކުރަންޖެހޭ މާލޭގަ ހަމައެއްވެސް ވެހިކަލެއް ނުދުއްވާގޮތައް ހަަމައެކަނި އެންބިޔުލާ ބަސް ނިމުނީ
ވައްސާ / މެޓް
25 August 2022
ދިވެހިންނަކީ ވަރަށް ކަންނެއްބަޔެއް. އެމީހަކު ދަތުރުކުރާ ވެހިކަލް އެއް ގޮސްމަޑުކޮށްފަ ބާއްވަން ޖެހެނީ ވަންނަތަނެއްގެ ދޮރުމަތީ ބާއްވަން.އަހަރުމެން މާލޭގަ ހެނވޭރުން މާފަންނަށް ދުވާލަކު 10 ބުރު ހިޣާފަ ދަން. ވާގޮތަކީ އޭނަ ސައިކަލް ކާރުދުއްވާތީ މަވެސް އެދުއްވަން ޖެހެޏ.ހާލަތަކަށް ވިސޮނުމެއް ނެއި.
ބަލާމީހާ
25 August 2022
ސޯސަން މަގުގައި ސިންދިތާ ކުރިމަތީގައި ޕާކިންގ ޒޯނު ހެދި ދުވަސްވަރު އެތަނެއް ނުފުރޭ. އެތަން ފުރެން ފެށީ އޭޑީކޭ ހޮސްޕިޓަލުގައި ބޮޑެތި އިމާރާތްތައް ޕާކު ނުކުރެވޭގޮތަށް އަޅާފައި ހޮސްޕިޓަލުގެ އެއްވެސް ތަނެއްގައި ޕާކު ނުކުރެވޭ ގޮތް ހެދީމާ. ބޮޑެތި ބިލްޑިންގ ހަދައިގެން މުއްސަނދިން ނަފާ ހޯދަން ހުއްދަދޭއިރު އެހެން ނުވާނެ ގޮތަކަށް ޕާކުކުރާނެ ތަންތަން އޮންނާނެ ގޮތަށް ހުއްދަ ދޭނަމަ މިހެން ނުވާނެ.
ސަމްކު
25 August 2022
ޕާކިންޒޯނު ހެދިއަސް ތިޔަ ސައިކަލްތައް ފިހާރަތައްކުރިމަތީ ޕާކު ނުކުރާނެގޮތެއްނެތް. ސައިކަލްދުއްވާ %99 މީހުންނަކީ ގަވާއިދަށް ބަލާ އަމަލު ކުރާބައެއްނޫން. މިހާރަކަށް އައިސް ވަންވޭ ގޯޅިތަކުގައި ދެކޮޅަށް ސައިކަލްދުއްވުން އާދަވެއްޖެ.
އިސްފަސްކުރެވުނީ
26 August 2022
ގަވާއިދަށް އަމަލުކުރެވެން ނެތް ހާލަތެއްގައި އަމަލުކުރާނެގޮތެއް ވެސް ނޯންނާނެދޯ. ފުރަތަމަ ބިލްޑިންގް ކޯޑަށް އަމަލުކުރޭ. އޭގެ ފަހުގައި ގަރާޖުނެތި ވެހިކަލް ރަޖިސްޓްރީ ނުކުރޭ. އޭގެފަހުގައި ވެހިކަލް ލިމިޓުކުރޭ. ދެން ޕާކިން ޒޯންތައް ވެސް ތަރައްގީކުރޭ. ދެން މަގުމަތީގެ ގަވާއިދު ތަންފީޒުކުރޭ. އަހަރެމެންނަށް ދިމާވެގެން އުޅޭ މައްސަލައަކީ ކޮންމެ ސަބަބަކާއި ހެދި ނަމަވެސް މިތަރުތީބު އިސްފަސްކުރެވިގެން މިއުޅެނީ.
މހލދބ
25 August 2022
ސްޓެލްކޯ ބަސް ސްޓޭޝަން ކުރިމަތީގަ ހަދާފަ އޮތް ނުރައްކާތެރި ދެ ވަޅުގަނޑު ރަގަޅުކުރާނީ ކޮންއިރަކުންތޯ؟ މީހަކަށް ނޫނީ ބަޔަކަށް ބޮޑު އަނިޔާއެއް ނުލިބޭތީ ތޯ ނޫނީ ހަމަ ނުފެންނާތީ ތޯ އަޅާވެސް ނުލާ ނަރީޝްމެން ތިތިބެނީ؟ މަގުތަކާއި ޕާކިން ޒޯންތައް ހަދާނެ ބޮޑެތި ޕްރޮޖެކްޓްތައް ނުލިބިގެން ފޯރިއަރުވާނެ އެކަމު އެއްވެސް ތަނެއް ރަގަޅަށް މަރާމާތުކޮށް ބެލެހެއްޓެނީއެއް ނޫން.. ??♂️
އުޕާލި
25 August 2022
ބަލަ ޕާކިންގ ޒޯނު ހެދުމަކީ ހައްލެއްނޫން. ޝީޝާއިން އަދި ލިޓަސް އިން ހައްދެއް ނެތް މިންވަރަށް ސައިކަލު އެތެރެކުރޭ. އެހެންވީމަ ކުރަންވީ ކަމަކީ މާލޭގައި ވެހިކަލް ދުއްވޭ އަދަދު މަދު ކުރަންވީ. ނުވަތަ ވެހިކަލް އިމްޕޯޓް ކުރެވޭ އަދަދުވެސް މަދު ކުރަންވީ.
ސިޓީ
25 August 2022
ގޭގެ ތިރީގައި ފިހާރައެއް ހަދަން ހުއްދަދޭއިރު ބިލްޑިންގ ކޯޑުގައި އޮންނަ ގޮތެއް މާލޭ ސިޓީ ކައުންސިލުން ބަލައެއް ނުލާ. ތަނެއް ހުރިއްޔާ ގަރާޖެއް، ފިހާރައެއް، އޮފީހެއް ހަދައިގެން ހިންގަން ހުއްދަ ދެނީ. އެންމެ ކުރިން މިކަން ހައްލުކުރަންވީ. އޭރުން މިކަން ހައްލުވާނީ.
ސޭކުބެ
25 August 2022
ޕާކިން ޒޯންތައް ހެދުމަކީ ރަގަޅު ކަމެކެވެ. އެކަމަކު މިކަމަށް ހައްލެއްއޮތީ ވެހިކަލް އެތެރެކުރެވޭ ގޮތް ބަދަލުކޮއްގެން އަދި ވެހިކަލް ގަނެވޭގޮތްވެސް ހަރުކަށި ކޮއްގެން. ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ވިއްކާއިރު މަދުވެގެން އެއުޅަދެއްގެ އަގުގެ ދެބައިކުޅައެއްބައި ފުރަތަމަވެސް ދައްކަންޖެހޭގޮތަށް ބަދަލުކޮއް ބާކީ ޕޭމަންޓް ތައްވެސް ބަހާލެވޭނެ މިންގަޑެއް ކަޑައަޅައިގެން. މިހާރު މިއޮންނަގޮތުން ކިތަންމެ ކުޑަފައިސާކޮޅެއް ދައްކާފަވެސް ސައިކަލެއް ގަނެވޭ.
މާލޭ
25 August 2022
ތިވެސް މިންގަނޑެއް. އެކަމަކު މާލެއަށް ދިމާވެގެން މިއުޅެނީ ތިމައްސަލައެއް ނޫން. މިއުޅެނީ ޕާކިންގ އަށް ޖާގަ ނުބާއްވައި ގެ ހަދައިގެން ގެ ކުއްޔަށް ދީގެން ފިހާރަ ހަދައިގެން އުޅޭ މައްސަލަ. އިހަށް މި މައްސަލަ ހައްލުކުރަންޖެހޭނީ.
ސަމްކު
25 August 2022
ޕާކިން ޖާގަ ބޭއަވިއަސް އެތަނެއްގައި އުޅޭ ކޮންމެ މީހަކު ސައިކަލެއް ގެންގުޅޭނަމަ އެހުރިހާ އެއްޗެއް ޕާކެއް ނުކުރެވޭނެ.
ިމިންގަނޑު
25 August 2022
ސަމްކު ކައިރީގައި ބުނަން އޮތީ ބިލްޑިންގ ކޯޑުގައި ޕާކިންގ ހަދަން އޮންނަ މިންވަރަށް ހަދައިފިއްޔާ ނުވަދިހައިން ސައްތަ ހައްލުވާނެ. ބާކީ ބައި ތިހަދާ ޒޯންތަކުގައި ބެހެއްޓީމާ މަގުމަތީގައި ސައިކަލް ފުނިވަރެއް ކަންމަތީގައި ފުނިވަރެއް ނުޖެހިޔަސް ފުދޭނެ.
ޕާކިންގ
25 August 2022
ޕާކިންގ އަކީ ޒޯން ހަދައިގެން ހައްލުކުރެވޭނެ ކަމެއް ނޫން. ހައްލު ކުރެވޭނީ ބިލްޑިންގ ކޯޑަށް އަމަލުކޮށްގެން. ގޭގެ ތިރީގައި ޕާކުކުރާނެ ތަނެއް ނެތިއްޔާ އެތަނުގައި ފިހާރައެއް ހަދަން ހުއްދަ ނުދީ ހިފަހައްޓައިގެން. ގެ 10 ބުރިއަށް ނަގާފައި ތިރީބުރީގައި ފިހާރައެއް ހެދީމާ އެ ގޭގައި އުޅޭ މީހުން ވެހިކަލް ޕާކުކުރާނެ ތަނެއް ނުހުންނާނެ. ޕާކުކުރާނެ ތަންތަން ހެދިޔަސް އެވަރަށް ޖާގަ ނުވެސް ލިބޭނެ.
ނޯގަރާޖު
26 August 2022
މިއޭ އަހަރެންވެސް މިއޮތްހާ ދުވަހު ދައްކަމުންދާ ވާހަކައަކީ. ސަރުކާރުން ނުޖެހޭނެއޭ ވެހިކަލްތައް ބަހައްޓަން ގަރާޖު ދޭކަށް. އެހެން ދޭނަމަ އަހަރެންގެ ދޮންނަ މެޝިނާއި އައިސް އަލަމާރި ބަހައްޓާނެ ތަންވެސް ދޭންވާނެއޭ. މިކަން ކަމާއިބެހޭ ހުރިހާ ވަޒީރުންވެސް ގަބޫލުކުރާނެ. އެކަމަކު ޖީބަށް ވަންނަބައި މަދުވެދާނެތީ އެއްވެސް ވަޒީރަކަށްވެސް މިއަދާއި ހަމައަށް މިބަދަލު ބިލްޑިންގް ކޯޑުގައި ހިމަނައި ތަންފީޒުކުރާކަށް ނުކެރުނު.