ކުޅިވަރު

މޮޅުވުމުގެ ރޭހުގައި ރެއާލް ކުރިއަށް، ބާސާ ވެސް ފަހަތުން ވިއްދައިފި

ރެއާލްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ: ރެއާލް މޮޅުވީ ޒުވާން ދެ ފޯވާޑުން ޖެހި ލަނޑުތަކުން --- ފޮޓޯ: އޭއެފްޕީ

04 ސެޕްޓެމްބަރ 2022 - 09:40

މެޑްރިޑް (ސެޕްޓެމްބަރު 4) - އަމިއްލަ ދަނޑުގައި ކުޅުނު ރެއާލް މެޑްރިޑުން، ރެއާލް ބެޓިސްގެ މައްޗަށް 2-1 ން މޮޅުވެ ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި އެވެ.

ވާދަވެރި އެފްސީ ބާސެލޯނާ ވެސް ވަނީ، ސެވިއްޔާގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ރެއާލްގެ ފަހަތުން ތާވަލުގެ ދެވަނަ އަށް ޖެހިލައިފަ އެވެ.

މި ސީޒަންގައި ރެއާލްއިން ސެންޓިއާގޯ ބާނެބުއޭގައި ކުޅުނު ފުރަތަމަ މެޗުގެ ކުރިން އޮތީ، މިދިޔަ ސީޒަނާއި މި ސީޒަންގައި އެ ޓީމުން ހޯދި ތަށިތައް ސަޕޯޓަރުންނަށް ދައްކާލުމެވެ. މި ސީޒަންގެ ޔޫއެފާ ސުޕަ ކަޕު ވެސް ރެއާލުން ވަނީ ކާމިޔާބު ކޮށްފަ އެވެ.

ކުރިން ދެވަނައިގައި އޮތް ބެޓިސް އާ ދެކޮޅަށް ރޭ ރެއާލްގެ ފުރަތަމަ ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއާ އެވެ. މެޗު ފެށިގެން ނުވަ ވަނަ މިނެޓްގައި ޑޭވިޑް އަލަބާ ދިން ފުރުސަތަކުން ވިނީޝިއުސް ލަނޑު ޖެހީ ބެޓިސްގެ ކީޕަރު ރުއީ ސިލްވާ ބޯ މަތިން ގޯލްގެ ތެރެއަށް ބޯޅަ އޮއްސާލައިގެންނެވެ.

ރެއާލް އަށް މާ ގިނަ އިރު ލީޑްގައި ނޯވެވުނެވެ. ކުރިން އެ ޓީމަށް ކުޅުނު ސާޖިއޯ ކެނާލެސް ވަނީ މެޗިުގެ 17 ވަނަ މިނެޓްގައި ބެޓިސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭޣެ ފަހުން ވެސް ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

ސެވިއްޔާ އާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ: ބާސާ ވަނީ ރެއާލަގެ ފަހަތުން އެއްވަނައިގައި ވިއްދާފަ --- ފޮޓޯ: އޭއެފްޕީ

ފުރުސަތުތައް ބޭނުން ނުކުރެވުމުން ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ނުތަނަވަސްކަން ފާޅުކޮށްފަ އެވެ. ދެވަނަ ހާފުގައި ރެއާލް އަށް ލީޑް ނަގައިދިނީ ރޮޑްރިގޯ ހޮއިސް އެވެ. ފެެޑެރީކޯ ވަލްވާޑޭ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ރޮޑްރިގޯ ގޯލްގެ ތެރެއަށް ފޮނުވައިލީ ބޫތުގެ އަރިމަތިންނެވެ. ބެޓިސްގެ ކީޕަރު ރުއީ ވެސް ހީކޮށްގެން ހުރީ ރޮޑްރިގޯ އެ ބޯޅަ ބެންޒެމާ އަށް ދޭނެ ކަމަށެވެ.

ސެވިއްޔާ އާ ދެކޮޅަށް ބާސާގެ ލަނޑުތައް ޖެހީ ރަފީނިއާ އާއި ރޮބަޓް ލެވަންޑޯސްކީގެ އިތުރުން އެރިކް ގާސިއާ އެވެ. މެޗުގެ ނަތީޖާ ބަދަލު ކުރުމުގައި ބާސާގެ ޓީމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ސެވިއްޔާއިން މި ސީޒަންގައި ބާސާ އަށް ބަދަލުވި ޑިފެންޑަރު ޔޫލުސް ކޫންޑޭ އެވެ. އޭނާ ވަނީ ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

ގާސިއާ އާއި ލެވަންޑޯސްކީ ލަނޑު ޖެހީ ކޫންޑޭ ތަނަވަސް ކޮށްދިން ފުރުސަތުތަކުންނެވެ. ބާސާ އަށް ލީޑް ނަގައިދިނީ ރަފީނިއާ އެވެ. އެއީ މި ސީޒަންގައި ލީޑްސް ޔުނައިޓެޑުން ބާސާ އަށް ބަދަލުވި ފޯވާޑް އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ރެއާލް އާއި ބާސާ އާ ދެމެދު ހުރީ ދެ ޕޮއިންޓްގެ ފަރަގެވެ. ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް، ރެއާލުން ވަނީ 12 ޕޮއިންޓް ހޯދާފަ އެވެ. ބާސާ އަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ. ރޭ އެތުލެޓިކޯ މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454