ރިޕޯޓް / އެމްއެމްޕީއާރްސީގެ ކޮރަޕްޝަން

ޔާމީނާއި އަދީބުގެ ފޯނު ކޯލްތައް: ކޮން އިރެއްގެ ކޮން ވާހަކައެއް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު: ރަށްތައް ކުޔަށްދިނުމާ ބެހޭ ގޮތުން ޔާމީނާއި އަދީބު ފޯނުން ކުރެއްވި މުއާމަލާތްތަކެއް ވަނީ ފުލުހުން ރެކޯޑްކޮށްފައި. -- ފައިލް ފޮޓޯ: މިހާރު

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިން ހިންގުމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާކޮށް ހިންގާ ޝަރީއަތުގައި އިއްޔެ ދައުލަތުން އެންމެ ބޮޑަށް ބޭނުންވި އެއް ކަމަކީ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ދެމެދު ކޮށްފައިވާ ފޯނު ކޯލްތަކެއްގެ އޯޑިއޯ ޝަރީއަތުގައި އިއްވުމެވެ. މިއީ ވަރަށް މަދު މައްސަލައެއްގައި ނޫނީ މިހާތަނަށް ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފަދަ ކަމެއް ނޫނެވެ. ނަމަވެސް މި ކޯލް ރެކޯޑިންތައް އިއްވުމަށް އިސް ގާޒީ އަހްމަދު ޝަކީލް ދެކޮޅު ހެއްދެވި ސަބަބަކީ ކޮށްފައިވާ ދައުވާގައި ބުނާ ހާދިސާ ހިނގުމުގެ ދެ އަހަރެއްހާ ދުވަސް ކުރީގެ ކޯލްތަކަކަށް ވުމެވެ.

މިއީ ސީދާ އާރަށް ކުއްޔަށް ދިނުމާ ބެހޭ ގޮތުން ހުރި ކޯލްތަކެއް ނޫން ނަމަވެސް ދައުލަތުން ބުނަމުން ދިޔައީ މިކޯލްތަކަކީ މާ ކުރިން ފެށިގެން ވެސް ރަށްތައް ކުއްޔަށް ދިނުމާއި ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކޮށްގެން ފައިސާ ހޯދުމުގައި ޔާމީން އަދީބަށް ނުފޫޒު ފޯރުއްވާކަން ސާބިތުކޮށްދޭނެ ހެކި ކަމަށެވެ.

މިއީ ފުލުހުން ކޮންތާކުން ކިހިނެއް ހޯދައިގެން އުޅޭ ކޯލް ރެކޯޑިންތަކެއް ހެއްޔެވެ؟

ޔާމީންގެ ވެރިކަމުގައި ފުލުހުންގެ އިންޓެލިޖެންސްގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅަކު މީގެ ކުރިން މި ކޯލްތަކުގެ ވާހަކަ "މިހާރު" އާ ހިއްސާކުރެއްވި އެވެ.

"އެ ކޯލް ރެކޯޑިންތަކާއި ގުޅިގެން ހެދި އިންޓެލިޖެންސް ރިޕޯޓްތައް އަޅުގަނޑުމެން ވާނެ އޭރު ރައީސްކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދަށް ވެސް ހުށަހަޅާފައި. އެއީ އަދީބު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރު ހޯދައިގެން ގާނޫނާ އެއްގޮތަށް އަޑުއެހި ކޯލްތަކެއް،" އަރުތޫރު ބްރަދާސްގެ މައްސަލަ އާއި ފުށި ދިއްގަރު ފަޅު ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ކޮރަޕްޝަނާ ފުލުހުންގެ މި ހޯދުންތަކާ ގުޅޭ ކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީން ކޯލްތައް ރެކޯޑްވެފައި ވަނީ އަދީބުގެ ކޯލްތައް އިންޓަސެޕްޓްކޮށްގެން އުޅުމުގެ ތެރޭގަ އެވެ. ޔާމީނު ނޫން އިތުރު ބައެއް މީހުންގެ ރެކޯޑްވެސް ފުލުހުންގެ އަތުގައި ހުންނާނެކަމަށް ބެލެވެ އެވެ. އެއީ އޭރު އަދީބުގެ ބާރާއި ނުފޫޒު އޮތްވަރަށް ބަލާއިރު އޭނާގެ ފޯނު ފުލުހުންނަށް އަޑުއަހައި ރެކޯޑްކުރަން ނުކުރޭނެކަމަށް ބެލެވިފައި އޮތުމުންނެވެ.

"އަޅުގަނޑުމެން އިންޓަސެޕްޓްކޮށްގެން އުޅުނީ އަދީބުގެ ނަންބަރު. ދެން އަދީބާއި ޔާމީނު ފޯނުން މުއާމަލާތްކުރެއްވުމުން އިއްތިފާގުން ޔާމީން ވެސް އިންޓަސެޕްޓްވީ. އޭގެ އިތުރުން މެޑަމް ފާތުން ބޮޑެތި އަދަދުތަކުން ޑޮލަރު އަދީބު އަތުން ހޯދަން ގުޅޭ ކޯލްތައް މީގެ ތެރޭގައި ހުރި. ޔާމީން ވެރިކަމަށް ވަޑައިގެން ފަހުން ފުލުހުން ޔާމީނަށް ވެސް އަދީބުގެ ކޯލުތަކާއި ގުޅިގެން ހެދި ރިޕޯޓްތައް ހިއްސާކުރިކަން އެނގިފައިވޭ. އެކަމަކު ޔާމީނަށް ޔާމީންގެ ކޯލްތަކެއް ނުދޭ."

ކުރީގެ ރައީސް އަބްދުﷲ ޔާމީން (ކ)، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު (ވ) އާދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު. ފުލުހުން އަދީބާއި ޔާމީންގެ ކޯލްތައް ރެކޯޑްކޮށް ވަހީދުގެ ވެރިކަމުގައި އެ މަނިކުފާނަށް ވެސް ހުށަހެޅި. -- ފައިލް ފޮޓޯ: މިހާރު

މި ކޯލްތައް ރެކޯޑްކޮށްގެން ގެންގުޅޭކަން ޔާމީންގެ ވެރިކަމުގައި އެނގުމާ އެކު ފުލުހުންގެ ސާވާއެއް "ކްރޭޝް ވެގެން" ކޯލްތައް ޑިލީޓްވީ އެވެ. އަދި ކޯލް ރެކޯޑްކުރުމާއި އަދީބުގެ ކަންކަން ބެލުމުގައި އިސްކޮށް އުޅުނު ފުލުހުން ޕީޕީއެމްގެ ވެރިކަން ފެށުމާއެކު އެހެން ތަންތަނަށް ބަދަލުކުރި އެވެ. އެކަމަކު ކޯލްތައް ރެކޯޑްކުރި ފުލުހުން ވަނީ މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެނގޭތީ ފުލުހުންގެ ތެރޭގައި އެހެން ގޮތްގޮތުން މި ކޯލްތަކުގެ ކޮޕީތައް ރައްކާކޮށްފަ އެވެ. ޝަރީއަތަށް ހުށަހަޅައިގެން އުޅެނީ އެ ކޯލްތަކެވެ.

އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އަދީބާއި ޔާމީން ރަށްތައް ދޫކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާ ވިއްސަކަށް ކޯލް ރެކޯޑިން އެބަ އޮތެވެ. މީގެ ތެރޭގައި 2018 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން އުޅުނު އިރު އަވަސް ގޮތަކުން ރަށްތައް ކުއްޔަށް ދޫކޮށްގެން އިންތިހާބަށް ފައިސާ ހޯދުމަށް އަދީބަށް ޔާމީނު އިރުޝާދު ދޭ ކޯލްތައް ވެސް ހިމެނޭކަމަށް އެގިފައިވެ އެވެ. ރިޔާސީ އިންތިޚާބު ގާތްވުމުން އޭރު ޓޫރިޒަމް މިނިސްޓްރީން ކުއްލިގޮތަކަށް ގިނައަދަދެއްގެ ރަށް ރިސޯޓް ހަދަން ދޫކޮށްފައިވާކަން ފާހަގަކުރެވިފައިވެ އެވެ. ފުލުހުން މި ރެކޯޑިންތައް ޝަރީއަތަށް ހުށަހެޅީ އޯޑިއޯ އެނަލިސިސް ހަދައި އޭގައި ހުރީ އަދީބާއި ޔާމީންގެ އަޑުކަން ވެސް ފޮރެންސިކުން ކަށަވަރުކޮށްފައި ކަމަށް ވަނީ އެނގިފަ އެވެ.

އެ ކޯލް ރެކޯޑިންތަކާއި ގުޅިގެން ހެދި އިންޓެލިޖެންސް ރިޕޯޓްތައް އަޅުގަނޑުމެން ވާނެ އޭރު ރައީސްކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދަށް ވެސް ހުށަހަޅާފައި. އެއީ އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވައިގެން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރު ހޯދައިގެން ގާނޫނާ އެއްގޮތަށް އަޑުއެހި ކޯލްތަކެއް: ކުރީގެ އިންޓެލިޖެންސް އޮފިސަރެއް

އަދީބު ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަންކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައިސް އެ މަނިކުފާނުގެ ނައިބު ޑރ. ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަހީދަށް ތާއީދުކުރި ޕާޓީތަކަށް ސަރުކާރުން މަގާމުތައް ދިނުމުގެ ތެރެއިންނެވެ. ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވުމާ އެކު އޭރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާގެ ދައުރު ނިމި އަދީބަށް ވަޒީރުކަން ދިނީ ފެބްރުއަރީ 12، 2012 ގަ އެވެ. އޭރުން ފެށިގެން، ނައިބު ރައީސް ކަމުގެ މަގާމަށް އައްޔަންކުރަންދެން، ޖުލައި 22، 2015 އާ ހިސާބަށް އަދީބު ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އެވެ. އެއީ ވަހީދުވެރިކަން ނިމި ޕީޕީއެމްގެ ވެރިކަން ވެސް ހިމެނޭ ގޮތަށެވެ.

ޝަރީއަތުން ހާމަކުރަން އިންކާރުކުރި ކޯލްތަކާ ބެހޭ ގޮތުން ކުރިން އެނގިފައިވާ ގޮތުން ނަމަ ވަހީދުގެ ވެރިކަމުގެ ފަހުކޮޅު ޕާޓީތަކުން ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން ދިޔައިރު ކެމްޕޭނަށް ފައިސާ ހޯދުމުގެ ބޭނުމަށް އެކި މީސްމީހުންނަށް ރަށްތައް ދޫކުރުމާ ބެހޭ ގޮތުން ވެސް ކޯލްތަކުގައި ވާހަކަ ދައްކާފައި އެބަހުއްޓެވެ. އެކި މީސްމީހުން އަތުން ލިބޭނެ އަދަދާއި ފައިސާ ލިބޭނެ ގޮތުގެ ވާހަކަތައް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށްވެ އެވެ. ޝަރީއަތުގައި އަދީބު ވެސް ވަނީ މިގޮތަށް ވާހަކަ ދެއްކެވި ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ތެރެއިން އެއް ކޯލެއްގައި "ބްލެކް ބޯއީ" އަށް ދޭންޖެހޭ ރަށެއްގެ ވާހަކަ ދެކެވެ އެވެ. އެ ރަށް ދިނުމުން ބަދަލުގައި އަމިއްލަ އެކައުންޓަށް ލާން ލިބޭނެ ފައިސާގެ އަދަދުގެ ވާހަކަ ދައްކަ އެވެ. ތަހުގީގަށް ހޯދިފައިވާ ގޮތުން ނަމަ ކޯލްގައި ޔާމީން ވިދާޅުވާ "ބްލެކް ބޯއީ" އަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މިހާރު ވެސް ހަރަކާތްތެރިވާ އަދި ޓޫރިޒަމް ދާއިރާގައި ވެސް މަސައްކަތްކުރައްވާ ބޭފުޅެކެވެ.

ވަހީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަމަށް އަދީބު އައްޔަންކުރި ހިސާބުން ފެށިގެން މިކަހަލަ އެތައް ކޯލެއް ކޮށްފައި އެބަހުރި ކަމަށްވެ އެވެ.

އޯޑިއޯތައް އިއްވުމާ ދެކޮޅަށް ޔާމީންގެ ވަކީލުން ދެއްކެވި އެންމެ މައިގަނޑު އެއް ސަބަބަކީ ދައުވާގައި އޮތީ ވ. އާރަށް ކުއްޔަށް ދިނުމުގެ ވާހަކަ ކަމަށް ވުމާއި ކޯލްތަކުގައި އެ ރަށުގެ ވާހަކަ ނުދެއްކުމެވެ. ކޯލްތަކެއް ކުރައްވައި ދައުލަތުން ތުހުމަތުކުރާ ގޮތަށް ރަށްތައް ބަހައި ނާޖައިޒް ފައިދާ ހޯދަން ވާހަކަ ދެއްކެވި ކަމަށް ބުނާ ވާހަކައަށް އިންކާރެއް ނުކުރެ އެވެ. މި ކޯލްތައް ޝަރީއަތުގައި އިއްވުމަށް ދައުލަތުން އެހާ ބޮޑަށް މަސައްކަތްކުރި ސަބަބެއް ކަމަށް ބެލެވެނީ ރިސޯޓް ހަދަން ރަށް ދޫކުރުމާއި ރަށްތަކުން ލިބޭ ފައިސާ ބޭނުންކުރުމުގައި އަދީބު އަމަލުކުރަމުން ދިޔައީ ޔާމީން ބުނާ ގޮތަކަށްކަމަށް ބުނި ބުނުމަށް ބާރު ހޯދުމަށެވެ. އޭރުން ޔާމީންގެ މައުސޫމްކަން ސާބިތުކޮށްދޭން ކުރާ މަސައްކަތަށް ގޮންޖެހުމަކަށް ވާނެ އެވެ.

ޝަރީއަތުން ކޯލްތައް ހާމަކުރަން ދެކޮޅު ހެދި ނަމަވެސް ގާޒީ ވިދާޅުވީ އެ ކޯލްތައް ހެކީގެ ގޮތުގައި ބަލައިގަތުމަށް ނުވަތަ ބަލައިނުގަންނަން ވެސް ނިންމީއެއް ނޫނެވެ. މާނަ އަކީ ހުކުމް ކުރުމުގައި އެ ކޯލްތަކަށް ރިއާޔަތްކުރުމަކީ އަދިވެސް އޮފް ފުރުސަތަކަށް ވުމެވެ. ދައުލަތުން މި ކޯލްތަކާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާއި ކޯލްތައް އިއްވަން ބާރު އެޅިވަރުން މިއީ އަދިވެސް މަތީ މަރުހަލާގައި ހުޅުވާލެވިދާނެ މައުލޫއެއްކަމަށް ބެލެވެ އެވެ.

13 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 0%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާބަސްތަ

08 September 2022

އެހާ ފަސޭހައިން ސާބިތުކުރެވެން ހުރި ކުރީގެ މައްސަލަތައް ހުއްޓާ މާ ފަހުގެ މައްސަލަތަކެއްގެ ފަހަތުން ދުވެ ނަގަނީ ދެން ކީއްކުރަންބާ. ޑރ ވަހީދު އިރުގެ ކޯލްތަކެއް ހުރެ އެއިރު ޔާމިން އެކައުންޓަށް އެ ކަންކަމުން ފައިސާ ވަދެފަ ހުރި ކަން ބެލެން ނެތީބާ. މާ ފަސޭހައިން ސާބިތުކުރެވޭނެ ކަންކަން ހުއްޓާ ހެއްކަށްޓަކައި ކުށްވެރިންނާ އެއްބަސްވުން ހަދައިގެން ހެކިދޭން އުޅުވުމުގެ ބޭނުމަކީ ކޮބައިބާ. ޑރ ވަހީދު އެއީ އެއިރުގަ ހިނގި ކަންކަމުގެ ހެއްކަކަށް ހުށަނޭޅޭނީބާ.

The name is already taken The name is available. Register?

ރިހާކުރޭ

07 September 2022

ތި ކޯލް ރިކޯޑިންގ ގަ ރިހާކުރުފުޅިއެއް ވަގަށް ނަގަން އުޅޭނަމަ ގާޒީ ތި އަޑުއަހާނެ އަދި މައްސަލަ ސަބިތުވެސް ކުރާނެ.

The name is already taken The name is available. Register?

މުންޖިޗޭ

07 September 2022

އެހާކުރީގައި ހޯދިފައިވާ އެއްޗަކަށްވީއިރު ހެކިހާމަކުރުމުގެ މަރުޙަލާގައި އެހެކި ހާމަނުކޮށް، މާފަހުގެ މަރުޙަލާއެއްގައި ޗަރުކޭސްކުޅެން އުޅުމަކީ އެއަށް ފުރުޞަތުދޭންޖެހޭ ކަމެއްނޫން، ދައުލަތަށް ރަނގަޅަށް އެނގޭނެ ޤާނޫނުގައި ކަންއޮތްގޮތް، އެނގިތިބެ ތިޔަބުނާ ރެކޯޑިންގެއް ހުށަހަޅަންޖެހޭ މަރުޙަލާގައި ހުށަހެޅިނަމަ، ޤާޟީއަކަށްވެސް ރިޖެކްޓެއްނުކުރެވޭނެ، ފަހުން އުފަންވި އެއްޗަކަށްނުވާއިރު ފަހުން އޭގެބޭނުންކޮށްގެން ޖަހަންއުޅުނީ ކޮންސަކަރާތެއްކަން ވަރަށްސާފު.

The name is already taken The name is available. Register?

މާއިނގޭ

08 September 2022

ވާނުވާ ބަލާބަލަ. ހުކި އކތީ ހުށަހަޅަނަ ޖެހޭ މަރުހަލާގައ ހުށަހަޅާފައޭ ބްރޯ

The name is already taken The name is available. Register?

ކަންފަތްް

08 September 2022

ޝަރީޢަތް އަޑުއެހިނަމަ އެނގޭނެ އެއީ ހުށަހެޅިފައިވާ ހެއްކެއްކަން

The name is already taken The name is available. Register?

ޢަބްދުﷲ މުހައްމަދު

07 September 2022

ދީބާޖާއަށާއި ނޫމަޑިއަށް ބަދަލުގެ ގޮތުގައި ފައިސާ ދިނީ ވެސް އިންތިޚާބަށް އެމްޑީޕީއަށް ބައި އަޅަން...އިންޓެލިޖެންސް ރިޕޯޓް ރައީސަށް ވެސް ދިޔަ!!! ވީކަމެއް ނެތް...އެތާ ތިބި މީހުން ބަދަލުކުރި...

The name is already taken The name is available. Register?

ބުޅާފާތުމަ

07 September 2022

މިހާރުގެ ޝަރީއަތްވެސް މި ދަނީ މޮޅު މީހާއަށް މޮޅުގޮތަށް އަދި ދެރަ މީހުންނަށް ދެރަ ގޮތަށް، ޔާމީނު މި ފަހަރުވެސް ސަލާމަތްވާނީ އަކުރެއްގެ ފިއްޔެއް އިން ގޮތަކުން 'ސާބިތު' ނުވެގެން

The name is already taken The name is available. Register?

ސިޔާސީ ގޭމް

07 September 2022

ސިޔާސީން ގައުމާއި ރައްޔިތުންގެ ޓެގް ޖަހައިގެން އެހާވަރަކުން ތެޅެނީ ތިފަދަ ކޯލްތަކާއި ޑީލްތަކުން ލިބޭ އެތި ބޮޑުވީމަ. ބްރެއިން ވޮޝްވެ، އަމިއްލަ ސިކުނޑިން ނުވިސްނޭ ބައެއް ރައްޔިތުން ސިޔާސީންގެ ފަހަތުން ސަނާކިޔަމުން ދުވިޔަސް ހަގީގަތަކީ ސިޔާސީން އެކުރަނީ، އިހްލާސްތެރިކަމެއް ނެތް އެމީހުންގެ އަމިއްލަ ދިރިއުޅުމަށް ކުރާ މަސައްކަތްކަން. ކޮންމެ ވެރިކަމެއްގައިވެސް ތީގެ ލައްކަ ކޯލް ހުންނާނެ. މިހާރުވެސް ހުންނާނެކަން އެެއީ ޔަގީންކަމެއް.

The name is already taken The name is available. Register?

ނޯ ކޯލް

07 September 2022

މީ މާ އާދަޔާ ޚިލާފް ކޯލްތަކެއް ކަމަކަށް ނުދެކެން. ސަބަބަކީ އެއިރެއްގައި ބާރު އޮންނަ ޕާޓީއަކުން ވަރަށް ފެންވަރުގައި ކަންކަން ކޮށްލާތަން ފެނޭ. ޕާޓީ ކުދިންނަށް ވަޒީފާތަކާއި ޕްރޮޖެކްޓްތައް ހެސްކިޔާފަ ލިބޭ. ޗޫސްލާފަ މުއްސަނދިވޭ. ވެރިކަން ގެއްލި ބާރު ދާއިރަށް މިހުރިހާ ކަމެއްނެތި، ޕާޓީގެ ހަރަކާތެއް ބާއްވާނެ ވަރުވެސް ނެތޭ. މީ ހައްތަހާވެސް ތިފަދަ ކޯލްތަކާ ޑީލްތަކުގެ އަސަރު. މިހާރު ތިބި ބައެއްގެވެސް ހަމަ ތީގެ ކިތަންމެ ކޯލެއް ހޯދޭނެ.

The name is already taken The name is available. Register?

ވައިޓް ބޯއި

07 September 2022

ބްލެކް ބޯއި އަކީ ޖާބިރު ފިޔަވައި ދެން ކާކު؟!

The name is already taken The name is available. Register?

ފފފފފފ

07 September 2022

މީސް މީހުންގެ ޕްރައިވެޓް ލައިފްއާ ގުޅޭކަންކަން. "އެކިގޮތްގޮތުން ރައްކާ ކުރުން" ތެރެއަށް ވަދެފަ ނޯންނާނެ. އެކަމަށް ހާއްސަ ޕްރޮޓޮކޯލްއެއް އޮންނާނެ. ދޮގު ހަދަން ހެޔޮނުވާނެ.

The name is already taken The name is available. Register?

ސީޒަން ޖެކުހަން

07 September 2022

ތިޔަކޯލުތަކުން ބެދެނީ ޔާމީނު އެކަނިތަ؟ އަދީބު ހުދުކާފޫރަށްވަނީތަ؟

The name is already taken The name is available. Register?

ބަޑިތަކުރު

08 September 2022

އަދީބަށް ހުރީ ހުކުމްކޮށްފައެވެ. ހުދުކާފޫރަށްވީ މީހާ ހުރީ ދޫވެފައެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454