ކުޅިވަރު / ޔޫރޮޕާ ލީގް

ރެއާލް ސޮސިއެޑާޑުން ފުރަތަމަ ފަހަރަށް ޔުނައިޓެޑް ބަލިކޮށްފި

ބްރައިސް މެންޑޭޒް، ޕެނަލްޓީ އިން ކާޟިޔާބުކުރި ލަނޑަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ސެޕްޓެމްބަރު 9) - އޯލްޑް ޓްރެފޯޑުގައި މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް ސްޕެއިންގެ ރެއާލް ސޮސިއެޑާޑުން ފުރަތަމަ ފަހަރަށް ޔޫރަޕުގެ މުބާރާތެއްގައި އިނގިރޭސި ޓީމެއް ބަލިކޮށްފި އެވެ.

ސޮސިއެޑާޑުން ވަނީ މީގެ ކުރިން އިނގިރޭސި ޓީމުތަކާ ދެކޮޅަށް ހަ މެޗު ކުޅެފަ އެވެ.

ރެއާލް މެޑްރިޑުން ޔުނައިޓެޑަށް ގެނައި މިޑްފީލްޑަރު ކަސެމީރޯ މި މެޗުގައި ފުރަތަމަ 11 ގައި ހިމެނުނު އިރު، ސީޒަންގެ ފުރަތަމަ ދެ މެޗަށް ފަހު ފުރަތަމަ ފަހަރަށް ކެޕްޓަން ހެރީ މެގުއާ ވެސް ވަނީ ސްޓާޓް ކޮށްފަ އެވެ. އަދި އެންތަނީ އެލަންގާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މި މެޗުގައި ސްޓާޓް ކުރި އެވެ.

ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ރޮނާލްޑޯ އަށް ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދޭން ހުސް ފުރުސަތެއް ލިބުފަ އެވެ. އޭނާ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަން ނަމަވެސް ފަހަތުން އައި ޑިފެންޑަރު ވަނީ އޭނާ އަތުން ބޯޅަ އަތުލައިފަ އެވެ. އަދި އިރުކޮޅެއް ފަހުން ކްރިސްޓިއަން އެރިކްސަން ނަގައިދިން ހުރަހަކަށް ރޮނާލްޑޯ ބޮލުން އެރި ނަމަވެސް ލައްވާލާ ގޮތެއް ނުވި އެވެ.

މެޗުގައި ލިބުނު ފުރުސަތެއް ނާކާމިޔާބުވުމުން ރޮނާލްޑޯ މާޔޫސް ވެފައި. ރޮނާލްޑޯ އަށް ވަނީ މެޗުގައި ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިފައި.-- ފޮޓޯ: އޭއެފްޕީ

ސޮސިއެޑާޑަށް ކުޅޭ ޑޭވިޑް ސިލްވާ ތަނަވަސް ކުރި ފުރުސަތެއްގައި އެ ޓީމުގެ ބްރައިސް މެންޑޭޒް ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް އަމާޒެއް ނުވި އެވެ. މި ހާފު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ޑިއޯގޯ ޑަލޮޓް ނެގި ހުރަހަކުން ރޮނާލްޑޯ ބޮލުން ގޯލެއް ޖަހައި ލީޑު ނަގައިދިން ކަމަށް ހީކުރެވުނަސް، ރޮނާލްޑޯ ބޯޅަ ފޮނުވާލީ އޮފްސައިޑުގައި ހުރެފަ އެވެ.

ދެވަނަ ހާފަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ވަނީ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް އާއި ބްރޫނޯ ފެނާންޑޭޒް ކުޅެން އަރުވައިފަ އެވެ. މި ހާފު ފަށައިގެން ފުރަތަމަ މިނިޓުގައި ފެނާންޑޭޒް ނަގައިދިން ހުރަހެއް ރޮނާލްޑޯ ބޮލުން ފޮނުވާލުމުން ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އަދި ދެ މިނިޓު ފަހުން ރޮނާލްޑޯ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ބޭރަށް ދިޔައީ ގޯލު ހުރަސް ދަނޑި ކައިރިންނެވެ.

ސޮސިއެޑާޑުން ވެސް ކުރިއަށް ޖެހިގެން ހޯދި ފުރުސަތުތަކުގައި، އެޓީމުގެ ޖަޕާނު ފޯވާޑް ޓަކެފޫސާ ކޫބޯ ނަގައިދިން ހުރަހެއް، ސްޓްރައިކަރު އެލެކްޒެންޑާ ސޯލޮތު، ޔުނައިޓެޑުގެ ޑިފެންޑަރު މާޓިނޭޒް ކައިރިން ބޮލުން އަރައި ފޮނުވާލި ނުރައްކާތެރި ހަމަލާ ހުރަސް ދަނޑި ކައިިން ބޭރަށް ދިޔައިރު، އޭގެ ފަހުން ކޫބޯ، ގޯލު ކުރިމަތީ ހުރި ސޯލޮތަށް ތިރިން ނަގައިދިން ހުރަސް، މާޓިނޭޒް ވަނީ ފައިން ދިފާއު ކޮށް ކޯނަރަކަށް ބޭރު ކޮށްލައިފަ އެވެ.

ސިލްވާ ފޮނުވާލި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި މާޓިނޭޒް އަތުގައި ބޯޅަ ޖެހެނީ.-- ފޮޓޯ: އޭއެފްޕީ

ސޮސިއެޑާޑުން ގޯލު ޖެހީ އެ ކޯނަރުގައި ހޯދި ޕެނަލްޓީއަކުންނެވެ. ޑޭވިޑް ސިލްވާ އަށް ބޯޅަ ލިބުމުން އޭނާ ފޮނުވާލި ބޯޅަ މާޓިނޭޒް ދިފާއު ކުރުމުން އިޓަލީގެ ރެފްރީ މަޓެއޯ ޑި ބޭލޯ ވަނީ އޭނާ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ، ޕެނަލްޓީއެއް ދީފަ އެވެ. މާޓިނޭޒް އަތުގައި ބޯޅަ ޖެހުނީ، ބޯޅަ އޭނާގެ ފައިގައި ޖެހުނު ފަހުންނެވެ. މި ޕެނަލްޓީ މެޗުގެ 59 ވަނަ މިނިޓުގައި ކާމިޔާބު ކުރީ މެންޑޭޒް އެވެ. ކީޕަރު ޑޭވިޑް ޑެހެއާ ރަނގަޅު ކޮޅަށް ޑައިވް ކުރި ނަމަވެސް ތިރީ ކަނަށް ދިޔަ އެ ބޯޅައަށް އަތެއް ނުފޯރި އެވެ.

މިއީ ސޮސިއެޑާޑުން ޔުނައިޓެޑާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ފަސްވަނަ މެޗުގައި ޖެހި ފުރަތަމަ ލަނޑެވެ.

ސޮސިއެޑާޑުގެ ގޯލަށް ފަހު ވެސް ޔުނައިޓެޑުން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް މެޗު ނިންމާލަން ޖެހުނީ ޕޮއިންޓެއް ނުލިބި އެވެ. ފެނާންޑޭޒް ނަގައިދިން ހުރަހަކުން ކަސެމީރޯ ބޮލުން ފޮނުވާލި ބޯޅަ ގޯލާ އަމާޒު ކޮށް ނުލެވުނު އިރު، ކަސެމީރޯ އޭރިއާ ބޭރުން ފޮނުވާލި ދެ ހަމަލާއެއް ސޮސިއެޑާޑްގެ ކީޕަރު އެލެކްސް ރޮމޭރޯ ދިފާއު ކުރި އެވެ.

ކަސެމީރޯ އޭރިއާ ބޭރުން ބޯޅަ ގޯލާ ދިމާއަށަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

މީގެ އިތުރުން ފެނާންޑޭޒް ބޮލުން ކުރިއަށް ހުސްކޮށްލާފައި ދިން ބޯޅައެއް ރޮނާލްޑޯ ހޯދި ނަމަވެސް އޭނާއަށް ބޯޅަ ކޮންޓްރޯލް ނުވެ އުޅެނިކޮށް ސޮސިއެޑާޑް ޑިފެންޑަރުން އޭނާ އަތުން ބޯޅަ ހޯދި އެވެ. އޭގެ ކުރިން ފްރެޑް ތިރިތިރިން ނެގި ހުރަހެއް ރޮނާލްޑޯ އަރައި އެއްފަހަރުން ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. އަދި ފަހުވަގުތު ކުޅެން އެރި އަލެހަންދްރޯ ގަރްނާޗޯ ފޮނުވާލި ހަމަލާއެއް ގޯލު މަޔިން ބޭރަށް ދިޔައިރު، 90 ވަނަ މިނިޓުގައި ސޮސިއެޑާޑުން އުފެއްދި ކައުންޓާ އެޓޭކެއްގައި ގޯލަށް ބޯޅަ ފޮނުވާލުމުގެ ކުރިން ކީޕަރު ޑެހެއާ ވަނީ ހުއްޓުވައިފަ އެވެ.

ޔުނައިޓެޑާ އެކު ގުރޫޕް އީ ގައި ހިމެނޭ މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލް ވަނީ ރަށުން ބޭރުގައި ސައިޕްރަސްގެ އޮމޯނިއާއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބު ކޮށްފަ އެވެ.

ގުރޫޕް އެފް ގައި ހިމެނޭ އިޓަލީގެ ލާޒިއޯ އިން ވަނީ އަމިއްލަ ދަނޑުގައި 4-2 އިން ނެދަލެންޑްސްގެ ފެޔެނޫޑް ބަލިކޮށްފަ އެވެ.

މިދިޔަ ސީޒަނުގެ ޔޫރޮޕާ ކޮންފަރެންސް ލީގު ފައިނަލުގައި ކުޅުނު ފެޔެނޫޑާ ދެކޮޅަށް މެޗުގެ ހަތަރު ވަނަ މިނިޓުގައި ލުއިސް އަލްބާޓޯ ޖެހި ގޯލުން ލާޒިއޯ ވަނީ ލީޑު ނަގައިފަ އެވެ. އަދި 15 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖަހައިދިނީ ކުރިން ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅުނު ފިލިޕޭ އެންޑަސަން އެވެ.

ފިލިޕޭ އެންޑަސަން، މިރޭގެ މެޗުގައި ލާޒިއޯ އަށް ލަނޑެއް ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގެ 28 ވަނަ މިނިޓުގައި ލާޒިއޯގެ ތިން ވަނަ ލަނޑު ޖަހައިދިނީ މެޓިއަސް ވެސީނޯ އެވެ. އަދި ދެވަނަ ހާފުގެ 18 ވަނަ މިނިޓުގައި ލާޒިއޯގެ ހަތަރުވަނަ ލަނޑު ވެސް ޖެހީ އޭނާ އެވެ. ފެޔެނޫޑްގެ ދެ ލަނޑު ވެސް ޖަހައިދިނީ މި ސީޒަނުގައި އެ ޓީމާ ގުޅުނު މެކްސިކޯގެ ޒުވާން ފޯވާޑް ސެންޓިއާގޯ ޖިމެނޭޒް އެވެ. ފުރަތަމަ ލަނޑު ޕެނަލްޓީއަކުން 69 ވަނަ މިނިޓުގައި ޖެހިއިރު، ދެ ވަނަ ލަނޑު ޖެހީ 88 ވަނަ މިނިޓުގަ އެވެ.

މި ގުރޫޕުގައި ހިމެނޭ ޑެންމާކުގެ މިޖިލަންޑް ވަނީ ރަށުން ބޭރުގައި އޮސްޓްރިއާގެ ސްޓާމް ގްރޭޒް އަތުން 1-0 އިން ބަލިފަ އެވެ.

ގުރޫޕް ޖީ ގައި ހިމެނޭ ގްރީސްގެ އޮލިމްޕިއާކޯސް ވަނީ ފްރާންސް ގައި އެގައުމުގެ ނަންޓްސް އާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލި ވެފަ އެވެ. މި ގުރޫޕުގައި ހިމެނޭ ޖަރުމަންގެ ފްރެއިބާގުން ވަނީ ހަމަ މި ނަތީޖާއިން އަމިއްލަ ދަނޑުގައި އަޒަރުބައިޖާންގެ ޤަރަބާގް ބަލިކޮށްފަ އެވެ.

ގުރޫޕް އެޗް ގައި ހިމެނޭ މޮނާކޯ އިން ރަށުން ބޭރުގައި ވަނީ ސާބިއާގައި އެގައުމުގެ ރެޑް ސްޓާ ބެލްގްރޭޑް 1-0 އިން ބަލިކޮށްފަ އެވެ. މި ގުރޫޕުގައި ހިމެނޭ ތުރުކީގެ ޓްރަޒޯންސްޕޯ އާއި ހަންގޭރީގެ ފެރެންކްވަރޯސް، ހަންގޭރީގައި ކުޅުނު ފޯރިގަދަ މެޗު 3-2 އިން ކާމިޔާބުކުރީ ފެރެންކްވަރޯސް އެވެ.

ގުރޫޕް ޑީ ގައި ހިމެނޭ ޕޯޗުގަލްގެ ބްރާގާ އިން ރަށުން ބޭރުގައި ސްވިޑެންގެ މަލްމޯ އެފްއެފް 2-0 އިން ބަލިކުރި އިރު، ގުރޫޕުގެ ދެ ވަނަ މެޗުގައި ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް-ގިލޮއިސް ވަނީ ރަށުން ބޭރުގައި 1-0 އިން ޖަރުމަނުގެ ޔޫނިއަން ބާލިން ބަލިކޮށްފަ އެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

09 September 2022

މިއަދު ޕޮގުބާގެ ކޮމެންޓެއް ނެތް.އެއީ އަސްލު ސައިޒް.ހެހެހެހެހެހެ

The name is already taken The name is available. Register?

ހާދަ ދެރައޭ

09 September 2022

ބޯޅައަކީ ވަށް އެއްޗެއްކަން ނޭނގެނީ އިނގިރޭސިންނާ އިނގިރޭސި ފުޓުބޯޅައިގެ އަވައިގަ ޖެހިފަތިބި މީހުންނަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454