ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
11 ސެޕްޓެމްބަރ 2022 - 11:18
ލޯކަލް ކައުންސިލްތައް ހިނގާ ގޮތް ބެލުމަށް އުފައްދާފައިވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ މެދު ކައުންސިލްތަކުން ދެކޭގޮތް ބަދަލުވާން ޖެހޭ ކަމަށް އެ އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
ދެކުނުގެ ރަށްތަކަށް ހާއްސަ ކޮށްގެން ފަށާފައިވާ ވިއަވަތި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އަފްޝަން ވިދާޅުވީ، އެލްޖީއޭ އަކީ ކައުންސިލްތަކުގެ ބެލެނިވެރިފަރާތް ކަމަށް ވަރަށް ގިނަ ކައުންސިލްތަކުން ދެކޭ ކަމަށެވެ.
އެއީ އޭނާއަށް އެހާ ހިތްގައިމު ބަހެއް [ބެލެނިވެރިފަރާތް] ނޫން ކަމަށާއި ބެލެނިވެރިން ތިބޭނީ ކުޑަކުދިން ނޫނީ އަމިއްލަ އަށް ގޮތް ނިންމަން ދަތި މީހުންގެ ކަންކަން ބެލުމަށް ކަމަށް އަފްޝަން ވިދާޅުވި އެވެ.
"ގާނޫނުން އެލްޖީއޭ އަށް މަތިކޮށްފައި ވަނީ ކައުންސިލްތަކުގެ ޒިންމާ އަދާކުރޭތޯ ބަލައި، އެހީތެރިކަން ފޯރުކޮށްދިނުމަށް. އެލްޖީއޭއާ މެދު ކައުންސިލްތަކުން ދެކޭ ގޮތް ބަދަލުވުމަކީ މުހިއްމު ކަމެއްގައި އަޅުގަނޑު ދެކެން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރި ކޮށްދެއްވި ރަސްމިއްޔާތުގައި އަފްޝަން ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަޑު އަހަމު، ރަނގަޅު އެކުވެރިންނަކީ ރަނގަޅު ކަންކަމަށް ހިތްވަރު ދީ، އެ ކަންކަމުގައި އެހީތެރިވާ ބައެކޭ. އަދި ނުރަނގަޅު މަގަކުން ދާ ނަމަ އެކަމުން ދުރުކުރާނެ ބައެކޭ. އެލްޖީއޭއަކީ ކައުންސިލްތަކުގެ އެކުވެރިއެއް އަދި އެހީތެރިއެއް."
އަފްޝަން ވިދާޅުވިގޮތުގައި، އެލްޖީއޭގެ އެންމެ އިސް ޒިންމާއާކީ އެ ގުޅުން ދަމަހައްޓައި ލާމަރުކަޒީ ނިޒާމަށް މަގުފަހިކުރުމަށް މަސައްކަތް ކުރުމެވެ.
އެކި ކައުންސިލްތަކާ ގުޅޭގޮތުން މި އަހަރުގެ މިހާތަނަށް 8 މޮނިޓަރިން ރިޕޯޓު ނިންމައި، މި މަހު އިތުރު ދެ މޮނިޓަރިން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެފަދަ ކަންކަމުން އެލްޖީއޭގެ މަގުސަދަކީ، އަފްޝަން ވިދާޅުވި ގޮތުގައި، ކައުންސިލްތައް ކުށްވެރިކުރުން ނުވަތަ ކައުންސިލްތަކުގެ ކުށް ހޯދުމެއް ނޫނެވެ.
The third edition of President @ibusolih's #ViavathiRaajje conference is now underway. It would feature four sessions themed around gender equality, land-use planning, fiscal autonomy of local councils and building resilient communities. pic.twitter.com/lzmTZxXMy9
— The President's Office (@presidencymv) September 11, 2022
"އެލްޖީއޭ ވާން ވާނީ ގޯހުން ކަމެއް ދާ ނަމަ އެކަން ރަނގަޅު ކުރުމަށް ލަފަ އާއި އިރުޝާދު ދޭ އެކުވެރިއަކަށް،" އަފްޝަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެލްޖީއޭ އިން އަންނަނީ އެކި ކައުންސިލްތަކާ ބައްދަލުކުރަމުން ކަމަށެވެ. ކައުންސިލް އިދާރާ އިމާރާތް ކުރުމާއި މިސްކިތްތަކާއި މަގު ބައްތި ހަރުކުރުން ފަދަ ވާހަކަތައް ކޮންމެ ބައްދަލުވުމެއްގައި ދައްކާ ކަމަށް ވިދާޅުވި އެވެ. އެ ކަންތައްތަކުގައި ކަމާގުޅޭ އިދާރާތަކާ ގުޅި ނަމަވެސް، އެލްޖީއޭ އިން އެދޭހާ އަވަހަކަށް ކަންތައްތައް ނުވެދާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.
އެކަމަކު، ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމުގެ ވިސްނުމާއި ހަކަތަ ވެސް މި ސަރުކާރުގައި އެބައޮތް ކަން ސާފުވާކަން އަފްޝަން ފާހަގަކުރެއްވި އެވެ.
"މި ނިޒާމު ފުރިހަމަ ވާނީ ހަމައެކަނި ރަނގަޅު ފެންވަރުގެ އިދާރާ ނުވަތަ މިލިއަނުން އިތުރުވާ ބަޖެޓަކުން ނުވަތަ މުވައްޒަފުންގެ އަދަދަކުން ނޫންކަން. އެލްޖީއޭ އިން މި މަސައްކަތްކުރާ އެންމެ މުހިއްމު އެއް ކަމަކީ އިތުބާރު އުފައްދައި ދެމެހެއްޓުން. ކައުންސިލްތަކާއި ސަރުކާރާ އަދި ރައްޔިތުންނާ ކައުންސިލްތަކާ، މުޅި ލާމަރުކަޒީ ނިޒާމާ މެދު އޮންނަ އިތުބާރު ވަރުގަދަ ވުމަކީ އެންމެ އިސްކަންދީގެން ކުރަންޖެހޭ އެއް ކަންތައްކަން އަޅުގަނޑު ދެކެން."
މީގެ ކުރިން ބޭއްވި ކޮންފަރެންސުން ލިބުނު މައުލޫމާތުތަކުގެ އަލީގައި ކައުންސިލްތަކަށް މާލީ އެހީތެރިކަންދޭ ފިސްކަލް ފޯމިއުލާ ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަފްޝަން ވިދާޅުވި އެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެލްޖީއޭގެ ސީއީއޯ އަފްޝަން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވީ އެ ގޮތަށް ފާހަގަކުރާ ކަންކަމަކީ އެންމެ އަވަހަށް ފުއްދުމަށް މަސައްކަތްކުރާ ކަންތައްތައް ކަމަށެވެ. ކައުންސިލްތަކުން އެދޭ ބަދަލުތައް ގެނެވެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ބައްދަލުވުމުގައި ވެސް ފާހަގަކުރާ ކަންކަމަށް އެދެވޭ ހައްލު ގެނައުމަށް އަޅުގަނޑުމެން ކެނޑިނޭޅި ކަމާބެހޭ ހުރިހާ އިދާރާތަކާ އެކީ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" އަފްޝަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަހުޒީބުވެފައިވާ ގައުމުތަކުގައި ވެސް ލާމަރުކަޒީ ނިޒާމު ފުރިހަމަކުރަން އެތައް ޒަމާނެއް ހޭދަވާ ކަމަށެވެ. ރާއްޖެ އިން މި ގެންނަނީ އަވަސް އަދި އިންގިލާބީ ބަދަލުތައް ނަމަވެސް ކުރަންޖެހޭ މަސައްކަތާއި ކުރިމަތިލާންޖެހޭ ގޮންޖެހުން ގިނަ ކަމަށް އަފްޝަން ވިދާޅުވި އެވެ.
"މިއިން ކޮންމެ ކަމަކީ ވެސް އަޅުގަނޑުމެން އެއް ސަފެއްގައި، އެއް އަޒުމެއްގައި އެއް ވިސްނުމާ މަގުސަދާ އުއްމީދެއްގައި މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ކުރެވޭނެ ކަންކަމާ މެދު ޝައްކެއް ނެތް،" އަފްޝަން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
11 September 2022
ޕާޓީގެ އެކްޓިވިސްޓެއް މިނިވަން މުއައްސަސާއަކަށް އައްޔަންކުރުމަކީ މުޅި އޯގަނައިޒޭޝަންއާއިމެދު މީހުންގެ އިތުބާރު ގެއްލޭނެކަމެއް..
ޮމަމީލާ
11 September 2022
ދެކޭ ގޮތް ބަދަލުވުމަށް ތިޔަ އެލްޖީއޭގެ ވެރިޔާ އަކީ ނަޝީދުގެ ޕަޕެޓެހެން އުޅުން ދޫކޮށް ހަރުދަނާ މީހަކަށް ވާންޖެހޭ! ނަޝީދުގެ ވިހަ ގަދަ ޓުވީޓުތަށް ރިޓުވީޓް ކޮށް ނަޝީދުގެ އަށް ތަށިބަރި ފޮނުވާ، ނަޝީދު ކޮޅަށް އެއް ފައި ލައިގެން ހުރުމުން ރަނގަޅެއް ނޫން! ވަރަށް ވާހަކަ
މަކަރުބެ
11 September 2022
އެލްޖީއޭ އަކީ ސެންޓްރަލް ގަވަމަންޓުން ލޯކަލް ގަވަމަންޓް ކޮންޓްރޯލްކޮށް ސަރުކާރުގެ ނުފޫޒުގެ ދަށުގަ ބާއްވަން ހަދާފަ އޮންނަ ތަނެއް. ދުފާއެއްޗެއްސޭ ނުކިޔާ.
ކަނބިލި
11 September 2022
ލާމަރުކަޒީ ނިޒާމު ގާއިމެއް ނުކުރެވޭނެ ސިޔާސީ ޕޯޑިއަމްތަކުގައި ސަޅިބައިސާ ކެނޑުމަކުން. އަދި ކެބިނެޓް ބާއްވާ މާލަމުގައި ކައުންސިލްތަކާ އެކު ރައީސް ބައްދަލުވުންތައް ބާއްވާ ޝޮޕިންގ ލިސްޓެއް ނެގުމަކުން ކައުންސިލްތައް ބާރުވެރިއެއް ނުކުރެވޭ. މައުމޫނުގެ ވެރިކަމުގައި އިންތިޚާތައް ބޯމަތިވުމުން ބާއްވާނެ އަތޮޅުވެރިންގެ ބައްދަލުވުން. މިހާރުވެސް ތިޔަ ކުރެވެނީ އެއްކަމެއް. ހާސިލުކުރަން ބޭނުންވަނީ އެއްކަމެއް. ކިޔާނަމާއި ބައއިވެރިންގެ މޫނުތައް ތަފާތީ.
ކޮބާ
11 September 2022
ކޮބާބާ މިއަހަރު ހަދާ ނިމިފަ ހުރި މޮނިޓަރިން ރިޕޯޓުތަކަކީ؟ ވެބްސައިޓުން އިނީ މުޅި އެކުވެސް 12 މޮނިޓަރިން ރިޕޯޓު. މިއަހަރުގެ ރިޕޯޓަކަށް އިނީ ދުވާފަރުގެ.2018 ގެ 3، 2019 1، 2020 ގެ 1، 2021 ގެ 6 އަދި 2022 ގެ 1. ހެދި ރިޕޯޓުތަށް ފެންނަންވެސް ހުންނަންވާނެ. ރިޕޯޓުތަށް ބަލާލީމަ އެއް ކަންތައްތަކެއް ފެންނަނީ. އެކަންތަކަށް އަހުލުވެރި ކުރުވަން ކިހާ މަސައްކަތެއް ކުރެވޭ؟
މެދުރަށްމަތި
11 September 2022
ހަކޮށީގަ ތިބެގެން ދުނިޔޭގަ ހިނގާ ޗއެއްވެސް ކަމެއްގެ އޮއެއް ވައެއްގަ ނުޖެހި ތިބޭ ތަނެއް އެލްޖީއޭ ނަމުގަ ބަދަލްވީ އެޓޮލްސް މިނިސްޓްރީގެ ނަންބޯޑު އެލްޖީއޭއަށް
ހިޔާލީ އަލީ
11 September 2022
ދައުލަތުގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޭކާރު ހަރަދަކީ ކައުންސިލަރުންގެ މުސާރަ، ރަށަކަށް އެހާ ބައިވަރު ވެރިން ބޭނުން ނުވޭ، ކުރާނެ ކަމެއް ނެތިގެން އެ ތިބެނީ ހޮޅުއަށީގަ އަނގަތަޅަން، އަނެއްކޮޅުން ކޮންމެ ކައުންސިލެއްގެ ޒިންމާދާރު ވެރިޔަކާ އެސްޖީ އަކާ ސެކެޓްރީން މި ތިބެނީ ހާދަހާ ބޮޑު އިސްރާފެކޭ،. މި ފައިސާއިން ރަށެއްގެ މަގުގަ ތާރުވެސް އެޅޭނެ
ގަބުޅި ކަތީބު
11 September 2022
އެލްޖީއޭ އަކީ ކައުންސިލްގެ ބެލެނިވެރި ފަރާތަށް ނުވާއިރު އަފްޝަން ކޮން ހައިސިއްޔަތަކުން ޕޯޑިއަމަށް އަރާ ތިހިރީ؟