މިނީ ބަސް ދަތުކުރަނީ: އެ ހިދުމަތް ފެށީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
13 ސެޕްޓެމްބަރ 2022 - 18:56
އަމީނީމަގު އަލުން ހެދުމުގެ މަސައްކަތަށް އެ މަގުގެ ބައެއް ބަންދުކޮށްފައިވާތީ ދެ ބަސް ސްޓޮޕްއަކަށް މިނީ ބަހުގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
އެމްޓީސީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ރޫޓު 11 ގައި ހިމެނޭ ދަރުބާރުގެ އަދި ކުޑަކުދިންގެ ބަގީޗާ ކައިރީގައި ހަދާފައިވާ ބަސް ސްޓޮޕްތަކަށް ދަތުރުކުރުން މި ވަގުތަށް ހުއްޓާލިއަސް، އެ ރޫޓުގެ އެހެން ސްޓޮޕްތަކަށް ދަތުރުކުރާނެ ކަމަށެވެ.
މާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފެށީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. މިހާތަނަށް 15،000 އަށްވުރެ ގިނަ މީހުން ވަނީ ބަހުގައި ދަތުރުކޮށްފަ އެވެ.
ބަހުގެ ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 5:45 އިން ދަންވަރު 12:15 އަށެވެ. ބަސް ދަތުރުކުރުމަށް ތިން ރޫޓެއް ކަނޑައަޅާފައިވާއިރު، 40 ބަސް ހުއްޓި ވަނީ ހަދައިފަ އެވެ. އެ އިން ކޮންމެ ސަރަހައްދަކަށް ވެސް 10 މިނިޓާއި 15 މިނިޓާ ދެމެދު ބަސް ދަތުރުކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އާރްޓީއެލްގެ 18 މިނީ ބަސް މާލޭގައި ދަތުރުކުރާނެ އެވެ. އޭގެ ތެރެއިން 8 ބަހަކީ 20 ސީޓާއެކު ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ފަސޭހައިން އަރައިފޭބޭނެ ގޮތަށް ރޭމްޕް ހުންނަ ބަސްތަކެކެވެ. ބާކީ ބަސްތަކުގައި 22 ސީޓު ހުންނާނެ އެވެ. ހުރިހާ ބަހެއްގައި ވެސް އިތުރު 10 މީހުންނަށް ކޮއްޅަށް ތިބެވޭނެހެން ހޭންޑްލް ހުރެ އެވެ.
އަމީނީ މަގުގައި ތާރު އެޅުމަށް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ކުންފުނި، އާރުޑީސީއަށެވެ.
މިދިޔަ ޖޫން ތިނެއްގައި އެ މަސައްކަތް ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. އެއީ 84 މިލިއަން ރުފިޔާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިޔަ މީހުންގެ ކުނިފުނި
13 September 2022
އެ 2 ސްޓޮޕު ވަގު ތީ ގޮތުން ޑިލީޓުކޮށްފީމެވެ
ބަސް
13 September 2022
ދެން ބަސް ދާނެ ގޮތުގެ ތަފްޞީލު ހިމަނާލިނަމަ! މިހަަރު ވިސްނާ ވިސްނާ ނޭނގުނު އެ ދެ ސްޓޮޕަށް ނުހުއްޓާ އަމީނީ މަގަށް ދާނެ ގޮތެއް!
ހހހހހހހ
13 September 2022
މާލޭ ހިޔާ ކައިރިން އަޅާލާނީ