ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު 142.6 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ 270 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ އެ މަޝްރޫއުގެ ތެރޭގައި ހިމެނެނީ 18 ހެކްޓަރުގެ ބިން ހިއްކުމާއި 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓު ޖެހުން ކަމަށެވެ.
މީގެ އިތުރުން ގދ. ފިޔޯރީގެ މަގު ހެދުމުގެ މަޝްރޫއު ވެސް ސަރުކާރުން 71 މިލިއަން ރުފިޔާ އަށް އާރުޑީސީއާ މިއަދު ހަވާލުކުރި އެވެ.
އެ މަޝްރޫއު ނިންމަން އާރުޑީސީ އަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ދިނީ 730 ދުވަހެވެ.
ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީ އަދި ފިޔޯރީގެ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. އާރުޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.