ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން އެތަން ހަދާނެ ގޮތުގެ ޗާޓެއް.
20 އޯގަސްޓް 2025 - 09:21
މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަކަށް ބަދަލުކޮށް، އެ ސަރަހައްދުގެ ކަނޑުތޮށި ބޭރަށް ޖެއްސުމުގެ މަސަައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވި ގޮތުގައި، އަމަލީ މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދުގެ މަގުތަކުގެ އެއް ލޭން ބަންދުކުރަމުން އަންނައިރު އެ ތަން ތަރައްގީ ކުރަނީ ހަތަރު ލޭނުގެ މަގަކަށް ފުޅާކޮށްގެން ކަމަށެވެ.
ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ރަސްފަންނާ ހަމައަށް ތާރު ނާޅާ އޮތް ހިސާބުގައި ތާރު އަޅައި މަގު ތަރައްގީ ކުރަން ހަވާލުކުރީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު އެމްޓީސީސީއާ އެވެެ.
އެ މަޝްރޫއު ފެށުމުގެ ގޮތުން މަގު ބަންދުކުރުމުގެ މަސައްކަތް ރޭ ފަށާފައިވާއިރު، މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެ މަގު ހަތަރު ލޭނުގެ މަގަކަށް ފުޅާކޮށް، ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދުގެ ސަރަހައްދަކުން ބައެއް ބަންދުކޮށް، ޓްރެފިކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެ ސަރަހައްދުގެ ފަޅު ވެސް ވަނީ އުޅަނދުތަކަށް ބޭނުންނުކުރެވޭ ގޮތަށް ބަންދުކޮށްފަ އެވެ.
މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަޙައްދުން ބައެއް ބަންދުކޮށް ޓްރެފިކް ރޫޓަށް ވަނީ ބަދަލުތަކެއް… pic.twitter.com/ZPNVOps8Qz
— Abdulla Muththalib (@muththo) August 19, 2025
އެހެންވެ އެކަމުގައި އާންމުން އެއްބާރުލުން ދިނުމަށާއި ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި އެމްޓީސީސީން ހިންގާ އެ މަޝްރޫއުއާ ގުޅިގެން އަންނަ އޮކްޓޫބަރު މަހުގެ 13 އާ ހިސާބަށް މަގާއި ފަޅު ބަންދުވާނެ އެވެ.
ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގައި މަޝްރޫއުގެ ދަށުން ތާރު އަޅާނެ ކަން ކުރިން ވަނީ އިއުލާންކޮށްފަ އެވެ. މަގުގައި ތާރު އަޅާނީ މަގު ފުޅާކޮށްފަ އެވެ. މަގު ފުޅާކުރާއިރު، އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައި ވެ އެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ފެން ހިންދާ ނިޒާމާއި ދުވާރު ގާއިމްކޮށް، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުން ހިމެނޭ ގޮތަށް 144 މިލިއަން ރުފިޔާއަށް، 455 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތު 2.0
20 August 2025
4 ލޭނު ކުރެހިޔަސް މަގުގެ ދެފަރާތުން ކާރާއި ސައިކަލު ޕާކް ކޮއްލީމާ ބާކީ އޮންނާނީ ހަމަ ދެ ލޭނު. ނިކަން ބަލާބަލަ ހުޅުމާލޭ ނިރޮޅު މަގު.
ބަސީރު
20 August 2025
މީ ރައީސް މުއިއްޒުގެ މިނިސްޓަރު ކަމިގުގައި ފަށާފައިވާ މަޝްރޫޢުއެކެވެ. ވޭތުވެ ދިޔަ 5 އަހަރު ވަނީ މި މަޝްރޫޢު ހުއްޓާލާފައެވެ. ނަމަވެސްް ރައީސްގެ މި ވައުދު ފުއްދުމަށްޓަކައި މި މަޝްރޫއުގެ ނުނިމި އޮތްބައި އެ ފެށީއެވެ.
ދައިގަންނަގުރާ
20 August 2025
ހިނގާފަ އުޅެބަލަ. ނިކަން ބޮޑު ދުވާރެއް އަޅަން ފެނޭ. އޭރަށް މިރަށު މީހުން ހިކެން ފަށާނެ.
ދޮން
20 August 2025
މާތްކަލާކޯ މާލެއިން މީހުން މަދުކޮށްބަލަ ، އިންސާނުން އުޅެން ހެޔޮނުވާވަރު ވެއްޖެ މާލެ ،،
ހަސަނު66
20 August 2025
ކަލޭމެން އައިސް މިތަން ފުރާލާފަ ދެން ތިހެން ނުކިޔާ
ކަޅުތުއްކަލާ
20 August 2025
ދޮން އަމިއްލައަށް މާލެއިން ފައިބައިގެން ދާންވީނޫންތޯ، އެއްވެސް މީހަކު މަޖްބޫރެއް ނުކުރޭ ނޫންތޯ މާލޭގައި ހުންނާކަށް، ކޮންމެ މީހަކުވެސް ކިޔަނީ މާލެ ތޮއްޖެހުން ކުޑަކުރަން މާލެއިން މީހުން މަދުކުރަން، ނަމަވެސް މާލެއަށް އަންނަން އަމިއްލަ ނަފްސަށް މަޖްބޫރުކޮށްގެން އުޅެނީ
ކަލާޔާނުލާ
20 August 2025
އެމްޓީސީސީ؟ އެވެރިން އެ އުޅެނީ ތިޔަ މަގުގެ އެއްފަރާތުގައި އެހެރަ އެވެރިންގެ އިމާރާތްގަނޑުވެސް ހަދާ ނުނިމިގެން. ދެން އަދި ކިހިނެއް މަގެއް ހަދަނީ؟
ދަގަތްފާނު
20 August 2025
ކ.މާލޭ ބޮޑުކަތުރުފާނުމަގު ހަދާއިރު އެއީ ރަށުގެ ތަރައްގީއަށް ސަރުކާރުން ހިންގާ ބޮޑު މަސްރޫއެއް. ދޭތެރެދޭތެރެއިން ރަށުގެ އަންހެންވެރިން ސައިހަދައިގެން މަސައްކަތްކުރާމީހުނަށް ސައިދިނުންވެސް މުހިންމު.
ދިވެހިރާއްޖެ 2.0
20 August 2025
ރާއްޖެތެރޭ ރަށްރަށުގައި ހުންނަ ރަށު ފޯރިއެއް ނުހުންނާނެ. މާ މާލެވެގެން ތިއުޅެނީ.
ލުފްޝާން
20 August 2025
5 އަހަރުގެ ދައުރެއް ބޮޑެތި ބާރުތަކާ އެއްކޮށް ދިނީމަވެސް އެއްކަމެއްވެސް ނުކުރެވުން ބަޔަކު މިއަދު އިދިކޮޅުގަ ތިބެގެން ފާޑުކީމަ ހަޑި. ކަލޭމެންނަށް ނުކުރެވުން ކިތަންމެހާ ކަންތައް މިސަރުކާރުން ކުރާތަން މިފެނިގެންދަނީ
ތެދެއް ނުހަދާތި؟
20 August 2025
ތިހުރީ މަޖްލިހަށް ޝަަރުތު ފުރިހަމަވެފަ، މިސަރުކާރުގެ ސްލޮޓެއްގަ ނިކުންނަން ވިސްނާތި، އޭރަށް އެއްފިކުރަކަށްވާނީ.
އެންމެން2882
20 August 2025
އެންމެން މާލެ ގެނެސް ކިތަންމެ ވަރަކަށް މަގު ބޮޑުކުރިޔަސް މައްސަލަ ހައްލެއް ނުވާނެ
ސާނިހާ
20 August 2025
މާލޭގެ އެންމެ ބާރު ބޮޑުއެއް ހިސާބު ތިޔަކީ،.. ބުރެއް ޖަހަލާން ނިކުތަސް ތިތަނުން އެކަނިވެސް 15 މިނެޓް ދާނެ. ކޮންމެ ބަޔަކު ކުރިޔަސް ތީ ވަރަށް ރަނގަޅުކަމެއް
ދިވެހިރާއްޖެ 2.0
20 August 2025
އަދިވެސް މާލެ ތޮއްޖަސަން ކުރާކަމެއް ތީ. ރާއްޖެތެރޭ ރަށެއް އެއްފަސްކޮށް ތަރައްޤީނުކުރަން ވެގެން.
އަދި ނޭނގުނު
20 August 2025
މި މީހުން ތިކަން ކުރާނެ ގޮތެއް ހަމަ ނުވިސްނިގެން މިއުޅެނީ.
ރާވެރިބެ
20 August 2025
އައިޑިއާ. 4 ލޭނަށް މަގު ކުރަހާފަ ބަޖެޓް ހަދާ ކޮންޓްރެކްޓް ހަވާލު ކޮއްފަ ދެލޭނު މަދު ކޮށްލަނިކޮށް ދިހަ ބުރީގެ އެހެން އާ އިމާރާތެއް އަޅާލެވޭނެ.