ރަށްވެހިކަން އޮޅުވާލި ކަމަށް ބުނާ އިކުއެޑޯގެ ކަސްޓީލޯ. މީގެ ކުރިން އޭނާގެ ރަށްވެހިކަން ޔަގީން ނުވާތީ ގައުމީ ޓީމުން ދުރުކުރި. މިދިޔަ އަހަރު ސީނިއާ ގައުމީ ޓީމުގައި ހިމެނިގެން އޭނާ ވަނީ މިހާތަނަށް 10 މެޗު ކުޅެފައި.-- ފޮޓޯ: އޭއެފްޕީ
01 އޮކްޓޯބަރ 2022 - 11:29
ލުޒާނޭ، ސްވިޒަލެންޑް (އޮކްޓޫބަރު 1) - ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގެ ހަތަރު ވަނަ ހޯދައިގެން ގަތަރު ވޯލްޑް ކަޕަށް ކޮލިފައިވި އިކުއެޑޯ އިން ރަށްވެހިކަން އޮޅުވާލައިގެން ކުޅުންތެރިއަކު ކުޅުވި ކަމަށް ބުނެ ޕެރޫ އާއި ޗިލީ ގެ ފުޓުބޯޅަ ފެޑެރޭޝަނުން އިކުއެޑޯ ވޯލްޑް ކަޕުން ބޭރުކުރަން ކޯޓް އޮފް އާބިޓްރޭޝަން ސްޕޯޓްސްގައި (ކާސް) ގައި މައްސަލަ އެޕީލް ކޮށްފި އެވެ.
އިކުއެޑޯ ގައުމީ ޓީމަށް މިހާތަނަށް 10 މެޗު ކުޅެދީފައިވާ އުމުރުން 23 އަހަރުގެ ކަނާތުބެކް ބައިރޯން ކަސްޓީލޯ އަކީ ކޮލަމްބިއާ އަށް އުފަން ކުޅުންތެރިއެއް ކަމަށާއި، ރަށްވެހިކަން އޮޅުވާލައިފައި ވާކަމަށް ބުނެ ޕެރޫ އާއި ޗިލީ އިން ފީފާގައި ޖެއްސި މައްސަލައިގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު، ފީފާ އިން ނިންމީ އޭނާގެ ރަށްވެހިކަމުގައި މައްސަލައެއް ނެތް ކަމަށެވެ.
ކަސްޓީލޯ އުފަންވީ ކޮލަމްބިއާ އަށް ކަމަށާއި، އުފަން ތާރީހު އޮޅުވާލައިފައި ވާކަމަށް ބުނެ ޗިލީ އިން ހެކީގެ ގޮތުގައި ލިޔެކިޔުންތައް ހުށަހެޅި ނަމަވެސް ފީފާ އިން ބުނެފައި ވަނީ، ކަސްޓީލޯގެ އިކުއެޑޯރިއަން ޕާސްޕޯޓު ދޫކޮށްފައި ވަނީ ކޯޓު މެދުވެރިކޮށް ކަމަށާއި، އެހެންވެ އެއާ މެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށެވެ.
ހަމަ އެއާ އެކު، ކޮންމެ ގައުމެއްގައި މީހަކު ދިރިއުނަސް، އެ ގައުމަކުން އެ ފަރާތަކަށް ރަށްވެހިކަން ދީފި ނަމަ، ފީފާގެ ގަވާއިދުގެ ދަށުން އެހެން ގައުމެއް ތަމްސީލު ކޮށްފައި ނުވާ ނަމަ، ރަށްވެހިކަން ލިބުނު ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ފީފާ އިން ބުނެފައި ވެއެވެ.
ރަށްވެހިވެފައިވާ ގައުމާއި އުފަން ތާރީހު އަދި ފުރިހަމަ ނަން ވެސް އޮޅުވާލައިފައި ވާ ކަމަށް ޗިލީ އިން ބުނެ އެވެ. މިދިޔަ މަހު ވަނީ ކަސްޓީލޯ އުފަންވީ ކޮލަމްބިއާ އަށް ކަމަށް ބުނާ އޯޑިއޯ އެއް މީޑީއާގައި ލީކު ކޮށްލައިފަ އެވެ. މި ރެކޯޑިން އަކީ މީގެ ހަތަރު އަހަރު ކުރިން އިކުއެޑޯ ފުޓުބޯޅަ ފެޑެރޭޝަނުން ކަސްޓީލޯއާ އެކު ކުރިއަށް ގެންދިޔަ އިންޓަވިއު އެއްގެ ރެކޯޑިން އެއް ކަމަށް ވެއެވެ.
ރަށްވެހިކަން އޮޅުވާލި ކަމަށް ބުނެ، 2017 ވަނަ އަހަރު ވަނީ އިކުއެޑޯގެ 20 އަހަރުން ދަށުގެ ސްކޮޑުން ވެސް ކަސްޓީލޯ ބޭރު ކޮށްފަ އެވެ. އޭގެ ކުރިން އެޓީމަށް އެއް މެޗު ކުޅުނު އިރު، 17 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފައި ވެއެވެ.
ނަމަވެސް މިދިޔަ އަހަރު ކަސްޓީލޯ އަކީ އިކުއެޑޯގެ ރައްޔިތެއް ކަމަށް ޔަގީން ވުމުން ގައުމީ ޓީމުގެ ކޯޗު ގުސްތާވޯ އަލްފާރޯ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ އިކުއެޑޯގެ ޓީމުން އޭނާއަށް ޖާގަ ދީފަ އެވެ.
ފީފާގެ އެޕީލް ކޮމިޓީ އިން މައްސަލައިގައި އިކުއެޑޯ ވޯލްޑް ކަޕުން ބޭރު ކުރި ނަމަ، އިކުއެޑޯ ކޮލިފައިންގައި ކުޅުނު އަށް މެޗުން އެޓީމު 3-0 އިން ބަލިވީ ކަމަށް ނިންމޭނެ އެވެ. އޭގެ ތެރޭގައި ޗިލީއާ ދެކޮޅަށް ހޯދި ދެ މޮޅު ވެސް ހިމެނެ އެވެ. އަދި ހަތްވަނައިގައި ނިންމި ޗިލީ އަށް ހަތަރު ވަނަ ލިބޭނެ އެވެ.
ފަސް ވަނައިގައި ނިންމި ޕެރޫ އިން ވަނީ އިކުއެޑޯގެ ވޯލްޑް ކަޕްގެ ޖާގަ އެޓީމަށް ދިނުމަށް ކާސްގައި އެދިފަ އެވެ. ނަމަވެސް ޕެރޫ ވަނީ އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފް ގައި ޖޫން މަހު އޮސްޓްރޭލިއާ އަތުން ބަލިވެފަ އެވެ.
މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދާނެ ތާވަލެއް ކާސް އިން ނުދިން ނަމަވެސް، ޕެރޫ އާއި ޗިލީ އިން ވެސް ވަނީ ނޮވެމްބަރު 10 ގެ ކުރިން މައްސަލައިގެ ފަހު ބަސް އިއްވައިދޭން އެދިފަ އެވެ.
މިއަހަރުގެ ވޯލްޑް ކަޕް ފެށުން ހަމަޖެހިފައި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ، އިކުއެޑޯ އާއި މުބާރާތް ބާއްވާ ގައުމު ގަތަރާ ދެކޮޅަށް ކުޅޭ ގުރޫޕް އޭގެ ފުރަތަމަ މެޗުންނެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ނެދަލެންޑްސް އާއި ސެނެގާލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy