އެތުލެޓިކޯ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިން މިލިޓާއޯ ލަނޑަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
09 އޮކްޓޯބަރ 2022 - 10:13
މެޑްރިޑް (އޮކްޓޫބަރު 9) - ސްޕެނިޝް ލަލީގާ ގައި އެތުލެޓިކޯ މެޑްރިޑާއި ޗެމްޕިއަން ރެއާލް މެޑްރިޑް ވެސް ރޭ ކުޅުނު މެޗުތަކުން ހަނި ތަފާތަކުން މޮޅުވެއްޖެ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅުނީ ރަށުން ބޭރުގައި ގެޓަފޭ އާ ދެކޮޅަށެވެ.
ރެއާލުން މި މެޗް ކާމިޔާބު ކުރީ 1-0 އިންނެވެ. ރެއާލްގެ ހަމައެކަނި ލަނޑު ތިން ވަނަ މިނިޓުގައި ލޫކާ މޮޑްރިޗް ނަގައިދިން ކޯނަރަކުން ކާމިޔާބު ކޮށްދިނީ އެޑާ މިލިޓާއޯ އެވެ.
މެޗުގެ 57 ވަނަ މިނިޓުގައި ރޮޑްރިގޯ ރެއާލަށް ދެވަނަ ލަނޑެއް ޖަހައިދިން ނަމަވެސް، ވީއޭއާރު ބެލުމަށް ފަހު ވަނީ އޭނާ އަށް ބޯޅަ ލިބުނު އިރު އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
މި ނަތީޖާއާ އެކު ރެއާލް އޮތީ މެޗަކުން ބަލިނުވެ، އަށް މެޗުން 22 ޕޮއިންޓް ހޯދައިގެން އެއް ވަނައިގަ އެވެ. ނަމަވެސް މިރޭ ބާސެލޯނާ ކުޅޭ މެޗު ކާމިޔާބު ކޮށްގެން ބާސެލޯނާ އަށް އަލުން އެއް ވަނައަށް އެރޭނެ އެވެ. ބާސެލޯނާ އަށް ހަތް މެޗުން ވަނީ 19 ޕޮއިންޓް ލިބިފަ އެވެ.
އެތުލެޓިކޯ މެޑްރިޑުން އަމިއްލަ ދަނޑުގައި ގިރޯނާއާ ވާދަކޮށް މޮޅުވީ 2-1 އިންނެވެ.
އެތުލެޓިކޯ މެޑްރިޑްގެ ކޮރެއާ، ލަނޑެއް ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
މެޗުގެ ފަސް ވަނަ މިނިޓުގައި އެންހެލް ކޮރެއާ އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހަކުންނެވެ. އަދި ދެ ވަނަ ހާފު ފެށިގެން ގިރޯނާގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެތުލެޓިކޯގެ ދެ ވަނަ ލަނޑު ވެސް ޖަހައިދިނީ ކޮރެއާ އެވެ.
ގިރޯނާ އިން ލަނޑު ޖެހީ 65 ވަނަ މިނިޓުގަ އެވެ. އޭރިއާ ބޭރުން އެޓީމުގެ ރޮޑްރިގޯ ރިގެލްމޭ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތިރީ ކަނަށް ވަނީ އެތުލެޓިކޯގެ ޑިފެންޑަރު ހޯޒޭ ޖިމިނޭޒް ފައިގައި ވެސް ޖެހިފަ އެވެ.
ގިރޯނާ އިން ފަރަގު ކުޑަކުރިތާ 10 މިނިޓު ފަހުން އެ ޓީމުގެ އެލެކްސް ގާސިއާ ވެސް އޭރިއާ ބޭރުން ބާރު ހަމަލާއެއް ފޮނުވައިލި އެވެ. މަތީ ކަނަށް ވަންނާން ދިޔަ ބޯޅަ އެތުލެޓިކޯގެ ކީޕަރު ޔާން އޮބްލަކް ދިފާއު ކުރި ނަމަވެސް ސަލާމަތްވީ ގޯލު ދަނޑީގައި ޖެހުމުންނެވެ. އޭގެ 11 މިނިޓު ފަހުން ވެސް ގާސިއާ ހަމަ އޭގެ ހަމަލާއެއް ފޮނުވާލި އެވެ. އެ ބޯޅަ ކީޕަރު އޮބްލަކް ދިފާއު ކުރި އެވެ.
އެތުލެޓިކޯ މެެޑްރިޑް އޮތީ ރޭގެ މޮޅާ އެކު އަށް މެޗުން 16 ޕޮއިންޓް ހޯދައިގެން ހަތަރު ވަނައިގަ އެވެ.
ތިން ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ ވަނީ ރޭ ރަށުން ބޭރުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
މިދިޔަ ހަފްތާ ޗެމްޕިއަންސް ލީގު މެޗަށް ފަހު ސެވިއްޔާގެ ކޯޗު ކަމުން ހުލެން ލޮޕެޓެގީ ވަނީ ވަކިކޮށްފަ އެވެ. އަދި އެ މަގާމަށް ގެނައީ ކުރިން އާޖެންޓީނާ ގައުމީ ޓީމަށް ކޯޗު ކޮށްދިން ޖޯޖް ސަމްޕައޯލީ އެވެ. އޭނާ ވަނީ އާޖެންޓީނާއާ ހަވާލު ވުމުގެ ކުރިން އެއް ސީޒަނުގައި ސެވިއްޔާ އަށް ކޯޗު ކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy