ގައުމީ އިނާމު ދިނުމަށް 2020 ވަނަ އަހަރު ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބޭފުޅަކަށް އިނާމު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
19 އޮކްޓޯބަރ 2022 - 13:28
މި އަހަރުގެ ގައުމީ އިނާމު 32 މީހަކަށް ދޭން ރައީސް އޮފީހުން ނިންމައިފި އެވެ.
އެ އޮފީހުގެ ވެބްސައިޓުގައި ބުނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދޭނީ އެކަމަށް ހާއްސަކޮށްގެން މާދަމާ ރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށެވެ.
ގައުމީ ދުވަހުގެ އިނާމު އާއްމުކޮށް ދެނީ އެ ދުވަސް ފާހަގަކުރަން ބާއްވާ ރަސްމީ ޖަލްސާގަ އެވެ. އެކަމަކު، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މި ފަހަރު ބޭއްވީ ހއ. އުތީމުގައި ކަމަށްވާތީ، ގައުމީ އިނާމު ދިނުން މާދަމާ ރެއަށް ފަސްކޮށްލީ އެވެ.
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމް 19 ބޭފުޅަކާއި ތިން ފަރާތަކަށް ލިބޭނެ އެވެ.
ރައީސް އޮފީހުން ބުނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ 10 ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅުންނަކީ މީގެ ކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން ކަމަށެވެ.
މި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy