ވިލާ ކޮލެޖުގެ ލޯ ސޮސައިޓީގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުން. ފޮޓޯ: ނިޝާން އަލީ | މިހާރު
20 އޮކްޓޯބަރ 2022 - 19:00
ރާއްޖޭގެ ފުރަތަމަ ލޯ ސޮސައިޓީ ވިލާ ކޮލެޖުން މިއަދު ތައާރަފުކޮށްފި އެވެ.
ވިލާ ކޮލެޖުގައި ލޯ ކިޔަވަމުން އަންނަ ދަރިވަރުންގެ މެދުގައި އެކުލަވާލި ސޮސައިޓީގެ އަމާޒަކީ ޒިންމާދާރު، ގާބިލު އަދި ގާނޫނަށް އަހުލުވެރި ލޯޔަރުންތަކެއް މުޖުތަމަައަށް ނެރުންކަމަށް އެ ކޮލެޖުން ބުންޏެވެ.
އެ ސޮސައިޓީގެ މައިގަނޑު މަގުސަދަކަށް ވާނީ އެ ކޮލެޖުގައި ލޯ ކިޔަވާ ދަރިވަރުންނަށް ގާނޫނީ ދާއިރާއާ ގުޅުން ހުރި ތަމްރީނުތައް ދީ، އަމަލީ ތަޖުރިބާ އާއި ވަޒީފާގެ ފުރުސަތުތައް ހޯދަިއދިނުމަށް ބޭނުންވާ ނެޓްވޯކިންގެ މަސައްކަތްތައް ކުރުމެވެ.
ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް ލޯ ސޮސައިޓީ ތައާރަފުކޮށްދެއް ވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ވިލާ ކޮލެޖުން ބުނީ، އެ ސޮސައިޓީން އެކި ޖަމިއްޔާ ޖަމާއްތަތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި ލޯ ފާމްތަކާ ގުޅިގެން އާއްމުން ގާނޫނަށް އަހުލުވެރިކޮށް މުޖުތަމައު ބާރުވެރި ކުރުވުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އަދި ޕްރޯ ބޯނޯ (ހިލޭ) ގާނޫނީ އެހީތެރިކަން ފޯރު ކޮށްދިނުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، ބޭނުން ވަނީ ހައްގުތައް ކަށަވަރު ކުރުމުގައި ދެމިތިބޭ ގާނޫނު ނަގަހައްޓާ ލޯޔަރުންތަކެއް އެ ކޮލެޖުން ނެރުން ކަމަށް ވެސް ބުންޏެވެ.
ވިލާ ކޮލެޖުން ތައާރަފު ކުރި ލޯ ސޮސައިޓީގައި ބައިވެރިވުމުގެ ފުރުސަތު އެ ކޮލެޖުގައި ލޯ ކިޔަވާ ހުރިހާ ދަރިވަރުންނަށް ލިބޭނެ އެވެ. އަދި އެ ސޮސައިޓީއާ ގުޅިގެން އެކި މަސައްކަތްތައް ކުރުމުގެ ފުރުސަތު ރާއްޖޭގެ ގާނޫނީ ދާއިރާގެ މުއައްސަސާތަކާއި އޮފީސްތަކަށް ވެސް ލިބޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖުން ބުނީ ލޯ ކިޔެވުމުގައި އަމަލީ ތަޖުރިބާ މުހިންމު ކަމަށާއި، އެ ސޮސައިޓީގެ ސަބަބުން އަމަލީ ތަޖުރިބާ އާއި ދިރާސީ ހޯދުންތަކަށް ވެސް މަގުފަހި ވާނެ ކަމަށެވެ. އަދި އެ ސޮސައިޓީއާ އެކު ޕަބްލިކް އިންޓްރެސްޓު ލޯ ސެންޓާ (ޕީއައިއެލްސީ) އާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި، އެ ސޮސައިޓީގެ ދަރިވަރުންނަށް އެ ސެންޓަރުން ހިންގާ ހޭލުންތެރިކުރުމުގެ ކޭމްޕުތަކުގައި ބައިވެރިވެ މައުލޫމާތު ދިނުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުންޏެވެ. އެ ފުރުސަތަކީ މުޖުތަމައު ގާނޫނަށް އަހުލުވެރި ކުރުވަން ލިބޭ ފުރުސަތެއްގެ ގޮތުގައި އެ ކޮލެޖުން ފާހަގަކުރި އެވެ.
ލޯ ސޮސައިޓީގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުން ހުވާ ކުރަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ބާ ކައުންސިލުގެ ރައީސް އިސްމާއިލް ވިޝާމް ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައިި ވިލާ ކޮލެޖުގެ އިސްވެރިންގެ އިތުރުން ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގައި އެ ސޮސައިޓީގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުން ވަނީ މުޖުތަމައު ބާރުވެރިކޮށް، ގާނޫނު ނަގަހައްޓާ، ގާނޫނަށް އަހުލުވެރި ކޮށް، ގާނޫނު އުނގަންނައިދީ މުޖުތަމައަށް ހިދުމަތް ކުރުމަށް ހުވާކޮށްފަ އެވެ. އެ ހުވާ ލައިދެއްވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ އެވެ.
އެ ރަސްމިއްޔާތުގައި ބާ ކައުންސިލްގެ ރައީސް ވިޝާމް ވަނީ އެ ސޮސައިޓީގެ ދަރިވަރުން އެ ހުވާގެ މަތީގައި ދެމި ތިބުމަށް އިލްތިމާސް ކުރައްވަފަ އެވެ. އަދި ގާނޫނު ނަގަހައްޓައި، އާއްމުންގެ ހައްގުތައް ރައްކާތެރިކޮށް، ޕްރޯ ބޯނޯ މަސައްކަތަށް ނުކުތުމަށް ވަނީ ބާރު އަޅުއްވާފަ އެވެ.
އެ ސޮސައިޓީގެ އެގްޒެކެޓިވް ބޯޑަކީ، އެ ސޮސައިޓީގެ އެކި މަގާމުތައް ހިންގުމަށް ހޮވުނު ދަރިވަރުން ހިމެނޭ ބޯޑެކެވެ. އެ ބޯޑުގެ ޒިންމާ އަކީ އެ ސޮސައިޓީގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ މަސައްކަތްތައް ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗިންޗިން
21 October 2022
އަގު ދީގެން އެސައިންމަންޓު ހަދާކުދީން ނުލައްޗޭ އިނގޭ ތިޔަ ސޮސައިޓީއަށް