ޗާގޯސް އައިލެންޑްސް: މޮރިޝަސްއާ ރާއްޖެއާ ފުށޫއަރާ ހާއްސަ އިގްތިސާދީ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން ނެގި ސްޓޭންޑުން ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރެވޭތޯ ބަލަން ކުރީގެ ދެ ބަންޑާރަނައިބަކު ވަނީ ގޮވާލާފައި
27 އޮކްޓޯބަރ 2022 - 11:44
މޮރިޝަސްއިން މިލްކުވެރި ކަމަށް ދައުވާ ކުރާ ޗާގޯސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ހާއްސަ އިގްތިސާދީ ސަރަހައްދުުގެ މައްސަލައިގައި ސަރުކާރުން ނަގާފައި ވަނީ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމަޔާތް ކުރެވޭނެ ޕޮޒިޝަންތޯ، ރައްޔިތުންގެ މަޖިލީހާއި ކަމާ ބެހޭ މުއައްސަސާތަކުން ބަލައި ޔަގީންކޮށް، އެކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ކުރީގެ ބަންޑާރަނައިބުން ދިޔާނާ ސައީދާއި އައިޝަތު އާޒިމާ ޝަކޫރު އެދިވަޑައިގެންފި އެވެ.
ރާއްޖެއިން ސެޕްޓެމްބަރު 7، 2000ގައި ބައިވެރިވި ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގައިވާ ގޮތުން ކޮންމެ ގައުމެއްގެ ބޭސްލައިނުން ފެށިގެން ކަނޑުގެ 200 ނޯޓިކަލް މޭލާ ހަމައަށް ދަމާލެވޭ ސަރަހައްދަކީ އެ ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދެވެ. އެހެންނަމަވެސް، ބައެއް ފަހަރު ކައިރި ކައިރީގައި އޮންނަ ދެ ގައުމެއްގެ އިގްތިސާދީ ސަރަހައްދު ފުށުއަރާއިރު، ރާއްޖެއާ މޮރިޝަސްއާ ދެމެދު ވަނީ އެފަދަ މައްސަލައެއް އުފެދިފަ އެވެ.
ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯސްގެ ރަށްތަކަކީ އިނގިރޭސިވިލާތުން މޮރިޝަސް އަތުން ގާނޫނާ ހިލާފަށް ނަގައިގެން އުޅޭ ރަށްތަކެއް ކަމަށް މޮރިޝަސްއިން ވަކާލާތު ކުރާއިރު، މިދިޔަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ވަނީ އެ މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ނިންމައިފަ އެވެ. އެ ގައުމުން ޗާގޯސް މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމުގެ މައްސަލައެއް އދ. އަށް ވެސް ހުށަހަޅާފައިވާއިރު، ރާއްޖޭގެ ދެކުނުން ޗާގޯސްއާ ފުށުއަރާ ހާއްސަ އިގްތިސާދީ ސަރަހައްދު ބައި ކުރުމުގެ މައްސަލައެއް ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށަހަޅައިފަ އެވެ.
މީގެ ކުރިން އދ.ގައި ޗާގޯސް މޮރިޝަސް އަށް ދިނުމާ ދެކޮޅަށް ރާއްޖޭން ވޯޓު ދިން ނަމަވެސް މީގެ ފަހުން އެފަދަ ވޯޓެއްގައި މޮރިޝަސް އަށް ތާއީދުކުރާނެކަން މިދިޔަ ހަފްތާގައި ބޭއްވި އިޓްލޮސްގެ އަޑުއެހުމުގައި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވިދާޅުވުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، އެކަމާ ގުޅިގެން ކުރީގެ ބަންޑާރަނައިބުންނާއި ދައުލަތުގެ އިސް މަގާމުތައް އަދާކުރައްވާފައި ތިއްބެވި ބޭފުޅުން ގެންދަވަނީ ހިޔާލު ފާޅުކުރައްވައި ފާޑުވިދާޅުވަމުންނެވެ.
އެގޮތުން ކުރީގެ ބަންޑާރަނައިބުން ދިޔާނާ ސައީދާއި އާޒިމާ ޝަކޫރު ގުޅިގެން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ފާހަގަ ކުރެއްވީ، 1991 ވަނަ އަހަރު ޗާގޯސްއާ ފުށުއަރާ ސަރަހައްދާ ބެހޭގޮތުން އިނގިރޭސިވިލާތާ އެކު ބޭއްވި މަޝްވަރާތަކުގައި ފުށުއަރާ ސަރަހައްދުގެ މެދުން ރޮނގު ދަމައި ހަމަހަމައަށް ބައި ކުރާ "އިކުއިޑިސްޓެންސް"ގެ އުސޫލުން ބައި ކުރުމަށް ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރި ކަމަށެވެ. އެކަމަކު، އެއީ ރާއްޖެއިން އަމަލު ކުރަން ބަނދެވޭ ގޮތަށް ވެވުނު އެއްބަސްވުމެއް ނޫން ކަމަށާއި ރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން ގޮސްފައި ވަނީ، ރާއްޖޭގެ 200 މޭލުގެ ތެރެއިން އެއްވެސް ބައެއް އުނިނުވާ ގޮތަށް އިން ކަނޑައެޅުމަށް ކަމަށް އެ ބަޔާނުގައިވެ އެވެ.
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު 2018 ވަނަ އަހަރު ބޭއްވި އޭރުގެ އިދިކޮޅުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. -- ފޮޓޯ: މިހާރު
"... ދިވެހިރާއްޖެ އާއި ޗާގޯސް އައިލެންޑްސްއާ ދެމެދު ފުށުއަރާ ކަމަށް ބުނާ ސަރަހައްދު ހަމަހަމައަށް ބައިކުރަން ދިވެހި ސަރުކާރުން އެއްވެސް އިރެއްގައި އެއްބަސްވެފައިނުވާކަން އެނގެން އޮތުމުން، ދިވެހި ދައުލަތުން އަބަދުވެސް އައީ ހާއްސަ އިގްތިސާދީ ސަރަހައްދަށްވާ 200 ނޯޓިކަލް މޭލުގެ މައްޗަށް ހައްގު ކްލެއިމްކޮށް އެ ޕޮޒިޝަން ދިފާއުކުރަމުންކަން އެނގި ސާފުވެ އެވެ. އަދި ފުށުއަރާ ސަރަހައްދުގެ މެދުން އިކުއިޑިސްޓެންސްގެ އުސޫލުން ހަމަހަމައަށް ބައި ކުރުމަށް ދިވެހި ދައުލަތުން އަބަދުވެސް އިއުތިރާޒުކުރަމުން އައިކަން އެނގިސާފުވެ އެވެ." އެ ބަޔާނުގައިވެ އެވެ.
ރާއްޖެއާ މޮރިޝަސްއާ ދެމެދު އިޓްލޮސްގައި ހިޔާލު ތަފާތުވެފައި ވަނީ މޮރިޝަސްއިން ހާއްސަ އިގްތިސާދީ ސަރަހައްދު ފެށޭނީ ކޮން އައްސޭރިއަކުން ފެށިގެން ކަމާ މެދު އެވެ. މޮރިޝަސްއިން ބުނާ ގޮތުގައި އެ ގައުމުގެ ހާއްސަ އިގްތިސާދީ ސަރަަހައްދު ފެށޭނީ ބްލެއިންހަމް ފަރުންނެވެ. އެކަމަކު، ރާއްޖެއިން ބުނާ ގޮތުގައި އެ ގައުމުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފެށޭނީ އެއަށް ވުރެ ޗާގޯސްގެ ރަށްތަކާ ކައިރި ސަރަހައްދަކުންނެވެ.
ދިޔާނާ އާއި އާޒިމާގެ ބަޔާނުގައި ފާހަގަ ކުރެއްވީ، 200 ނޯޓިކަލް މޭލުން އެއްވެސް މިންވަރެއް ދިނުމާ ދެކޮޅު ހަދައި، ރާއްޖެއިން ކުރިން އިއުތިރާޒު ކުރި "އިކުއިޑިސްޓެންސް"ގެ އުސޫލުން ބައި ކުރުމަށް ސަރުކާރުން މިހާރު އެ ގައުމާއެކު އެއްބަސްވެފައިވާކަން ރާއްޖެއިން އިޓްލޮސް އަށް ހުށަހެޅުންތަކުން އެނގޭ ކަމަށެވެ.
އެ ބަޔާނުގައި ވިދާޅުވީ، ހާއްސަ އިގްތިސާދީ ސަރަހައްދު ބައި ކުރުމުގެ މަރުހަލާތަކުގައި ވެސް ރާއްޖެ އަށް ލިބެންވާނެ ކަމަށް ފެށުނީއްސުރެ ދައުލަތުން ދެކެމުން އައި 200 ނޯޓިކަލް މޭލުގެ ސަރަހައްދު ހޯދުމަށް ސަރުކާރުން މަސައްކަތްކޮށްފައިނުވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއަށް ނުލިބޭ ހާލަތުގައި ވެސް މެދު ރޮނގަށް ވުރެ ބޭރަށް ޖައްސައި ވީހާ ވެސް ބޮޑު ސަރަހައްދެއް ހޯދުމަށް ދައުލަތުގެ މައްޗަށް ލާޒިމުވީނަމަވެސް، އެގޮތަށް ވެސް މަސައްކަތްކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ފުށުއަރާ ސަރަހައްދުގެ މެދުން ހަމަހަމައަށް ބައިކޮށް ދަމާލާ ވަގުތީ ރޮނގު ބޮޑު ކުރުން ޖަސްޓިފައިވާ ހާލަތްތައް ހުރި ނަމަވެސް އެ ހާލަތުތައް ސަރުކާރުގެ ހުށަހެޅުންތަކުގައި ބަޔާންކޮށް އެ މަގުން މަސައްކަތްކޮށްފައި ނެތުމުން އެކަމުގެ ގާނޫނީ ނަތީޖާއަކީ ރާއްޖެއިން މޮރިޝަސް އަށް ދޫދީ ދީލާލުމަށް ވެގެން ދިޔުން ކަމަށް ފެނެ އެވެ. އަދި އެހެންކަމުން، މިއީ ދިވެހިރާއްޖެ އަށް ލިބުމުގެ ފުރުސަތު އޮތް ސަރަހައްދެއް ގެއްލުމުގެ ސަބަބެއް ކަމަށް ފެންނާތީ މިކަމުގައި އަޅުގަނޑުމެންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަން ފާހަގަކުރަމެވެ." އެ ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ވާހަކަދައްކަވަނީ
ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހީން ބަނޑުފުރާނަ މުއްތިކުރުމަށް އަދި އިގްތިސާދީ ބޭނުންތަކަށް ޒަމާނުއްސުރެ ބޭނުންކުރަމުން އައި ތަނެއްކަން ވެސް އެ ދެ ބޭފުޅުންގެ ބަޔާނުގައި ފާހަގަކުރެއްވި އެވެ. އެކަމަކު، ޗާގޯސް އަކީ ރައްޔިތުން ދިރިނޫޅޭ އަސްކަރީ ބޭސްއަކަށް ބޭނުންކުރާ ތަނެއް ކަމަށްވާއިރު މެދުން ރޮނގެއް ދަމާލައި ހަމަހަމައަށް ބައިކުރުމަކީ އަދުލުވެރި ހައްލެއް ލިބިގެންދާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އައިސީޖޭއިން ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ބަނދެވޭ ނިންމުމެއް ނޫންކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ވިދާޅުވީ، ހާއްސަ އިގްތިސާދީ ސަރަހައްދު ފުށޫ އަރައިގެން މޮރިޝަސްއިން އިޓްލޮސް އަށް މައްސަލަ ހުށަހަޅާފައި އޮއްވާ، ރާއްޖެއިން ގެންގުޅެމުން އައި ސްޓޭންޑު ބަދަލުކޮށް، މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޯސްއަށް އޮތް ކަމަށް ރާއްޖެއިން ގަބޫލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
ފުށުއަރާ ހާއްސަ އިގްތިސާދީ ސަރަހައްދުުގެ މައްސަލައިގައި ސަރުކާރުން ނަގާފައި ވަނީ ވަނީ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމަޔާތް ކުރެވޭނެ ޕޮޒިޝަން ތޯ ރައްޔިތުންގެ މަޖިލީހާއި ކަމާ ބެހޭ މުއައްސަސާތަކުން ބަލައި ޔަގީންކޮށް އެކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ބުނެ އެކަން އެގޮތަށް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އެ ބަޔާނުގައި އިލްތިމާސްކުރެއްވި އެވެ. އަދި ސަރުކާރުން ނަގާފައިވާ ސްޓޭންޑަކީ ދައުލަތުގެ އެންމެ މަތީ މަސްލަހަތުތަކަށް ފަހިވާ ގޮތަށް އޮތް ޕޮޒިޝަނަކަށް ނުވާ ނަމަ ސަރުކާރުން ސްޓޭންޑް ބަދަލުކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.
ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް ރާއްޖެއިން މިހާރު ބަލައިގެންފައިވާ ނަމަވެސް، އދ.ގެ އާއްމު މަޖިލީހުގައި ޗާގޯސްގެ މައްސަލައިގައި މެއި 2019 ގައި ނެގި ވޯޓުގައި، ރާއްޖެ އިން ވޯޓު ދިނީ، ޗާގޯސް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި ބާއްވަން ތާއީދުކޮށެވެ. ރާއްޖެއާ އެކު ހަ ގައުމަކުން އިނގިރޭސި ވިލާތާ އެއްކޮޅަށް ވޯޓު ދިން އިރު، 116 ގައުމަކުން ތާއީދުކުރީ ޗާގޯޒް މޮރިޝަސްގެ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. ގަރާރާ ދެކޮޅަށް ރާއްޖޭގެ އިތުރުން ދެން ވޯޓު ދިނީ އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ހަންގޭރީ އަދި އިޒްރޭލެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
27 October 2022
މޮރިޝަސް އޮތީ ކޮންތާކުތޯ? ޗާރގޯސް އާމޮރިޝަސް އާ ކޮންގޮތަކަށް ގުޅެނީ. ޔޫ.އެން. އަކިގޮތަކަށް ނިންމީމަ އިތުރު ވޯޓެއް ނަގާކަށް ނުޖެޙޭނެ. މި ވޯޓުގަ ނުޖެހޭ ރާޖެއިން ޕޮޒިޝަން ބަދަލުކުރާކަށް. 2023.
ހށނ
27 October 2022
ޗާގޯސް މޮރިޝަސްއަށް ދިނުމާދެކޮޅަށް ވޯޓުލީ ޔަހޫދީގައުމުތަކާއެކު ދިވެހިރާއްޖެއިން! އެމީހުން ބޭނުންވީ މިހާރު އޮތްހާލަތުގައޮތުމަށް. އެއީ އެމެރިކާގެ ބާރު އިންޑިޔާކަނޑުގަ ބޭއްވުން. ދިވެހިންވެސް ބޭނުންވަނީ އެގޮތްހެން ހީވަނީ. ނޫނީ ހަސަދައިގެ ކަމެއް މީގަ އުޅެނީ.
ބޮޑުމީހާ
27 October 2022
މިވެރިކަމުގެ ކުރީކޮޅު ގާތް ކުންފުންޏަކަށް ކޯޓް މަރުހަލާތަކަށް ނުގޮސް ބޮޑު ބަދަލެއް ދޭން މި ސަރުކާރުން ނިންމި. މިވަރުގެ ބަޔަކު އިންތިހާބަކަށް ލާރިކޮޅެއް ހޯދަން ގައުމު ނޫން މާމަގެ ފައްޓަރުބައިވެސް ވިއްކާނެ. މިކަން ތަހުގީގުކޮށް ހައްޤު އަދަބު ދޭންޖެހޭ މީހުންނަށް ދޭންޖެހޭނެ.
އާތިފާ
27 October 2022
އިމުގެ މައްސަލައިގައި ކަންކަން ދިރާސާކުރަން އެޑްވައިޒް ހޯދަންވީ ޗައިނާއިން.
ބސއމިން
27 October 2022
މޮރިޝަސް އިން މަސައްކަތުމީހުން ގެންގޮސްގެ ފުރާންސމީހުން އެތާ މަސައްކަތް ކުރަން ބޭތިއްބީ. އަދި މިލިޓަރީ ބޭސް ހަދަން އެތާގަ އުޅުނު މޮރިޝަސްގެ މަސައްކަތްތެރިންގެ އާއިލާތަކާ އެކު ބޭލީ. މޮރިޝަސް އިން ތިމަންނަމެންގެ ތަނެކޭ ބުނާ މޭރުމުން ބަގުލަދޭޝް އަށް ބުނެވިދާނެ ރާއްޖެއަކީ ބަންގާޅިން އުޅުނުތަނެކޭ އަދި މިތާ އުޅުނު ބޮންދުން ދެއްކޭނެ ހެއްކަކަށް.